ޔުކްރޭނަކީ، ރޫސީވިލާތް ރޫޅުމުގެ ކުރިންވެސް އެތައް ދިހައެއްވަންދެން، ރޫސީވިލާތުގެ ނާރެހުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޤައުމެކެވެ. ޖައްވީ އަދި ހަކަތައިގެ ދާއިރާއިން ފުރަތަމަ އަދި ހަމައެކަނި ބޮޑުބާރަށްވެފައިވަނިކޮށް، ރޫސީވިލާތް ރޫޅިގެންދިއުމަކީ ރޫސީވިލާތަށް ލިބުނު ފޫނުބެއްދޭފަދަ ގެއްލުމެކެވެ. ރޫސީވިލާތް ރޫޅިގެން ދިޔައީ އާދައިގެ ޙާލަތެއްގައެއްނޫނެވެ. ރޫސީވިލާތް ރޫޅައިލެވުނީ، އެވިލާތުގެ ކުރިއެރުމަށް ދެލޯއަޅައިގެންތިބި ހުޅަނގުގެ، ޚާއްޞަކޮށް އެމެރިކާގެ ޙީލަތްތެރި ރޭވުމާއި މިންނެތް މަސައްކަތުގެ ތެރެއިންނެވެ. ރޫސީވިލާތާއި އެމެރިކާއަކީ އެއްދުވަސްވަރެއްގެ، ދުނިޔޭގެ ބޮޑު ދެބާރެވެ. އެއްއުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނޭ މުސްކުޅިން ބުނަނީ ތެދަށެވެ. ރޫސީވިލާތުގެ ކުރިއެރުމާއި ޢަޝްކަރީގޮތުންނާއި ޖައްވީ ތަރައްޤީގައި ހޯދަމުންދިޔަ ކާމިޔާބީތައް އެމެރިކާއަށް ހަޖަމެއް ނުކުރެވުނެވެ. ނަތީޖާއަކީ، އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ރޫސީވިލާތް ރޫޅައިލުމެވެ. އެކަން އެމެރިކާ ކާމިޔާބު ކުރިއެވެ. އެއަށްފަހު، އެމެރިކާއިން މުޅިދުނިޔެއަށް ހަންފަތުރައި ޢަޝްކަރީ އަދި އިޤްތިޞާދީ ބޮޑުބާރަކީ ހަމައެކަނި އެމެރިކާކަމުގައި ދުނިޔެއަށް ދައްކަމުންދާއިރު، އެކަމުގެ ގެއްލުމާއި ހަމަނުޖެހުން، ދުނިޔޭގެ ހަމަކޮންމެ ޤައުމަކަށްވެސް އެބަ އަމާޒުވެއެވެ. މުޅި އޮޑީގައި ހަސަނު ދެފައެވެ. ރަޝިއާއަށް މަޑުން ނޯވެވިގެން ޔުކްރޭން ހިފަންޖެހުނީ މިސަބަބަށްޓަކައެވެ. ނޭޓޯގައި ޔުކްރޭން ބައިވެރިކުރުވައި، ޔުކްރޭނަށް އެހީދީގެން، އެމެރިކާގެ ނިޔަތަކީ، ރަޝިއާއާ ކައިރީގައި ޢަޝްކަރީ ބިނާތައް ޤާއިމްކޮށް، ރަޝިއާގެ ސަލާމަތާއި އަމިއްލަ މަޞްލަޙަތަށް ޖެއްސުންކޮށް ގެއްލުން ދިނުމެވެ. މިކަން އެމެރިކާއަށް ކާމިޔާބުވެގެންދިޔައީ، ރަޝިއާއާ ދުރު އަދި ހުޅަނގާ ކައިރިޔަށް ދާ، ޔަހޫދީ ދެވެރިޔަކު ޔުކްރޭނުގެ ވެރިކަމާ ޙަވާލުވި ހިސާބުންނެވެ.
އެމެރިކާގެ ދެފުށްދެގޮތް ދެމޫނަކީ، ޖެހިލުމެއްނެތި ފާޅުގައި ދުނިޔެއަށް އަންގައި ހާމަކުރަމުންގެންދާ ޙީލަތްތެރި މުނާފިޤު ޢަމަލެކެވެ. ރަޝިއާއިން މަރަނީ ޔުކްރޭނުގެ ޔަހޫދީންނެވެ. އިސްރާއީލުން މަރަނީ ފަލަސްތީނުގެ މުސްލިމުންނެވެ. އިސްރާއީލުން ފަލަސްތީނުގެ މުސްލިމުން މެރިޔަކަސް އެމެރިކާއަށް މަސްއަލައެއް ނެތެވެ. ފަލަސްތީނުގެ ރައްޔިތުން މެރުމަށްޓަކައި އިސްރާއީލަށް ހަތިޔާރުދެނީ އެމެރިކާއެވެ. ރަޝިއާއިން މަރާ ޔުކްރޭނުގެ ޔަހޫދީން ސަލާމަތްކުރުމަށް ޔަހޫދީންނަށް ހަތިޔާރުދީ އެހީތެރިވަނީ އެމެރިކާއެވެ. ހަނގުރާމައިގާ މަރުވަމުންދަނީ ދެބައެކެވެ. އެއްބަޔަކީ މުސްލިމުންނެވެ. އަނެއްބަޔަކީ ޔަހޫދީންނެވެ. މުސްލިމުން މަރުވިޔަސް މައްސަލައެއްނެތެވެ. ޔަހޫދީން މަރުވެގެންނެއްނުވެއެވެ. އެކަމަކު، ދެބައިމީހުންގެވެސް ގެއްލެނީ އެއް ޙައްޤެކެވެ. އިންސާނަކަށްވީތީ، ނޭވާލައިގެން ދުނިޔޭގައި ސަލާމަތުން ދިރިހުރުމުގެ ޙައްޤެވެ. އެޙައްޤު، އެމެރިކާއިން ދޭންބޭނުންވަނީ ހަމައެކަނި ޔަހޫދީންނަށެވެ. ހަކުރުއަޑުބާގައިވެސް ދެކޮޅު އޮވެއެވެ. މިކަމުގައި އެއްކޮޅެއްވެސް އޮތްހެނެއް ހިއެއްނުވެއެވެ.
ޔޫރަޕްގެ އިއްތިޙާދާއި ނޭޓޯގައި ބައިވެރިކޮށްދޭން އެދި ޔުކްރޭނުން އާދޭސްކުރާތާ އެތައް ދުވަހެކެވެ. ދުނިޔޭގެ ހަމައެކަނި ބޮޑުބާރުގެ ގޮތުގައި އޮވެ، އެމެރިކާއިންދަނީ އެކަމަށް ވާގިވެރިވެ ބާރުއަޅަމުންނެވެ. ބޭނުމަކީ، ރަޝިއާއާ ކައިރީގައި، އަވަށްޓެރި ޔުކްރޭނުގައި ނޭޓޯއާއި އެމެރިކާގެ ޢަޝްކަރީ ބާރު ގަދަކޮށް، ރަޝިއާ ބިރުގެންނެވުމެވެ. ރަޝިއާއަށް އޮތްބިރަކީ، ރޫސީވިލާތުގެ އިއްތިޙާދުގެ ތެރެއިން އެންމެބާރުގަދަކޮށް އޮތް ޔުކްރޭނު އެމެރިކާ އަތްދަށުލައި، އިރުމަތީ ޔޫރަޕްގައި އެމެރިކާގެ ޢަޝްކަރީ މަރުކަޒުތައް ޤާއިމްކުރާނެތީއެވެ. އެއީ ޔުކްރޭނާ އިންވެގެންއޮތް ރަޝިއާގެ ސަލާމަތަށް އޮތް ނުރައްކައުތެރި އަދި ބިރުވެރި ކަމެކެވެ. އެމެރިކާގެ ގޮތް އެންމެބޮޑަށް އެނގޭނީވެސް ރަޝިއާ އަށެވެ. މިކަންކަން މިމަގުންހިނގާނީ ރަޝިއާއާ ދެކޮޅު އެމެރިކާއާ ރައްޓެހި ވެރިކަމެއް ޔުކްރޭނުގައި އޮވެއްޖެނަމައެވެ. ޔުކްރޭނުގައި މިހާރުއޮތީ އެފަދަ ވެރިކަމެކެވެ. ޔުކްރޭނުގެ ރައީސަކީވެސް، ބޮޑުވަޒީރަކީވެސް އެމެރިކާއާ ގާތް ޔަހޫދީ ވެރިންނެވެ. ޔުކްރޭން ހަނގުރާމަ ފެށުމުގެ އަޞްލަކީ އެމެރިކާއެވެ. އަދި ހަމައެއާއެކު، ޔުކްރޭނުގެ ޔަހޫދީވެރިން، ރަޝިއާއާ ގުޅުންދުރުކޮށް ހުޅަނގާ ރައްޓެހިކަން ޤާއިމްކުރުމެވެ. މިއީ ރަޝިއާގެ ސަލާމަތަށް އޮތް ނުރައްކަލެއްކަން ޤަބޫލުކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. މިޙަޤީޤަތް ޤަބޫލުނުކޮށް ރަޝިއާއާއި ޔުކްރޭނުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުހޯދޭނެއެވެ. އެއީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.
އދ ގެ އަސާސްތައް ބުނާގޮތުގައި ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް، އެޤައުމެއްގެ އިސްތިޤްލާލާއި ސިޔާދަތު ރައްކައުތެރިކޮށް، އެކަންކަމަށް ކުރިމަތިވާ ނުރައްކަލަށް ރައްދު ދިނުމުގެ ޙައްޤު އޮވެއެވެ. ރަޝިއާއިންވަނީ، ރަޝިއާއާއި ޔުކްރޭނުގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި އެއްބަސްވުމެއް އެކުލަވައިލައި ސޮއިކޮށްފައެވެ. ނޭޓޯގައި ޔުކްރޭން ބައިވެރިވެ، ނޭޓޯގެ ޢަޝްކަރީ ނާރެހަކަށް ޔުކްރޭންވުމަކީ މިއެއްބަސްވުމާ ޚިލާފު ކަމެކެވެ. އެހެންނަމަވެސް، ޔުކްރޭނުން މިއެއްބަސްވުމަށް އިޙްތިރާމް ނުކޮށް، ނޭޓޯގައި ބައިވެރިވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޔުކްރޭން ހަނގުރާމަފެށުމާއެކު، ޔުކްރޭނުން އެފުރުޞަތުގެ ބޭނުންހިފައި، ނޭޓޯގައި ބައިވެރިވުމުގެ އަޑުހަރުކުރިއެވެ. އެހެންނަމަވެސް ނޭޓޯއިން މިކަމަށް އިޖާބަދީފައެއް ނުވެއެވެ. ނޭޓޯގެ މެންބަރު ބައެއް ޤައުމުންވެސް، ޔުކްރޭން ނޭޓޯގައި ބައިވެރިކުރުމުގެ ވަގުތު ޖެހިއްޖެކަމަށް ބުނަމުން ގެންދިޔައެވެ. އެހެނަސް، ނޭޓޯގެ އިސްފަރާތްތަކުން ޤަބޫލުކުރާގޮތުގައި އެއީ ވަރަށް ވިސްނުންތެރިކަމާއެކު ނިންމަންޖެހޭ ނިންމުމެކެވެ.
ނޭޓޯގައި ބައިވެރިވުމުގައި ޔުކްރޭނުގެ ނިޔަތަކީވެސް، ރަޝިއާގެ އަތްދަށުން ސަލާމަތްކަން ހޯދުމެވެ. ޔުކްރޭންގެ މައްޗަށް އަތްގަދަކޮށް ޔުކްރޭނާ ހަނގުރާމަކޮށް ޔުކްރޭން ހިފުމަކީ ރަޝިއާގެ މަޤްޞަދެއްނޫނެވެ. ރަޝިއާގެ ހަމައެކަނި އެދުމަކީ، ޔުކްރޭން ނޭޓޯގައި ބައިވެރި ނުވުމެވެ. ނޭޓޯގައި ޔުކްރޭން ބައިވެރިވެއްޖެނަމަ، އެމެރިކާވެސް އޭގެތެރެޔަށް ވަންނާނެއެވެ. އަދި ރަޝިއާއާ ކައިރިޔަށް އެމީހުންގެ ޢާޝްކަރީ ނާރެސް ގެންނާނެއެވެ. މިއީ ރަޝިއާއަށް ހިތްހަމަޖައްސައިލައިގެން އޮވެވޭނެކަމެއްނޫނެވެ. އެހެނީ، ސޮވިއެޓް ޔުނިއަންވެސް ރޫޅައިލީ އެމެރިކާއިންނެވެ. މިހުރިހައިކަމަކީ، ބޮޑުބާރެއްގެ ގޮތުގައި އޮވެ، ދުނިޔެ ކޮންޓްރޯލް ކުރުމަށް އެމެރިކާ ގެންގުޅޭ އުކުޅެވެ. އެމެރިކާގެ ކާމިޔާބަކީ، މިއުކުޅުގައި އަދި ޙީލަތްތެރި ރޭވުންތަކުގައި ދެކޮޅުނުހެދޭވަރަށް، ދުނިޔޭގެ ޤައުމުތައް ބަނދެވިގެންތިބެވޭވަރަށް އަދި އެމެރިކާގެ ބަސްވިކޭވަރުގެ ކޮންޓްރޯލެއް ލިބިފައި އޮތުމެވެ.
ކުރިންވެސް ދެންނެވިފަދައިން، ކޮންމެ ޤައުމެއްގެވެސް ޤާނޫނުއަސާސީގެ އަޞްލަކީ، އެޤައުމެއްގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމެވެ. އެކަން ކުރާނީ ރައްޔިތުންނެއްނޫނެވެ. ސަރުކާރުން ނުވަތަ ދައުލަތުންނެވެ. ސަރުކާރާއި ދައުލަތުގެ ވެރިންނެވެ. މިކަމަށް އެންމެ ނުރައްކާވާނެ ޙާލަތަކީ، ބޭރުގެ އަޅުވެތިކަމެވެ. އެހެން ޤައުމަކުން އަނެއްޤައުމަށް އަރައި އެޤައުމެއް ހިފުމެވެ. ބައިނަލްއަޤްވާމީ ހަމަތައް ޤަބޫލުކުރާގޮތުގައި، ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ ސިޔާދަތު ރައްކައުތެރިކުރެވޭވަރަށް އެޤައުމެއްގެ ޢަޝްކަރީ ޤާބިލްކަން ހުންނަން ޖެހެއެވެ. އިޤްތިޞާދީ ފުދުންތެރިކަން އޮންނަން ޖެހެއެވެ. އަވަށްޓެރި ޤައުމެއްގެ މަޤްޞަދާއި ނިޔަތަކީ އެނގޭނެ އެއްޗަކަށްނުވާނެތީއެވެ. އަނެއްނުކުތާއަކީ، ބައިނަލްއަޤްވާމީ މަޝްރަޙުގައި ޚާރިޖީގުޅުންތަކަކީ، އެހުރިހައިކަމެއް ހިމެނިގެން ޤާއިމްކުރެވޭ ގުޅުމަކަށްވުމެވެ. އެއްބައެއްވަންތަކަމާއި އެކުވެރިކަމާއި އަޅައިލުމާއި ވާގިވެރިވުން، އަދި ދެބަސްވުމާއި ދެކޮޅުހެދުމާއި މައްސަލައުފެދުމާއި ހަނގުރާމަހިނގުން ބިނާވެފައި އޮންނަނީ، އެޤައުމެއްގެ ޚާރިޖީގުޅުން އަނެއްޤައުމަކާއެކު އޮންނަ ޙާލަތެއްގެ މައްޗަށެވެ.
ހަލަބޮލިކަން އިތުރުވެފައިވާ ދުނިޔޭގައި ބާރަކީ ކޮންމެ ޤައުމަކަށްވެސް ލިބެންއޮންނަ ފަޚުރެކެވެ. ޢަޝްކަރީ އަދި އިޤްތިޞާދީ ބާރަކީ ކޮންމެ ޤައުމަކުންވެސް އަބަދުވެސް އިތުރުކުރުމަށް މަސައްކަތްކުރާ ބާރެކެވެ. އަމިއްލަ މަޞްލަޙަތާއި މިނިވަންކަން ދެމެހެއްޓުމަށް ޓަކައެވެ. އެމެރިކާއަކީ، އަދުގެ ދުނިޔޭގައި އެންމެބޮޑުބާރެވެ. އެމެރިކާގެ ހަންފެތުރުން ހުއްޓުވުމަށްޓަކައި ކޮންމެ ކޮންމެ ޤައުމަކަށް ކަމެއް ނުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ ކަމެއްކުރެވެން އޮތް ކޮންމެ ޤައުމަކުންވެސް އެކަން ކުރާނެއެވެ. އެއީ ނޯތު ކޮރެއާ ކަމަށްވިޔަސް، އިންޑިއާ އާއި ޗައިނާ އަދި ރަޝިއާކަމަށްވިޔަސް އެކަން އެމަގުން ހިނގައި ކުރިޔަށްދާނެއެވެ.
ޔުކްރޭން ހަނގުރާމައިގާ، ޒެލެންސްކީ އެޅިފިޔަވަޅަކީ ނުރައްކައުތެރި ފިޔަވަޅެކެވެ. އޭގެކުރިން، ރަޝިއާއާ ދެކޮޅަށް ހުޅަނގާ ގުޅުން އުފައްދައި، ނޭޓޯ އާއި ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިވުމަށް ނެގި އިސްނެގުމަކީވެސް ދެކޮޅުނުޖެހޭ ކަމެކެވެ. ޒެލެންސްކީ ވެރިކަމަށް އައީ، އިންތިޚާބުގައި ބައިވެރިވި، ރަޝިއާއަށް ތާއީދުކުރާ ކެންޑިޑޭޓު ބަލިކުރުމަށްފަހުގައެވެ. ޒެލެންސްކީއަށް އިންތިޚާބު ކާމިޔާބު ކުރެވުނީ އެމެރިކާގެ އެހީގައެވެ. އެމެރިކާގެ ފުރިހަމަ ތާއީދާއެކު، ހުރިހައިގޮތަކުން ޒެލެންސްކީއަށް އެހީތެރިވެދީގެންނެވެ. ޒެލެންސްކީއަކީ، ހެއްވާ މަޖާ ރޯލުކުޅޭ ކޮމެޑިއަނެކެވެ. އޭނާ ވެރިކަމަށް ގެނައުމުގައިވެސް އެމެރިކާގެ ރޯލެއް އެބައޮތެވެ. އެއީ، ޒެލެންސްކީ އަކީ ހަރުކަށި ޔަހޫދީއެކެވެ. އެމެރިކާގެ ފުރިހަމަ ބާރު ޒެލެންސްކީގެ މައްޗަށް ހިންގޭނެއެވެ. ރޭވިގެން ދުރާލާ ވިސްނައިގެން އެމެރިކާއިން އެކުރި މަސައްކަތް ކާމިޔާބުކޮށް ޒެލެންސްކީ ވެރިކަމަށް ގެނައީ ރަޝިއާ އާ ދެކޮޅު ވިސްނުމުގައެވެ.
ޔުކްރޭނުގައި ހިނގަމުންދިޔަ ދާޚިލީ ހަމަނުޖެހުމުގެތެރެއިން، 2004 ވަނައަހަރު، ގެނެވުނު " އޮރެންޖް އިންޤިލާބު " އަކީ، ރަޝިއާގެ ބާރު ޔުކްރޭނުގެ ވެރިކަމުން ބީވެގެންދިޔަ އިންޤިލާބެވެ. މި އިންޤިލާބު ގެނައުމަށްޓަކައި ހުޅަނގާއި އެމެރިކާއިން ވަރަށް އެހީވިއެވެ. ދޭތިން އެކައްޗަށް ހިފިއެވެ. އެހެންނަމަވެސް އެ އިންޤިލާބުގެ އަސަރު، އެމެރިކާއަކަށް ޔުކްރޭނުގައި ފަތުރައެއް ނުލެވުނެވެ. އިސާހިތަކު، ގަދަބާރުން، ރަޝިއާއިން އަލުން ޔުކްރޭނުގެ މަޝްރަޙަށް ވަނެވެ. ރަޝިއާގެ ބާރު ހިންގައިލިއެވެ.
2014 ވަނައަހަރު ފެށުނުތަނާ ޔުކްރޭނުގެ ޙާލަތު ބަދަލުވެގެންދިޔައެވެ. ހަޅުތާލުތައް ފެށި މަޝްރަޙު ހޫނުވިއެވެ. 2014 ގައި އިންތިޚާބުކުރެވުނު، ރައީސަކީ ރަޝީއާއަށް ތާއީދުކުރާ ވެރިއެކެވެ. އެހެނަސް، އޭނާގެ ބާރު ކެނޑިގޮސް، ރަޝިއާގެ ނުފޫޒުން ޔުކްރޭން ބޭރުވާތަން ފެނުނެވެ. ޔޫރަޕްގެ ހުޅަނގުބިތުގެ ޤައުމުތަކާ ގުޅުމަށް އަޑުއުފުލިގެންދިޔައެވެ. އަދި ނޭޓޯއާ ގުޅުމުގެ ވާހަކަތައް ހަރުއަޑުން އިވެން ފެށިއެވެ. ހަމައެއާއެކު، ރަޝިއާއަށް މިވާންއުޅޭގޮތެއް އިޙްސާސްކުރެވި، އެއްފިޔަވަޅު ކުރިޔަށް އެޅިއެވެ. ޔުކްރޭނުގެ ރަށެއްކަމުގައިވާ ކްރީމާ ހިފައި، އެތާނގައި ފެންނަ ނުފެންނަ ވޯޓެއްނަގައި، އެސަރަޙައްދަކީ ރަޝިއާގެ ނުފޫޒުގެ ދަށުގައި އޮންނަތަނެއްގެގޮތުގައި ހަމަޖެއްސިއެވެ. ކްރީމާއަކީ، ސަރަޙައްދީގޮތުން ރަޝިއާއަށް ވަރަށް މުހިންމު ތަނެކެވެ. އެއީ ރަޝިއާގެ ކަނޑުމަތީ ޢަޝްކަރީ މަރުކަޒު، ސެވަސްޓޮޕޯލް ޤާއިމްކޮށްފައި ހުންނަނީ އެސަރަޙައްދުގައިކަމަށްވާތީއެވެ. ޔުކްރޭނުން ނޭޓޯއާ ގުޅިއްޖެނަމަ، އަދި ޔުކްރޭނުން ހުޅަނގާ ގުޅިއްޖެނަމަ، ކްރީމާގައި ހުންނަ ރަޝިއާގެ ކަނޑުގެ ޢަޝްކަރީމަރުކަޒު ރަޝިއާ އަތުން ގެއްލޭނެއެވެ. ކްރީމާ ހިފައި އެސަރަޙައްދު ރަޝިއާގެ ބާރުގެދަށަށް ގެންނަން ރަޝިއާއަށް މަޖުބޫރުވި ސަބަބަކީ އެއީއެވެ. ޔުކްރޭން ނޭޓޯއާ ގުޅުމަށް ރަޝިއާއިން އަންނަނީ ފާޅުގައި ދެކޮޅުހަދަމުންނެވެ. އަދި ޔުކްރޭނުގެ ބިމުގައި ހިންގާ ޢަޝްކަރީ ޙަރަކާތަކީ، ރަޝިއާގެ ސިޔާދަތާއި ޤައުމީ ސަލާމަތް ރައްކައުތެރިކޮށް، ޔުކްރޭނުގެ ސިފައިންގެ އަތުން ހަތިޔާރު އަތުލުންކަމަށް ރަޝިއާއިން އަންނަނީ ބުނަމުންނެވެ. އަދި ޔުކްރޭނުގެ ސިފައިންނަކީ، ހުޅަނގާއި އެމެރިކާގެ ނުފޫޒުން އެއްކިބާވެ، ޔުކްރޭންގެ ރައްޔިތުންނާ ސަރުކާރުގެ އަމިއްލަ މަޞްލަހަތާއި ރައްކައުތެރިކަން ދަމަހައްޓާ ބަޔަކަށް ހަދާނެކަމަށްވެސް އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް މިވާހަކަތަކަކީ، ހުޅަނގުގެ ކަންފަތުން ޒެލެންސްކީ އަޑުއަހަންބޭނުންވި ވާހަކަޔަކަށް ނުވިއެވެ.
އަނެއްކޮޅުން، ހަނގުރާމަފެށިފައި އޮތަސް، އެމެރިކާއަކަށްވެސް އަދި ޔޫރަޕްގެ އިއްތިޙާދަކަށްވެސް، މިހަނގުރާމައިގެ ތެރެޔަށް ވަންނާކަށް ނުކެރުނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުންފިޔަވައި، މިހަނގުރާމައިގާ ބައިވެރިވުމަށް ނޭޓޯއަށްވެސް އަދި އެމެރިކާއަށްވެސް އެއްވެސްކަމެއް ކުރާކަށް ނުކެރޭނެއެވެ. އެއީ، ޔުކްރޭންގެ ތިމާވެށި ހަނގުރާމައިގެ މައިދާނަކަށް ބަދަލުކުރީ އެދެބައިމީހުންކަން، އެކަން އެނގެންވާ ބަޔަކަށް އެނގެއެވެ. ނޭޓޯއާއި އެމެރިކާ އެހަނގުރާމައިގެތެރެޔަށް ވަދެއްޖެނަމަ، ރަޝިއާއަކުންވެސް އަދި ޗައިނާއަކުންވެސް މަޑެއްކޮށް ނުއޮންނާނެއެވެ. އެހިސާބުން، 3 ވަނަ ބޮޑު ހަނގުރާމައަކަށް މަޝްރަޙު ބަދަލުވެގެންދިއުން އެކަށީގެން ވެއެވެ. އެހެންނަމަވެސް އެއީ ނުވާނެ ކަމެކެވެ. ޔޫރަޕްގައި އިތުރު ބޮޑު ހަނގުރާމައެއް ފަށާކަށް ނޭޓޯ ތައްޔާރެއްނޫނެވެ.
ރަޝިއާގެ ބޭނުމަކީ، ޔުކްރޭނާ ހަނގުރާމަކުރުން ނޫންކަމާއި، ހުޅަނގާއި ނޭޓޯއާ ދުރުކުރުންކަން އެމެރިކާއަށްވެސް އަދި ނޭޓޯއަށްވެސް އެނގެއެވެ. ޔުކްރޭންގެ ވެރިރަށް ކިއެވް، އެމެރިކާއިން ޙިމާޔަތްކޮށްދީ ބަލަހައްޓާކަށް ރަޝިއާ ބޭނުމެއްނުވެއެވެ. އަދި ހަނގުރާމައިގެ ތެރެޔަށްވަދެ، މަޝްރަޙު ގަޑުބަޑުކުރާކަށްވެސް އެދެބައިމީހުން ބޭނުމެއްނޫނެވެ. އެއީ 3 ވަނަ ބޮޑުހަނގުރާމައެއް ފެށުމުގެ ބިރަށެވެ. އެމެރިކާއިން ބޭނުންވަނީ ޔުކްރޭނަކީ، ކުރިން އޮތްގުޅުމަކަށްބިނާވެ ރަޝިއާގެ ބައިވެރިއެއްގެ ގޮތުގައި ނޯވެ، އެމެރިކާގެ ރަޙުމަތްތެރި ޤައުމެއްގެގޮތުގައި ޔުކްރޭން އޮތުމެވެ. ނިއުކުލިއަރ ބާރެއްގެ ގޮތުގައި ރަޝިއާ އޮއްވައި، ރަޝިއާ ނުރުހޭގޮތަކަށް ރަޝިއާއާ ކައިރިޔަށް ދިއުމަކީ އެމެރިކާއަށް ކުރެވެން އޮތްކަމެއްނޫނެވެ. ޢަޝްކަރީގޮތުން ރަޝިއާއަކީ އެމެރިކާ ބިރުގަންނަ އަދި އެމެރިކާ އާ އެއްވަރަށް ހަތިޔާރު ހުރި ޤައުމެކެވެ. ރަޝިއާ އޮތީ އެކަންޏެއްނޫނެވެ. ބޮޑުބާރެއްކަމުގައިވާ ޗައިނާވެސް އޮތީ ރަޝިއާ ކޮޅަށެވެ. އިޤްތިޞާދީގޮތުން ރަޝިއާގެ އިޤްތިޞާދާ ޗައިނާގެ އިޤްތިޞާދު ވަނީ ލާމެހިފައެވެ. އެހެންކަމުން، ޔުކްރޭން އަމާންދެންދެން، ރަޝިއާ ހަނގުރާމަކުރާނެއެވެ. އަދި ބަލިކުރުމަށްފަހު، ޔުކްރޭންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދޭ އެއްބަސްވުމެއްގައި ރަޝިއާއާއި ޔުކްރޭނުން ސޮއިކޮށް، އެސަރަޙައްދުގެ އަމާންކަން ރަޝިއާއިން ކަށަވަރުކުރާނެއެވެ. އަދި ޔުކްރޭނުން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތްވެސް ހުއްޓުވާނެއެވެ. 3 ވަނަ ބޮޑުހަނގުރާމައެއް އަދި ނުފެށޭނެއެވެ. ރަޝިއާއަށް އޮތީ ހަނގުރާމަހުއްޓުމާ 3 ވަނަ ބޮޑުހަނގުރާމައެއް ފެށުމާ ދެގޮތުންކުރެ އެއްގޮތެއްކަމަށް އެމެރިކާގެ ރައީސް ބައިޑްން ވަނީ ބުނެފައެވެ. އެއީ ރަޝިއާ ބިރުގަންނަވާލަން ބުނި ވާހަކައެކެވެ. އެމެރިކާއަކަށް އެކަމެއް ނުކުރެވޭނެއެވެ. އަދި އެމެރިކާގެ ނުފޫޒުގައި ނޭޓޯއިންވެސް އަދި އެމެރިކާގެ ވާގިވެރި އެއްވެސް ޤައުމަކުން، 3 ވަނަ ބޮޑު ހަނގުރާމައަކަށް އާއެނކޭ އެއް ނުބުނާނެއެވެ.