ޔޫރޯ 2020 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކުރުމަށް ފަހު އިޓަލީ ފައިނަލަށް ހިނގައްޖެއެވެ. ފައިނަލުގައި އިޓަލީއާ ބައްދަލު ކުރާނީ މިރޭ އިންގްލެންޑާއި ޑެންމާކް ކުޅެގެން މޮޅުވާ ޓީމަކާއެވެ. މިއީ އިޓަލީ ފައިނަލުން ޖާގަ ހޯދި މި ފެންވަރުގެ 10 ވަނަ މުބާރާތެވެ. އެއީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ހަތަރު ފަހަރާއި ވޯލްޑްކަޕްގައި ހަ ފަހަރުއެވެ. ސްޕެއިން ސެމީ ފައިނަލުގައި ކުޅެފައި ފައިނަލަށް ނުގޮސް ކަޓާފައި ވަނީ މި ފަހަރު އެކަންޏެވެ.
ރޭ މެންދަމު ކުޅުނު މެޗު ފެށިގެން ފުރަތަމަ ހާފު ނިމެންދެން މެޗު ކޮންޓަރޯލުކޮށްގެރން ކުޅެމުން ގެންދިޔައީ ސްޕެއިނުންނެވެ. މުޅި ހާފުގައި ކަހަލަ ގޮތަކަށް ބޯޅަ އޮތީ އިޓަލީ ފަޅީގައެވެ. އިޓަލީން މަސައްކަތް ކުރަމުން ގެންދިޔައީ ދޭތެރެދޭތެރެއިން ލިބޭ ކައުންޓަރ އެޓޠޭކެއްގައި ލަނޑެއް ޖަހާށެވެ.
ދެވަނަ ހާފު ފެށިގެންވެސް އިޓަލީ ކުޅެމުން ގެންދިޔައީ ދިފާއީ ކުޅުމެކެވެ. އެކަމަކު ފުރަތަމަ ހާފަށްވުރެ މާ ރަނގަޅަށް މެދުތެރެއިން ކުޅެން ފެއްޓިއެވެ. ސްޕެއިން ކުޅެމުން ގެންދިޔައީ ފުރަތަމަ ހާފުގައިވެސް ކުޅުނު ހަލުއި ކުޅުމެވެ. އިޓަލީ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓުގައެވެ. މި ލަނޑު ޖެހީ ކިއޭސާއެވެ.
ލަނޑު ޖެހުމަށް ފަހު އިޓަލީން އަނެއްކާވެސް ދިފާއަށް ބޮޑަށް ސަމާލުކަން ދިނުމާއެކު ސްޕެއިން ކުރިއަށްވުރެ ރަނގަޅަށް ކުޅެން ފެށްޓިއެވެ. ހަމަލާތައް ވަރުގަދަކޮށް އަވަސް ކުރަމުން ގެންދިޔައެވެ. އިޓަލީގެ ފަހަތަށް ބާރުބޮޑުވަމުން ގޮސް އެންމެ ފަހުނ މެޗު އެއްވަރު ކުރި ލަނޑު ޖަހާފައި ވަނީ 80 ވަނަ މިނިޓުގައި މޮރާޓާއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ވުމާއެކު އިތުރު ގަޑީގެ ގޮތުގައި ފަނަރަ މިނިޓުގެ ދެ ހާފު ކުޅުނެވެ. މި ދެ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. މި ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ހަމަލާއަށް ސަމާލުކަން ދީގެން ދެ ޓީމުންވެސް ކުޅުނެވެ. އެހެންނަމަވެސް ފަހު ހާފުގައި ބޮޑަށް ސަމާލުކަން ދިންތަން ފެނުނީ ދިފާއަށެވެ.
އިތުރު ވަގުތުވެސް އެއްވަރު ވުމުގެ ސަބަބުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ދެ ޓީމުންވެސް ފުރަތަމަ ޖެހި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. މެޗު މުޅިން ސްޕެއިނަށް ގެއްލުނީ ކުޅުނުއިރު ލަނޑު ޖެހި ކުޅުންތެރިޔާ މޮރާޓާގެ ޕެނަލްޓީންނެވެ. އޭނާ ޖެހި ޕެނަލްޓީ އިޓަލީގެ ގޯލްކީޕަރު މަތަކުރީއެވެ. ބާކީ އޮތީ ޓީމަކަށް އެއް ޕެނަލްޓީއެވެ. އޭރު ނަތީޖާއަކީ 3 ލަނޑު 2 ލަނޑެވެ. އިޓަލީން ޖެހި ހަތަރުވަނަ ޕެނަލްޓީ ޖެހީ ޖޯރްޖީނިއޯއެވެ. އޭނާ ޖެހި ޕެނަލްޓީ ވަނުިމުން ސްޕެއިންގެ ފަހު ޕެނަލްޓީ ނުޖަހައެވެ. މެޗުގެ ފައިނަލް ނަތީޖާއަކީ 4 ލަނޑު 2 ލަނޑުން އިޓަލީ މޮޅުވުމެވެ.
މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ އިންގްލަންޑާއި ޑެންމާކެވެ. މެޗު ފައްޓާނީ މެންދަމު 12 ޖަހާއިރުއެވެ.