ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އިން ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ސަލާމަތްވެއްޖެއެވެ.
އޭނާގެ އިތުރުން ފާތިމަތު ރިފްގާގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާއިރު، އެ ދެމީހުން ވެސް ވަނީ މި ދައުވާ އިން ސަލާމަތްވެފައެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ މަސްތުވާތަކެތި ފެނުނު ދަބަސް ރިފްގާ އާއި މަލް ގެންގުޅެނިކޮށް ފެނިފައިނުވާ ކަމަށް ހެކިން ބުނާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނު ސިނގިރޭޓު ފޮށީގެ ތެރެއިން ދެ މީހުންގެ ފިންގަރޕްރިންޓް ވެސް ފެނިފައިނުވާ ކަމަށާއި ދަބަހުން އެ މީހުންގެ އަންނައުނު ފަދަ އެއްޗެއް ފެނުނު ކަމަށް ފުލުހުން ވެސް ބުނެފައިނުވާ ކަމަށެވެ.
ގާޒީ ހުސައިން ފާއިޒް ރަޝާދު ކުރެއްވި ހުކުމްގައިވާ ގޮތުގައި ދަބަސް ތަޅުނުލާތީ އެ ދަބަހަށް ވާސިލްވުމަށް އެހެން މީހުންނަށް ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ ދައުވާ ލިބޭ ދެ މީހުންނާއި މަސްތުވާތަކެއްޗާ ގުޅުވޭނެ އިތުރު ހެއްކެއް ނެތް ކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ކުރެއްވި ހުކުމްގައިވެއެވެ.
މަލް އާއި ރިފްގާ ހައްޔަރުކޮށްފައިވަނީ މީގެ ތިން އަހަރު ކުރިން 27 އޮގަސްޓުގައި އެ ދެ މީހުން އދ. މާމިގގިއްޔަށް ދިޔަ ލޯންޗަކުން އެ ރަށަށް ގޮސް، އެ ރަށުގެ އުތުރު ބަނދަރު ސަރަހައްދުގައި ތިއްބައި ފުލުހުން އެތަނަށް ގޮސް، ދެ މީހުންގެ އަންނައުނު ހުރި ދަބަހެއްގެ ތެރެއިން ފެނުނު ސިނގިރޭޓު ފޮއްޓެއްގެ ތެރޭގައި އޮތް ޖޫސްޕެޓީ ކޮތަޅެއްގައި 15.79 ގްރާމްގެ ޑައިމޯފިން ފެނުމުންނެވެ.
އެހެންނަމަވެސް ދެ މީހުން ވެސް ދައުވާ އަށް ވަނީ ކުރިންވެސް އިންކާރު ކޮށްފައެވެ.