"އިން ސަރވިސް ޓްރެއިނިންގ އޮފް އެޓިޑަރސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާ ގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ނޫސްވެރިންގެ ޓީމެއް އިންޑިއާގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މިއީ އިންޑިއާގެ "އެމިޓީ ޔުނިވަރސިޓީ، (ނޮއިޑާ)" އިން އިންތިޒާމްކުރާ 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ނޫސްތަކުގައި މަސައްކަތްކުރާ އެޑިޓަރުންނާއި ޖާނަލިސްޓުން ބައިވެރިވެއެވެ.
މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމް ގައި "މި ނޫސް"، "އޭދަފުށި ޓައިމްސް" ވަގުތު ނޫސް، ޕަބްލިކް ސަރވިސް މީޑިއާ، ގާފު އޮންލައިން، ސަން އޮންލައިން، ތިލަދުން ހިމެނެއެވެ. އަދި ވީޓީވީ، އޭއޯ ނިއުސް، އަދަދު ނޫސް، އަރި އޮންލައިން ވެސް ހިމެނެއެވެ.
މީގެ އިތުރުން ރާއްޖެ ޓީވީ، އާފަތިސް ނޫސް، އަވަސް އޮންލައިން، އެމްވީޓީވީ، މިހާރު ނޫސް އަދި ދެން އޮންލައިން އާއެކު 20 ފަރާތެއް މި ވަފުދުގައި ހިމެނެއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޖާނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ޤާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތް، ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑު ހިމެނެއެވެ.
ހަމަމިއާއެކު ސިޓިޒަން ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، މޯބައިލް ރިޕޯޓިންގ، ކޮމިއުނިޓީ ބްރޯޑްކާސްޓިންގ، އިންވެސްޓިގޭޓިވް ޖާނަލިޒަމް، އިންތިޚާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް ވެސް ހިމެނެއެވެ. އަދި ޢާންމު މަޞްލަޙަތު ހިމެނޭ މުހިންމުކަންކަން ފީޗަރ ރިޕޯޓެއްގެގޮތުގައި ގެނެސްދޭނެގޮތް، ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓަރ މުހިއްމުކަން ވެސް ހިމެނެއެވެ.
މީގެ އިތުރުން އޯޑިއަންސް އެންގޭޖްކޮށްގެން ޚަބަރު/ރިޕޯޓްގެނެސްދޭނެގޮތް، މީޑިއާގެ މިނިވަންކަމުގެ ހުދޫދުތައް، ހޭޓް ސްޕީޗް، މީސް މީޑިއާގެ މުހިއްމުކަން، ފޭކް ނިއުސް އަދި ފެކްޓް ޗެކިންގ އުކުޅުތައް، މީޑިއާ ލިޓްރަސީގެ މުހިއްމުކަން، ޚަބަރު ފެތުރުމުގައި ޘަޤާފީ ހުރަސްތަކާއި ކްރިޓިކަލް ތިންކިންގ ކުޅޭ ދައުރު އަދި ނޫސްވެރިންގެ ޕްރޮފެޝަނަލް ސްކިލްސް ތަރައްޤީކުރެވޭނެ ގޮތްތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ.
މީގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އެޑިޓަރުން/ސީނިއަރ ނޫސްވެރިން/މަސްއޫލުވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރޭވިފައިވެއެވެ. އަދި ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، ނޭޝަނަލް ކެޕިޓަލް ރީޖަން އަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބިފައިވާ ފުރުސަތެކެވެ. މި ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަލްފާޟިލް މުހައްމަދު ޝާފިޢުއެވެ. އަދި ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަލްފާޟިލް މުޢިއްޒު އިބްރާހީމް އެވެ.