ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގައި ބަސް ބުނެ އެފަދަ ސިޔާސަތު މުގުރާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ބުނެފިއެވެ.
އެޕާޓީން މިހެން ބުނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުގެ ފުރުސަތު ދިވެހި ސަރުކާރުން ދީފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަކީ ޒަމާނުއްސުރެ ވަކި ފަރާތަކަށް ނުޖެހޭ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ގައުމަކަށްވާ އިރު، ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގައި ބަސް ބުނެ އެފަދަ ސިޔާސަތު މުގުރާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިން ގޮތް ތަހުގީގުކޮށް އެކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ. އަދި ލަންކާގެ ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް އެދުމަށް ވެސް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އެފަދަ އަމަލުތައް މުސްތަގުބަލުގައި ތަކުރާރު ނުވާނޭ ގޮތަކަށް ދިވެހި ދައުލަތުގެ އެންމެހައި ފަރާތްތަކުން އަމަލުތައް ބެހެއްޓުމަކީ މިހިނދުން މިހިނދަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް އެމްޑީއޭ ގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްޑީއޭގެ ނޫސްބަޔާނެއްގައި ބުނީ ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދިވެހި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރެއްވުމަކީ ލަންކާގެ ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައިން ޖެހުން ކަމަށެވެ.