ދާނޭދާނޭޕެ ލިކާހެ ކާނޭވާލޭކަ ނާމް


މިއީ މީގެ ހައެއްކަ އަހަރު ކުރިން ލިޔުނު ލިޔުމެކެވެ. ކޯވިޑް-19 ގެ ހާލަތުގައި އަޅުގަނޑުމެން ގޭގައި ބަންދުވެގެން ދަތި ހާލުގައި ތިބޭ ތިބުމުގައި އަޅުގަނޑުމެން ކުރާ ފިކުރާއި ކުރިމަތިވާ ނާއުއްމީދާއި ހިތާމައަށް ލުޔެއް ލިބިގެންދާ ކަހަލަ ލިޔުންތަކެއް ލިޔެވޭތޯ މަސައްކަތް ކުރަން ގަސްތު ކޮށްފައި ވާތީ ފުރަތަމަ ލިޔުމެއްގެ ގޮތުގައި މި ލިޔުން ޝާއިއު ކޮށްލީއެވެ.


ސުރުޚީގައި އެވަނީ ހިންދީ ލަވައެއްގެ މައިގަނޑުގެ ފުރަތަމަ ބައެވެ. "ދާނޭދާނޭޕެ ލިކާހެ ކާނޭވާލޭކަ ނާމް" މި ޖުމްލައިގެ މާނައަކީ "ކޮންމެ އޮއްޓަރެއްގައިވެސް އެ އޮއްޓަރެއް ކާނޭ މީހެއްގެ ނަން ވަނީ ލިޔެވިފައެވެ."

މިއީ ވަރަށް ބޮޑު ތެދެކެވެ. ﷲ ދުނިޔޭގައި ލައްވައިފައިވާ ކޮންމެ އެއްޗެއްމެ ލައްވައިފައި ވަނީ ވަކި ބޭނުމަކަށްޓަކައެވެ. ރިޒުޤަކީވެސް މީސްމީހުންނަށް "ލިޔުއްވައިފައިވާ" ތަކެއްޗެވެ. ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނީ އެ މީހަކަށްޓަކައި ލިޔުއްވައިފައިވާ އެއްޗެއް، ލިޔުއްވައިފައިވާ މިންވަރަކަށެވެ.

އެ މީހަކަށް ކަނޑައެޅިފައިވާ އެއްޗެއް، އެމީހަކަށް ލިބެނީ ހީވެސް ނުކުރާ ފަދަ ޙައިރާން ކުރުވަނިވި ގޮތަކަށެވެ. ﷲ ކަމަކަށް އިރާދަ ކުރައްވައިފިނަމަ ސަބަބުތައް ފަހި ވެގެން އަންނަނީ ބުއްދިއަށް ގެންނާންވެސް އުނދަގޫ ވާފަދަ ގޮތް ގޮތަށެވެ. ރަނގަޅަށް ބަލައިފިނަމަ މީގެ މިސާލުތައް ވަރަށް ގިނައިން ފެންނާނެއެވެ.

އަޅުގަނޑުގެ ރައްޓެހި އަންހެން ކުއްޖަކަށް ދިމާވީ ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. އެ ކުއްޖާގެ ނަމަކީ ފާތުމަ ކަމަށް ބައްލަވާށެވެ.

ފާތުމަ އެއް ދުވަހަކު އޭނާގެ ރަޙްމަތްތެރި އެހެން ކުއްޖަކާ އެކު ބާޒާރަށް ނުކުމެއްޖެއެވެ. ދެ ކުދިން ހިނގާފައި ދިޔައީ ދަނބުރުއް މަގުން އުތުރަށެވެ. މަޖީދީ މަގަށް ނުކުންނާށެވެ. ކުއްލިއަކަށް ދެ ކުދިންގެ ލޮލުގައި އަޅައިގަތީ ދުވާރުމަތީގައި އޮތް ފަންސާސް ރުފިޔާއެވެ. ދެ ކުދިންނަކީވެސް އިސްކޫލުގައި ކިޔަވާ ކުދިންނެވެ. ފައިސާ ގެންގުޅޭ ކުދިންނެއް ނޫނެވެ. އެހެންވީމާ ފަންސާސް ރުފިޔާއަކީ ވަރަށް ގިނަ ޢަދަދެއްގެ ފައިސާއެވެ. އެހެންވީމާ ދެކޮޅު ހޯދައި ބަލައިލައިފައި އެއް ކުއްޖަކު އެ ފަންސާސް ރުފިޔާ ނަގައިފިއެވެ.

ފައިސާކޮޅެއް އަތުޖެހުމާއެކު "މުދާ ބެހުމުގެ" އަރައިރުން ފެށިއްޖެއެވެ. ބަހާނޭ ނިސްބަތަކާ މެދު ވާހަކަ ދެކެވެން ފަށައިފިއެވެ. މި ޒުވާބެއްގައި އައިސް ދެކުދިން މަޖީދީ މަގަށް ނުކުމެ، މަގުގެ ދެކުނު ފަޅީގައި ހުރި ފިހާރައަކަށް ވަދެއްޖެއެވެ. އެތަނުން ކޮންމެވެސް އެއްޗެއް ގަނެގެން ބަހައިލީމާ ފައިސާ ވެސް ބަހައިލެވުނީ ކަމަށް ބަލައިފައެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ގަނެވޭ ގޮތެއް ނުވިއެވެ. ގަންނާނޭ އެއްޗަކާ މެދުވެސް އެއް ގަލަކަށް އެރޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ފިހާރައިން ނުކުމެއްޖެއެވެ.

ނުކުމެގެން މަޖީދީ މަގުން އިރުމައްޗަށް ހައެއްކަ ފިޔަވަޅު އެޅިތަނާ ލައިގަތީ ވަރަށް ބޮޑު ނުރައްކަލަކާއެވެ. ދުވާރު މަތީގައި ދެ ނަރުވާ ހަލުވައިލަހަލުވައިލާ މި އޮތީ އަންހެނަކަށް ފެންނާނޭ އެންމެ ނުރައްކާތެރި އެއް ސޫތްޕެވެ. އާދެ، ކުރަތްޕެކެވެ. ދެ ކުދިންނަކަށް ކުރަފި ފަސްދީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ނުކެރުނެވެ. ގަނޑުވެފައި ކަހަލަ ގޮތަށް ތިއްބައި، ކުރަފި ޙަރަކާތެއް ކޮށްލައިފިއެވެ. އަދި އުދުހިގެން ގޮސް މިސްރާބު ޖެހީ ސީދާ އެ ކުދިންގެ މޫނާ ދިމާއަށެވެ. ދެކުދިން ގަންނާ ކުރެއްވި ބިރުން ދުއްވާ އެއްޗަކަށްވެސް ބެލުމެއް ނެތި، މަގު ހުރަސްކޮށް ދުއްވައިގެންފިއެވެ. ދެ ވައިސޫރިހެން އެ ދިޔަ ގޮތަށް ގޮސް ބުރަކި ޖައްސައިލީ މަޖީދީ މަގުގެ އުތުރު ފަރާތުގެ ދުވާރު މައްޗަށެވެ.

ހަމަ ނޭވައެއް ލެވި، ބިރު ފިލީމާ ބަލައިލީއިރު މި ތިބެވުނީ ދުވާރުމަތީގައި އިށީނދެގެން އިން ސަލާންޖަހާ މީހެއްގެ ކުރިމަތީގައެވެ. އެ މީހާއަށް އެއްވެސް އެއްޗެއް ނުދީ ދާކަށް ދެ ކުދިންކުރެ ކުއްޖަކަށް ނުކެރުނެވެ. ބިރަކުންނެއް ނޫނެވެ. ހިތުގައި އުފެދުނު ރަޙުމެއްގެ ސަބަބުންނެވެ. އަތުގައި އޮތީ އެއްކަލަ ފަންސާސް ރުފިޔާއެވެ. އެހެންވީމާ ހިންދިރުވައިލައިފައި، އެ މީހާއަށް ފަންސާސް ރުފިޔާ ދީފައި ކުރިއަށް ހިނގައިގެންފިއެވެ.

ނިކަން ވިސްނާވަޑައިގެންބައްލަވާށެވެ! ސަލާން ޖަހާ މީހާއަށް ފަންސާސް ރުފިޔާ ލިބޭނޭ ގޮތް މެދުވެރިވީ ކިހިނެއް ވެގެންތޯއެވެ؟ ކުޑަކުޑަ ކުރަތްޕެއްގެ ސަބަބުންނެވެ. އަދި ކުރަފި ފެނުމުގެ ކުރީން ވީ އަރައިރުމުގެ ސަބަބުންނެވެ. މި ހުންނަނީ ފުންކޮށް ވިސްނައިލައިފި ނަމަ ހާދަހައި ބޮޑު ޢިބުރަތެވެ. އެކަމަކު އަޅުގަނޑުމެންނަކަށް މިހެން ދިމާވާ ކުދިކުދި ކަންތައްތައް ﷲ ގެ މިންވަރުފުޅަކާ ނުއެއްގުޅުވެއެވެ. ދެއްކެނީ ކޮންމެވެސް އެހެން ވާހަކައެކެވެ. މި ހުރިހައި ކަމެއް މެދުވެރިވީ މަގުމަތީގައި އިން ސަލާންޖަހާ މީހާއަށް ފަންސާސް ރުފިޔާ ލިބޭންވެގެން ނޫންތޯއެވެ؟ އެ ދެ ކުދިން މެދުވެރިކުރެއްވީ ސަބަބެއްގެ ގޮތުގައެވެ. އަދި އެ ފަންސާސް ރުފިޔާ މަގުމައްޗަށް ވެއްޓުނު ގޮތް އެއީ މި ވާހަކައަށް ވުރެ މާ އާދަޔާ ޚިލާފު ވާހަކައަކަށް ވުމަކީވެސް ދުރު ކަމެއް ނޫނެވެ.

ދެން ދަންނަވައިލާނީ ސީދާ އަޅުގަނޑަށް ދިމާވި ކަމެއްގެ ވާހަކައެވެ.

އަޅުގަނޑުގެ އަންހެނުން އިނީ ބަލިވެއެވެ. ޑަކްޓަރު ބުނެފައި އޮތީ އަވަހަށް ސްކޭނެއް ހައްދަންޖެހޭކަމުގައެވެ. އެ ދުވަސްވަރުގެ ޙާލަތު ހުރި ގޮތުން ސްކޭންކޮށްލެވޭ ވަރަކަށްވެސް އެ ދުވަހަކު އަޅުގަނޑުގެ އަތުގައި ފައިސާއެއް ނެތެވެ. އެރޭ ނިދީ އެ ފިކުރުގައި އޮވެއެވެ. މަގެއް ދައްކަވާތޯ ދުޢާ ކުރަމުންނެވެ. އަނެއް ދުވަހުގެ ހެނދުނު ނުވައެއް ޖަހަން ވާއިރަށް ސްކޭންކުރަން ދާންޖެހެއެވެ.

ކުއްލިއަކަށް ނިދިން ހޭލެވުނީ މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. އަވަހަށް ބަލައިލެވުނީ ގަޑިއަށެވެ. އޭރު ފަތިހު ފަސްގަޑި ބައި ވަނީއެވެ. ދޮރުގައި ޓަކިޖެހީ މައިދައިތައެވެ. އަޅުގަނޑު ހޯދަން މީހަކު އައިސް ހުރި ވާހަކަ ބުނެފިއެވެ.

އަޅުގަނޑު އަވަސްއަވަހަށް ނުކުމެ ބަލައިލީއިރު ދޮރުމަތީގައި މި ހުންނެނީ މަޑުލު މުޙައްމަދު ވަޙީދެވެ. ވަޙީދަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. ޢުމުރުގެ ތަފާތު ހުރި ކަމުގައި ވިޔަސް އެކަމެއް ނުދައްކަވައެވެ. އަބަދުވެސް އަޅުގަނޑުގެ ޚަބަރު ބައްލަވައި ހައްދަވައެވެ. ވަޙީދުގެ ޚަބަރެއް ނުބެލެނީ އަޅުގަނޑަށެވެ.

ވަޙީދު ބުނުއްވައިފިއެވެ. "ފަތިހު ހިނގާލަން ނުކުމެފައި ނަޢީމުވެސް ގޮވައިގެން ދާނަމޭ ހިތައި އައީއެވެ."

އަޅުގަނޑު ތައްޔާރު ވެގެން ނުކުމެއްޖައީމެވެ. ވަޙީދާއެކު ހިނގަމުން ގޮސް މާލޭ އުތުރު ފަރާތު ބަނދަރު މައްޗަށް ނުކުމެވުނުތަނާ ވަޙީދު ބުނުއްވައިފިއެވެ.

"ކުޑަ ކަމެއްވެސް އެބައޮތެވެ. އަޅުގަނޑު މި އުޅެނީ ޔުނެސްކޯ ޕްރޮޖެކްޓަކާ ޙަވާލު ވެގެންނެވެ. އޭގައި އިނގިރޭސި ބަހުން ޑޮކިއުމެންޓްރީ ސްކްރިޕްޓެއް ލިޔަން އެބަ ޖެހެއެވެ. އެޔާ ނަޢީމު ޙަވާލުވެލައްވަންވީ ނޫންތޯއެވެ؟ އެކަށީގެންވާ އަގެއް ލިބޭނެއެވެ. އަޅުގަނޑު މިއައީ އެޑްވާންސްގެ ގޮތުގައި އެއްހާސް ރުފިޔާ ހިފައިގެންނެވެ."

މިހެން ބުނުއްވައިފައި އަޅުގަނޑަށް އެއްހާސް ރުފިޔާ ދެއްވައިފިއެވެ. ވިސްނާވަޑައިގެންބައްލަވާށެވެ! އަޅުގަނޑަށް އޮތް ފައިސާކޮޅު އަޅުގަނޑާ ހަމަޔަށް ފޮނުއްވެވީ ފަތިހުއެވެ. ﷲ ގެ އިރާދަފުޅަކަށް ވަގުތެއް، ތަނެއް ނޯވެއެވެ. އިރާދަކުރެއްވުމާއެކު އެކަމެއް، އެ އިރާދަކުރެއްވި ގޮތަކަށް ވެ ނިމިދެއެވެ.

މިއީ ރިޒުޤު ދެއްވާ ގޮތުގެ ބައެއް މިސާލެވެ. ކަންތައްތައް ހިނގާ ގޮތާމެދު ވިސްނައި ފިކުރު ކޮށްލީމާ އެނގެނީ ހަމަ އެންމެ ކަމެކެވެ. އެއްވެސް މީހަކަށްޓަކައި ލިޔުއްވައިފައިވާ އެއްޗެއް އެ މީހަކަށް ނުލިބި ނުދާނޭ ކަމެވެ. އަދި ލިޔުއްވައިފައި ނުވާ އެއްޗެއް ހޯދޭނޭ ގޮތެއްވެސް ނޯންނާނޭ ކަމެވެ. ﷲ މީހަކަށް އެއްޗެއް އިރާދަކުރައްވައިފި ނަމަ، އެ ކަމަކަށް ސަބަބުތައް މެދުވެރިކުރައްވައެވެ. އިންސާނާ ހިތަށް ވެސް ނާރާ ފަދަ ގޮތްގޮތަށް ރިޒުގު ތަނަވަސްކޮށްދެއްވައެވެ.

 

ސުރުޚީގައި އަޅުގަނޑު ލިޔުނު ލަވައިގެ މާނަ ވިދާޅުވެލައްވާށެވެ! އަޅުގަނޑު ބަލާފައި ވާނީ ބަހުން ބަހަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި ޖުމުލަ މާނަ ލިޔެވޭތޯއެވެ.

 

ދާނޭދާނޭޕެ ލިކާހެ ކާނޭވާލޭކާ ނާމް
ކޮންމެ އޮއްޓަރެއްގައި ވެސް އެ އޮއްޓަރެއް ކާނޭ މީހެއްގެ ނަން ވަނީ ލިޔެވިފައެވެ.
ލޭނޭ ވާނޭ ކަރޯޅް ދޭނޭ ވާލާ އިކް ރާމް
ކާން ތިބި މީހުންގެ ޢަދަދު އެތައް ކުރޯޑަކަށް އަރައެވެ. ދެއްވަނީ އެންމެ ކަލެކެވެ.

ކިއޯ ކިތުނާ އަމީރް ހޯޔާ ކިތުނާ ޣަރީބް
ކިތަންމެ މުއްސަނދި މީހަކު ވިޔަސް އަދި ކިތަންމެ ފަގީރު މީހަކު ކަމުގައި ވިޔަސް
ކާއޭ އުތުނާހެ ޖިތުނާހެ އުސްކާ ނަސީބް
ކެވޭނީ އެމީހެއްގެ ނަސީބުގައި ލިޔުއްވައިފައިވާ ވަރަކަށެވެ.
އާގޭ މާލިކްގެ ޗަލްތާ ނެހީ ކޮއީ ދާމް
ﷲ ކަމެއް އިރާދަ ކުރައްވައިފީމުން އަހަރެމެން ކުރާނޭ އެއްވެސް ކަމެއް ނޯންނާނެއެވެ.
ލޭނޭ ވާނޭ ކަރޯޅް ދޭނޭ ވާލާ އިކް ރާމް
ކާން ތިބި މީހުންގެ ޢަދަދު އެތައް ކުރޯޑަކަށް އަރައެވެ. ދެއްވަނީ އެންމެ ކަލެކެވެ.

ތެރީ ގިސްމަތުކި ލިއްކީ ހުއީހޭ ކިތާބް
ތިބާގެ ނަސީބުގެ (އެބަހީ ކުރިމަތިވާން ހުރި ކަންތައްތަކުގެ) ފޮތް ވަނީ ލިޔެވިފައެވެ.
ތެރޭ އޭކް އޭކް ދިންކާހޭ އުސްމޭ ހިސާބް
ކޮންމެ ދުވަހަކުމެ ކަލޭ ކުރާނޭ ކަންތައްތަކުގެ ތަފުސީލު އެ ފޮތުގައި ބަޔާންކޮށްފައި ވެއެވެ.
ތެރޭ ބަސްމެ ނަ ސުބާހހޭ ނާ ތޭރީ ޝާމް
ހެނދުނަކީ ކަލޭގެ ބާރުގެ ދަށުގައި އޮތް ވަގުތެއް ނޫނެވެ. އަދި ހަވީރަކީވެސް ކަލޭގެ އެއްޗެއް ނޫނެވެ.

ކަބީ ގަރްމީކި މަވްޖް ކަބީ ބާރިޝްކަ ރަންގް
ބައެއް ފަހަރަށް ދިމާވަނީ ހޫނުކަމުގެ ރާޅާއެވެ. ބައެއް ފަހަރަށް ވާރޭގެ ކުލަވަރެވެ.
އެއިސޭ ޗައްކަރްކޮ ދޭކް ސާރީ ދުނިޔާހެ ދަންގް
މި ކުޅިގަނޑު ދެކޭ މީހެއްގެ ބުއްދި ޙައިރާންކޮށްލައެވެ.
ޗާނދް ސޫރަޖް ޒަމީން ސަބް އުސްކޭ ޣުލާމް
ހަނދާއި އިރާއި ބިމާއި ދެންވެސް ހުރިހައި އެއްޗެއްސަކީ އެ ފަރާތުގެ އަޅުންނެވެ.

 

އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވާ ދަތި ހާލަތުގައި އެއްގޮތަކަށްވެސް އުއްމީދު ކަނޑުއްވައި ނުލައްވާށެވެ. ﷲ ތަޢާލާ އަޅުގަނޑުމެން ދުނިޔޭގައި ލައްވައިފައި ދޫކޮށްލެއްވީއެއް ނޫނެވެ. ހުރިހައި ކަމެއް މޮޅަށް ބައްލަވައިވޮޑިގެންވާ ފަރާތަކީ އެއީއެވެ. އިޚްލާސްތެރިކަމާއެކު އެކަލާނގެއަށް ދަންނަވަމުން ގެންދަވާށެވެ. ހާލަތު ބަދަލުކުރެއްވުމަކީ އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާ ކަމެއްކަން ހަނދުމަފުޅު ކުރައްވާށެވެ. އެއްވެސް މީހަކަށް އެމީހަކަށް އުފުލަން ކުޅަދާނަ ވެގެންވާ ވަރަށްވުރެ ބޮޑު ބުރައެއް ނުޖައްސަވާނޭ ކަމުގައި ވަނީ އަންގަވައިފައެވެ. މުސީބާތާއި އުފާވެރި ހާލަތަކީވެސް އިމްތިހާނެކެވެ. މިހާރު ކުރިމަތި ކުރައްވައިފައިވާ ބަލިމަޑުކަންވެސް ﷲ ގެ ރަޙްމަތްފުޅާއެކު ނެތިގެން ދާނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމާއެކު ގިނަގިނައިން ދުޢާ ކުރައްވާށެވެ.

 

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.