ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ރިޕޯޓެއް އެކުލަވާލައިފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އެގާރަ ޖަހާއިރު ބާއްވާ މުޅި މަޖިލީހުގެ ކޮމެޓީގައި އެރިޕޯޓާ މެދު މެންބަރުންގެ މަޝްވަރާ ހޯއްދަވާނެކަމަށް މަޖިލީހުގެ ރައިސް ވިދާޅުވިއެވެ. މި ރިޕޯޓު އެކުލަވައިލައްވައިފައި ވަނީ ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެންމެ ފަހުން ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމުގައި ހޯއްދެވި މައުލޫމާތާއި މަޝްވަރާތަކުގެ މައްޗަށްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިއަދު ބާއްވާ މުޅި މަޖިލީހުގެ ކޮމެޓީގައި ބިލާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު މިއަދުގެ ހަވީރުގެ ވަގުތެއްގައި މެމްބަރުންނަށް ރިޕޯޓު ފޯރުކޮށްދެވޭނެކަމަށް ވިދާޅުވިއެވެ. މެމްބަރުންނަށް ރިޕޯޓަށް އިސްލާޙު ހުށަހެޅޭނެކަން ފާހަގަ ކުރައްވާ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނީ، އިސްލާޙުތަކާއެކު މުޅި މަޖިލީހުގެ ކޮމެޓީން ރިޕޯޓު ފާސްކުރުމަށް ފަހު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލިހުގެ ރައީސް ކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަދަދުތަކުގެ ތަފްސީލު ދައުލަތުގެ ދަރަނީގެ ހިސާބުތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީން މިހާރު ދިރާސާކުރައްވައި އެކުލަވާލައްވާ ރިޕޯޓުގައި ވަރަށް ތަފްސީލްކޮށް ހިމަނުއްވާނެކަމަށެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ދަރަނީގެ ގޮތުގައި ކޮންމެ އަހަރަކު ދައްކަންޖެހޭނެ އަދަދުތަކުގެ އަންދާޒާ އެ ދިރާސާ ރިޕޯޓުގައި ހިމެނޭނެކަމަށެވެ. އެ ރިޕޯޓުގައި ދަރަނި ހަތް ބަޔަކަށް ބަހާލެވިފައި ވާކަންވެސް ފާހަގަ ކުރެއްވިއެވެ. އެއީ ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަންޏާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ އިދާރާތަކުން ނަގާފައިވާ ދަރަންޏާއި، ޓްރެޒަރީ ބިލާއި، އޯވާޑްރާފްޓުކޮށްގެން ނަގާފައިވާ ދަރަންޏާއި ސަރުކާރުގެ ބޮންޑު ގޮތުގައި ހިމެނޭ ދަރަނިކަން ފާހަގަކުރެއްވިއެވެ. މި ހުރިހާ ބާވަތެއްގެ ދަރަނީގެ ތަފްސީލްވެސް މަޖިލީހުން އެކުލަވާލާ ރިޕޯޓުގައި ހިމެނޭނެކަމަށް ވިދާޅުވިއެވެ.
ދަރަންޏާ ގުޅޭ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން ދައްކާ ވާހަކައިގައި ތަފާތު ހުންނަކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ އެފަދަ ތަފާތު ހުންނަނަމަ، ބައިނަލްއަގުވާމީ އިދާރާތަކުން އެކަން ފާހަގަކުރައްވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ދަރަނީގެ ކަންކަން ދިރާސާ ކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ވިހާވެސް ބޮޑަށް ސަރުކާރާ ގުޅިގެންކަމަށް ވިދާޅުވިއެވެ. ދަރަނީގެ އަދަދުގައި ފަރަގެއްވާނަމަ، އެ ފަރަގަކީ ކޮބައިކަން މަޖިލިހަށާއި ސަރުކާރަށްވެސް އެނގެންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެފަރަގެއް އޮތްނަމަ އެކަމެއް ފޫބެއްދޭނީ އެފަރަގެއް އޮތްތަން މަޖީލީހަށާއި ސަރުކާރަށް ވެސް އެނގިގެންކަމަށާއި އެހެންކަމުން އެކަމުގައި މަޖިލީހުގެ ޒިންމާ ބޮޑުކަން ވަނީ ފާހަގަ ކުރައްވައިފައެވެ.