ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން، ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާ މަޝްވަރާކޮށްފިއެވެ.
މިކަންކަން ހިއްސާކުރުމަށް މުލީއާގޭގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަނުގެ މެންބަރުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުންނާ ދާއިމީ ރޭސިންގ ޓްރެކެއްގެ ބޭނުންތެރިކަން މިފަދަ މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފަރިތަކުރުންތައް ކުރިޔަށްގެންދިއުމަށް ސަރަޙައްދެއް ބޭނުންވާކަން އެ ސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަކިކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރުތަކެއް ކުރިއެރުވުމުގައި ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެ އެސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ރޭސިންގ އެސޯސިއޭޝަނުގެ މެންބަރުންނާއި މަޝްވަރާކުރައްވާފައެވެ.