ފަޅިމޫނު - 144

(26 ޑިސެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބޭބެ ބޭނުންވެލައްވަންޏާ އަޅުގަނޑު މިއަދާއި މިރޭ ހަތަރުދަމު މިގޭގައި އިނދެގެން ބޭބެމެނަށް ވިސްނައިދޭން ވާހަކަދައްކައިފާނަން. ތިޔައީ ރުޚްސާނާގެ މައިންބަފައިން. ދަރިފުޅަށް އެންމެ ރަނގަޅު ގޮތް އެންމެ މޮޅަށް އެނގިލައްވާނީ ބޭބެމެނަށް. މާދަމަޔާ ހަމައަށް ރަނގަޅަށް ވިސްނައިލައްވާ. އަޅުގަނޑުގެ މަޝްވަރާއަކީ އަމަލުކުރެއްވުން އެންމެ ރަނގަޅު މަޝްވަރާއަކަށް ވަންޏާ ވަގުތުން އަމަލުކުރާނީ. ލަންޑަނަށް ފުރުމުގެ ހުރިހައި ކަމެއް އަޅުގަނޑު ހަމަޖައްސާނަން."

ތިން މީހުން ވާހަކަދައްކަމުން ގޮސް ގެއިން ނުކުމެއްޖެއެވެ. ބޭރުގައި އޮތް ހުދުކުލައިގެ ބޮޑު ކާރު ފެނިފައި ފަރީދުގެ އަނބިމީހާ އުފަލުން ގޮސް ކޮލުދަތް ފެންނަ ވަރަށް ހިނިތުންވެލިއެވެ. "އަސްތާ... މިއީ ކޮއިފުޅުގެ ކާރުތަ؟ ހާދަހާވާ ރީތި ކާރެކޭ. ކޮއިފުޅު އެކޮޅުގައި ކުރަނީ ކޮން ވިޔަފާރިއެއްތަ؟"

ޖަމްޝީދު ބުންޏެވެ. "ދައްތާ. އަޅުގަނޑުމެންގެ ވިޔަފާރި މިހާރު އޮތީ ވަރަށް ފުޅާ ވެފައި. މިހެން ހިނގަހިނގައި ހުރެ ކިޔައެއް ނުދެވޭނެ. މި ގައުމާއި ލަންޑަނުގެ އިތުރަށް ދުނިޔޭގެ އެތައް ގައުމެއްގެ ބެންކުގައި އަޅުގަނޑުމެންގެ ފައިސާ ޖަމާވެފައި އެބަހުރި. ރުޚްސާނާ ކޮންމެ ގައުމަކަށް ދިޔަޔަސް ބޭނުން ގޮތަކަށް ތަޅައިބުރުވާން އަޅުގަނޑުގެ ފައިސާ އެ ގައުމަކުން ލިބެން ހުންނާނެ."

އޭނާ ގެންދިޔައީ އަޑުއަހަމުން އުފަލުން ފޮޅެމުންނެވެ. ކުޑައިރުކޮޅަކަށް މާމަދަރީގެ މަތިންވެސް ހަނދާން ނެތިއްޖެއެވެ.

ޖަމްޝީދު ދިޔައީމާ އެކަނިވީ ވަގުތު ފުން ނޭވައެއް ލުމަށް ފަހު މޭގައި އަތް އަޅައިލިއެވެ. އަދި ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ.

ފަރީދު އަޙްމަދު އަހައިލިއެވެ. "މިހާރު އަލަށް ހޯދަން އުޅޭ ދަނބިދަރީގެ ޗެކު ހިފައިގެން ދުނިޔޭގެ އެކި ގައުމުގެ ބެންކަށް ދަތުރު ކުރަނީތަ؟"

އޭނާ ސިހިފައި ފިރިމީހާއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުގައި މިހާރު ހުރީ ހަމައެކަނި މާމަދަރީގެ ތަސްވީރެވެ. އެހެންވީމާ ފިރިމީހާގެ މަލާމާތަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ހިމޭންކަމާއެކު މަޑުމަޑުން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

ފަރީދު އަޙްމަދުވެސް ފަހަތުން ގޮސް ގޭތެރެއަށް ވަދެ، ދޮރު ލައްޕައި ތަންޑު އެޅުވުމަށް ފަހު ބުންޏެވެ. "ދަށުދަރަޖައިގެ މީހުންނާ ގުޅުން ބާއްވާކަށް ނުވާނެއޭ މީހުން ބުނެއުޅޭ. އެއީ ދަށުދަރަޖައިގެ މީހުން އެ މީހުންގެ މާހައުލާ އެއްގޮތަށް އެނބުރިގަނެ ގޮތްކުޑަކަން ފާޅު ކުރަން ފަށައިފާނެތީޔޯ. އެކަމަކު އަހަރެމެން މިތިބީ އެޔާ ޚިލާފަށް މަތީދަރަޖައިގައި ތިބެގެން ގޮތްކުޑަކަން ދައްކަދައްކާ."

އަނބިމީހާ އިސް އުފުލައި ބަލައިވެސް ނުލިއެވެ.

ފަރީދު އަޙްމަދު ގޮނޑިއެއްގައި އިށީނދެއްޖެއެވެ. "ޖާނީއަކީ އަހަރެމެންނާ އަޅައިބަލާއިރު މާ މަތީ ދަރަޖައެއްގެ މީހެއް. އަހަރެމެންގެ ކުށުގެ މަތީން ހަނދާން ނައްތައިލީ އެހެން ވެގެން. ރުޚްސާނާއަށްވެސް އޭނާ ހެޔޮހިތުން މާފުކޮށްފި. ރުޚްސާނާގެ ދޮގުވެރިކަން އޭނާއަށް ބޭޒާރު މިވީ ދެވަނަ ފަހަރަށް. ބަފައިންނަކީ ދަރިން ނުބައި މާހައުލާ ދުރުކޮށްގެން ގެންގުޅޭން މަސައްކަތްކުރާ ބައެއް. އެހެންވީމާ އޭނާވެސް އޭނާގެ ދަރިފުޅު އަހަރެމެންގެ މާހައުލުން ދުރަށް ގެންދިޔައީ. އެއީ އޭނާ ކުރި އަނިޔާއެއް ނޫން. އޭނާ އެ ބޭނުންކުރީ އޭނާއަށް ލިބިފައިވާ ދީނީ ގާނޫނީ ހައްގެއް. އޭނާ ހުރީ ރުޅި އައިސްފައި. އަހަރެމެންނަށް ޖެހޭނީ ކެތްތެރިވާން. މާދަމާ ދެމީހުން އޭނާގެ ގާތަށް ދާނީ. އޭނާއަށް ވިސްނައިދޭނީ. މާފަށް އެދޭނީ. ވަރީގެ ކަންތައް ކުރިއަށް ގެންދިއުމުގެ ކުރިން އޭނާޔާ ވާހަކަދައްކައިގެން ސުލްހަވެރި މަގެއް ހޯދުމަކީ އެންމެ ރަނގަޅު ގޮތް."

އަނބިމީހާ ގޮނޑީގައި އިނދެ މޫނުގައި ދެ އަތް އަޅައިގެން ގިސްލަގިސްލާފައި ރޯން ފަށައިފިއެވެ.

ފަރީދު އަޙްމަދު އައިސް އޭނާގެ ބޮލުގައި ފިރުމައިލާފައި ބުންޏެވެ. "ކިހިނެއްވީ؟ ރޮނީ ކީއްވެގެން؟ އަހަރެންގެ ދިރިއުޅުމަށް ނިކަން ބަލައިލަބަލަ. ކޮންމެ ކަމެއްގައިވެސް އަހަރެން އަބަދުވެސް ހުންނަނީ ކަލެޔާއެކު. ދޮގަކަށް ވިޔަސް ތެދަކަށް ވިޔަސް... ރަނގަޅު ކަމަކަށް ވިޔަސް، ނުބައި ކަމަކަށް ވިޔަސް އަހަރެން ހުންނަނީ އެކަމެއްގައި ބައިވެރިވެގެން. އަހަރެން ދުވަހަކުވެސް ކަލޭ ކުރަން އުޅޭ ކަމެއް މަނައެއް ނުކުރަން. ހުރަހެއް ނާޅަން. ނުއެއް ހުއްޓުވަން. އެކަމަކު މިއަދު އަހަރެން ވަރަށް ސާފުކޮށް މި ބުނަނީ... ކަލޭ ރުޚްސާނާއާއި ބާދްޝާ ޖާނީއާ ދެމީހުން ވަކި ކުރަން މަސައްކަތް ކޮށްފިއްޔާ... އެ ދެ ކުދިންގެ މެދުގައި މައްސަލަޖެހި ވަކިވާ ހިސާބަށް ދާއިރުވެސް ހިމޭނުން ހުރެއްޖެއްޔާ އެއީ އަހަރެން ކެތްކޮށްގެން ބަލަހައްޓައިގެން ހުންނާނޭ ކަމެއް ނޫން. މީގެ ފަހުން އަހަރެން ހުންނާނީ ޖާނީގެ ކޮޅުގައި. އޭނާގެ ކޮޅަށް ހުރުމުގެ މާނައަކީ ކަލޭމެން އެންމެންނާ ވަކިވުން ކަމަށް ވިޔަސް ހެޔޮ. މިއަދު ވަކި ގޮތެއް ނިންމަން ވާނެ. ކަލެއަށް ޖަމްޝީދު ކަމުގޮސްގެން އޭނާޔާއި ރުޚްސާނާ ދެވަން ގަސްތުކުރާ ކަމަށް ވަންޏާ އެކުޅިގަނޑު ކުޅެންވާނީ ކަލޭ އެކަނި. އަހަރެންގެ ބައިވެރިވުމެއް ނޯންނާނެ. އަހަރެން ހުންނާނީ ކަލެޔާ ދެކޮޅަށް."

އޭނާ އިސް އުފުލައި ފިރިމީހާއާ ދިމާއަށް ބަލައިލިއެވެ. "އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އަހަރެން ބޭނުމީ ހަމައެކަނި ކާމީ. އެ ކުއްޖާފުޅު ނުލިބުނިއްޔާ އަހަރެން މަރުވެދާނެ."

ފަރީދު އަޙްމަދު ހަމަޖެހުމުގެ ނޭވައެއް ލުމަށް ފަހު އޭނާގެ އަނބިމީހާގެ އަތްތިލައިގައި ހިފައިލިއެވެ. "ތެދާ އެއްކޮޅަށް އަރައި ތިމާގެ ކުށް ގަބޫލުކުރީމާ ތެދު އައިސް އެ މީހެއްގެ މަގަށް އަލިކުރަން ފަށާނެ. ކާމީވެސް އަހަރެމެންނަށް ލިބިދާނެ. އަހަރެންގެ ސިކުނޑީގައި މޮޅު ބުއްދިއެއް އެބައޮތް."

އޭނާ ސަމާލުވެލިއެވެ. "ކޮބާ އެ ބުއްދިއަކީ؟"

"އަހަރެން މި ވާހަކަ ދެއްކީމާ ރުޅި ނާންނާތި. ފުރަތަމަ އަހަރެން ދައްކާ ވާހަކަ ކެތްތެރިކަމާއެކު އަޑުއަހާ. އަހަރެމެން ފުރަތަމަ ދާނީ ފަރުޒާނާ ގާތަށް. ޖާނީގެ ރުޅިގަނޑު މައިތިރި ކުރެވޭނޭ ހަމައެކަނި މީހަކީ ފަރުޒާނާ. އޭނާއަށް ވިސްނައިދީގެން ކާމީ ގެނެސް ދެވޭނޭ މީހަކީވެސް ފަރުޒާނާ."

އޭނާ ކުއްލިއަކަށް ތެދުވެއްޖެއެވެ.

* * *

މެންދުރުން އަނބުރައި ދޭއް ޖަހައިފިއެވެ. ފަރުޒާނާ ގަސްތުކުރީ މެންދުރު ކައިގެން ކުޑަކޮށް ނިދައިލާށެވެ. އެ ވަގުތު ބޭރު ދޮރުގައި މީހަކު ޓަކި ޖަހައިފިއެވެ. އޭނާ ވަރަށް ބާރަށް ގޮސް ކުލިނިކަށް ވަދެއްޖެއެވެ. އެ މީހަކު ޓަކި ޖަހަނީ ބޭރު ދޮރުގައެވެ. އެއީ އަރުޝަދު ކަމަކަށް ނުވާނެއެވެ. ހިސާބުގަނޑުގެ އަންހެނަކު ބަލިވެގެން އައީ ކަމުގައި ވެދާނެއެވެ. އޭނާ ދޮރު ކައިރިއަށް ޖެހިލުމަށް ފަހު އަހައިލިއެވެ. "ކާކު؟"

ބޭރުން އެ އިވެނީ ކުޑަކުއްޖަކު ރޯ އަޑުކަން ޔަގީނެވެ. ބަލިމީހަކު އައީކަން އޭނާއަށް ޔަގީން ކުރެވިއްޖެއެވެ. ދަރިފުޅު މާ ބޮޑަށް ބަލިވެގެން މީހަކު އައީ ކަމުގައި ވެދާނެއެވެ. އެއީ އަލަކަށް ވީ ކަމެއް ނޫނެވެ. އާދައިގެ ކަމެކެވެ. އޭނާ ދިޔަ ގޮތަށް ގޮސް ދޮރު ހުޅުވައިލިއެވެ. އެޔާއެކު ބިރުން ފަހަތަށް ޖެހިލިއެވެ.

ތުއްތު ކުއްޖަކު އުރައިގެން ދޮރުމަތީގައި ހުރީ ބާދްޝާ ޖާނީއެވެ. އޭނާ އަންނާނޭކަމަށް ފަރުޒާނާ ހުރީ އުއްމީދު ކޮށްގެންނެވެ. އެކަމަކު ނައިސް ގިނަ ދުވަސްވީމާ ދެން ނާންނާނޭ ކަމަށް ގަބޫލުވެސް ކުރިއެވެ. މިއީވެސް އަނިޔާއެއް ނޫން ހެއްޔެވެ؟ އަންނާނޭ ކަމަށް ހީކުރީމާ ނައެވެ. ނާންނާނޭ ކަމަށް ގަބޫލު ކުރެވުމާއެކު އަތުވެއްޖެއެވެ.

ބާދްޝާ ދަރިފުޅު ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ. ފަރުޒާނާ އަވަސްއަވަހަށް ދޮރު ލައްޕައި ތަންޑު އަޅުވައިފިއެވެ.

ބާދްޝާ ބުންޏެވެ. "ފަރުޒާނާ އަބަދުވެސް އަހަންނަށް އިންސާނިއްޔަތުގެ ފިލާވަޅު ނަގައިދެމެއްނު؟ ލޯބި ބަދުނާމު ނުކުރާށޭ ބުނީމެއްނު؟ ފަރުޒާނާގެ ބަސް އަހައިގެން އަހަރެން ނުވެސް ފެނި އެތައް މަހެއް ހޭދަކޮށްފިން. މިއަދުވެސް ނައީމުސް. މިއަދު އަހަރެންގެ ދަރިފުޅު ގޮވައިގެން މި އައީ ކީއްވެގެންކަން އެނގޭތަ؟"

ފަރުޒާނާ އަހައިލިއެވެ. "ކީއްވެގެން؟"

"ލޯތްބާއި އިޚުލާސްތެރިކަމަށް އަހަރެން ކުރަމުން އައި އިތުބާރު ގެއްލުނީމާ."

ފަރުޒާނާ އަހައިލިއެވެ. "އަހަންނަށް ކުށެއް ކުރެވުނީތަ؟"

"ނޫނޭ. ކުށެއް ކުރެވުނީ އަހަންނަށް. އެ ކުށަކީ ރުޚްސާނާގެ ފުރަތަމަ ކުށަށް މާފުކުރުން. ފުރަތަމަ ދުވަހު ކޮޅުފައިން ޖަހައި އޭނާ ގެއިން ނެރެ އެއްލައި ލެވުނު ނަމަ މިއަދު މި ހާލަތަކަށް ނާންނާނެ. މިއަދު އަހަރެންގެ އަގު ވެއްޓުނު ވަރަކަށް ނުވެއްޓުނީސް."

"ކިހިނެއްތަވީ؟ ވެގެން އުޅޭ ގޮތެއް ބުނެބަލަ."

"ކިހިނެއްވީ ހެއްޔޭ؟ އޭނާ ލަންޑަނަށް ގޮސް އެ އުޅެނީ ހުސްހަށިބައި އަންހެނެއް ކަމުގައި ހެދިގެން. މާނައަކީ އަހަރެން މިއީ އޭނާގެ ފިރިމީހާ ކަމަށް ގަބޫލުވެސް ނުކުރަނީއޭ. އޭނާ ގަބޫލު ނުކުރާ ކަމަށް ވަންޏާ އެއީ އަހަރެންގެ މީހަކަށް ވާކަށް ނުޖެހެއެއްނު؟ އަހަރެންގެ ދަރިއަކީވެސް އޭނާގެ ދަރިއަކަށް ވާކަށް ނުޖެހޭނެ. ދަރިފުޅު ގޮވައިގެން ފަރުޒާނާ ގާތަށް މި އައީ އެހެންވެގެން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.