
ކުރީގެ ސޯވިއެޓް ޔުނިއަން ރޫޅިގެން ދިޔައިރު މިނިވަންވި، މެދުތެރޭ އޭޝިޔާގެ މުސްލިމް ދެ ގައުމުކަަމަށްވާ ތަޖިކިސްތާނާއި، ކިރްކިޒްސްތާން ހަމަލާ ބަދަލުކުރުން ހުއްޓާލައި ފުރިހަމަ ސުލްހައަކަށް އެއްބަސްވެއްޖެއެވެ. މިފަދަ އެއްބަސްވުމަކާ ހަމައަށް ދެ ގައުމަށް އާދެވިފައި މިވަނީ ފާއިތުވި ހަފުތާގައި ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކެއްގައި 49 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވުމަށްފަހު، ދެ ގައުމުންވެސް ސަރަހައްދީ ރޮނގަށް ސިފައިން ޖަމާކުރަން ފަށާފައި ވަނިކޮށެވެ.
ދަނޑު ބިމާއި ފެނުގެ މައްސަލައިގައި ދެ ގައުމުގެ މީހުންގެ މެދުގައި ސަރަހައްދީ ރޮނގުގައި އަރައިރުމާއި ތަޅައިފޮޅުން ދޭތެރެ ދޭތެރޭން ހިނގައެވެ. އަދި މިފަދަ އަރައިރުމުގެ ތެރެއަށް ދެ ގައުމުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންވެސް ބައެއް ފަހަރު ވަދެއެވެ. އެެެހެންނަމަވެސް، ފާއިތުވި ހަފުތާގެ ތެރޭގައި މި ފަދަ އަރައިރުމެއް މިވަނީ ކޮންޓުރޯލުން ނެއްޓި ބޮޑު އަސްކަރީ ކުރިމަތިލުމަކަށް ބަދަލުވެފައެވެ. އަދި ދެ ގައުމު މިނިވަންވުމަށް ފަހު މިވީ 30 އަހަރުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމަށް ވެފައެވެ.
ސުލްހައިގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރީ ދެ ގައުމުގެ ސަލަމާތީ ކަންކަމާ ބެހޭ އިސްވެރިން ކިރްގިޒްސްތާނުގައި ބައްދަލުކުރެއްވުމަށް ފަހުގައެެވެ. އަދި ތަޖިކިސްތާނުގެ ރައީސު އިމާމަލީ ރަހްމާންއާއި ކިރްގިޒްސްތާނުގެ ރައީސު ސަދީރް ޖަޕަރޯވް ވަނީ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި ވާހަކަފުޅުދައްކަވާފައެވެ.
"ސަރަހައްދީ ރޮނގުގައި ހިނގި ހިތާމަވެރި ހާދިސާ ދެން ދުވަހަކުވެސް ހިނގައިގެން ނުވާނެ." ކިރްގިޒްސްތާނުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު ވާހަކަދައްކަވަމުން ތަޖިކިސްތާނުގެ ސްޓޭޓް ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ވެރިޔާ ސައިމޫމިން ޔަޓިޔޭވް ވިދާޅުވިއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވަނީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި މަސްރަހު ފިނިކުރުމާ ގުޅޭ ގޮތުން ވާހަކަފުދައްކަވާފައެވެ.
ތަޖިކިސްތާނާއިި، ކިރްގިޒްސްތާނާއި ދެ ގައުމުކީވެސް ރަޝިޔާ އިސްވެ އޮވެ ކުރިން އުފައްދާފައި އޮތް ސޮވިއެޓް ޔުނިއަން (ރޫސީވިލާތް) ގައި ހިމެނުނު ދެ ގައުމަށް ވާއިރު، އެ ދެ ގައުމަކީ މިހާރުވެސް ރަޝިޔާގެ އިސްތިރާތީީޖީ (ސްޓްރެޓީޖިކް) ދެ ބައިވެރިންނެވެ. އަދި ދެ ގައުމުގައި ވެސް ރަޝިޔާގެ އަސްކަރީ މަރުކަޒުތައް ހުރެއެވެ.
ތަޖިކިސްތާން، ކިރްގިޒްސްތާން އަދި އުޒްބެކިސްތާނު ހިއްސާކުރާ ދަނޑުވެރިކަން ރަނގަޅު ފަރްގާނާ ވާދީގެ މައްސަލައިގައި ތިން ގައުމުގެ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކަކީ ސޮވިއެޓް ޔުނިއަންގެ ޒަމާނުގައި ސަރަހައްދީ ރޮނގުތައް ހަމަޖައްސާފައި ހުރި ގޮތުން ދިމާވާ މައްސަލަތަކެކެވެ.