ފުލުހުންގެ މަދަނީ ޚިދުމަތަށް މިއަދު 18 އަހަރު ފުރޭއިރު މަސައްކަތުގައި މިހާރު އެންމެ ބޮޑަށް ހޯދިފައި ހުރި ކުރިއެރުމަކީ ޒަމާނީ ޕޮލިސީ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ2018 ވަނަ އަހަރުން ފެށިގެން މާލޭގެ ގެތަކަށް ޒިޔާރަތް ކުރަން ފެށުމުން އެކަން ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހޭ ކަމަކަށްވެގެން ދިޔަކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަންކޮށްފައިވަނީ ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދޭގޮތަށް ކަމަށާއި އިތުބާރުގެ މައްސަލަ ވަރަށް ގިނައިން ދިމާވާ ކަމަށެވެ. އަދި ބައެއް ފަހަރު މައްސަލަތައް ހުށަހެޅުމަށް ރައްޔިތުން ފަސްޖެހޭކަމަށާއި ނަމަވެސް މައްސަލަތައް ހުށަހެޅުމުން ފުލުހުންނާމެދު ރައްޔިތުންނަށް އޮންނަ އިތުބާރު ބޮޑުވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް. މި މައްސަލަތަކުގެ އިތުރުން ޓްރެފިކްގެ މައްސަލަތައް ހުށަހެޅުމުން ވާހަކަ ދައްކައިގެން ހައްލުކުރެވެން ހުންނަ މައްސަލަތައް ހައްލުކުރަން." އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާ ގުޅިގެން ޚިދުމަތް ފޯރުކޮށްދިނުމަށް ގާނޫނު ވުޖޫދަށް ގެނެސްފައިވާ ކަމަށާއި ގާނޫނު ގެނައުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
ޢަބްދުﷲ ރަޝީދު ވިދާޅުވީ ޒަމާނީ ފުލުހުންގެ ތަމްރީނު މަރުކަޒެއް ހުޅުވާފައިވާ ކަމަށާއި ފޮރިންސިކް ތަހުގީގަށް ބޭނުންވާ ކުރިއެރުންތަކަށް ބަލާއިރު ބޮޑީވޯރން ކެމެރާތައް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން ތަހުގީގަށް ހެކި ހޯދުމަށާއި ފުލުހުން ޖަވާބުދާރީވުމަށްވެސް ފަސޭހަވެގެން ހިނގައްޖެކަމަށް ވިދާޅުވިއެވެ.