ޕާޝިއަން ގަލްފް (އެރޭބިއަން ގަލްފް) ގެ އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން އިއްޔެ ޗައިނާއަށް ވަޑައިގެންފިއެެވެ. ފަސްދުވަހުގެ ރަސްމީ ދަތުރުުފުޅެއްގައި ޗައިނާއަށް ވަޑައިގަތީ ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު، ފައިޞަލް ބިން ފަރްޙާން އާލްސުޢޫދް، ކުވޭތުގެ ޚާރިޖީ ވަޒީރު އަޙްމަދު ނާޞިރު އަލްޞަބާޙް، އޮމާންގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ، ބަހްރޭންގެ ޚާރިޖީ ވަޒީރު ޢަބްދުއްލަޠީފް ބިން ރާޝިދު އައްޒަަޔާނީ އަދި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ސެކްރެޓަރީ ޖެނެރަލް ނާޔިފް ފަލާޙް އަލްޙަޖްރަފްއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މިދަތުރުގެ ވާހަކަ ހާމަކުރި އިރު އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ. އަދި ވަފުދުގެ އެޖެންޑާގެ އެއްވެސް ތަފްސީލެއްވެސް ދީފައި ނުވެއެވެ. އެހެންނަމަވެސް، ޗައިނާއަކީ އޭޝިޔާގެ އެންމެ ވަރުގަދަ އިގުތިސާދަށް ވެފައި، އަދި އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމަށް ވެފައި، ގަލްފަކީ ދުނިޔޭގަައި އެންމެ ގިނައިން ތެޔޮ ބޭރުކުރާ ސަރަހައްެދަށް ވާއިރު، މި ދަތުރުގައި އެންމެ އިސްކަމެއް ދޭނެކަމަށް ބެލެވެނީ ހަކަތައާއި ގުޅޭ ވާހަކަތަކަށެވެ.
ފޮރިން މިނިސްޓީން ބުނެފައި ވަނީ މި ދަތުރުގެ ސަބަބުން "ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ" ކަމުގައެވެ.
ޗައިނާއާއި ގަލްފުގެ ގައުމުތަކުން ދަނީ "ދެ ފަރާތުގެ މަސްލަހަތާ އެންމެ ބޮޑަށް ގުޅުންހުރި ކަންކަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް އެހީތެރިވަމުން. އަދި އެތައް ދާއިރާއެެއްގައި އަމަލީ ބައިވެރިވުން ކުރިއަށް ނެރެ، ފައިދާކުރަނިވި ނަތީޖާ ނެރެފައި." ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސަޢީދު ޚަޠީބްޒާދޭ ވިދާޅުވިގޮތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލަހިޔާންވެސް މި ހަފުތާގެ ފަހުކޮޅު ޗައިނާއަށް ވަޑައިގަންނަވާނެއެެވެ.
ގަލްފްގެ އަރަބި ގައުމުތަކާއި، އީރާނުގެ ޚާރިޖީ ވަޒީރު މި ހަފުތާގައި ޗައިނާއަށް ވަޑައިގަންނަވާއިރު، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވަނީ އެފްރިކާގެ ބައެއް ގައުމުތަކަށާއި، ދިވެހިރާއްޖެއާއި، ސްރީލަންކާއަށް ދަތުރުފުޅުކުރައްވާފައެވެ.
މެދު އިރުމަތީގައި ނުފޫޒު ގަދަކުރުމަށް ޗައިނާއާއި އެމެރިކާއާއި ދަނީ ވާދަކުރަމުންނެެވެ. މި ވާދަވެރިކަމުގައި ޗައިނާގެ ކުންފުނިތަކުން ދަނީ މެދު އިރުމަތީގައި ފައިހަރުކުރަމުންނެވެ. އަދި މެދު އިރުމަތީގެ ބޮޑެެތި މަޝްރޫއުތަކުގައި އިންވެސްޓްކުރަމުންނެވެ.
ޗައިނާގެ އިގުތިސާދު ވަނީ މެދު އިރުމަތީގެ ތެލާއި ގޭހުގެ މައްޗަށް ވަަރަށް ބޮޑަށް ބަރޯސާވެފައެވެ. އެހެންކަމުން، ހުޅަނގުން އީރާނާ ދެކޮޅަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުންވެސް، ޗައިނާއިން އައީ އީރާނާއެކު ގާތް ގުޅުމެއް ދަމަހައްޓަމުންނެވެ.