ރާއްޖެއިން އިތުރު 146 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 146 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 59 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 11 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 66 މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 23،237 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 2،635 މީހުންނެވެ. މިވަގުތު 100 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.
މިރޭ އަލަށް ބަލިން ރަނގަޅުވީ 90 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 20,529 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2،948 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 630,904 ސާމްޕަލްވަނީ ނަގާފައެވެ.
ކޮވިޑް-19ގައި ރާއްޖެއިން ނިޔާވެފައިވަނީ 66 މީހުންނެވެ. އެއީ 58 ދިވެހިންނާއި، 8 ބިދޭސީންނެވެ.