ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރުކުރުމަށްޓަކާ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރޭގައި ހެލިފެލިވުން އިތުރުކޮށް، ފައިމަގުގައި އުޅޭ އުޅުން އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލުން ވެސް މިކަންކަމަށް ޚާއްސަ އިސްކަމެއްދެއްވާ، މި އާދަ އަށަގެންނެވުމަށް އިތުރަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން ހެލިފެލިވެ އުޅުން އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ކުޑަކުޑަ ޤައުމެއްގައި ކުދިކުދި ރަށްރަށުގައި އެހާ ބޮޑެތި ސައިކަލްތަކާއި ކާރުތަކުގައި އަބަދު އަޅުގަނޑުމެން އުޅެން، އެހާ ދުރަށް ދާންޖެހޭކަހަލަ ހިސާބެއް އޮތްތޯ އެއީ އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ ކަމެއް." ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ފައިމަގުގައި ހިނގާފައި ކޮންމެވެސް މިންވަރަކަށް އަޅުގަނޑުމެން ޖެހިގެންހުންނަ ގެއަށް ނުވަތަ އޮފީހަށް ދިއުން އެއީ އާދައަކަށް ނެހެދެންވީ އެއްވެސް ސަބަބެއްނެތް ކަމަށެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ "ގްރީން ސްމާޓް އައިލެންޑް"ގެ ނަމުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ވ. ފެލިދޫ، ވ. ކެޔޮދޫ، ހދ. ކުރިނބި އަދި ނ. ކުޑަފަރީ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި މަޝްރޫޢަކީ ހަކަތައާއި ދަތުރުފަތުރާއި، މޮބިލިޓީއާއި ވޭސްޓް ވޯޓަރ އެންޑް ސެނިޓޭޝަން ފަދަ އިންފްރާސްޓްރަކްޗަރތަކާއި ޤުދުރަތީ ވަޞީލަތްތައް އިންޓަރގްރޭޓެޑް މެނޭޖްމަންޓެއްގެ ޒަރިއްޔާއިން އިންސާނުންގެ ޞިއްޙަތާއި ތިމާވެށި ރައްކާތެރިކުރުމަށް ތަރައްގީކޮށްފައިވާ މަޝްރޫއެކެވެ. އަދި އީޖާދީ އަދި އިޖްތިމާޢީގޮތުން ޝާމިލުވާ ގަވަރނަންސް އަދި ފައިނޭންސިންގ ސްކީމްތައް ބޭނުންކުރުމަށް ބާރުއެޅުމަށް ވެސް ވަނީ ތަރައްޤީކޮށްފައެވެ.
މިއީ ހެލްތު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި އެޗް.ޕީ.އޭ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ގްރީން ކްލައިމެޓް ސްމާޓް ހޮސްޕިޓަލް ޕޮލިސީއާއި ސްޓްރެޓެޖީ އަދި ހެލްތު ނެޝެނަލް އެޑެޕްޓޭޝަން ޕްލޭން އިފްތިތާޙްކޮށް، ދުނިޔޭގެ ޞިއްޙަތު ދުވަހާގުޅިގެން ހިންގާ ނެޝެނަލް އާރޓް އެންޑް ޝޯޓް ސްޓޯރީ ކޮމްޕެޓިޝަން އިފްތިތާޙްކޮށްފައެވެ.