ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ލީޑަރޝިޕްގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް އަންހެނުންގެ ލީޑަރޝިޕްގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުންގެ މުއައްސަސާ އަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ފުލުހުންގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒަމާނީ ތަހުގީގީ ހުނަރު ލިބިފައި ތިބި ފުލުހުން ވެސް އުފައްދަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ 89 އަހަރު ވިޔަސް ހަގީގަތުގައި ފުލުހުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހުރީ މާޒީގައި ހުއްޓިފައި ކަމަށާއި ސަރުކާރުން މަސައްކަތް ކުރާނީ ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށް ކަމަށެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރާ މަސްތުވާތަކެތީގެ ވިޔަފާރިއަށް ޢިޝާރާތް ކުރައްވާ ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި އިންތިޒާމް ވެގެން ހިންގާ ކުށްތަކާއި ޑްރަގް ނެޓްވޯކްތަކުގެ ގުޅުމަކީ ސަލާމަތަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

" މިހާރު އެކަމަކީ ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލަކާ ހަމަޔަށް އުފުލާ މަންޒަރު ދަނީ ފެންނަމުން. އެއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް. އެކަން ހުއްޓުވައި ކޮންޓްރޯލްކުރަން ޓާސްކްފޯހެއް މިހާރުވަނީ އެކުލަވާލާފަ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގޭ ބިންގަރާހުގައި ގުދަން ކޮށްފައި ހުއްޓަސް ޑްރަގް އަތުލައިގަންނަނީ ފުލުހުން ކަމަށާއި އެ މީހުންގެ ބޯޓުތަކުން ރާއްޖެ ވަނުމުގެ ކުރިން ހިފަހައްޓާ އަތުލައިގަތުމުގައި އަވަށްޓެރި ގައުމުތަކުން ވެސް އެހީތެރިކަން ލިބޭ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.