ކުރީގެ ރޫސީވިލާތް ރޫޅިގެން ދިޔައިރު މިނިވަންވި ގައުމެއް ކަމަށްވާ ކަޒަޚިސްތާނުގައި ސަރުކާރާ ދެކޮޅު އިހުތިޖާޖުތައް ވަރުގަދަވުމާ ގުޅިގެން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއްެޔެ އިއުލާންކޮށްފިއެވެ. މިއާއެކު، އިހުތިޖާޖުތައް މައިތިރި ކުރުމަށް ގަދަބާރު ބޭނުންކުރާނެ ކަމުގައި އިންޒާރު ސަރުކާރުން ދީފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
"މިއީ ބައިނަލްއަގުވާމީ ޓެރަރިސްޓުންތަކެއް. އެމީހުން ވަނީ ބޭރުގައި ނުރައްކާތެރި ތަމްރީނުތަކެއް ހަދާފައި. އެމީހުން ކަޒަކިސްތާނަށް ދެމުން މިގެންދާ ހަމަލާތަކަކީ އުދުވާނީ ހަމަލާއެއް ކަމުގައި ބެލެވިދާނެ، އަދި ބަލަންޖެހޭ." ރޭ ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުަރަމުންދާ މީހުންނާ ބެހޭ ގޮތުން ރައީސު ކަސީމް-ޖޯމާތު ތޮކަޔޭފް ވިދާޅުވިއެވެ.
ކުރީގެ ރޫސީވިލާތް ރޫޅިގެން ދިޔައިރު މިނިވަންވި ގައުމުތަކުގެ ތެރޭން އެންމެ ހަމަނުޖެހުން ނުހިނގާ، ސަރުކާރާ ދެކޮޅު އިހުތިޖާޖުތައް ނުފެންނަ ކަޒަޚިސްތާނުގައި އާ އަހަރާއެކު ފެށުނު ވަރުގަދަ އިހުތިޖާޖުތަކުން އެ އަމާންކަން މިވަނީ މުޅިން ގެއްލިގެން ގޮސްފައެވެ.
މި ޖަަނަވަރީ މަހުގެ 2 ވަނަ ދުވަހު އިހުތިޖާޖުތައް ފުރަތަމަ ފެށުނީ ޒަނޯޒެން އަވަށުގައެވެ. އެއީ އެލްޕީޖީ (ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް) ގެ އަގު ގާތްގަނޑަކަށް ދެގުނައަަށް ބޮޑުވުމާ ގުޅިގެންނެވެ. ކަޒަކިސްތާނުގައި އުޅަނދުތަކުގައި ހަކަތައެއްގެ ގޮތުގައި އެލްޕީޖީ ބޭނުންކުރާއިރު، އަގު އުފުލިގެން ދިޔައީ ސަރުކާރުން އެލްޕީޖީއަށް ދެމުން އައި ސަބްސިޑީ ކަނޑާލައި ބާޒާރުގެ އަގަށް ގޭސް ވިއްކަން ދޫކޮށްލުމުންނެވެ. ޒަނޯޒެންއިން ފެށުނު އިހްތިޖާތުތައް އެ ގައުމުގެ ހުރިހާ ކަންކޮޅުތަކެއްގެ އަަވަަށްތަކަށް ފެތުރި ވެރިރަށް ނޫރްސުލްތާން އަދި އެންމެ ބޮޑު ރަށް އަަލްމާޓީވެސް ވަނީ އިހުތިޖާޖުތަކުން ގުޑުވާލާފައެވެ.
ގޭހުގެ އަގު ކުރީގެ އަގަށްވުރެ ކުޑަކުރައްވާނެ ކަމަށް ރައިސު ތޮކަޔޭފް ވައުދުވެވަޑައިގެން، ބޮޑުވަޒީރާއި ކެބިނެޓް މަގާމުން ދުރުކުރެއްވުމުންވެސް އިހުތިޖާޖުތައް މައިތިރި ނުވިއެވެ. އިހުތިޖާޖުތައް މިހާރު ވަނީ ސަރުކާރާ މެދު ރައްޔިތުން ނުރުހޭ ހުރިހާ ކަމަކާ ދެކޮޅަށް ކުރާ އިހުތިޖާޖަށް ބަދަލުވެފައެވެ. އަދި ސަރުކާރު ވައްޓާލުމަށްވެސް ދަނީ ގޮވަމުންނެވެ.
އިހުތިޖާޖުކުރާ މީހުން ވަނީ ފާއިތުވި އަންގާރަ ދުވަހު ކަޒަޚިސްތާނުގެ އެންމެ ބޮޑުރަށް އަލްމާޓީގައި ހުންނަ ސަރުކާރުގެ މައި އޮފީސް އިމާރާތަށް ވަދެ އެތަނުގައި ރޯކޮށްލާފައެވެ. އަދި އަލްމާޓީގައި ހުރި، 1991 ވަނަ އަހަރު އެ ގައުމު މިނިވަންވި ފަހުން އެންމެ ގިނަ ދުވަހު ރައީސުކަން ކުރެއްވި ނޫރް ސުލްތާން ނަޒަރްބާޔޭފްެގެ ބޮޑު ބުދުވެސް ވައްޓާލާފައެވެ.
ރޭގެ ޚިޠާބުގައި ރައިސު ތޮކަޔޭފް ވަނީ އިހުތިޖާޖުތައް މައިތިރިކުރުމަށް ކުރީގެ ރޫސީވިލާތް ރޫޅިގެން އުފެދުނު ގައުމުތަކުގެ ޖަމްއިއްޔާގެ އެހީތެރިކަށް އެދިވަޑައިގެންފައެވެ.
"ޓެރަރިސްޓުންގެ ނުރައްކަލުން ސަލާމަތްވުމުގައި އެހީތެރިވުދެއްވުމަށް ސީއެސްޓީއޯ (ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޮގަނައިޒޭޝަން) ގެ ގައުމުތަކުގެ ވެރިންނަށް އަހަރެން އިލްތިމާސްކުރަން." ތޮކަޔޭފް ވިދާޅުވިއެވެ.