ކުރީ ދެސަރުކާރުގެ ދަރަނި 172 ބިލިއަން ރުފިޔާއަށް އަރާކަމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ދަރަންޏާ ގުޅޭ ރިޕޯޓުގައި ހާމަކޮށްފިއެވެ.
މިއަދު ކުރިއަށް ގެންދާ މުޅި މަޖިލީހުގެ ކޮމެޓީއަށް ހުށަހެޅި ރިޕޯޓުގައި ފާހަގަ ކުރައްވައިފައިވާ ގޮތުގައި 2012 އިން 2018 އަށް ނަގައިފައިވާ 172 ބިލިއަން ރުފިޔާގެ ދަރަނި ވަނީ ހަތް ބަހަކަށް ބަހައިލައިފައެވެ. ދޭދޭ ގައުމުތަކުމެދުގައި ނަގައިފައިވާ ލޯނުގެ ޢަދަދު 49 ގައި އުޅޭ އިރު ދަރަނީގެ ގޮތުގައި 13 ބިލިއަން ރުފިޔާ ހިމެނެއެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާ އާއި ޖަމާއަތްތަކުން 126 ލޯނު ނަގައިފައިވާއިރު، ދަރަނީގެ އަދަދު 12.9 ބިލިއަން ރުފިޔާއަށް އަރައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީގެ އަދަދު 114 އަށް އަރާއިރު، ދަރަނި 41 ބިލިއަން ރުފިޔާއަށް އަރާކަމަށް ވަނީ ފާހަގަ ކޮށްފައެވެ. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކައިހުރި ބިލްތަކިގެ ދަރަނި 5.4 ބިލިއަން ރުފިޔާއަށް އަރައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވަޑްރާފްޓްގެ ދަރަނީގެ 78.7 މިލިއަން ރުފިޔާއަށް އަރައެވެ. އެމްއެމްއޭ އިން ނަގައިފައިވާ ލޯނާއި، ގެނެފައިވާ ބޮންޑާއި އަދި ޓްރެޜަރީ ބިލްގެ ދަރަނީ 7.4 ބިލިއަން ރުފިޔާއަށް އަރައެވެ. ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލް އަދި ބޮންޑުގެ ދަރަނީގެ ގޮތުގައި 91.9 ބިލިއަން ރުފިޔާއަރާކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
މިރިޕޯޓު ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކައިހުރި ބިލްތަކުގެ ދަރަނި 5.4 ބިލިއަން ރުފިޔާއަށް އަރާއިރު އޭގެ ތެރެއިން ވަރަށް ގިނަ ބިލްތަކަކީ ސަރުކާރުގެ އެއް ކުންފުނިން އަނެއް ކުންފުންޏަށް ދައްކަންޖެހޭ ބިލްތައް ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ބިލްތައްވެސް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ދަރަނި ނޫން ގޮތަކަށް އެބިލްތައް ބަލައިނުގެނެވޭނެކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އާއްމު ގޮތެއްގައި ބިލް ނުދައްކައި ނޯންނަކަމާއި ނުދައްކާ އޮތް ބިލެއްނަމަ އެއީ މައްސަލަ އެއް އުޅޭ ބިލެއްކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމައްސަލަތައް ހައްލުކޮށް ބިލްތައް ދައަކަމުންދާކަންވެސް ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ދައުލަތަށް ބުރަވެގެން ދަނީ ދަރަނި އަނބުރާ ނުދެއްނީމާ ކަމަށެވެ. މިއަދު ދިމާވެގެން އުޅޭ ކަމަކީ 2021 ވަނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ އަދަދު އިންތިހާއަށް ބޮޑުވުން ކަމަށް ވިދާޅުވިއެވެ. އެކަން ދިމާވެފައިވައި ވަނީ 2012 އިން 2018 އަށް ދަރަނީގެ ކަންކަން ގެންގޮސްފައިވާ ގޮތުންކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.