އިދިކޮޅު ފަރާތްތަކުން ފާއިތުވި 10 ދުވަހު މެދުނުކެނޑި ކުރަމުން ދިޔަ މުޒާހަރާތައް ވަރުގަދަވެ ހަމަނުޖެހުމަށް ބަދަލުވުމާ ގުޅިގެން ކިރްގިޒްސްތާނުގެ ރައީސު ސޫރޮންބާއި ޖީންބެކޯވް އިސްތިއުވާދެއްވައިފިއެވެ.
"އަހަރެން މިއުޅެނީ ވެރިކަމުގައި ދެމި ހުންނަން ބޭނުންވެގެންނެއް ނޫން. އަމިއްލަ ރައްޔިތުންގެ ގަޔަށް ބަޑަޖަހައި ލޭއޮހޮރުވި ރައީސެއްގެ ގޮތުގައި ކިރްގިޒްސްތާނުގެ ތާރީޚުގައި ލިޔެވޭކަށް އަހަރެން ބޭނުމެއް ނޫން. އެހެންކަމުން އަހަރެން އިސްތިއުފާދީފިން." ރައީސް ޖީންބެކޯވްގެ އިސްތިއުފާގެ ބަޔާނުގައި ވެއެވެ.
އޭނާ ވަނީ ދާދިފަހުން ބޮޑުވަޒީރުކަމަށް އިސްވެވަޑައިގަތް ސަދީރް ޖަޕަރޯވް އާއި، އިދިކޮޅު އެހެން ސިޔާސީ ލީޑަރުންނަށް އެބޭފުޅުންނަށް ތާއީދުކުރާ މީހުން މަގުމަތިން ގެންދަވައި، ވެރިރަށް ބިޝްކެކްގެ ރައްޔިތުންނަށް އަމާންކަން އަނބުރައި ހޯއްދަވައިދެއްވުމަށް ގޮވާލައްވާފައެވެ.
"ކިރްގިޒްސްތާނުގެ އަމާންކަމާއި، ގައުމު އެކަތިގަނޑަކަށް އޮތުމާއި، އަހަރުމެންގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި، މުޖުތަމައުގައި ހަމަޖެހުން އޮތުން ހުރިހާ ކަމަކަށްވުރެ އަހަރެންނަށް މުހިއްމު ޖީންބެކޯވްގެ ބަޔާނުގައި ވެއެވެ.
ޖީންބެކޯފް އިސްތިއުފާދެއްވުމާ ގުޅިގެން ބޮޑުވަޒީރު ޖަޕަރޯވްއަށް ތާއީދުކުރާ މީހުން ދަނީ ގާނޫނުހަދާ މަޖިލިސް އުވާލައި އާ މަޖިލީހެއް އިންތިޚާބުކުރުމަށް ގޮވާލަމުންނެވެ.
ރައީސު އިސްތިއުފާދެއްވީ މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ނުކުމެ ސަރުކާރުގެ މައި އިމާރާތްތައް ހިފައި، ރައީސުގެ އިސްތިއުފާއަށް ގޮވާލަމުން ދަނިކޮށެވެ. މުޒާހަރާތަކާ ގުޅިގެން އެ އިންތިޚާބުގެ ނަތީޖާ މިހާރު ވަނީ ބާޠިލުކޮށްފައެވެ.
ރައީސު ޖީންބެކޯފް ވަނީ މުޒާހަރާތައް މައިތިރިކުރެއްވޭތޯ ކުއްލި ހާލަތު އިއުލާންކުރައްވައި ސިފައިންވެސް މަގުމައްޗަށް ނުރެއްވާފައެވެ. އެހެންނަމަވެސް މުޒާހަރާތައް މައިތިރި ވާގޮތެއް ނުވިއެވެ.
މިއަދު އިސްތިއުފާދެއްވުމާއެކު ރައީސު ޖީންބެކޯވް ވެވަޑައިގެންފައިވަނީ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުތުމެ ސަބަބުން ފާއިތުވި 15 އަހަރުގެ ތެރޭގައި އިސްތިއުފާދެއްވި އެ ގައުމުގެ ތިންވަނަ ރައީސަށެވެ. 2005 ވަނަ އަހަރާއި 2010 ވަނަ އަހަރުވެސް ވެރިކަން ބަދަލުކޮށްފައި ވަނީ ރައްޔިތުން މަގުމައްޗަށް ނުކުމެގެންނެވެ.
މެދުތެރޭ އޭޝިޔާގައި ކަޒަކިސްތާނާއި، އުޒްބެކިސްތާނާއި ޗައިނާއާއި އިންވެގެން އޮންނަ ކިރްގިޒްސްތާނަކީ 1990 ވަނަ އަހަރު ކުރީގެ ރޫސީވިލާތް (ސޯވިއެޓް ޔުނިއަން) ރޫޅިގެން މިނިވަންވި ގައުއުމުތަކުގެ ތެރެއިން އެންމެ ފަގީރު އެއް ގައުމެވެ. އަދި މެދުތެރޭ އޭޝިޔާގެ އެންމެ ފަގީރު ގައުމެވެ. 6.5 މިލިއަން މީހުންގެ އާބާދިގެ %90 އަކީ މުސްލިމުންނެވެ.
ގައުމީ އުފެއްދުންތެރިކަމުން އަހަރަކު ބޮލަކަށް 1290 އެމެރިކާ ޑޮލަރު ޖެހޭއިރު އާބާދިގެ %22 މީހުންނަކީ ފަގީރުންގެ ގޮތުގައި ގިންތިކުރެވިފައިވާ މީހުންނެވެ.