އިސްރާއީލުން ހިފާފަައިވާ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު، އަލްމަސްޖިދު އަލްއަޤްޞާ (މަސްޖިދުލް އަޤްޞާ) ގެ ޙަރަމްފުޅަށް، މިހިނގާ ރަމަޟާން މަސް ނިމެންދެން ޔަހޫދީން ވަނުން މަނާކުރުމަށް އިސްރާއީލުން ނިންމައިފިކަމަށް އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
އިސްރާއީލުގެ އަމްނާއި،ސަލާމަތީ ކަންކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ސަރުކާރުން މިގޮތަށް ނިންމީ، މަސްޖިދުލް އަޤްޞާއަށް ހަރުކަށި ވަޠަނީ ޔަހޫދިން ވަނުމަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފުރުސަތުދިނުމުގެ ސަބަބުން ފަލަސްޠީނުގެ އެކި ސަރަހައްދުތަކަށް ފެތުރިގެންދިޔަ ހަމަނުޖެހުން މައިތިރިކުރުމުގެ ބޭނުމުގައެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން ފިޠުރު ޢީދުގެ ނިޔަލަށް ޔަހޫދީން އަޤްޞާގެ ޙަރަމްފުޅަށް ޔަހޫދީން ވަނުން މަނާކުރަން ނިންމާފައިވާކަމަށް އިސްރާއީލުގެ ބައެއް ނޫސްތަކުންނާއި ޗެނެލް 7 ޓީވީން ބުނިނަމަވެސް އިސްރާއީލު ސަރުކާރުން މިކަމާ ބެހޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެނަސް، އެ ނޫސްތަކުން ފާހަގަކުރާ ގޮތުގައި ކޮންމެ އަހަރަކުވެސް ރަމަޟާން މަހު އިސްރާއީލުން މިގޮތަށް އަމަލުކުރާނެއެެވެ.
ނޫސްތަކުން ބުނެފައިވާ ގޮތުގައި މަނާކުރާ މުއްދަތުގައި އާދީއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ޔަހޫދީން އަޤްޞާގެ ޙަރަމްފުޅަށް ވަނުން މަނާކުރެވޭނެއެވެ. ހުކުރު ދުވަހާއި، ހޮނިހިރު ދުވަހަކީ ޔަހޫދީންނަށް ދީނީ ގޮތުން އެ ސަރަހައްދަށް ވަނުން މަނާ ދެ ދުވަހެވެ.
މީގެ އިތުރަށް ޔަދިޔައޫތު އަހްރަނޫތު ނޫހުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ފުލުހުން ވަނީ އަޤްޞާ މިސްކިތަށް 'ދިދައިގެ ހިނގާލުން' ބާއްވަން ރާވަމުންދާ ޔަހޫދީ ލީޑަރުން ހާޒިރުކޮށް ފުލުހުން ވަނީ އެ ހިނގާލުން ކެންސަލްކުރުމަށް އެމީހުންނަށް އަންގާފައެވެ. އެއީ ހިނގާލުން ކުރިއަށް ގެންގޮސްފިނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު ޙަމާސް އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް) ޖަމާއަތުން ދިނުމާ ގުޅިގެންނެވެ.
މި ހަފުތާގެ ތެރޭގައި 3 ފަހަރަކު އިސްރާއީލުގެ ސިފައިން އަޤްޞާގެ ޙަރަމްފުޅުތެރެއަށް ވަދެ އަޅުކަންކުރަން ތިބި މުސްލިމުންނަށް ދުއްތުރާކޮށް އެމީހުންގެ ތެރޭން ބަޔަކު ހައްޔަރުކޮށް ހެދުމުގެ އިތުރަށް، ޔަހޫދީ ހަރުކަށި ފިކުރުގެ މީހުންނަށް ބައިބަޔަށް އެ މާތް ޙަރަމްފުޅުގެ ތެރެއަށް ވަދެ އެތަނުގެ ހުރުމަތް ކެނޑުމުގެ ސަބަބުން ފަލަސްޠީނުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ކޮންމެ އަހަރަކުވެސް ޔަހޫދީންގެ 'ޢީދުލް ފުޞްޙް' (ޕާސްއޯވަރ) އާއި ދިމާކޮށް ޔަހޫދީން އަޤްޞާއަށް ވެދެގަނެއެވެ.
އިސްރާއީލުން މަސްޖިދުލް އަޤްޞާ ޔަހޫދީކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރުން ފިޔަވައި ދުނިޔޭގެ ގައުމުތަކުން މާބޮޑު ކަމެއް ކުރާތަނެއް ނުފެނެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންވެސް ފަލަސްޠީނުގެ ވެރިންނަށާއި، އަރަބި ބައެެއް ގައުމުތަކުގެ ވެރިންނަށް ގުޅުއްވާފައި އަޤްޞާގެ ތާރީޚީ ސިފަ ބަދަލުނުކުރުމަށް އިސްރާއީލަށް އަންގާފައިވާނެ ކަމަށް ވިިދާޅުވުން ފިޔަވައި ރައީސު ޖޯ ބައިޑަންގެ ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.