ވަކި ގައުމަކާ ޖައްސާލައިގެން އެއްޗެތި ގޮވުމަކީ ވަރަށް ދަށު ދަރަޖައިގެކަމެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖެއަށް ބޮޑެތި އެހީތެރިކަން ވެދީފައިވާ ގައުމަކަށް އެގޮތަށް އެއްޗެތި ކިޔުމަކީ ވަރަށް ދަށުދަރައިޖައިގެ ކަމެއް ކަމަށެވެ. އެހެން އެކަން ނުކޮށް، ހުރިހާ ފަރާތްތަކާ ވެސް ގުޅުން ބަދަހިކޮށް ލިބުނު އެހީތެރިކަކަން ހޯދައިގެން ނޫނީ ރާއްޖެއަށް ކުރިއަށް ދެވެން ނެތްކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. ޗައިނާއަކީ އިހަށް ދުވަހު ރާއްޖޭގެ މިތުރެއްކަމަށާއި މިއަދު ހަތުރަކަށް ވެގެން އުޅޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއަށް އެހީތެރިވެދޭ އެއްވެސް ފަރާތަކާ ދޭތެރޭގައި އެގޮތަށް އެއްޗެތި ގޮވުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް ވެސް މެމްބަރ ޤާސިމް ވިދާޅުވިއެވެ. ސަރުކާރު ހިންގަންތިބި ބައެއްގެ ދޯހަޅިކަމުން ކަންތައްތަކެއް ވުމަކީ އެގަމުތަކުން ކުރި ކަންކަމެއް ނޫންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ދެން ވެރިކަމަށް އަންނަ ބަޔަކު، އިންޑިއާއިން ދީފައިވާ ލޯނުތަކާ ދެކޮޅަށް ވާހަކަ ދައްކަންވީތޯ ޤާސިމް ސުވާލު އުފެއްދެވިއެވެ.
"ލޯނު ރިސްޓަރަކްޗަރ ކުރުމަށް ސަރުކާރުން ޗައިނާ އާއެކު މަސައްކަތް ކުރަމުންދާއިރު މަޖިލީހުން އެ ގައުމާ ދިމާއަށް އެއްޗެތި ގޮވަމުން ދާނަމަ ކިހިނެއްތޯ ވާނީ؟ އެ ގައުމުގެ މީހުން ރުޅިއަރުވައިގެން އެއްވެސް ފުރުސަތެއް ނުދިނުމުން. އަޅުގަނޑުމެން ރައްޔިތުންނަށް ނިކަމެތިކަން ލިބޭނީ. " ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް ވިދާޅުވިއެވެ.
ގައުމުތަކަށް އެއްޗެތި ގޮވާ ހެދީމާ އެ ގައުމުތަކުން ބޮޑަށް ގުޅުންބަދަހި ކުރާނެކަމަށް ދެކޭ މީހުންވެސް އުޅޭ ކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް އެއީ ވަރަށް ގޯސް ވިސްނުމެއް ކަމަށް ވިދާޅުވިއެވެ. ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތަކީ ވަކި ބަޔަކާ ނުޖެހި ހުރިހާ ޤައުމުތަކާ ވެސް ގުޅުން ބަދަހިކޮށްގެން އުޅުންކަމަށް ޤާސިމް ވިދާޅުވިއެވެ. ރައީސް އިބްރާހީމް ނާސިރާއި ރައީސް މައުމޫނުގެ ޚާރިޖީ ސިޔާސަތަކީވެސް އެއީކަން ފާހަގަ ކުރެއްވިއެވެ.