ޗައިނާއި ކުރިމަތިކުރަމުންދާ ފިއްތުންތަކާ ކުރިމަތިލުމަށް އިތުރު ހަތިޔާރު ޓައިވާނަަށް ވިއްކަން ވައިޓް ހައުސްއިން ނިންމައި އެމެރިކާގެ ގާނޫނުހަދާ މަޖިލިސް، ކޮންގްރެސްއަށް އެކަން އަންގައިފިއެވެ.
އިއްޔެ ވައިޓް ހައުސްއިން ކޮންގްރެސްއަށް އަންގާފައިވާ ގޮތުގައި ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ގަސްތުކުރަނީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ޒަމާނީ އެމްކިޔު-9 މަރުކާގެ ޑްރޯނާއި އަައްސޭރިފަށް ދިފާއުކުރުމަށް ބޭނުންކުރާ މިސައިލް ސިސްޓަމް ޓައިވާނަށް ވިއްކުމަށެވެ.
ޒަމާނީ ބައެެއް ހަތިޔާރު ޓައިވާނަށް ވިއްކަން ބޭނުންވާކަން ހޯމަ ދުވަހުވެސް ވައިޓް ހައުސްއިން ކޮންގްރެސްއަށް އަންގާފައި ވެއެވެ. އޭގެ ތެރޭގައި ލޯކްހީޑް މާޓިން ކުންފުނިން އުފައްދާ ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމާއި، ބޮއިންގ ކުންފުނިން އުފައްދާ ބިމުން ޖައްވަށް ފޮނުވާ ދިގުރާސްތާގެ މިސައިލް 'ސްލޭމް-އީއާރް' އާއި އެފް-16 ހަނގުރާމަމަތީ މަތިންދާބޯޓުގެ ބޭރުގައި ހަރުކުރާ ސެންސާ ޕޮޑް ހިމެނެއެވެ.
ހަތިޔާރު ވިއްކުމުގެ އަމަަލީ މަސައްކަތް ކުރިއަށް ދާނީ ކޮންގްރެސްއިން އެކަމަށް ހުއްދަދިނުމުންނެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ޓްރަމްޕްގެ ސަރުކާރުން ޓައިވާނަށް ހަތިޔާރު ވިއްކުމުގެ ބޭނުމަކީ ޗައިނާއަށް އިތުރު ފިއްތުންތައް ކުރިމަތިކުރުން ކަމުގައި ބެެލެވެއެވެ.
ޗައިނާއީން ދެކޭ ގޮތުގައި ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެކެވެ. އެހެންކަމުން، ޓައިވާނަކީ ވަކި ގައުމެއް ކަމުގައި ބަލައިގަނެ އެގައުމާ ގުޅުން ބޭއްވުމަކީ ޗައިނާގެ ދާޚިލީ ކަންކަމާ ބެހުން ކަމުގައި ޗައިނާއިން ދެކެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޓައިވާން ޗައިނާގެ ދަށަށް ގެންނާނެ ކަމުގެ އިންޒާރު ޗައިނާއިން އަންނަނީ ދެމުންނެވެ.
އެމެރިކާއިން ޓައިވާނަށް ވިއްކަން ގަސްތުކުރާ ހަތިޔާރާ ބެހޭ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެމެރިކާއިން މިހާރު ޓައިވާނަށް ވިއްކަން އުޅޭ ހަތިޔާރުގެ އަގު 5 ބިލިއަން އެމެރިކާ ޑޮލަރަށް އަރަައެވެ.
ޓައިވާން ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި އެމެރިކާއިން ޓައިވާނަށް ވިއްކުމުގެ މަރުހަލާގައި ވަނީ ފަސް ބާވަތެއްގެ ހަތިޔާރެވެ.
އެމެރިކާއިން ބޭރު ގައުމުތަކަށް ވިއްކާ ހަތިޔާރުގެ ތަފްސީލު ބަލައި އެކަމަށް ހުއްދި ދިނުމާއި، ހުއްޓުވުމުގެ ބާރު ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީއާއި، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްެގެ ފޮރިން އެފެއާޒް ކޮމިޓީއަށް ލިިިބިގެން ވެއެވެ.