މާލޭގެ އިންފްލޭޝަން ރޭޓު މެއި މަހުގެ ނިޔަލަށް 2.8 ޕަސެންޓަށް އިތުރުވެއްޖެ

މާލޭގެ އިންފްލޭޝަން ރޭޓު މެއި މަހުގެ ނިޔަލަށް 2.8 ޕަސެންޓަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މީގެކުރިން ވެސް ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން އަންނައައުމާއެކު މި އަހަރު ރާއްޖޭގެ އިންފްލޭޝަން ތިން ޕަސެންޓަށް އަރާނެ ކަމަށެވެ.

އިންފްލޭޝަންގެ ސަބަބުން ތަކެތި އިމްޕޯޓް ކުރުމަށް ހިނގާ ޚަރަދު ބޮޑުވެ، ރާއްޖޭގެ ނެޝެނަލް ރިޒަރވް ދަށްވާނެ ކަމަށް ވެސް އެމްއެމްއޭ އިން ކުރިންވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގެ އިގުތިސޯދީ ބުލެޓިންގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރ އިން ފެށިގެން ރާއްޖޭގައި ތަންތަނުގެ ކުލީގެ އަގު ހުއްޓުމެއް ނެތި ބޮޑުވަމުން އަންނަ ކަމަށެވެ.

" ކޮވިޑު ތެރޭގައި ރާއްޖޭގެ ތަންތަނުގެ ކުލީގެ އަގުތައް ދަށް. އެކަމަކު އަނެއްކާވެސް ކުލީގެ އަގުތައް ވަނީ މައްޗަށް ދާން ފަށާފަ. އެގޮތުން މިދިޔަ މާޗު މަހުގެ ނިޔަލަށް ކުލީގެ އަގުތައް 0.6 ޕަސެންޓު ވަނީ މައްޗަށް ގޮސްފަ." ބްލެޓިން ގައި ބުނެފައިވެއެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރ އިން ފެށިގެން ކުލީގެ އަގުތައް މައްޗަށްދާން ފަށާފައިވާ ކަމަށެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމާއެކު އަހަރުގެ ފުރަތަމަ ކުއާޓަރ ގައި މައިގަނޑު ގޮތެއްގައި ގިނަ ބާވަތްތަކުގެ އަގުތައް ހަލުވިކަމާއެކު ވަނީ މައްޗަށް ގޮސްފައެވެ.

ފުރަތަމަ ކުއާޓާގައި ތަކެތީގެ އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، މަހުގެ ބާވަތްތަކުގެ އަގަށް 5 ޕަސެންޓް އިތުރުވެފައިވާއިރު، ކާބޯތަކެތީގެ އަގަށް 2.2 ޕަސެންޓް އިތުރުވެފައިވެއެވެ. އަދި ޕެޓްރޯލްގެ އަގަށް 49 ޕަސެންޓް އިތުރުވެފައިވާއިރު، ސިއްހީ ދާއިރާއިން 4 ޕަސެންޓް ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން މުވާސަލާތީ ޚިދުމަތްތަކުގެ އަގު 15 ޕަސެންޓު ވަނީ ދަށްވެފައި ކަމަށާއި ދަތުރުފަތުރުގެ އަގުތަކުން 3.7 ޕަސެންޓަށް ވަނީ ދަށްވެފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭ އިން މަހުން މަހަށްނެރޭ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު ފެށުނު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.2 ޕަސެންޓުގައެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނު އިރު އެ އަދަދު 0.6 ޕަސެންޓަށް އިތުރުވެފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް އިންފްލޭޝަން ރޭޓް ހުރީ 1.2 ޕަސެންޓުގައެވެ.

ނަމަވެސް މިއަހަރުގެ މެއި މަސް ނިމުނުއިރު އިންފްލޭޝަން ވަނީ 2.5 އަށް މަތިވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.