ކުރީގެ ބަރުމާ ނުވަތަ މިހާރުގެ މިޔަންމާ ސަރުކާރުން ބަލާގޮތުގައި ، ރޮހިންގާއިންނަކީ ، ބަންގްލަދޭޝް ގެ އަވަށްޓެރި އުތުރުބެންގޯލް އަށް ނިސްބަތްވާ ބަންގްލަދޭޝްއިން ، އިސްތިޢުމާރުގެ ކުރިންނާއި ފަހުން މިޔަންމާއަށް ހިޖުރަކުރި ބަޔެކެވެ. އެއެންމެންނަކީ ، މިޔަންމާގެ ރައްޔިތުންކަމުގައި ބަލައިގަންނަން މިޔަންމާގެ ސަރުކާރުން އެއްވެސް އިރެއްގައި ތައްޔާރެއްނޫނެވެ. އެހެންނަމަވެސް ، ބައެއްމީހުންނަށް މިޔަންމާގެ ރައްޔިތެއްކަމުގެ ޙައްޤު ދީފައި ވެއެވެ.
ރޮހިންގާގެ މައްސަލަޔަކީ ، ޙައްލެއް ނުގެނެވި ދިގުލައިގޮސްފައިވާ ނަސްލީ އިމްތިޔާޒުގެ މަސްއަލައެކެވެ. މިމައްސަލަގުޅެނީ ، މިޔަންމާގެ ރެހީނޭގައި ނުވަތަ ކުރީގެ ނަމުންނަމަ ، އަރަކަންގައި ދިރިއުޅޭ ދެނަސްލުގެ ދެމެދުގައި އުފެދިފައި އޮތް މައްސަލަތަކާއެވެ. މައްސަލައިގެ އަޞްލަކީ ، އަރަކަންގައި ދިރިއުޅޭ ރޮހިންގާ މުސްލިމުންނާއި އަރަކަންގެ ރެހީނޭގައި ދިރިއުޅޭ ބުދުދީނުގެ މީހުންނާ ދެމެދު އުފެދިފައި އޮންނަ ހަމަނުޖެހުންތަކާއި ތަޅާފޮޅުންތަކެވެ.
ބަރުމާގެ ސިޓިޒެންޝިޕް ޤާނޫނު ފާސްކުރީ 1982 ގައެވެ. މިޤާނޫނު ފާސްވުމަށްފަހު ، ވޭތުވެމިދާ ދުވަސްތަކުގައި ، ރޮހިންގާ މީހުން ދިރިއުޅެމުން އެގެންދަނީ ، ވަކި ޤައުމަކަށް ނިސްބަތްނުވާ ބައެއްގެ ގޮތުގައެވެ. ހަމަމިގޮތަށް ސްރީލަންކާގެ ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރާ ، ތަމަޅައިންނަށް ލަންކާ ސަރުކާރުން ޕާސްޕޯޓާއި އައިޑެންޓިޓީ ކާޑު ހައްދައެއް ނުދެއެވެ. އެއީ އިނގިރޭސީންގެ އިސްތިޢުމާރީ ވެރިކަމުގައި ، ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރުމަށް އިނގިރޭސީން ގެނައި ބައެކެވެ. އުތުރު ބެންގޯލުން ހިޖުރަކުރި ރޮހިންގާގެ ރެފިއުޖީން ނަސްލީ އިމްތިޔާޒުގެ ވަރަށް ގިނަ ދަތިތަކެއް ތަޙައްމަލު ކުރަމުންގެންދެއެވެ. ކައިވެނި ކުރުމުގެ ޙައްޤާއި ، އެމީހުންގެ ގެދޮރު އަނބުރާ ސަރުކާރަށް އަތުލުންފަދަ އަދި މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމާއި އިތުރު ޓެކްސް ދައްކަން މަޖުބޫރުވުންފަދަ ، އެތައްކަމެއް އެމީހުންގެ ދިރިއުޅުމުގައި އެގެންދަނީ ، ހިތްދަތިކަމާއެކު ތަޖުރިބާ ކުރަމުންނެވެ. ދެކުނު އެފްރިކާގައި ނަސްލީ އިމްތިޔާޒް އޮތް ދުވަސްވަރު ، ކަޅުމީހަކަށް ދޮންމީހަކާ އިނުން އެޤައުމުގެ ޤާނޫނުގައި މަނާކޮށްފައި އޮތްގޮތަށް ، މިޔަންމާގެ ޤާނޫނުގައި ރޮހިންގާއިންނަށް އެހެން ދަރިކޮޅަކަށް ނިސްބަތްވާ މީހަކާ އިނުމަކީ ދަތިކަމެކެވެ.
1982 ގެ ސިޓިޒެންޝިޕް ޤާނޫނު ފަރުމާ ކުރެވިފައިއޮތީ ރޮހިންގާ މީހުންގެ އަތުން މިޔަންމާގެ ރައްޔިތެއްކަމުގެ ޙައްޤު ނިގުޅައިގަނެވޭ ގޮތަށެވެ. ބޭނުންވާ ޤާނޫނީ ލިޔުންނެތުމާއި ޤާނޫނަށް ޢަމަލުކުރުމުގައި ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާ ގުޅިގެން ، ސިޓިޒެންޝިޕް ޤާނޫނުން ލިބިދޭ ރައްކާތެރިކަމާއި ޙައްޤުތައް ، ރޮހިންގާގެ ގިނަބަޔަކަށް ، ގެއްލިގެންދިޔައެވެ. ޤައުމުން ބޭރުގައި ، ބަންގްލަދޭޝް ، މެލޭޝިއާ ، ތައިލޭންޑް ، އިންޑިއާ ، ޕާކިސްތާން އަދި ޔޫއޭއީ އާއި ސައޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގައި ، ނުވަތަ މިނޫންވެސް އެހެންޤައުމެއްގައި އުފަންވާ ރޮހިންގާ ކުދިންނަކީ ، މަދަނީ އެއްވެސް ރައްކާތެރިކަމެއްނެތް ، ރެފިއުޖީއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށްވެސް ޝަރުތު ހަމަނުވާ ބަޔެކެވެ.
މައްސަލައިގެ އަޞްލުވަނީ އޮޅުވައިލެވިފައި
ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ، ރޮހިންގާ މީހުންގެ މައްސަލައިގެ އަޞްލުވަނީ އޮޅުވައިލައި އަނބުރައި ލެވިފައެވެ. މިޔަންމާ ސަރުކާރުން ބޭނުންވާ ގޮތަށް މާނަކޮށްގެން ، ރޮހިންގާއިންނަކީ ރެފިއުޖީންގެ ގޮތުގައި ބަލަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. ޚާއްޞަކޮށް ، 1948 ގައި އިނގިރޭސީންގެ އަތުން މިނިވަންކަން ލިބި ސިފައިންގެ ފުރިހަމަބާރު އޮވެގެން ހިންގާ ، އެއްޕާރޓީއެއްގެ ވެރިކަން އޮންނަގޮތަށް ގެނެވުނު އިންޤިލާބުގެ ފަހުން ރޮހިންގާއިންނަށް ކުރިމަތިވި ހުރަސްތައް ގިނަވެގެން ދިޔައެވެ. އަދި އެވެރިކަމަކީ ސިފައިންގެ ވެރިކަމެއްގެ ގޮތުގައި ބެލިގެންދިޔައެވެ. 1960 ވަނަ އަހަރު ، ސިފައިން އެހީތެރިވެދީގެން ބޭއްވުނު އިންތިޚާބުގައި އެންޓި ފޭސިސްޓް ޕީޕަލްސް ފްރީޑަމް ލީގް ޕާޓީން ވެރިކަމާ ޙަވާލުވިއެވެ. އެހެންނަމަވެސް ، އެޕާޓީގެ ވެރިކަމަކީވެސް ޚިޔާނާތާއި ފަސާދައިން ފުރިގެންވާ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ބަލަމުންގެންދިޔައެވެ.
1962 ގައި ގެނެވުނު އިންޤިލާބަށްފަހު 2011 ވަނަ އަހަރާ ހަމަޔަށް ސިފައިންގެ ވެރިކަން ދެމިގެންދިޔައެވެ. ޤައުމީ އިޤްތިޞާދާއި ސިޔާސީ ކަންކަމާއި ޤައުމު ހިންގުމުގައި ސިފައިންގެ ދައުރު ބޮޑުވެގެންދިޔައެވެ. 1974 ގައި ޤާނޫނު އަސާސީ ފާސްވެ، އިންޤިލާބީ މަޖިލީހުން ހިންގަމުން އައި ވެރިކަން ، އެއްޕާޓީއަކަށް ނިސްބަތްވާ އިންތިޚާބީ ސަރުކާރަކާ ޙަވާލުކުރިއެވެ. ސަރުކާރު ހިންގުމާ ޙަވާލުވި ، ބަރުމާ ސޯސަލިސްޓް ޕްރޮގްރާމް ޕާޓީ އުފެއްދީ 1962 ގައި އުފެއްދި އިންޤިލާބީ މަޖިލީހުންނެވެ. އެހެންކަމުން ، ސަރުކާރުވެފައި އޮތީ ، ސިފައިންނާއި މަދަނީން ބައިވެރިވެގެން ހިންގާ މަސްހުނި އަދި ޚުދުމުޚުތާރު ވެރިކަމެއްގެ ގޮތުގައެވެ. މިވެރިކަން 1988 ގެ ސެޕްޓެމްބަރާ ހަމަޔަށް ދެމިގެންދިޔައެވެ. 1988 ގެ ސެޕްޓެމްބަރ މަހުގެ 18 ގައި އަނެއްކާވެސް ސިފައިން ވެރިކަމާ ޙަވާލުވިއެވެ. ޤާނޫނީ ޙުކޫމަތު ދަމަހައްޓާ މަޖިލިސްގެ ނަމުގައި މަޖިލީހެއް އުފައްދައި ، އޭގެފަހުން ޤައުމު ހިންގަމުން އައީ އެމަޖިލީހުންނެވެ. ފަހުން އެމަޖލީހުގެ ނަން ޤައުމީ ސަލާމަތާއި ތަރައްޤީގެ މަޖިލިސްގެ ނަމަށް ބަދަލުކުރިއެވެ. އެހެން ނަމަވެސް ، ސިފައިންގެ ވެރިކަމާދެކޮޅަށް ، މެދުނުކެނޑި ރައްޔިތުން ކުރަމުންއައި ހަޅުތާލުތަކާ އެކު ، 2011 ވަނައަހަރު ، އަނެއްކާވެސް ވެރިކަން ބަދަލުވެގެން ދިޔައެވެ. މިފަހަރު ވެރިކަމާ ޙަވާލުވީ ، ޔުނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީންނެވެ.
މިޔަންމާގެ ސިޔާސީ ތާރީޚަކީ ، އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމަށްފަހު ، ސިފައިންގެ ބާރުއޮވެގެން ހިނގަމުން އައި ސިފައިންގެ ނުވަތަ މިލިޓަރީ ވެރިކަމެއްގެ ކަޅު ތާރީޚެކެވެ. ދިމިޤްރާތީ ނިޒާމަކަށް މިޔަންމާ ބަދަލުވެގެން ދާން މިޔަންމާގެ ކަޅު ތާރީޚުން ދައްކައިދިނީ އާއު ސަން ސޫޗީ އެވެ. އެކަމަނާއަކީ މިޔަންމާގެ މިނިވަންކަމުގެ ބަތަލެއްގެ ގޮތުގައި ބެލެވޭ ، ޖެނެރަލް އާއު ސަން ގެ ދަރިކަނބަލެކެވެ.
ސިޔާސީ އެތައް ހުރަސްތަކަކަށްފަހު ، އާއު ސަން ސޫޗީ މިޔަންމާގެ ސިޔާސީ މައިދާނުން ޖާގަ ހޯއްދެވިއެވެ. އާއު ސަން ސޫޗީއަކީ ނޮބެލް ޢިނާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް އެކަމަނާއަށްވެސް ރޮހިންގާގެ މައްސަލައަށް ޙައްލެއް ގެނެސްދެވިފައެއް ނުވެއެވެ. މިޔަންމާގެ ސިޔާސީ މައިދާނުގައި ސިފައިންގެ ބާރު ގަދަ ކަމުންނެވެ.
މިޔަންމާގައި މިހާރު ވެރިކަން ކުރަމުން ގެންދަނީ ، އާއު ސަން ސޫޗީގެ ،ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީއެވެ. އެކަމަނާއަކީ ޕާޓީގެ ޗެއަރޕަރސަން އެވެ. 2015 ވަނަ އަހަރު ބޭއްވުނު ޢާންމު އިންތިޚާބުގައި ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީން މަޖިލީހުގެ ދެގޭގެ ސުޕަރ މެޖޯރިޓީ ހޯދިއެވެ. އަދި 54 އަހަރަށްފަހު ، ސިފައިން ބައިވެރިނުވާ ވެރިކަމެއްގެ ރަހަ ރައްޔިތުންނަށް ލިބިގެންދާން މަގު ފަހިވިއެވެ. އަދި 2020 ވަނައަހަރު ބޭއްވުނު ޢާންމު އިންތިޚާބުވެސް ކާމިޔާބުކޮށް . ދެމަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދީ ނެޝަނަލް ލީގް ފޯ ޑީމޮކްރަސީ ޕާޓީއެވެ.
މިޔަންމާގެ އާ ސަރުކާރުގައި ، އާއު ސަން ސޫޗީ 4 މިނިސްޓްރީއަކާ ޙަވާލުވެ ވަޑައިގަތެވެ. އެއީ މިނިސްޓްރީ އޮފް އިނަރޖީ ، މިނިސްޓްރީ އޮފް އެޑިއުކޭޝަން ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ރައީސް އޮފީހުގެ މިނިސްޓަރ ކަމެވެ. ނަމަވެސް ، ފުރަތަމަ ދެ މިނިސްޓްރީ ، ހަފުތާއެއްގެ ތެރޭގައި ދޫކޮށްލެއްވިއެވެ. އެއީ ، އިނަރޖީ މިނިސްޓަރ ކަމާއި އެޑިއުކޭޝަން މިނިސްޓަރ ކަމެވެ. އޭގެ ފަހުން ޤާނޫނީގޮތުން އައު މަޤާމެއް އުފެއްދިއެވެ. އެއީ ސްޓޭޓް ކައުންސިލަރ ކަމެވެ. އަދި އެމަޤާމާ އާއު ސަން ސޫޗީ ޙަވާލުވެ ވަޑައިގަތެވެ. އެމަޤާމަކީ ، ބޮޑުވަޒީރު ގެ މަޤާމާ އެއްދަރަޖައެއްގެ މަޤާމެކެވެ. މަޤާމު އުފެދުނީ ، ރައީސް ގެ ދަށުން އޮންނަ މަޤާމަކަށްވިޔަސް ، ހުރިހާގޮތަކުންވެސް ، ރައީސަށްވުރެ ސަރުކާރުގައި ސްޓޭޓް ކައުންސިލަރުގެ ބާރުގަދަ ވާގޮތަށެވެ.
ނަސީބު ދިމާކުރިގޮތުން ، 2017 ވަނައަހަރުގެ މޭމަހު ހުޅުފަޅައިގެންދިޔަ ، ރޮހިންގާގެ ޤަތުލުޢާންމުގެ ޚަބަރުތައް މީސްމީޑިއާގައި ހިނގީ ކުޑަދުވަސް ކޮޅަކަށެވެ. ތައިލޭންޑާއި ބަންގްލަދޭސް ގެ ކަނޑުތަކަށް ރޮހިންގާއިން ގެނބި ، އަޑުކެނޑިގެން ގޮސްފައިވީނަމަވެސް ، މައްސަލަ އަދިވެސް އޮތީ ހަމަ އޮތްތާނގައެވެ. މައްސަލައިގެ އަޞްލު ހޯދުމަށް ވަނީ ނުކުޅެދިފައެވެ. ނުވަތަ އެކަންވަނީ ފެއިލްވެފައެވެ. މިނިވަންކަމަށް ވަކާލާތު ކުރެއްވި އާއު ސަން ސޫޗީއަށްވެސް މިކަމެއް ޙައްލެއް ނުކުރެއްވުނެވެ. އަދި އެންމެ ފަހުން ، އެމައްސަލައިގާ އާއު ސަން ސޫޗީވެސް ޖެހިވަޑައިގަތީ ސިފައިންނާ އެއްކޮޅަށެވެ.
ރޮހިންގާގެ ރެފިއުޖީންނާ ދެކޮޅަށް ، އާއު ސަން ސޫޗީގެ ސަރުކާރުން 2017 ވަނައަހަރު ހިންގި ޤަތުލު ޢާންމު ދިފާޢު ކުރެއްވުމާގުޅިގެން ، 2019 ވަނައަހަރު އެކަމަނާ ވަނީ އިންޓަރނެޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ޙާޟިރު ކުރެވި އެކަމާ ބެހޭގޮތުން ސުއާލު ކުރެވިފައެވެ. ނޮބެލް ޕްރައިޒްގެ ޢިނާމު ލިބިވަޑައިގެން ހުންނަވައި ، އެކަމަނާގެ ސަރުކާރުގެ ސިފައިން ، ރޮހިންގާގެ މުސްލިމުން ޤަތުލުކޮށް ރޭޕްކޮށް ، ހުޅުޖަހައި ހިންގި ޤަތުލުޢާންމާ ގުޅިގެން ، އާއު ސަން ސޫޗީގެ ޙަޤީޤަތް މިހާރު އެވަނީ ދުނިޔެއަށް ހާމަވެފައެވެ. މީގެ އިތުރަށް ކުރީގެ ސިފައިންގެ ވެރިކަމާ އެއްވައްތަރަށް ، ނޫސްވެރިން ހައްޔަރުކޮށް ، ޖަލުމީހުންނަށް އަނިޔާކޮށް އިންސާނިއްޔަތާ ޚިލާފު އެތައް ކަމެއް ، ޚުދު އެކަމަނާގެ ސަރުކާރުން ވަނީ ހިންގާފައެވެ. 2015 ވަނައަހަރު ބޭއްވުނު އިންތިޚާބުގައި ރޮހިންގާގެ މުސްލިމުން ވަނީ ވޯޓުލުމުގެ ޙައްޤުންވެސް މަޙުރޫމް ކުރެވިފައެވެ. ނަސްލީ މައްސަލަތައް އުފެދިފައި އޮތް އިތުރު 7 ސަރަޙައްދެއްގައި ދިރިއުޅޭ މީހުންވެސް ވޯޓުގައި ބައިވެރިކޮށްފައެއް ނުވެއެވެ.
އެމްނެސްޓީ އިންޓަރނެޝަނަލުން ، އާއު ސަން ސޫޗީއަށް އެރުވި ، ނޮބެލް ޕްރައިޒް ގެ އިނާމު އެ އޮގަނައިޒޭޝަނުން މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. ރޮހިންގާގެ 7 ލައްކައަށްވުރެގިނަ ރެފިއުޖީން ، ފުރާނަ ސަލާމަތްކުރުމަށްޓަކައި ، ރޮހިންގާއިން ވަނީ ބަންގްލަދޭޝަށް ގޮއްސައެވެ. އެމީހުން އެނބުރި ރޮހިންގާއަށް ދާކަށް އެއްބަހެއް ނުވެއެވެ. އެއީ އާއު ސަން ސޫޗީގެ ސަރުކާރުން އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ، ޒިންމާ ނަގާނެކަމުގެ ކަށަވަރުކަމެއް ނެތީމައެވެ. އަދި އެމީހުންގެ އިންސާނީ ޙައްޤުތައް ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތުމުގެ ސަބަބުންނެވެ.
ރޮހިންގާގެ ރެފިއުޖީންގެ ޙާލަތު މިހާ ނާޒުކުކޮށް އޮތްއިރު ، ރޮހިންގާގެ މީހުންނަކީ ، 1990 ގެ އަހަރުތަކުން ފެށިގެން ، ޢައު ސަން ސޫޗީއާ އެކުތިބި ބައެކެވެ. މިޔަންމާގެ ސިފައިންގެ ކުރީ ސަރުކާރުތަކުން ، އާއު ސަން ސޫޗީއާ ދެކޮޅަށް ހިންގި އަނިޔާވެރިކަމާއި އިންސާނިއްޔަތާ ޚިލާފު ހުރިހާ ކަމަކަށް ރޮހިންގާގެ މީހުން ސިފައިންގެ ސަރުކާރުތަކާ ދެކޮޅަށް ، އަދި އާއު ސަން ސޫޗީއާ އެއްކޮޅަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ، ބާރު ލިބިވަޑައިގަތީމަ ، އާއު ސަން ސޫޗީވެސް ، ސިފައިންގެ ޚުދުމުޚުތާރު ވެރިކަމަކާ ތަފާތެއް ނެތެވެ.
ވެރިކަން ލިބިވަޑައިގަތުމުން ، އާއު ސަން ސޫޗީވެސް ވަނީ ކޮޅު ބަދަލުކުރައްވާފައެވެ. އެކަމަނާގެ ސަރުކާރުން ، މިހާރު ޤަބޫލުކުރާ ގޮތުގައި ، ރޮހިންގާ މީހުންނަކީ ، ބަންގްލަދޭޝް އިން ، ޤަވާޢިދާޚިލާފަށް ރޮހިންގާ އަށް އައިސްތިބި ބައެކެވެ. އަނެއްކޮޅުން ، ސަރުކާރުގެ ޤަތުލު ޢާންމާއި ، ސިފައިންގެ އަނިޔާވެރިކަމާއި ފޭރުމާ ހުޅުޖެހުމާ އަދި ރޭޕާ މިނޫންވެސް އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ، މަރަށް ފުރާނަޔަށް ބިރުން ، ކަނޑުމަގުންނާއި ފައިމަގުގައި 7 ލައްކައަށްވުރެ ގިނަމީހުން ވަނީ ، އަވަށްޓެރި ބަންގްލަދޭޝް އަށް ފިލަން ގޮހެވެ. ބަންގްލަދޭޝް އިންވެސް މިމީހުން ބަލައެއް ނުގަނެއެވެ. އެހެންނަމަވެސް ، އިންސާނިއްޔަތަށްޓަކައި ، ރެފިއުޖީ ފޭލިގެތައް ހަދައިދީ އެމީހުންނަށް އެހީތެރިވަމުން ގެންދެއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރެއްވި ، އާއު ސަން ސޫޗީ ގެ އަޑުފުޅު ، ރޮހިންގާ ރެފިއުޖީންނަށްޓަކައި ވަނީ ބަންދު ވެފައެވެ.
ރޮހިންގާގެ ޤަތުލުޢާންމާ ބެހޭގޮތުން ، ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ، އާއު ސަން ސޫޗީ ވިދާޅުވެފައިވަނީ ، އިންސާނީ ޙައްޤުތަކާ މުޅިން ތަފާތު ވާހަކަތަކެކެވެ. ނިމުމެއް ނެތް އަނިޔާވެރިކަން އެކަމަނާ ސިފަކުރެއްވީ ޙާލަތުން އުފަންވާ ބިރުވެރިކަމެއްގެ ގޮތުގައެވެ. އަދި މިޔަންމާއިން މުސްލިމުން ނައްތާލަން އެއްވެސް ވިސްނުމެއް ނެތްކަމުގައި ވިދާޅުވެފައި ވެއެވެ. މުސްލިމުންނަށް އަމާޒުކޮށް އަނިޔާވެރިކަން އެބަ ހިންގެއެވެ. އެކަމަކު ބުޑިސްޓުންނަށްވެސް އެބަ ، އަނިޔާ ލިބެއެވެ. މައއްސަލަ ނުނިމި ދިގުލައިގެން މިދަނީ ، އެއްނަސްލު އަނެއް ނަސްލާ މެދު އުފެދިފައި އޮތް ބިރުވެރިކަން ކަނޑުވައި ނުލެވިގެންކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރޮހިންގާގެ މައްސަލަ އާއު ސަން ސޫޗީ ގުޅުއްވަނީ ، މިޔަންމާގެ ކުރީގެ މިލިޓަރީ ސަރުކާރުތަކާއެވެ. އެއީ އެތައް ޒަމާނަކުއްސުރެ ، މިޔަންމާގައި އޮތް ޚުދުމުޚުތާރު ، އަނިޔާވެރި ވެރިކަމުގެ ހިތި ނަތީޖާ ކަމުގައި އާއު ސަން ސޫޗީ ވިދާޅު ވެއެވެ. ޚުދުމުޚުތާރު ވެރިކަމެއް އެހާ ގިނަދުވަހު ދެމިއޮތް ތަނެއްގައި އެއްބަޔަކު އަނެއްބައެއްގެ މެދުގައި އިތުބާރެއް ނޯންނާނެއެވެ. ބިރުވެރިކަމުގެ އެޙާލަތު އުފެދުނީ ، ޚުދުމުޚުތާރު ވަރިކަމުގެ ނަތީޖާއިންނެވެ.
ރޮހިންގާގެ މައްސަލައިގައި ، އެމީހުންނަށް ލިބެމުންދާ އަނިޔާތަކާ ބެހޭގޮތުން ، 2015 ވަނަ އަހަރު ، އާއު ސަން ސޫޗީއަށް ވަރަށް ބާރު ބޮޑުވިއެވެ. އެމައްސަލަޔަށް ޙައްލެއް ހޯދުމަށް މުޅިދުނިޔެ ގޮވަމުން ގެންދިޔައެވެ. އެކަމުގައި އެކަމަނާ ވިދާޅުވަނީ ، މައްސަލަ ޙައްލުކުރަން އެހާ ފަސޭހަ ނޫންކަމުގައެވެ. އަދި ހީކުރިވަރަށްވުރެ މައްސަލައާ ގުޅުންހުރި އެހެން ކަންތައްތައް އޮޅުންބޮޅުންވެފައި ހުރި ކަމުގައެވެ.
ސަރުކާރުގެ އެންމެފަހުގެ ނިންމުންތައް ނިންމަވަނީ އާއު ސަން ސޫޗީއެވެ. އެހެންނަމަވެސް ، ސަރުކާރުގެ މުހިންމު 3 މިނިސްޓްރީއެއް އޮންނަނީ ކުރިން ޚުދުމުޚުތާރު ވެރިކަމެއް ހިންގި ސިފައިންގެ ނުވަތަ މިލިޓަރީގެ ބާރުގެ ދަށުގައެވެ. އެއީ ދާޚިލީ ވުޒާރާއާއި ޑިފެންސް މިނިސްޓްރީއާ އަދި ސަރަޙައްދީ ބޯޑަރު ބަލަހައްޓާ މުއައްސަސާއެވެ. އޭގެ މާނަޔަކީ ، ސިފައިންގެ ކޮންޓްރޯލްވެސް އޮތީ މިލިޓަރީގެ ބާރުގެ ދަށުގައެވެ. އުތުރުގެ ރެހީނޭ ސްޓޭޓްގެ މުޅި ކޮންޓްރޯލްވެސް އޮންނަނީ މިލިޓަރީގެ ބާރުގެ ދަށުގައެވެ. ރެހީނޭ ސްޓޭޓަކީ ބަންގްލަދޭޝް އާ ސަރަޙައްދީ ރޮނގު ގުޅިފައި އޮންނަ ސްޓޭޓެކެވެ. އެހެންކަމުން ، އެސަރަޙައްދުގައި ހިނގާ އެއްވެސް ކަމަކަށް އާއު ސަން ސޫޗީގެ އެއްވެސް ބަހެއް ނުވިކޭނެއެވެ.
ރޮހިންގާގެ މުސްލިމް ރެފިއުޖީންގެ ޙައްޤުގައި އެއްޗެއް ވިދާޅުވެވިއްޖެނަމަ ، އާއު ސަން ސޫޗީދެކެ ބުޑިސްޓުންނާއި މިލިޓަރީ ރުޅިއަންނާނެއެވެ. އެހެން ނޫނަސް ، ޖުމްލަ ގޮތެއްގައި ބަލާއިރު ، މިޔަންމާގެ ޢާންމު ރައްޔިތުންކުރެ ، ރޮހިންގާގެ ރެފިއުޖީ މުސްލިމުންނާ މެދު ހަމްދަރުދީގެ ލޮލަކުން ބަލައިލަނީ ވަރަށް މަދު މީހެކެވެ. އެހެންކަމުން ، އެނގެން އޮތް ޙަޤީޤަތަކީ ، އާއު ސަން ސޫޗީ ބޭނުންފުޅު ވިޔަސް ، ރޮހިންގާގެ ރެފިއުޖީ މުސްލިމުންގެ ޙައްޤުގައި އެއްޗެއް ވިދާޅުވެވެން ނެތްކަމެވެ. އެމީހުންނަށް ސިފައިންކުރާ އަނިޔާ ހުއްޓުވެން ނެތްކަމެވެ. އޭގެ ބަދަލުގައި ސިފައިންނަށް ހިތްވަރު ލިބޭގޮތަށް ، މިލިޓަރީގެ އަނިޔާވެރިކަން ކުރިޔަށް ގެންދިއުމަށް އެކަމަނާ އެދެއްވަނީ ހިތްވަރެވެ.
ރޮހިންގާ މުސްލިމުންގެ ޙައްޤުގައި ބަހެއް ވިދާޅުވުމަށް ލިބުނު ހުރިހާ ފުރުޞަތެއް ، އާއު ސަން ސޫޗީ ވަނީ ބޭނުން ނުކުރައްވައި ދޫކޮށްލައްވާފައެވެ. އެއަހަރުގެ އދ ގެ ޢާންމު ޖަލްސާގައިވެސް އެކަމަނާ ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެކަމަނާގެ އެންމެ ފަހުގެ ޖަވާބަކަށްވީ ، ރޮހިންގާ މުސްލިމް ރެފިއުޖީންގެ މައްސަލަ މުޅި ދުނިޔެއިން ވަނީ އޮޅުވާލައިގެން ނުބައި މަޢުލޫމާތު ފަތުރާފައި ކަމުގައެވެ. ރޮހިންގާގެ މައްސަލައިގައި ދަރިފަސްކޮޅެއް ނައްތާލުން އެއީ މާ ހަރުކަށިބަހެއްކަމަށްވެސް އެއްފަހަރަކު އެކަމަނާ ވިދާޅުވިއެވެ. އަދި މުސްލިމުން މުސްލިމުންވެސް އެބަ މަރާކަމުގައިވެސް ވިދާޅުވިއެވެ. އޭގެ މާނަޔަކީ ، ރޮހިންގާގެ މައްސަލައަކީ ، ބޮޑު މައްސަލައެއް ކަމަށްވިޔަސް ، އެކަމާ އެކަމަނާއަށް ކަމެއް ކުރެއްވެން ނެތްކަމެވެ. މިލިޓަރީއާ ދެކޮޅަށް ބަހެއް ބުނުމުގެ ހިތްވަރެއް ، މިހާރު އެކަމަނާގެ ނެތްކަމެވެ. އެކަމަނާއަށް އެތައް ޒަމާނަކުއްސުރެ ތެދުވެރިކަންމަތީ ތާއީދުކޮށް ، އެކަމަނާއާ އެއްކޮށް ތިބި މުސްލިމް ރެފިއުޖީންގެ މަތިން ހަނދުމަފުޅު ނައްތާލައްވައިފި ކަމެވެ. އެންމެ ފަހުން ، ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ބަެއް ގެ ގޮތުގައިވެސް ، އާއު ސަން ސޫކީވަނީ ރޮހިންގާގެ މުސްލިމުން ސިފަ ކުރައްވާފައެވެ.
މިޔަންމާގެ މިލިޓަރީން ، އާއު ސަން ސޫޗީގެ ސަރުކާރުން ބުނާގޮތުގައި ، ރޮހިންގާގައި މިލިޓަރީއާ ހަނގުރާމަ ކުރަނީ ވަކިވެގަތުމަށް މަސައްކަތްކުރާ މުސްލިމް ޖަމާޢަތްތަކުންނެވެ. މަދަނީންނަކާ ސަރުކާރުން ހަނގުރާމައެއް ނުކުރެއެވެ.
ރޮހިންގާގެ މުސްލިމުންނަކީ ، މިޔަންމާގެ މައިނޯރިޓީ ގްރޫޕްތަކުން މުސްލިމުން އެންމެ ގިނަ ދަރިކޮޅެވެ. 2017 ވަނައަހަރުގެ ކުރީ ކޮޅުގެ ހިސާބުތަކަށް ބަލާއިރު ، ގާތްގަނޑަކަށް މިލިއަނަކަށް އަރައެވެ. ގިނަމީހުން ދިރިއުޅެމުން ގެންދަނީ ، ރެހީން ސްޓޭޓްގައެވެ. ރޮހިންގާ މީހުން ވާހަކަދައްކާ އަމިއްލަ ބަހެއް އޮވެއެވެ. އަދި އެއް ސަގާފަތެކެވެ. އެމީހުން ބުނާގޮތުގައި އެބައިމީހުންނަކީ ، ޢަރަބި ވިޔަފާރިވެރިންނާއި ބައެއް އެހެން ޖަމާޢަތްތަކަށް ނިސްބަތްވާ ދަރިފަސްކޮޅެކެވެ. ރޮހިންގާގައި އެމީހުން ދިރިއުޅެމުންގެންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ.
އެހެން ނަމަވެސް ،ބުދުދީނުގެ މެޖޯރިޓީ އޮންނަ މިޔަންމާގެ ސަރުކާރުން ބުނާގޮތުގައި އެއީ މިޔަންމާގެ އަހަރު މިޔަންމާގައި ނެގުނު ބޯހިމެނުމުގައިވެސް ރޮހިންގާގެ މުސްލިމުން ހިމަނާފައެއް ނުވެއެވެ. އެއީ މިޔަންމާގެ ރައްޔިތުން ކަމަށް ސަރުކާރުން ޤަބޫލެއް ނުކުރެއެވެ. މިޔަންމާ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ރޮހިންގާގެ މުސްލިމް ރެފިއުޖީންނަކީ ، ބަންގްލަދޭޝް އިން ޤަވާޢިދާ ޚިލާފަށް އެޤައުމަށް އައިސްއުޅޭ ބައެކެވެ.
25 އޯގަސޓް 2017 ގައި ، ރޮހިންގާގެ އާރސާ މިލިޓަންޓުން ރޭވައި 30 އަށްވުރެ ގިނަ ޕޮލިސް ޕޯސްޓަށް ޙަމަލާ ދިނެވެ. ބަންގްލަދޭޝް އަށް އަންނަ ރެފިއުޖީން ބުނާގޮތުގައި ، އެމީހުން ރޮހިންގާއިން ފިލައިގެން ބަންގްލަދޭޝް އަށް އެދަނީ ފުރާނަ ސަލާމަތް ކުރުމަށްޓަކައެވެ. ބުދުދީނުގެ ހައްދުފަހަނަޅާފައިވާ ޖަމާޢަތްތަކުން ރޮހިންގާގެ މުސްލިމް ރެފިއުޖީންގެ ގެތައް އަންދައި ، މިލިޓަރީ އައިސް އަންހެނުންނާއި ޅައަންހެން ކުދިން ރޭޕް ކޮށް އަނިޔާވެރިކަން އިސްކުރާތީއެވެ.
ކޮންމެއަކަސް ، ރެފިއުޖީން މެރުމާއި ، ރޭޕް ކުރުމާއި ، ގޭންގް ރޭޕު ކުރުމާއި ، އަނިޔާކުރުމާއި ، ގެދޮރުން ނެރެ މަގުމަތިކުރުމާއި އެނޫންވެސް ، މިޔަންމާގައި ރޮހިންގާ ރެފިއުޖީ މުސްލިމުންނަށް ޒަމާނުއްސުރެ ކުރިމަތިވެފައި އޮތް އަނިޔާވެރިކަން ހުއްޓުމެއްނެތި ކުރިޔަށް ދެއެވެ. ބައިނަލް އަޤްވާމީ ފަރާތްތަކުން މިކަންކަން ތަޙުޤީޤު ވެސް ކުރެއެވެ. ރެހީނާ ޕްރޮވިންސަކީ ، ރޮހިންގާގެ ދެކޮޅުވެރިކަން ހުއްޓުމެއްނެތި ހިނގަމުންދާ ތަނެކެވެ. ދެކޮޅުވެރިކަން ހިނގަމުންދަނީ ، ބުދުދީނުގެ ރެހީނާގެ އަހުލުވެރި ޖަމާޢަތްތަކާ ، އެސްޓޭޓަށް ފަހުންދިޔަ މުސްލިމް ހަނގުރާމަވެރި ޖަމާޢަތްތަކާ ދެމެދުގައެވެ. ބުދުދީނުގެ ނުރުހުން ލިބޭގޮތަށް ސަރުކާރުން މި ހަމަނުޖެހުން ޙައްލުކުރަން ވަނުމުގެ ފުރުޞަތެއްނެތެވެ. ހަމަނުޖެހުމުގައި އަނިޔާ ލިބޭ މުސްލިމް ރެފިއުޖީން ބިރުން ފިލަން ދުވަނީ ބަންގްލަދޭޝް އާ ދިމާލަށެވެ. އެހެން ނަމަވެސް ، ބަންގްލަދޭޝް ސަރުކާރުން ހަރުކަށިކޮށް ޢަމަލުކުރަމުންދަނީ ، މިޔަންމާއިން އެޤައުމަށް އަންނަ ރެފިއުޖީން ބަލައިނުގަންނާނެކަމަށް ބުނަމުންނެވެ. މިޔަންމާ ސަރުކާރާއި ބަންގްލްދޭޝް ސަރުކާރާ ދެމެދު ، ރެފިއުޖީން އެނބުރި ރޮހިންގާއަށް ދިއުން ހުއްދަކުރާ އެއްބަސްވުމެއްގައި ސޮއެ ކުރިއެވެ. 2018 ގައި ސޮއެކުރެވުނު މިއެއްބަސްވުމުގެ ދަށުން ، ރޮހިންގާގެ ހަމައެންމެ ރެފިއުޖީއެއްވެސް ، އަނބުރާ ރޮހިންގާއަށް ގޮއްސައެއް ނުވެއެވެ. އެމީހުންގެ ގެދޮރުވަނީ ، ސަރުކާރުން އެއްބާރުލުންދީގެން ، އާރމީން ހުޅުޖަހައި އަންދައިލައިފައެވެ. މިޔަންމާ ސަރުކާރުން ހަމަޖައްސައިދޭ ބޯހިޔާވަހިކަމުގައި ، އިންސާފުވެރި އަދި ރައްކާތެރި މާޙައުލެއް އޮންނާނެކަމަކަށް އެމީހުންނެއް ނުދެކެއެވެ. ރޮހިންގާގެ ރެފިއުޖީންނަށް މިޔަންމާގެ އަސްކަރީ ފަރާތްތަކުންދޭ އަނިޔާއަށް ފިލަން ، މަރުން ސަލާމަތްވުމަށް ދަނީ ހަމައެކަނި ބަންގްލަދޭޝް އަކަށްނޫނެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް އެމީހުން ދަތުރު ކުރެއެވެ. ދުނިޔޭގެ 25 ޤައުމެއްގައި ރޮހިންގާގެ ރެފިއުޖީން ދިރިއުޅެމުން ގެންދާކަން ތާރީޚުން އެނގެއެވެ. ރޮހިންގާގެ އަޞްލު ރަށްވެހިންނާއި އެތާނގެ ތާރީޚީ ޢިލްމުވެރިން ބުނާގޮތުގައި ، ރޮހިންގާގެ ރެފިއުޖީންނަކީ ، ބޭރު ޤައުމުތަކުން އެތަނަށް އައިސް ވަޒަންވެރިވި ބައެކެވެ. ގިނަމީހުންނަކީ އަވަށްޓެރި ބަންގްލަދޭޝް އިން އައި މީހުންނެވެ. މިޔަންމާގެ 52 މިލިއަން މީހުންގެ ތެރެއިން ރޮހިންގާ މުސްލިމުންގެ ޢަދަދކީ 1 މިލިއަނެވެ. 1948 ގައި މިނިވަންކަން ލިބުމާއެކު ، ބަރުމާގެ ބުދުދީނުގެ މީހުންގެ ފަރާތުންނާއި މިލިޓަރީ ސަރުކާރުތަކުން ނަސްލީ އިމްތިޔާޒުގެ ޢަމަލުތައް ފާޅުގައި ފެށިގެންގޮސްފައި ވެއެވެ. މިނިވަންކަން ލިބުމާއެކު ، މުސްލިމުން ވަޒަންވެރިވީ ރޮހިންގާގައެވެ. އެހެންނަމަވެސް ، މުސްލިމް ރެފިއުޖީންނަކީ މިޔަންމާގެ ރަށްވެހިންގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ. މިޔަންމާއިން އަބަދުވެސް ބުނަމުން ގެންދަނީ ، އެއީ މިޔަންމާގެ އަހުލުވެރިން ނޫންކަމުގައެވެ. އެއީ ، ބޭރު ޤައުމުތަކުން ހިޖުރަކުރި އިސްލާމްދީނަށް ނިސްބަތްވާ ބޭރުމީހުން ކަމުގައެވެ. އެހެންކަމުން ، ދައުލަތުގެ ދީނަކީ ބުދުދީންކަމުގައި ކަނޑައަޅައި ، ޤާނޫނީގޮތުން މިޔަންމާގެ ރަށްވެހިކަން އެމީހުންނަށް ނުދެވޭގޮތަށް 1974 ގެ ޤާނޫނު އަސާސީން ކަނޑައެޅިއެވެ. މިހުރިހާ ކަމަކާގުޅިގެން ، ރޮހިންގާގައި ވަޒަންވެރިވި ބޭރުމީހުންނާއި ރޮހިންގާގެ ބުދުދީނުގެ މީހުންގެ މެދުގައި ޒަމާނުއްސުރެ އަންނަނީ ދެކޮޅުވެރި ޙަރަކާތްތައް ހިނގަމުންނެވެ.
ރޮހިންގާގެ މުސްލިމް ރެފިއުޖީން ދުނިޔޭގެ 18 ޤައުމެއްގައި ދިރިއުޅެމުން އެބަގެންދެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ރެފިއުޖީން ދިރިއުޅެނީ ބަންގްލަދޭޝް ގައެވެ. އެޤައުމުގައި 1.3 މިލިއަން ރޮހިންގާ މީހުން އެބަ އުޅެއެވެ. ޕާކިސްތާނުގައި 5 ލައްކަ ، މިޔަންމާގެ ރޮހިންގާގައި 4 ލައްކަ އަދި ސަޢުދީ ޢަރަބިއްޔާގައި ދެލައްކަ ، މެލޭޝިއާގައި ދޮޅުލައްކަ ، ޔޫއޭއީގައި ބައިލައްކަ މީހުން އެބަ އުޅެއެވެ. އިންޑިއާއާއި ޝްރީލަންކާގައިވެސް ރޮހިންގާގެ ރެފިއުޖީން ދިރިއުޅެއެވެ. އިންޑިއާގައި ސާޅީސް ހާސް އަދި ލަންކާގައި 36 މީހުން އަދި ނޭޕާލްގައި 200 މީހުން އެބައުޅެއެވެ.
ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންގާގެ މުސްލިމުންގެ ޢަދަދު ގިނަވުމުގައި ތާރީޚީ ހެކިތަކަކާ ގުޅުންހުރި ޙަޤީޤަތްތަކެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިޔަންމާއާ ގުޅުންހުރި ތާރީޚީ ލިޔުންތަކުން ހާމަވާ ގޮތަށް ، ޢަރަބި ކަރަތަކުން އަޅުންގެ ގޮތުގައި ބަންގްލަދޭޝް އަށް އައިބަޔަކާ ، ޚުދު ބަންގްލަދޭޝްގެ އަހުލުވެރިންކުރެ ބަޔަކު ، ސަރަޙައްދީ ގޮތުން ގުޅިފައިވާ ރެހީނޭއަށް ހިޖުރަ ކުރުމަކީވެސް ، ތާރީޚީ ބައެއް މުފައްކިރުންގެ ނަޒަރުގައި ހިނގައިފާނެ ކަމަކެވެ. އެހެންކަމުން ، މިއީ ބަންގްލަދޭޝްގެ ރައްޔިތުން ހިޖުރަކުރާ އަދި މަސައްކަތްކުރަންދާ ޤައުމުތަކުން ވިސްނަންޖެހޭ މުހިންމު ނުކުތާއެކެވެ. ރޮހިންގާގެ މުޅި މައްސަލަޔަކީ ، އެޤައުމުތަކުގެ ހަމަޖެހުމާއި އިޖްތިމާޢީ ޢަދާލަތު ޤާއިމްކުރުމަށް ސިޔާސަތު ރޭވުމުގައި މުހިންމު ތާރީޚީ ބަހާއެކެވެ.
Gina bayakah aslu hageegaiy olhifavaa kameh engigen mi dhiyaee.
ވަރަށް ރަނގަޅު ލިޔުމެއް. މައުލޫމާތު ފުރިހަމަ. ރޮހިންގާއޭ ކިޔާ އަޑު އިވެނީ އަބަދުވެސް. ނޫސްތަކުގައިވެސް އެމީހުންގެ ވާހަކަ ހުރޭ. އެކަމަކު އެއީ ކޮންބައެއްކަން ކިޔާދީފަ ނުހުރޭ. ފާރޫގު ސަރ އަށް ވަރަށް ޝުކުރު.