ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ މެންބަރަކަށް ޔުކްރޭން ވެއްޖެނަމަ ޔޫރަޕުގައި އަސްކަރީ ކުރިމަތިލުމެއް ފެށިދާނެ ކަމުގައި ރަޝިޔާގެ ރައީސު ވްލާޑީމީރް ޕުޓިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ރަޝިޔާއަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ރައީސު އިމާނުއެލް މެކްރޯންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"ޔުކްރޭން ނޭޓޯގައި ބައިވެރިވެއްޖެނަމަ ރަޝިޔާއާއެކު އަސްކަރީ ކުރިމަތިލުމެއްގެ ތެރެއަށް ޔޫރަޕުގެ ގައުމުތައް ވެއްޓޭނެ." ނޭޓޯގައި ޔުކްރޭން ބައިވެރިވުމާ ދެކޮޅަށް ރައީސު ޕުޓިން ގެންގުޅުއްވާ ސިޔާސަތަށް ބަދަލެއް ނުގެންނަވާނެކަން ކަށަވަރުވާފަދަ ގޮތަކަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، ރައީސު ޕުޓިން ވިދާޅުވިގޮތުގައި ރައީސު މެކްރޯންއާކު ދެކެވުނީ "ބޭނުންތެރި" ވާހަކަތަކެކެވެ. އަދި ބައެއް ކަންކަމުގައި ރައީސު މެކްރޯންއާ އެއްބަސްވެވުނުކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"މުސްތަގުބަލުގައި އަޅަންވީ ފިޔަވަޅުތަކަށް ބަލާނަމަ، މެކްރޯންގެ ގިނަ ޚިޔާލުފުޅުތަކަކީ ހިގީގަތަށް ހެދިދާނެ ޚިޔާލުފުޅުތަކެއް." ޕުޓިން ވިދާޅުވިއެވެ.
ފަރަންސޭސީ ރައީސު ފާހަގަކުރެއްވި ގޮތުގައި ނޭޓޯގެ "ހުޅުވާލެވިފައިވާ ދޮރު" ގެ ސިޔާސަތަކީ ޒަރޫރީ ސިޔާސަތެކެވެ. އެހެންނަމަވެސް، އޭނާ ފާހަގަކުރެއްވި ގޮތުގައި "ޕުޓިން ގެންގުޅުއްވަނީ ވަރަށް ވަރުގަދަ ވިސްނުންފުޅުތަކެއް. އަހަރުމެން ޔޫރަޕް މީހުންގެ ވިސްނުމާ އެ ވިސްނުންފުޅުތައް އަބަދު އެއް ގޮތެއް ނުވޭ."
"ކުރިއަށް އޮތީ މުހިއްމު ދުވަސްތަކެއް." މެކްރޯން ވިދާޅުވިއެވެ.
"މާޒީގައި ގައުމުތަކުގެ ސަރައްދީ އެއްބަންތަކަން ނަގާލާފައި އެބަހުރި." ވަކި ބަޔަކަށް އިޝާރާތްނުކުރައްވައި މެކްރޯން ފާހަގަކުރެއްވިއެވެ.
ފަރަންސޭސި ރައީސު މެކްރޯން މޮސްއޯއަށް ވަޑައިގެން އުޅުއްވަނީ ޔުކްރޭންގެ މައްސަލައިގައި ހުޅަނގާއި ރަޝިޔާއާ ދެމެދު ހޫނުވެފައިވާ މަސްރަހު ފިނިކުރެއްވޭތޯ ކުރައްވާ މަސައްކަތްޕުގައެވެ.
އެމެރިކާގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ރަޝިޔާއިން ވަނީ ސިފައިންގެ 1 ލައްކަ 10 ހާސް މީހުން ޔުކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައެވެ. އަދި ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބަށް ސިފައިންގެ 1 ލައްކަ 50 ހާސް މީހުން ޖަމާކޮށް ޔުކްރޭނަށް އަރައިގަތުން އެކަށީގެން ވެއެވެ.