ދުނިޔޭގެ ޗެމްޕިއަނުންނަށް ބަލާ އިރު ވާދަ ކުރާ ގިނަ މީހުންގެ ކިބައިގައި ހުންނަ ޤާބިލިއްޔަތާއި ހުނަރުގައި މާ ބޮޑު ތަފާތެއް ނުހުރެއެވެ. އެންމެންނަށް ލިބެނީ ދާދި އެއް ވަރެއްގެ ތަމްރީނު ތަކެކެވެ. އެހެން ކަމަށް ވާ ނަމަ އެކަކަށް ކާމިޔާބީ ލިބިފައި އަނެކަކަށް ނާކާމިޔާބީ އާ ކުރިމަތި ލާން ޖެހެނީ ކީއްވެގެންތޯއެވެ؟ މި ސުވާލަށް ޖަވާބެއް ހޯދޭތޯ އެމެރިކާ ގައި އެކި ކަހަލަ ދިރާސާ ތައް ކުރެވެމުން ދާތާ އެތައް އަހަރެއް ވެއްޖެއެވެ. މި މަސައްކަތުގައި އުޅުނު ސައިންސްވެރިން ވަނީ އެ މީހުންގެ ހޯދުންތަކުގެ ރިޕޯޓެއް ދާދި ފަހުން ޝާއިޢު ކޮށްފައެވެ.
އެ މީހުން ދިރާސާ ކުރުމަށްޓަކައި ބަނޑުމުސާރަ އަށް ބެއްދުމުގައި ދުނިޔެއަށް މަޝްހޫރު މީސް މީހުން އެއް ކުރިއެވެ. އަދި އެ މީސް މީހުންގެ ހަށިގަނޑުގެ ބާރާއި ނަފްސާނީ ގޮތުން ތައްޔާރު ވެފައިވާ މިންވަރު ހޯދައި ބެއްޔެވެ. މުބާރާތް ތަކުގައި ކާމިޔާބީ ހޯދާ މީހުންނާއި ނާކާމިޔާބީ އާ ކުރިމަތިލާ މީހުންނާ ދެމެދު ހުރި މައިގަނޑު ތަފާތަކަށް އެ މީހުންނަށް ފެނުނީ އެންމެ ކަމެކެވެ. އެއީ ޖިސްމާނީ ތަފާތެއް ނޫނެވެ. އެ ތަފާތަކީ މޮޅުވުމާއި ދެރަވުން ކަނޑައަޅާ ތަފާތަކަށް އޮތީ ވެފައެވެ. އެ މީހުންނަށް ފާހަގަ ކުރެވުނު ގޮތުގައި ކާމިޔާބީ ހޯދާ މީހުން ތިބެނީ އެ މީހުންގެ އަމިއްލަ ނަފްސު ވަރަށް ރަނގަޅަށް ކޮންޓުރޯލު ކޮށްގެންނެވެ. އަމިއްލަ ނަފްސުގެ މައްޗަށް ވަރަށް ފުރިހަމަ ބާރެއް ފޯރުވައިގެންނެވެ. އެ ރިޕޯޓު ނިންމައިލައިފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.
"ނާކާމިޔާބީއާ ކުރިމަތިލާ މީހުން ތިބެނީ (މުބާރާތެއްގައި) ވާދަ ކުރަން ފެށުމުގެ ކުރީއްސުރެ ނަފްސާނީ ހާސް ކަމެއްގެ ތެރެއަށް ގެނބިފައެވެ. ސިކުނޑި ހުންނަނީ ފުރިފައެވެ. މިޔާ ޚިލާފަށް ކާމިޔާބީ ހޯދާ މީހުން ތިބެނީ ހިތް ހަމަޖެހިފައެވެ. ޚިޔާލާތު ހުންނަނީ ހެއު މިސްރާބަށް އެނބުރިފައެވެ." (ދަ ޓައިމްސް އޮފް އިންޑިއާ، 26 ޖުލައި 1981) މިއީ މުޅި ދިރިއުޅުމަށް ފެއްތިދާނޭ މިސާލެކެވެ. ދެ މީހަކު ނުވަތަ ދެ ޖަމާޢަތެއްގެ މެދުގައި ޚިޔާލު ތަފާތުވެގެން ދާ އިރު، އެއް ބަޔަކަށް ކާމިޔާބީ ލިބުމުގެ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ މާއްދީ ސަބަބު ތަކެއް ނޫނެވެ. ސަބަބަކަށް ވެފައި އޮންނަނީ ތަޢުލީމާއި ނަފްސާނީ ގޮތުން އެ ބަޔަކު ތައްޔާރު ވެފައިވާ މިންވަރެކެވެ.
ހާސިލު ކުރަން އުޅޭ ލަނޑުދަނޑި އަކީ ބުރަ މަސައްކަތުން ހާސިލު ކުރަން އެކަށީގެންވާ ލަނޑުދަނޑިއެއްކަމުގެ ޔަގީންކަން ހިތުގައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެޔާއެކު ދައްކާ ވާހަކައާއި ކުރާ ކަންތައްތަކާ ދިމާ ވާންވާނެއެވެ. ވިސްނުން ހުންނަން ވާނީ ކުނި ބުނިން ސަލާމަތް ވެފައެވެ. ކިތަންމެ ބޮޑު މައްސަލައަކާ ކުރިމަތިލާން ޖެހުނަސް މި ސިފަތަކުން ދުރަށް ގޮސްގެން ނުވާނެއެވެ. ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބީ ހާސިލު ކުރެވޭނީ މި ސިފަތަކުގައި ބާރަށް ހިފަހައްޓައިގެން ތިބެ ކުރިއަށް ދިޔައީމައެވެ. ނާކާމިޔާބީ އާ ދުރަށް ދެވެން އޮތް ހަމައެކަނި ގޮތަކީ މިއީއެވެ. (ތަރުޖަމާއެއް)