ޒޯން 3 ގައި ހިމެނޭ ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖުކުރުމަށް ހިންގާ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ފައްޓަވައި ދެއްވައިފިއެވެ. މިއީ ކުނި މެނޭޖު ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދެވަނަ ފިޔަވައްސެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑާއި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަގުސަދަކީ ކ. ތިލަފުށިގައި ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމު ކުރުމެވެ. މި މަޝްރޫއުގެ ތެރެއިން ޑިޒައިން ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން (ފަރުމާކޮށް ބޭނުންވާ ހުރިހައި ވަސީލަތެއް ގާއިމުކޮށް ހިންގުން ހިމެނޭ ގޮތަށް) ވޭސްޓް ޓު އެނަރޖީ ފެސިލިޓީއެއް (ކުނީގެ ބޭނުން ކޮށްގެން ހަކަތަ އުފެއްދުމުގެ ނިޒާމެއް) ގާއުމު ކުރާނެއެވެ.
މަޝްރޫއު ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޝާލިޙް ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި މާލެއާއި މި ސަރަހައްދުގެ ރިސޯޓުތަކުގައި އުފައްދާ ކުނި ނައްތައިލުމަށް މީގެ ތިރީހަކަށް އަހަރު ކުރިން ފެށުނު މަސައްކަތަކީ ކުނި ގެނެސް މާލެޔާ ކައިރީގައި އޮތް ފަޅަކަށް އެޅުމެވެ. އެ ފަޅަށް އެޅި ކުނިން އުފެދުނު ރަށަކީ ތިލަފުށްޓެވެ. މި ސަރަހައްދާއި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުނި ނައްތާލަން ކުރަމުން އަންނަ މަސައްކަތަކީ ކުނި އެންދުން ކަމަށާއި އެކަމުން ތިމާވެއްޓަށް ލިބޭ ގެއްލުމަކަށަވެސް އަދި ރައްޔިތުންގެ ސިއްހަތަށް ލިބޭ ގެއްލުމަކަށްވެސް އެ ދުވަސްވަރެ ބެލިފައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ފަހަރުގައި އޭރު އެއީ އެކަން ކުރެވެން އޮތް ގޮތް ކަމަށްވެސް ވެދާނެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަކަށް އެގޮތަށް އެކަން ކުރަން ދޫކޮށްލައިގެން ތިބޭކަށް ނެތް." ރއސީުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ގައުމު ތަރައްގީ ކުރަން ވާނީވެސް އަދި އިގްތިސާދީ ހަރަކާތްތައް ހިންގަން ވާނީވެސް ވަށައިޖެހޭ ނިޒާމެއްގެ ތެރެއިންނެވެ. މިހާރު މި ވަނީ އެފަދަ ގޮތަކަށް މަޝްރޫއުތައް ކުރިއަށް ގެންދަން ފަށާފައި ކަމަށް އިޝާރަތް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ތިލަފުށިން ދުމެއް ދެނެއް ނާރާނެއެވެ. ސަރުކާރުން މިހާރު ކުރާ މަސައްކަތަކީ ހަގީގަތުގައިވެސް ކުނި ނައްތާލުމެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުނި ނައްތައިލާނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި ރާއްޖޭގެ ހުރިހައި ރަށެއްގައި މިފަދަ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.