ދުނިޔޭގެ އެންމެ އާއިލާ ބޮޑު މީހާ މަރުވެއްޖެ

ޒިއޮނާ ޗަނާ އޭނާގެ އާއިލާއާއެކު

ދުނިޔޭގައި އެންމެ ބޮޑު އާއިލާއެއް އޮތް މީހާ އިިއްޔެ މަރުވެއްޖެއެވެ. އިންޑިޔާގެ މިޒޮރާމް ސްޓޭޓްގެ ޒިއޮނާ ޗަނާ މަރުވި އިރު އޭނާގެ 39 އަނބިންނާއި 94 ދަރިން ތިއްބެވެ.

އުމުރުން 76 އަހަރުގައި އޭނާ މަރުވީ ނޭވާލާން އުނދަގޫވެގެން މިޒޮރާމްގެ ވެރިރަށް އައިޒޯލްގައި ހުންނަ ޓްރިނިޓީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ލޭމަތިވުމާ، ހަކުރުބަލި ހުންނަ ޗަނާ އަށް ފަރުވާދެމުން އައީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

ޒިއޮނާއަކީ 'ޗަނާ ޕާއުލް' ގެ ނަމުގައި ނަސާރާ ދީނުގެ ވަކި ޖަމާއަތެއް ހަދައިގެން އުޅުނު މީހެކެވެ. ނަސާރާ ދީނުގައި އެއް އަނބިންނަށްވުރެ ގިނަ އަނބިން ހުއްދަ ނޫންކަމުގައި ވިޔަސް، އޭނާގެ ޖަމާއަތުން އެެއް އަނބިންނަށް ވުރެ ގިނަ އަނބިން ގެންގުޅުން ހުއްދަ ކުރެއެވެ. މިޒޮރާމްގައި އޭނާއަށް ތަބާވާ 400 މީހުން އެއް އަނބިންނަށްވުރެ ގިނަ އަނބިން ގެންގުޅޭ ކަމަށް ވެއެވެ.

ޒިއޮނާ މަރުވި އިރު އޭނާގެ 14 ޅީދަރިންނާއި، 33 ކާފަދަރިންނާއި، 1 މުނިކާފަދަރި ތިއްބެވެ.

މިހުރިހާ އެންމެން ދިރިއުޅެނީ އޭނާ ބިނާކޮށްފައިވާ ސްކޫލް ހޮސްޓަލަކާ ވައްތަރު ގޭގައެވެ. އަދި އެއާއިލާ އަށް ބޭނުންވާ ކާބޯތަކެތި ހައްދަނީ އެއާއިލާގެ އަމިއްލަ ދަނޑުތަކުގައެވެ. ޒިއޮނާވަނީ އޭނާގެ ދަރިންނާއި ކާފަދަރިން ކިޔަވަން ސްކޫލެއްވެސް ބިނާކޮށްފައެވެ.

އޭނާގެ 26 ދަނބިދަރިން ތިބިއިރު އެެމީހުން ދިރިއުޅެމުން އަންނަނީ ވަކިންނެވެ.

މިޒޮރާމްގެ ބަކްޓައުންގް ތިލަންގްނުއަމް އަވަށުގައި ދިރިއުޅޭ ޒިއޮނާގެ އާއިލީގެ ވެފައި ވަނީ މިޒޮރާމްއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންގެ މަންޒިލަކަށް ވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.