(17 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދަ ޓައިމްސް އޮފް ސިލޯނު، ހޮނިހިރު ދުވަހުގެ ހަވީރު، ޖެނުއަރީ 3، 1953
ދިވެހިރާއްޖެއަށް ސިލޯނުން މަރުޙަބާ ކިޔައިފި
ތިރީގައި ބަޔާންކުރެވިފައި އެވަނީ، ދިވެހިރާއްޖެ ޖުމްހޫރީވެރިކަމަށް ބަދަލު ވުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސް މރ. އަމީން ދީދީއަށް، ސިލޯނުގެ ބޮޑުވަޒީރު މރ. ޑަޑްލީ ސެނަނާޔަކަ ފޮނުއްވި މެސެޖް ގެ ނަކަލެކެވެ.
"މަނިއްޕުޅުގެ ރާއްޖެ، ޖުމްހޫރިއްޔާއަކަށް ބަދަލުވުމުގެ ރަސްމީ މުނާސަބަތާގުޅިގެން، އަޅުގަނޑުމެންގެ މަންދޫބު، މރ. މޮންޓެގޫ ޖަޔަވިކްރަމަ މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންނަށާއި މަނިއްޕުޅުގެ ސަރުކާރަށް، މަރުޙަބާއާއި ތަހުނިޔާ ދެންނެވުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި، އަޅުގަނޑު ވަރަށް އުފައުކުރަމެވެ.
ސިލޯނާއި ރާއްޖެއަކީ، ޒަމާންތަކެއްވަންދެން، ދެޤައުމުގެ ދެމެދުގައި، ވަރަށް ގާތްގުޅުމެއް، ޤާއިމުވެފައިވާ ދެޤައުމެކެވެ. އަދި ދާދި މިދާކަށްދުވަހު، މިނިވަންކަން ލިބުނު ޤައުމެއްގެ ހައިޞިއްޔަތުން، ދިވެހިން މިއަދު އިޙުސާސްކުރަމުންގެންދާ މިނިވަންކަމުގެ ރަހައިގެ އުފަލާއި ފަޚުރުވެރިކަން، އަޅުގަނޑުމެން، ސިލޯނު މީހުންވެސް ޙިއްޞާ ކުރަމުއެވެ.
މިނިވަންކަން ލިބިގެންވާ ޤައުމުތަކުގެ ސަފުގައި، ދިވެހިރާއްޖެއަށް ޙައްޤު މަޤާމު ލިބިގެންދިއުމަށް އަޅުގަނޑުމެން އެދެމުއެވެ. އަދި މަނިއްޕުޅަށާއި މަނިއްޕުޅުގެ އެކުވެރިންނަށް، ބާއްޖަވެރި މުސްތަޤްބަލަކަށް އެދެމެވެ. އަޅުގަނޑުގެ އިޙުތިރާމާއި ހެޔޮއެދުންތައް، މަނިއްޕުޅަށް، ކަށަވަރުކޮށް އަރިސްކުރުމަށް މިފުރުޞަތުގެ ބޭނުން ހިފީމެވެ."
ޖަވާބު
ތިރީގައި އެވަނީ މރ. އަމީން ދީދީ، ޖަވާބުގައި ފޮނުއްވި މެސެޖްގެ ނަކަލެކެވެ.
"އަޅުގަނޑުމެންގެ އައު ޤާނޫނު އަސާސީ އިފްތިތާޙުކުރުމުގެ މުނާސަބަތުގައި، މަނިކުފާނުގެ މަންދޫބު، މރ. މޮންޓެގޫ ޖަޔަވިކްރަމަ މެދުވެރިކުރައްވައި، ސިލޯނު ސަރުކާރާއި ރައްޔިތުންގެ ފަރާތުން، އަޅުގަނޑަށާއި ދިވެހިރައްޔިތުންނަށް، ހޫނު މަރުޙަބާއެއް ވިދާޅުވެ، ފޮނުއްވި އިޚުލާޞްތެރި ސިޓީއަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދެންނެވުމުގެ އިޒުނަދެއްވާށެވެ ! މަނިއްޕުޅު އަޅުގަނޑަށް ރަނގަޅަށް ހަނދާންކޮށްދެއްވި ފަދައިން، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި އަބަދުވެސް ޤާއިމްވުފައި އޮތީ ވަރަށް ގާތް އެކުވެރި ގުޅުމެކެވެ. އަޅުގަނޑުމެންގެ މިގުޅުން، އަހަރުން އަހަރަށް އިތުރަށް ބަދަހިވެގެންދާނެ ކަމާމެދަކު، އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ."
ސިލޯނަކީ އަބަދުވެސް، އަމިއްލަ މަޞްލަޙަތު އެއްކައިރިކޮށް، ކުޑަކުޑަ ކޮއްކޮއެއްފަދަ މިދިވެހިރާއްޖޭގެ ކަންކަމުގައި އެހީތެރިވެ އެއްބާރުލާ ޤައުމެކެވެ. ސިލޯނުގެ ރައްޔިތުންނާއި ސަރުކާރަށް އުފާފާގަތި ދުވަސްތަކަކަށް އެދެމުން، އަޅުގަނޑުމެންގެ ހެޔޮއެދުންތައް އަރިސްކުރުމަށް މިފުރުޞަތު ބޭނުން ހިފީމެވެ. އަދި ބޮޑު ވަޒީރަށް، މަނިކުފާނަށް އަޅުގަނޑުގެ އިޙުތިރާމާއި ހެޔޮއެދުންތައް، ކަށަވަރުކޮށް އަރިސްކުރުމަށް މިފުރުޞަތުގެ ބޭނުން ހިފީމެވެ.
މުއާހަދާގައި ސޮއި ކުރުން
މާލޭގައި، ޖެނުއަރީ 1 ގައި، ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ މުޢާހަދާގައި ސޮއިކުރެއްވުމަށްފަހު، ސިލޯނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ ސަރ ސެސިލް ސައިޔަރސް ވިދާޅުވިއެވެ.
"ދުނިޔޭގެ މިއަދުގެ މަޝްރަޙަށް ބާލައިލާއިރު، އެތައް ބަޔަކު މިނިވަންކަން ނެތި ތިބިކަން ފާހަގަ ކުރުމަކީ ބޭނުމެއް ނެތް ކަމެއް ނޫނެވެ. އިނގިރޭސި ކޮމަންވެލްތުގެ ޤައުމުތަކާ ގާތްގުޅުމެއް އޮތް މިޖަޒީރާ ރަށްތަކުގެ އަހުލުވެރިންނަށް، އެމީހުން ބޭނުންވާ ގޮތަކަށް، އެމީހުންގެ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން މިވަނީ ލިބިފައެވެ."
ސަރ ސައިޔަރސް އިތުރަށް ވިދާޅުވިއެވެ. "ދިވެހިރާއްޖޭގައި ހިނގަމުން އައި ވިރާސީ ރަސްކަން ނިމުމަކަށް ގެނެސް، ޖުމްހޫރީ ނިޒާމަކުން ވެރިކަން ހިންގަން ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވެ، އައު ޤާނޫނު އަސާސީއެއްވަނީ މިއަދު ހެނދުނު އިޢުލާން ކުރެވިފައެވެ. މިކަން ގުޅިފައިވަނީ، ދިވެހިރައްޔިތުންނާއި އަޅުގަނޑުމެންގެ ސަރުކާރު، އުތުރު އަޔަލޭންޑާއި ގްރޭޓް ބްރިޓްންގެ ގުޅިފައިވާ ރަސްކަމުގެ، ޢިއްޒަތްތެރި ރާނީގެ ސަރުކާރާއެވެ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ ދާޚިލީ އެއްވެސް ކަމަކާ ނުބެހުމަށް ޢަހުދުކޮށް، އާދަކާދައިގެ މަތިން، ހެޔޮހިތަކައިގެން އެ ބަދަލު ބަލައިގަނެގެންނެވެ."
ވަރަށް އުންމީދީ
އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން، މިއަދު ހެނދުނު އެއްވެ ބައްދަލު މިކުރީ، އިނގިރޭސި ރާނީގެ ސަރުކާރާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ އައު މުޢާހަދާގެ ކަންތައްތައް ނިންމުމަށެވެ. މި މުޢާހަދާއަކީ މި ރާއްޖޭގެ ޤާނޫނު އަސާސީއަށް ގެނެވޭ ބަދަލެއްގެ ނަތީޖާ ކަމަށްވިޔަސް، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ޤާއިމްވެފައިއޮތް ގާތް ރަޙުމަތްތެރިކަމަކީ، އުންމީދީ އަދި އިޖާބީ އެއްޗެއްކަމުގެ ހަނދާން އާ ކުރަން ޖެހެއެވެ. މި މަތިވެރިގުޅުން އެކަށައެޅިފައިވަނީ، ސިލޯނުގެ ގަވަރުނަރާއި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަދުންނާ ދެމެދު ބަދަލު ކުރެވުނު ސިޓީތަކެއްގެ ތެރެއިންނެވެ. އަދި މިގުޅުން ކަށަވަރުކޮށްފައިވަނީ، ދިވެހިރަދުންގެ ސަރުކާރާއި، ކިންގް ޖޯޖު IV ގެ ރަސްކަމުގައި، އެރަދުންގެ ސަރުކާރާ ދެމެދު، މިފަސްގަނޑުގައި، 1948 ގައި ކުރެވުނު މުޢާހަދާއަކުންނެވެ."
"ކުރީގެ އެއްބަސްވުމެކޭ އެއްގޮތަށް، އިނގިރޭސި ރާނީގެ ސަރުކާރުގެ ރައްކައުތެރިކަމާއި ޙިމާޔަތް، އައު އެއްބަސްވުމުގެ ދަށުންވެސް ދިވެހިރާއްޖެއަށް ލިބޭނެއެވެ. މީގެ އެއް އަހަރު ކުރިން، ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރގެ މަސްއޫލިއްޔަތާ ޙަވާލުވުމާއެކު، މަނިއްޕުޅަށްވެސް ޤަބޫލުކުރެއްވޭނެ ފަދައިން، އަޅުގަނޑު، ދިވެހިރާއްޖޭގެ އެންމެހައި ކަންތައްތަކަށް ބެހެއްޓި ޝަޢުޤު، އަޅުގަނޑުގެ ފަރާތުން އަބަދުވެސް، މެދުނުކެނޑި ފެންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ތިޔަބޭފުޅުންގެ އެންމެހައި ކަންތައްތަކާއި، ޝަޢުޤު ގާތުން ބަލައި، އަޅުގަނޑަށް ކޮށްދެވުނު ކޮންމެ ކަމެއް ކޮށްދީ އެހީތެރިވުމަކީ، އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކެމެވެ."
އޭގެކުރިން މރ. އަމީން ދީދީ ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ އެންމެހައި ކަންތައްތައް ބަލަހައްޓައި ހިންގާނީ އިނގިރޭސި ވިލާތުން ނުވަތަ އިނގިރޭސި ވިލާތުގެ ލަފާގެ މަތިންނެވެ.
ދަ ސިލޯން އޮބްޒަރވަރ، އާދީއްތަ ދުވަހުގެ ހެނދުނުގެ ޢަދަދު، ޖެނުއަރީ 4، 1953
އާ ޖުމްހޫރިއްޔާގެ ރައީސް ބޭނުންފުޅުވަނީ އިތުރަށް އިނގިރޭސިބަސް ދަސްކޮށްދެއްވަން
( މާލެއިން އަޅުގަނޑުމެންގެ ޚާއްޞަ މުރާސިލު )
މާލެ، ޖެނުއަރީ 3
"އަޅުގަނޑުމެންނަށް މިއަދު އެންމެބޮޑަށް ބޭނުންވެފައި މިވަނީ، އިނގިރޭސި ތަޢުލީމުން އިނގިރޭސިބަސް ދަސްކުރުން. އެއްވެސް ޤައުމެއް ތަރައްޤީވާނީ، ބައިނަލްއަޤްވާމީ ކަރިކިއުލަމަކަށް ރަނގަޅަށް ކިޔަވައިދެވިގެން. އައު ޖުމްހޫރިއްޔާ އިޢުލާން ކުރުމަށް ބޭއްވޭ 3 ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން، " އޮބްޒަރވަރ " އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި، 42 އަހަރުފުޅުގެ، ރައީސް މރ. އަމީން ދީދީ ވިދާޅުވިއެވެ."
ދިވެހިރާއްޖެ، މަޑުމަޑުން ތަރައްޤީކޮށް، ކުރިއެރުއްވުމަށް އެމަނިއްޕުޅު ގެންގުޅުއްވާ ޕްރޮގަރާމްތަކައިގެން ކުރިޔަށް ވަޑައިގަތުމަށް، އަތުކުރި އޮޅާލައްވައިގެން ހުންނެވި މރ. ދީދީ އިތުރަށް ވިދާޅުވިއެވެ.
"ރަށްފުށުގައި ލިޔަންކިޔަން ދަތުމުގެ ނިސްބަތް ވަރަށްމަތީގައި އޮތްނަމަވެސް، އިނގިރޭސިބަސް އެނގެނީ ގާތްގަނޑަކަށް 5 އިންސައްތަ މީހުންނަށެވެ."
ކޮޅުނބުގައި ދަނާލެއްގެ ގޮތުގައި ދެތަނެއް ހިންގާ ދިވެހިސަރުކާރުން، ސިލޯނުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނަށް، ކެއުމާއި ހުރުން އަދި އަންނައުނު ދެއެވެ. އެކުދިންނަށް ބޭނުންވާ ހުރިހައި ކަމެއް ކޮށްދެނީ ހިލެއެވެ. މާލެއާ ކައިރި އަތޮޅުތަކާއި ރަށްރަށުގެ ކުދިންނަށް ޚާއްޞަކޮށްގެން، އިމްތިޙާނެއްދީ، އެކުދިންގެ ފެންވަރު ބެލެއެވެ.
އެންމެންނަށް ތަޢުލީމު
ރައީސް ވިދާޅުވިގޮތުގައި، އެމަނިއްޕުޅުގެ ތަޞައްވުރަކީ، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ކިޔަވައި ދެއްވައި ތަޢުލީމު އުނގަންނަވައިދެއްވުމެވެ. ރަށްފުށުގެ އެންމެންނަށް ތަޢުލީމުގެ ފުރުޞަތު އަދި ތަނަވަސްކޮށްދެވިފައެއް ނުވެއެވެ.
"އަޅުގަނޑުމެން އަދި ފުރިހަމަޔަށް ތަރައްޤީއެއް ނުވެއެވެ." ރައީސް ވިދާޅުވިއެވެ. "އެހެންނަމަވެސް، ރާއްޖޭގެ ހުރިހާ ކުދިންނަށް އެއްދުވަހަކުން، އެންމެ މަތީ ތަޢުލީމު ލިބޭނެމަގު ތަނަވަސްވެގެން ދިއުމަކީ އަޅުގަނޑުގެ ދުޢާއެވެ. އެކަން ކުރެވޭނީ، އަޅުގަނޑުމެންގެ އަތުގައިހުރި ކިޔަވައިދިނުމުގެ ވަޞީލަތްތައް ފުރިހަމަކުރެވިގެންނެވެ."
"އަޅުގަނޑުމެންނަކީ ކޮލޮމްބޯ ޕްލޭންގެ މެންބަރު ޤައުމެއްނޫނެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ އެކުވެރި އިނގިރޭސި ވިލާތާއި، ސިލޯނު ސަރުކާރުގެ އެހީގައި، ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް އަޅުގަނޑުމެން ކުރަންވީކަމެއްގެ ލަފާދެއްވާނެ މުޝީރެއް ހޯދުމަށް މަސައްކަތް ކުރާނަމެވެ. މިވަގުތު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިވަރުން ފޮނުވާނީ ސިލޯނަށެވެ."
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި، މުޅިންހެން ބަރޯސާވެފައި އޮންނަނީ ރާއްޖެއިން ބޭރުކުރެވޭ މުދަލުގެ މައްޗަށެވެ. ރާއްޖޭގެ ފަސްގަނޑަކީ ވަރަށް ފަޤީރު، ކާނާމަދު ފަސްގަނޑެކެވެ. ރާއްޖޭގައި ހެދެނީ ޒުވާރިއާއި ބިންބީގެ ބާވަތްތަކެވެ. ބިމުގެ ކާނާ މުއްސަނދިކުރެވޭނެ ގޮތުގެ ދިރާސާއެއް ވަނީ، ކައިރި ރަށެއްގައި ތަޖުރިބާ ކުރެވިފައެވެ. އެހެންނަމަވެސް، މުޅިރަށުގެ ބިން އެއްކޮށް، ކާނާއިން މުއްސަނދިކުރުމަކީ، އެކަމަށް ހިނގާ ޚަރަދަށް ބަލާއިރު، ކުރެވޭވަރުގެ ކަމެއްނޫނެވެ.
"އަޅުގަނޑުމެންނަށް، ސަލާމަތްވުމަށް އޮތް، ހަމައެކަނި މަގަކީ، އަޅުގަނޑުމެންގެ ޞިނާޢަތުތައް ތަރައްޤީކޮށް ކުރިއެރުވުމެވެ."
ފައިލޭރިއާ ޖެހިފައިތިބި މީހުންގެ މަސްއަލަ ބޮޑުވެފައިވުމާއެކު، ދާދިމިދާކަށްދުވަހު، ޑަބްލިޔޫ އެޗް އޯގެ ތަޖުރިބާކާރެއްގެ އެހީވަނީ ހޯދާފައެވެ. އަދި އެކަމާބެހޭ ރިޕޯރޓެއްވެސް ވަނީ އެކުލަވައިލެވިފައެވެ.
(ނުނިމޭ)