ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގައި ނުފެންނަ ޞަފުޙާތައް (15)

ރަސްކަމުގެ ކޮއިލުތެރޭ ނާޗަނރަގީ ކުޅޭ މީހުން

(12 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

 

ދަ ސިލޯނު އޮބްޒަރވަރ ، ހުކުރުދުވަހުގެ ހަވީރު ، ޖެނުއަރީ 2 ، 1953

ދިވެހި ޖުމްހޫރިއްޔާ އިޢުލާންކޮށްފި

(އަޅުގަނޑުމެންގެ ޚާއްޞަ މުރާސިލު)

މާލެ، ޖެނުއަރީ 1

"ޤައުމެއް ތަރައްޤީވެ ކުރިއަރައިދާނީ، އެޤައުމެއްގައި ޤާއިމް ކުރެވިފައި އޮންނަ ސަރުކާރެއްގެ ނުވަތަ ވެރިކަން ހިންގުމުގެ ބާވަތަކުންނޫންކަން ހަނދާން ނައްތައިނުލަމާތޯއެވެ !  އަދި ކިއެއްތޯއެވެ !  ޤައުމެއް ތަރައްޤީވެ ކުރިއަރައިދާނީ ސަރުކާރު ހިންގާ ބަލަހައްޓާ ގޮތަކުންނެވެ." އާ ޖުމްހޫރިއްޔާ އިޢުލާންކުރުމަށް، މާލޭގައި އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އާ ޖުމްހޫރިއްޔާގެ ރައީސް މރ. އަމީން ދީދީ ވިދާޅުވިއެވެ.

އޭގެ ކުރިން، ވެރިކަމުގެ ބާރު ( އޮފީސް ) ރަމްޒުކޮށްދޭ ކަނޑި، މރ. އަމީން ދީދީ އާ ޙަވާލުކޮށްދެއްވައި، ރައީސްކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ. ދިވެހި ބޭންޑްގައި ޤައުމީ ސަލާމް ކުޅުމަށްފަހު، ދިވެހިރާއްޖޭގެ އައު ރައީސަށް 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އޭގެ ފަހުން، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ކުރެވޭ އައު މުޢާހަދާގައި، އިނގިރޭސި ވިލާތުގެ ހައިކޮމިޝަނަރ، ސަރ ސައިޔަރސް އާއި، މރ. އަމީން ދީދީ ސޮއި ކުރެއްވިއެވެ.

ހަލަބޮލި ދުނިޔެއެއްގައި މިނިވަންކަން

“ދުނިޔޭގެ މިއަދުގެ މަޝްރަޙަށް ބާލައިލާއިރު، އެތައް ބަޔަކު މިނިވަންކަން ނެތި ތިބިކަން ފާހަގަ ކުރުމަކީ ބޭނުމެއް ނެތް ކަމެއް ނޫނެވެ.” މުޢާހަދާގައި ސޮއިކުރެއްވުމަށްފަހު، ސަރ ސެސިލް ސައިޔަރސް ވިދާޅުވިއެވެ.”އިނގިރޭސި ކޮމަންވެލްތުގެ ޤައުމުތަކާ ގާތްގުޅުމެއް އޮތް މިޖަޒީރާ ރަށްތަކުގެ އަހުލުވެރިންނަށް، އެމީހުން ބޭނުންވާ ގޮތަކަށް އެމީހުންގެ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން މިވަނީ ލިބިފައެވެ.”

“މި އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލެއްގެ ނަތީޖާ ކަމަށްވިޔަސް، ދެ ޤައުމުގެ ދެމެދުގައި އޮތް ދާއިމީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މަތިން ހަނދުމަކޮށްލުމަކީ ނެތްކަމެއްނޫނެވެ. މިގުޅުމަކީ، ކްއީން ވިކްޓޯރިއާގެ ރަނިކަމުގައި، ސިލޯނުގެ ގަވަރުނަރާއި، ދިވެހި ރަދުންގެ މެދުގައި ބަދަލުކުރެވުނު ސިޓީތަކުން ކަނޑައެޅި އުފެދިގެން އައިސް، އިނގިރޭސި ރަސްގެފާނު ޖޯޖު VI ގެ ރަސްކަމުގައި ޤަބޫލުކޮށް، އެރަދުންގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު 1948 ގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ މައްޗަށް ބިނާވެ،  އުފެދިފައި އޮތް ޒަމާންވީ ގުޅުމެކެވެ.”ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިއެވެ. ”ކުރީގެ އެއްބަސްވުމެކޭ އެއްގޮތަށް، އިނގިރޭސި ރާނީގެ ސަރުކާރުގެ ރައްކާތެރިކަމާއި ޙިމާޔަތް، އާ އެއްބަސްވުމުގެ ދަށުންވެސް ދިވެހިރާއްޖެއަށް ލިބޭނެއެވެ."

ކުލަކުލައިގެ ރީތި ނަލަހެދުންތައް

އެންމެ ފުރަތަމަ، ދަރުބާރަށް ޙާޟިރުވެވަޑައިގަތީ، ބޮޑެތި ރަށްރަށުން ވަޑައިގެން ތިއްބެވި، އަތޮޅުވެރިންނެވެ. އަތޮޅުވެރިން ތިއްބެވީ، ރަނާއި ގަދަރަތްކުލައިގެ ގިރުވާންލާފައިހުރި، ދަޅައަޅާ ނޫކުލައިގެ ގަމީސްލައި މުންޑު އަނދެ،  ވަރަށް ނަލަހެދިގެންނެވެ. ދެން ފެނިގެންދިޔައީ، އެޗް .އެމް. އެސް ވިޖެޔާއަށް ނިސްބަތްވާ، ސިލޯނުގެ ކަނޑުގެ ސިފައިންނެވެ. މިފައުޖު މަޑުކޮށްގެންތިބީ ހޯލުގެ ބޭރުގައި އެތުރިލައިގެންނެވެ. ކުޑަ ހިނދުކޮޅެއްފަހުން، ދިވެހި ސިފައިން އައިސް، ސިލޯނުގެ ކަނޑުގެ ސިފައިންގެ ފަހަތުގައި އެތުރިލިއެވެ. އެމީހުންނާއެކު، ދިވެހި ކެޑޭޓުންގެ ޖަމާޢަތެއްވެސް އައެވެ. އެއަށްފަހު ދެން އައީ  ދިވެހި ސިފައިންގެ ބޭންޑެވެ. ދެން އޭގެފަހުން، އަށް ޖިންސުއްލަތީފުންވެސް ހިމެނިގެން، އެކުލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ 48 މެންބަރުން، މަޖިލިސްކުރާގެއިން ނުކުމެވަޑައިގެން، ހިންގަވާފައި ދަރުބާރަށް ވަޑައިގަތެވެ. އެބޭފުޅުންގެ ފަހުން ދެން ވަޑައިގަތީ، ޤާނޫނުހަދާ މަޖިލީހުގެ ރައީސާ، ފާތިމަތު އިބްރާހީމް ދީދީ އެވެ. އެކަމަނާ އިސްވެ ހުންނަވައި، ޤާނޫނުހަދާ މަޖިލީހުގެ 8 މެންބަރުންވެސް ވަޑައިގަތެވެ. މީގެ ތެރެއިން 4 ބޭފުޅުންނަކީ ޖިންސުއްލަތީފުންނެވެ. މިއީ ދިވެހި ތާރީޚުގައި އަންހެން ކަނބަލުން، އެއްވެސް ކަމެއްގައި ތަމްސީލުވެގެންދިޔަ ފުރަތަމަ ފަހަރެވެ.

ރަސްމިއްޔާތު

ގަނޑިން 9:45 ހިނގިއިރު، ސަރ ސެސިލް ސައިޔަރސްގެ ދެކަނބަލުން ދަރުބާރަށް ވަޑައިގަތެވެ. އެބޭފުޅުންގެ އަރިހުގައި، މޭޖަރ މޮންތޭގު ޖަޔަވިކްރަމަގެ ދެކަނބަލުންނާއި، އާ ޤާނޫނު އަސާސީ ލިޔުއްވި ސަރ އައިވަރ ޖެނިންގްސް، އަދި ކޮމާންޑަރ ރޮއިސް ޑިމެލް، ދަރުބާރަށް ވަޑައިގެން، އެބޭފުޅުންނަށް ޚާއްޞަކުރެވިފައިހުރި ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގަތެވެ. ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް އޭރު އެތަނަށް ވަޑައިގެން ތިއްބެވިއެވެ.

ދިވެހިރާއްޖޭގެ ބޮޑުވަޒީރު މރ. އަމީން ދީދީ، ދަރުބާރަށް ވަޑައިގަތީ 10:00 ގައެވެ. އެމަނިއްޕުޅުގެ އަރިހުގައި ޕްރައިވެޓް ސެކްރެޓަރީ އާއި އިތުރު 3 އޮފިސަރުން ވަޑައިގަތެވެ. ދަރުބާރުން އެމަނިއްޕުޅާ އިސްތިޤްބާލު ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.

އެއަށްފަހު، ދެންއޮތީ ޚާއްޞަ ދުޢާއެއް ކުރެއްވުމެވެ. މިދުޢާ ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ. އޭގެފަހުން، ވަޒީރެއް ވަޑައިގެން، ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވިއެވެ. އޭގެފަހު، މރ. އަމީން ދީދީއަށް، ދިވެހި ޖުމްހޫރިއްޔާގެ ރައީސްކަމުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ. އަދި އުއްތަމަ ފަނޑިޔާރުގެ އަތްޕުޅުން، މރ. އަމީން ދީދީއަށް ކަނޑިކޮޅެއް އެރުވުނެވެ. މި ކަނޑިކޮޅަކީ، ވެރިކަމުގެ ބާރު (ރައީސްގެ އޮފީސް ) ރަމްޒު ކޮށްދޭ  ކަނޑިކޮޅެކެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ބޭންޑްގައި، ޤައުމީ ސަލާމް ކުޅެވެމުންދިޔައިރު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ.

ރާނީގެ މެސެޖް

ދެން އިވިގެންދިޔައީ، ޢިއްޒަތާއި ޤަދަރު އުފުލިގެންވާ، އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ފޮނުއްވާފައިވާ މެސެޖެކެވެ. މި މެސެޖް އިއްވަވައިދެއްވީ، ސަރ ސެސިލް ސައިޔަރސް އެވެ. މރ. އަމީން ދީދީއަށް އެޑްރެސް ކުރައްވާފައިވާ މިމެސެޖްގައި އެކަމަނާ ވިދާޅުވެފައި ވެއެވެ.

“ދިވެހިރާއްޖޭގެ އައު ޤާނޫނު އަސާސީ އިޢުލާންކުރުމުގެ އުފާވެރި މުނާސަބަތުގައި، އިނގިރޭސި ވިލާތުގެ އެންމެހައި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ދެވިހިރާއްޖޭގެ ރައްޔިތުންނަށާއި، މަނިއްޕުޅަށް، ވަރަށް އިޚުލާޞްތެރިކަމާއެކު، ތަހުނިޔާ އާއި މަރުޙަބާ އަރިސް ކުރަމެވެ. އަޅުގަނޑުމެންގެ ދެޤައުމުގެ ރައްޔިތުންގެ މެދުގައި  ދެޤައުމަށްވެސް ފައިދާހުރި ގޮތުގައި، ޒަމާނުއްސުރެ އުފެދިފައި އޮތް، ޤުދްރަތީ ގާތްގުޅުން، ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެ ހަރުދަނާވެގެން ދިއުމުގެ އުންމީދަކީ، އަޅުގަނޑުގެ ހިތުގެ ހެޔޮ ދުޢާއެވެ. ކުރިމަގުގައި، މަނިއްޕުޅަށް، ރަނގަޅު ހެޔޮ ނަޞީބާއި، ފަހި ވައިރޯޅިއާއި، ހަމަހިމޭން، ކަނޑުމަޑު ދުވަސްތަކަކަށް، އަޅުގަނޑުމެން އެދެމުއެވެ. "

އޭގެކުރިން، ސިލޯނުގެ ބޮޑުވަޒީރު  މރ. ޑަޑްލީ ސެނަނާޔަކަގެ މެސެޖެއްވަނީ ، މރ. އަމީން ދީދީގެ އަތްޕުޅަށް އެރުވިފައެވެ.

ދަ ސިލޯނު ޑެއިލީ ނިއުސް، ހޮނިހިރު، ޖެނުއަރީ 3، 1953

ދިވެހިރާއްޖެ ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެއްޖެ

“އިނގިރޭސިވިލާތާއެކު ވެވުނު އައު މުޢާހަދާ”ވަރަށް އުންމީދީ "

( އަޅުގަނޑުމެންގެ ޚާއްޞަ މުރާސިލު )

މާލެ، ޖެނުއަރީ 1

“ޤައުމެއް ތަރައްޤީވެ ކުރިއަރައިދާނީ، އެޤައުމެއްގައި ޤާއިމް ކުރެވިފައި އޮންނަ ސަރުކާރެއްގެ ނުވަތަ ވެރިކަން ހިންގުމުގެ ބާވަތަކުންނޫންކަން ހަނދާން ނައްތާނުލަމާތޯއެވެ !  އަދި ކިއެއްތޯއެވެ !  ޤައުމެއް ތަރައްޤީވެ ކުރިއަރައިދާނީ ސަރުކާރު ހިންގާ ބަލަހައްޓާ ގޮތަކުންނެވެ.”އައު ޖުމްހޫރިއްޔާ އިޢުލާންކުރުމަށް، މާލޭގައި އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އާ ޖުމްހޫރިއްޔާގެ ރައީސް މރ. އަމީން ދީދީ ވިދާޅުވިއެވެ.

އޭގެކުރިން، މރ. އަމީން ދީދީއަށް، ދިވެހި ޖުމްހޫރިއްޔާގެ ރައީސްކަމުގެ ހުވާލައިދެއްވާ،  އުއްތަމަ ފަނޑިޔާރުގެ އަތްޕުޅުން، މރ. އަމީން ދީދީއަށް ކަނޑިކޮޅެއް އެރުވުނެވެ. މި ކަނޑިކޮޅަކީ، ވެރިކަމުގެ ބާރު (ރައީސްގެ އޮފީސް ) ރަމްޒު ކޮށްދޭ  ކަނޑިކޮޅެކެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ބޭންޑްގައި ޤައުމީ ސަލާމް ކުޅެވެމުންދިޔައިރު، ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަށް، 21 ބަޑީގެ ސަލާމެއް އެރުވުނެވެ.

އެއަށްފަހު، މރ. އަމީން ދީދީ އާއި، ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ ސެސިލް ސައިޔަރސް، އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވެވުނު އާ މުޢާހަދާގައި ސޮއި ކުރެއްވިއެވެ.

“ދުނިޔޭގެ މިއަދުގެ މަޝްރަޙަށް ބާލައިލާއިރު، އެތައް ބަޔަކު މިނިވަންކަން ނެތި ތިބިކަން ފާހަގަ ކުރުމަކީ ބޭނުމެއް ނެތް ކަމެއް ނޫނެވެ. “ މުޢާހަދާގައި ސޮއިކުރެއްވުމަށްފަހު، ސަރ ސެސިލް ސައިޔަރސް ވިދާޅުވިއެވެ.”އިނގިރޭސި ކޮމަންވެލްތުގެ ޤައުމުތަކާ ގާތްގުޅުމެއް އޮތް މިޖަޒީރާ ރަށްތަކުގެ އަހުލުވެރިންނަށް، އެމީހުން ބޭނުންވާ ގޮތަކަށް އެމީހުންގެ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން މިވަނީ ލިބިފައެވެ. "

“މި އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލެއްގެ ނަތީޖާ ކަމަށްވިޔަސް، ދެ ޤައުމުގެ ދެމެދުގައި އޮތް ދާއިމީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މަތިން ހަނދުމަކޮށްލުމަކީ ނެތްކަމެއްނޫނެވެ. މިގުޅުމަކީ، ކްއީން ވިކްޓޯރިއާގެ ރަނިކަމުގައި، ސިލޯނުގެ ގަވަރުނަރާއި، ދިވެހި ރަދުންގެ މެދުގައި ބަދަލުކުރެވުނު ސިޓީތަކުން ކަނޑައެޅި އުފެދިގެން އައިސް، އިނގިރޭސި ރަސްގެފާނު ޖޯޖު VI ގެ ރަސްކަމުގައި ޤަބޫލުކޮށް، އެރަދުންގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު 1948 ގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ މައްޗަށް ބިނާވެ،  އުފެދިފައި އޮތް ޒަމާންވީ ގުޅުމެކެވެ.”ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އޭނާ ވިދާޅުވިއެވެ.

ކުލަކުލައިގެ ރީތި ނަލަހެދުންތައް

އެންމެ ފުރަތަމަ ދަރުބާރަށް ޙާޟިރުވެވަޑައިގަތީ، ބޮޑެތި ރަށްރަށުން ވަޑައިގެން ތިއްބެވި، އަތޮޅުވެރިންނެވެ. އަތޮޅުވެރިން ތިއްބެވީ، ރަނާއި ގަދަރަތްކުލައިގެ ގިރުވާންލާފައިހުރި، ދަޅައަޅާ ނޫކުލައިގެ ގަމީހާއި މުންޑުގައި ވަރަށް ނަލަހެދިވަޑައިގެންނެވެ. ދެން ފެނިގެންދިޔައީ، އެޗް .އެމް. އެސް ވިޖެޔާއަށް ނިސްބަތްވާ، ސިލޯނުގެ ކަނޑުގެ ސިފައިންނެވެ. މިފައުޖު މަޑުކޮށްގެންތިބީ ހޯލުގެ ބޭރުގައި އެތުރިލައިގެންނެވެ. ކުޑަ ހިނދުކޮޅެއްފަހުން، ދިވެހި ސިފައިން އައިސް، ސިލޯނުގެ ކަނޑުގެ ސިފައިންގެ ފަހަތުގައި އެތުރިލިއެވެ. އެމީހުންނާއެކު، ދިވެހި ކެޑޭޓުންގެ ޖަމާޢަތެއްވެސް އައެވެ. އެއަށްފަހު ދެން އައީ  ދިވެހި ސިފައިންގެ ބޭންޑެވެ. ދެން އޭގެފަހުން، އަށް ޖިންސުއްލަތީފުންވެސް ހިމެނިގެން، އެކުލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ 48 މެންބަރުން، މަޖިލިސްކުރާގެއިން ނުކުމެވަޑައިގެން، ހިންގަވާފައި ދަރުބާރަށް ވަޑައިގަތެވެ. އެބޭފުޅުންގެ ފަހުން ދެން ވަޑައިގަތީ، ޤާނޫނުހަދާ މަޖިލީހުގެ 8 މެންބަރުންނެވެ އިސްވެ ހުންނެވީ، ޤާނޫނުހަދާ މަޖިލީހުގެ ރައީސާ، ފާތިމަތު އިބްރާހީމް ދީދީ އެވެ. މީގެ ތެރެއިން 4 ބޭފުޅުންނަކީ ޖިންސުއްލަތީފުންނެވެ. މިއީ ދިވެހި ތާރީޚުގައި އަންހެން ކަނބަލުން، އެއްވެސް ކަމެއްގައި ތަމްސީލުވެގެންދިޔަ ފުރަތަމަ ފަހަރެވެ.

އެއަށްފަހު، ދެންއޮތީ ޚާއްޞަ ދުޢާއެއް ކުރެއްވުމެވެ. މިދުޢާ ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ. އޭގެފަހުން، ވަޒީރެއް ވަޑައިގެން، ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު، މރ. އަމީން ދީދީއަށް، ދިވެހި ޖުމްހޫރިއްޔާގެ ރައީސްކަމުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ. އަދި އުއްތަމަ ފަނޑިޔާރުގެ އަތްޕުޅުން، މރ. އަމީން ދީދީއަށް ކަނޑިކޮޅެއް އެރުވުނެވެ. މި ކަނޑިކޮޅަކީ، ވެރިކަމުގެ ބާރު (ރައީސްގެ އޮފީސް ) ރަމްޒު ކޮށްދޭ  ކަނޑިކޮޅެކެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ބޭންޑްގައި ޤައުމީ ސަލާމް ކުޅެވެމުންދިޔައިރު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ.

ރާނީގެ މެސެޖް

ދެން އިވިގެންދިޔައީ، ޢީއްޒަތާއި ޤަދަރު އުފުލިގެންވާ، އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ފޮނުއްވާފައިވާ މެސެޖެކެވެ. މި މެސެޖް އިއްވަވައިދެއްވީ، ސަރ ސެސިލް ސައިޔަރސް އެވެ. މރ. އަމީން ދީދީއަށް އެޑްރެސް ކުރައްވާފައިވާ މިމެސެޖްގައި އެކަމަނާ ވިދާޅުވެފައި ވެއެވެ.

“ދިވެހިރާއްޖޭގެ އާ ޤާނޫނު އަސާސީ އިޢުލާންކުރުމުގެ އުފާވެރި މުނާސަބަތުގައި، އިނގިރޭސި ވިލާތުގެ އެންމެހައި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ދެވިހިރާއްޖޭގެ ރައްޔިތުންނަށާއި، މަނިއްޕުޅަށް، ވަރަށް އިޚުލާޞްތެރިކަމާއެކު، ތަހުނިޔާ އާއި މަރުޙަބާ އަރިސް ކުރަމެވެ. އަޅުގަނޑުމެންގެ ދެޤައުމުގެ ރައްޔިތުންގެ މެދުގައި  ދެޤައުމަށްވެސް ފައިދާހުރި ގޮތުގައި، ޒަމާނުއްސުރެ އުފެދިފައި އޮތް، ޤުދްރަތީ ގާތްގުޅުން، ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެ ހަރުދަނާވެގެން ދިއުމުގެ އުންމީދަކީ، އަޅުގަނޑުގެ ހިތުގެ ހެޔޮ ދުޢާއެވެ. ކުރިމަގުގައި، މަނިއްޕުޅަށް، ރަނގަޅު ހެޔޮ ނަޞީބާއި، ފަހި ވައިރޯޅިއާއި، ހަމަހިމޭން، ކަނޑުމަޑު ދުވަސްތަކަކަށް، އަޅުގަނޑުމެން އެދެމުއެވެ."

ސިލޯނުގެ ބޮޑުވަޒީރުގެ މެސެޖް

ތިރީގައި ނަކަލު ކުރެވިފައިވާ، ސިލޯނުގެ ބޮޑުވަޒީރު  މރ. ޑަޑްލީ ސެނަނާޔަކަ ފޮނުއްވި މެސެޖް ކުރިން ވަނީ މރ. އަމީން ދީދީގެ އަތްޕުޅަށް އެރުވިފައެވެ. މިމެސެޖް މރ. އަމީން ދީދީގެ އަތްޕުޅަށް އެރުއްވީ، ޕާލަމެންޓްރީ ސެކްރެޓަރީ  ޓު ދަ މިނިސްޓަރީ އޮފް ޑިފެންސް އެންޑް އެކްސްޓަރނަލް އެފެއަރޒް މރ. މޮންޓޭގު ޖަޔަވިކްރަމަ އެވެ.

މަނިއްޕުޅުގެ ރާއްޖެ ޖުމްހޫރިއްޔާއަކަށް ބަދަލުވުމުގެ ރަސްމީ މުނާސަބަތާގުޅިގެން، އަޅުގަނޑުމެންގެ މަންދޫބު، މރ. މޮންޓެގޫ ޖަޔަވިކްރަމަ މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންނަށާއި މަނިއްޕުޅުގެ ސަރުކާރަށް، މަރުޙަބާއާއި ތަހުނިޔާ ދެންނެވުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި، އަޅުގަނޑު ވަރަށް އުފާކުރަމެވެ.

ސިލޯނާއި ރާއްޖެއަކީ، ޒަމާންތަކެއްވަންދެން ވަރަށް ގާތްގުޅުމެއް، ދެޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ދެޤައުމެކެވެ. އަދި ދާދި މިދާކަށްދުވަހު، މިނިވަންކަން ލިބުނު ޤައުމެއްގެ ހައިޞިއްޔަތުން، ދިވެހިން މިއަދު އިޙުސާސްކުރަމުންގެންދާ މިނިވަންކަމުގެ ރަހައިގެ އުފަލާއި ފަޚުރުވެރިކަން، އަޅުގަނޑުމެން، ސިލޯނު މީހުންވެސް ޙިއްޞާ ކުރަމުއެވެ.

މިނިވަންކަން ލިބިގެންވާ ޤައުމުތަކުގެ ސަފުގައި، ދިވެހިރާއްޖެއަށް ޙައްޤު މަޤާމު ލިބިގެންދިއުމަށް އަޅުގަނޑުމެން އެދެމުއެވެ. އަދި އަދި މަނިއްޕުޅަށާއި މަނިއްޕުޅުގެ އެކުވެރިންނަށް، ބާއްޖަވެރި މުސްތަޤްބަލެއް އެދެމެވެ. އަޅުގަނޑުގެ އިޙުތިރާމާއި ހެޔޮއެދުންތައް، މަނިއްޕުޅަށް، ކަށަވަރުކޮށް އަރިސްކުރުމަށް މިފުރުޞަތުގެ ބޭނުން ހިފީމެވެ.

ރައީސްގެ ޖަވާބު

އަޅުގަނޑުމެންގެ އައު ޤާނޫނު އަސާސީ އިފްތިތާޙުކުރުމުގެ މުނާސަބަތުގައި، މަނިކުފާނުގެ މަންދޫބު، މރ. މޮންޓެގޫ ޖަޔަވިކްރަމަ މެދުވެރިކުރައްވައި، ސިލޯނު ސަރުކާރާއި ރައްޔިތުންގެ ފަރާތުން، އަޅުގަނޑަށާއި ދިވެހިރައްޔިތުންނަށް، ހޫނު މަރުޙަބާއެއް ވިދާޅުވެ، ފޮނުއްވި އިޚުލާޞްތެރި ސިޓީއަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދެންނެވުމުގެ އިޒުނަދެއްވާށެވެ. މަނިއްޕުޅު އަޅުގަނޑަށް ރަނގަޅަށް ހަނދާންކޮށްދެއްވި ފަދައިން، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި އަބަދުވެސް ޤާއިމްވުފައި އޮތީ ވަރަށް ގާތް އެކުވެރި ގުޅުމެކެވެ. އަޅުގަނޑުމެންގެ މިގުޅުން، އަހަރުން އަހަރަށް  އިތުރަށް ބަދަހިވެގެންދާނެ ކަމާމެދަކު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.