މުދައްރިސުންގެ މުސާރަ ބޮޑުވާއިރު، ކޮލެޖާއި ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރުންގެ މުސާރަ ބޮޑު ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިހެން ވިދާޅުވީ މުދައްރިސުންނަށް އެކަށީގެންވާ މުސާރައެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ވަޢުދުފުޅެއްކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާތީ، އޭގެ ތެރޭގައި ކޮލެޖު އަދި ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ޓީޗަރުން (ލެކްޗަރަރ) ހިމެނޭތޯ އާފަތިހުން ސުވާލު ކުރުމުންނެވެ.
ފިނޭންސްގެ އޮފިޝަލަކު އާފަތިސް ނޫހަށް ވިދާޅުވީ މިފަހަރު ނުހިމެނޭ ކަމަށާއި ކުރިންވެސް ލެކްޗަރަރސް އިންނަކީ މުޅިން އެހެން އޮނިގަނޑެއްގެ ބައެއް ކަމަށެވެ.
"މިފަހަރު ނުހިމެނޭ. އަސްލު ކުރިން ވެސް ލެކްޗަރަރ އިންނަކީ މުޅިން އެހެން އޮނިގަނޑެއްގެ ބައެއް." އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާއިގުޅެގޮތުން އިތުރު ބަހެއް ވިދާޅެއް ނުވެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށް ވީހިނދު އެ މީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.
"އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން، މި ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރައަށް އަންނަ ކުރިއެރުމަކީ 56 ޕަސެންޓުގެ އިތުރުވުމެއްކަން ރައީސް ފާހަގަކުރައްވާފައިވާއިރު، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ރާއްޖޭގެ ތަރައްގީއާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ރިޔާސީ ބަޔާނާއި ގުޅުވައިގެން މިނިސްޓަރ ވިދާޅުވެފައިވަނީ މީގެ ކުރިން ދުވަހަކުވެސް ބޮޑު ކޮށްދީފައި ނުވާ މިންވަރަކަށް މުދައްރިސުންގެ މުސާރަ ބޮޑުކޮށްދެއްވަން އިއުލާނުކުރެއްވިކަމީ، ސްކޫލްތަކާއި ގުޅިފައިވާ ހުރިހާ ފަރާތްތަކަށް ލިބުނު މަތިވެރި އުފަލެއް ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކެއްގެ ނަމުގައި މިނިސްޓަރު އައިޝަތު އަލީ ވަނީ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުދައްރިސުންގެ މުސާރައަށް 56 ޕަސެންޓުގެ ކުރިއެރުމެއް ދިނުމަކީ މީގެ ކުރިން ތާރީހު ނުދެކޭ ފަދަ ބޮޑު ބަދަލެއްކަމަށާއި މިއީ މުދައްރިސުންނަށް ހައްގު ކުރިއެރުމެއް ކަމަށެވެ.
މީގެ އިތުރުން މި ބަދަލުގެ ސަބަބުން ގާބިލު ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާ ހިޔާރުކުރުމަށް އިތުރަށް ޝައުގުވެރިވާނެ ކަމަށާއި މިއީ ހުނަރުވެރި، ތައުލީމީ ޖީލެއް ބިނާކުރުމަށް ކޮށޭ މަގެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
A 56% raise for graduate teachers is unprecedented in the history of the Maldives. This deserving rise will attract able students to take teaching as a career to raise a new generation of skilled, educated citizens.
Thank you, HEP Solih!
Congratulations to all teachers! pic.twitter.com/sNQnfUL1VM— Hassan Hameed (@hsn_hameed) February 3, 2022