ރޯދަމަޖާ: މަންމަ ބުޅާ ވަޑައިގަތުން

ރީތިބަހުން ވާހަކަދައްކަންޖެހޭ ބޭފުޅުންގެ ގޭގެޔަށްގޮސް ، ރީތިބަހުން ، އާދެ ވަޑައިގަންނަވަން ވާހަކަދެއްކުމަކީ ރީތި އަދަބުތަކުގެ ތެރެއިންވާ ކަމެކެވެ. އެހެންނަމަވެސް ، މިޒަމާނުގެ ކުދިންނަށް އެއީ އެހައި ފަސޭހަ ކަމެއްނޫނެވެ.

މަންމަޔަކު އޭނާގެ ދަރިފުޅު ގޮވައިގެން ، މާލޭގެ ބޭފުޅެއްގެ ގެޔަށް ދިއުމަށް ތައްޔާރު ވަމުން ގެންދިޔައެވެ.

" އެގެޔަށްގޮސް ވާހަކަ ދައްކަން ވާނީ ރީތިބަހުން އިނގޭ " މަންމަ ބުންޏެވެ. އަދި އާދެ ވަޑައިގަތުން ބޭނުންކޮށްގެން ، ރީތިކޮށް ވާހަކަދައްކާނެ ބައެއް ބަސް ބަސް ހަނދާންކޮށްދީ ، އެބަސްތައް ބޭނުންކުރަން ނަޞޭޙަތް ދިނެވެ.

ވަރަށް ރަނގަޅަށް ދަރިފުޅަށް ކިޔައިދިނުމަށްފަހު ، އެގެޔަށް ހިނގައްޖެއެވެ. ދަރިފުޅު ގޯހެއް ހަދާފާނެތީ މަންމަ ހުރީ ވަރަށް ކަން ބޮޑުވެފައެވެ. ފުރަތަމަ ދެއްކި ވާހަކަ ރަނގަޅެވެ. ބަސްމަދު ކުރަންވެސް ، މަންމަ އޮތީ ދަރިފުޅަށް އަންގާފައެވެ. އެހެންކަމުން ، ދަރިފުޅުވެސް އެކަމަށް ވިސްނައިގެންނާއި ބިރުން ، ވާހަކަ ދައްކައި އުޅުނީ ވަރަށް މަދުންނެވެ.

ސައިބުއިމުގެ ވަގުތު އަތުވެއްޖެއެވެ. އެންމެން ސައިބޯން ފެށިތަނާ ،، އެގޭގައި އޮންނަ ބޮޑު ބުޅަލެއް އެތަނަށް އައެވެ.

" މިއޮއް ވަޑައިގަތީ މަންމަ ބުޅާ " އެއްވެސް ފިކުރެއްނެތި ދަރިފުޅު ގޮވާލިއެވެ. އެއަޑަށް އެންމެން ސިހި ، ހިންޏައިގެން ފަޅައިގެން ދިޔައެވެ. ދަރިފުޅަށް ވިސްނިފަ އޮތީ ، އެގޭގައި ބުޅާވެސް ވަޑައިގަންނަވާނީ ކަމުގައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.