އައްޒަގެ ދިރާސީ ބަސް: އިނގިރޭސިން ދެފުށަށް ކެނޑުން

އެޑިޓަރުގެ ނޯޓެއް: މިއީ ކޮންމެ ހޯމަ ދުވަހަކު މި ނޫހުގައި ޝާއިއުކުރާ ސިލްސިލާ ލިޔުމެކެވެ. މި ހަފްތާގެ ހޯމަ ދުވަހުގެ ބަދަލުގައި ޝާއިއު މިކުރެވުނީ އަންގާރަ ދުވަހުއެވެ. ލަސްވީ ކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެވެ.


ސުވާދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.


މިއަދުގެ ކޮލަމު މި ޚާއްޞަކުރަނީ، އިނގިރޭސިން ދެފުށަށް ކެނޑެމުން ދިޔަ ގޮތް ހުށަހަޅައިދިނުމަށެވެ. މާލޭގައި އޮތް ދިވެހި ސަރުކާރު އަދި އައްޑޫގައި އިނގިރޭސިންގެ އެހީތެރިކަމާ އެކު އުފެއްދި ސުވާދީބު ސަރުކާރު، މި ދެ ސަރުކާރާ އެކު، އެކުއެކުގައި އިނގިރޭސި ދައުލަތުން މުޢާމަލާތުކުރަމުން ދިޔަ ގޮތުގެ މައްޗަށެވެ. ކޮންމެ ގޮތަކަށް އަދި ކޮންމެ ބައެއްގެ އެހީގައި ސުވާދީބު ސަރުކާރު އުފެއްދި ނަމަވެސް ސުވާދީބު ސަރުކާރު ވުޖޫދުވުމާ އެކު، ދިވެހިރާއްޖޭގެ ބިމުން ބައެއް، (ދިވެހި ފަސްގަނޑުން ބައެއް) މާލޭގައި ހިނގަމުން ދިޔަ ދިވެހި ސަރުކާރުގެ ދަށުން ވަކިވެ ވަކި ވެރިކަމެއް ފެށުނީއެވެ. މިކަން ދިވެހި ސަރުކާރަށް އެނގުނީ ދުނިޔޭގެ ނޫސްތަކުގައި މި ޚަބަރު ޝާއިޢުވުމުންކަން މި ދިޔަ ހަފުތާގެ ކޮލަމުގައި ބަޔާންކޮށްފައިވާނެއެވެ. ވީމާ، އެހިސާބުން ފެށިގެން މާލޭގައި ހިނގަމުން ދިޔަ ދިވެހި ސަރުކާރުން މަސައްކަތް ފެށްޓެވީ، އިނގިރޭސި ދައުލަތާ މަޝްވަރާކުރައްވައިގެން މި މައްސަލަ ހައްލުކުރެއްވޭތޯއެވެ. ހަމަ މިގޮތަށް އައްޑޫގައި އަލަށް ވުޖޫދުވި ސުވާދީބު ސަރުކާރަކީ އިނގިރޭސިންގެ އަމިއްލަ އުފެއްދުމަކަށް ވީ ހިނދު އެ ސަރުކާރުގެ ކަންކަން ރާވައި ހިންގުމުގެ މޭސްތިރިންނަކީ ވެސް އިނގިރޭސިން ކަމުގައި ވިއެވެ. ވީމާ، މިއަދުގެ ކޮލަމުގައި، އައްޑޫގައި ސުވާދީބު ސަރުކާރު ހިނގައިގަތުމާ އެކު ކަންކަން ބަދަލުވެ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދެމުން ދިޔަ ގަނޑުބަނޑު ނުވަތަ ގުޖަޑުތަކަށް އަލިއަޅުވައިލާނަމެވެ. އެހެންކަމުން، މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމުގައިވާ މާފައާއި ކަނބުލޮ ވާހަކަ ފަށާނީ ކިހާ ހިސާބަކުންތޯ ބަލައި ވާހަކަ އަޑުއަހަމާތޯއެވެ؟

ދޮންކަނބުލޮ:  މާފާ ދެން ސުވާދީބު ސަރުކާރު އުފެދުނީމާ އައްޑޫ ރައްޔިތުން ތިބީ ވަރަށް އުފަލުންދޯ؟

މާފަ: އައްޑޫގެ ގިނަ ރައްޔިތުން އެކަމާ ރުހުނުކަމަށް މާފައަށް ބުނެވޭނީ.... އެކަމަކު ވެސް ނުރުހުނު ބަޔަކު ވެސް ތިބިކަން ކުރީ ހަފުތާގެ ވާހަކައިން ވެސް ދޮންކަނބުލޮއަށް އެނގުނުދޯ؟ ކޮންމެއަކަސް 1959 ވަނަ އަހަރު ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު، އައްޑޫ ރައްޔިތުން ގަމުގައި ކުރަމުން ދިޔަ މުޒާހަރާތައް ހުއްޓާލައިފައި އެނބުރި ރަށްރަށަށް މިސްރާބުޖެހީ، ވަރަށް އުންމީދީ އުފާވެރި ހުވަފެންތަކެއް ދެކެމުން. މޭޖަރ ފިލިޕްއާ އެކު  އިންގިލާބީ ކޮމިޓީއިން ބޭއްވި ބައްދަލުވުން ނިމި، ރައްޔިތުންނަށް އާ އުންމީދުތަކެއް ލިބިގެން ދިޔައީ...

ދޮންކަނބުލޮ:  އެހެންދޯ މާފާ! ދެން އެހެންވީމާ ނުރުހި  ތިބި މީހުން ވެސް ރުހުނީދޯ؟

މާފަ: ނުރުހުނު މީހުންނަކަށް ދެން މާ ބޮޑު ކަމެއް ނުކުރެވޭނެނުން ދޯ؟ މި ކަމުގައި އިސްކޮށް ތިބީ އިނގިރޭސިން ވިއްޔާ... އިނގިރޭސިންނާ ދެކޮޅަށް އައްޑު އަތޮޅުގައި އެއްވެސް ކަމެއް ނުކުރެވޭނެކަން އެންމެ ކުޑަކުއްޖާ ވެސް އޭރު ދަންނާނެ... އެހެން ނޫނަސް، އިނގިރޭސިންގެ ފަރާތުން ލިބެމުން ދިޔަ ގިނަގުނަ އެހީތެރިކަން ފެނި، އެ ހުރިހާ ކަމަކަށް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ރުހި ގަބޫލުވެގެން...

ދޮންކަނބުލޮ:  ދެން ސުވާދީބު ސަރުކާރުގެ ވެރިކަން ހިނގީ ކިހިނެއް؟

މާފަ: ދުނިޔޭގެ އެހެނިހެން ޖުމުހޫރިއްޔާތަކުގައި ވެސް ކަންކުރާ ގޮތަށް ހުރިހާ ކަމެއް ވެސް ދިޔައީ ރޭވެމުން... ގަމަށް އެއްވި ރައްޔިތުން ފުރުމާ އެކު، ވަގުތުން ވަގުތަށް އިންގިލާބީ ކޮމިޓީގެ ބޭފުޅުންނާއި ރަށްރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންނާ އެކު ޖަލްސާ ބޭއްވި ވަޒީރުންގެ އައްޔަންކުރެވި، އިއްތިފާގުން ރައީސާއި ނާއިބު ރައީސް ވެސް އައްޔަންކުރެވުނު. އަދި އެ ޖަލްސާ ނިމިގެން ދިޔައީ، ހުވަދު އަތޮޅާއި ފުވައްމުލައް ވެސް ސުވާދީބު ސަރުކާރުގައި ބައިވެރިކުރުމަށް ދަޢުވަތުދޭން ނިންމައި އެކަމަށް އެއްބަސްވުމަށް ފަހު....

ދިރާސީ ނޯޓު: އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވަނީ 1959 ވަނަ އަހަރުގެ ޖަނަވަރީ ތިންވަނަ ދުވަހު އިންގިލާބީ ކޮމެޓީއާއި ރަށްރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންނާ އެކު، ބޭއްވުނު ޖަލްސާގައި ސުވާދީބު ސަރުކާރުގެ ކެބިނެޓް އެކުލަވައިލެވުނު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވަނީ ރައީސަކަށް އަލްފާޟިލް ޢަބްދުﷲ ޢަފީފު (ހިތަދޫ)، ނާއިބު ރައީސަކަށް އިބްރާހީމް ތައްޚާނު (ހުޅުދޫ)، ފަނޑިޔާރުކަމަށް އައްޝައިޚު ޢަބްދުލް ބާރީ (ހުޅުދޫ) އަދި ފުލުހުންގެ ވެރިކަމަށް އަލްފާޟިލް ޢަބްދުﷲ ފާއިޒު (ހިތަދޫ) ހަމަޖެއްސެވި ކަމަށެވެ. އަދި މި ޖަލްސާގެ އެންމެ މުހިންމު އެއް ނިންމުމުގެ ގޮތުގައި ހުވަދު އަތޮޅާއި ފުވައްމުލައް ސުވާދީބު ސަރުކާރުގައި ބައިވެރިކުރުމަށް ދަޢުވަތު ދޭން ނިންމި ނިންމުން ފާހަގަކުރައްވާފައިވެއެވެ. މި ތާރީޚީ ޖަލްސާގައި މި ނިންމި ނިންމުންތަކުގެ ވާހަކަތައް ދައްކަވަމުން ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވަނީ މި ޖަލްސާއަކީ "ބޭރުފުށް ރިވެތިކުރުމުގެ" ގޮތުން ބޭއްވުނު ޖަލްސާއެއް ކަމަށެވެ. ފަހަރުގައި މި ބޭފުޅާގެ މުރާދަކީ، މި ޖަލްސާ ބޭއްވުމުގެ މާ ކުރިން އިނގިރޭސިން، ސުވާދީބުގެ ސަރުކާރު އެކުލަވާލައި ވެރިން ވެސް އައްޔަނުކޮށްފައިވުން ކަމުގައިވެދާނެއެވެ.

ޢަބްދުﷲ ޞާދިޤު (2016) ބަޔާންކުރައްވާ ގޮތުގައި ސުވާދީބު ސަރުކާރުގެ އޮނިގަނޑު އެކުލަވައިލެވުނީ  1959 ވަނަ އަހަރު މާޗު މަހުގެ 13 ވަނަ ދުވަހު ހަވީރު ބޭއްވުނު ޖަލްސާއެއްގައެވެ. މިގޮތުން އެކުލަވައިލެވުނު އިދާރާތަކަކީ (1) ރައްޔިތުންގެ މަޖިލިސް (ދަ ޕީޕަލްސް ކައުންސިލް އޮފް އައްޑު އެޓޯލް) (2) މަޙަކަމަތުލް ދާޚިލިއްޔާ (3) މަޙަކަމަތުލް އަމަންޢާއްމު (4)މަޙަކަމަތުލް ޝަރުޢިއްޔާ  (5) މަޙަކަމަތުލް މާލިއްޔާ  (6) ތަޢުލީމީ އިދާރާ (7) ޞިއްޙަތު އޮފީސް  (8) އިންފޮމޭޝަން ސަރވިސް (9) ލޭޒަން އޮފީސް (10) ޓެކްސް އޮފީސް (11) ރަށްރަށުގެ ރަށު އޮފީސްތައް (12) ރަށްރަށުގެ ނާއިބު އޮފީސްތަކެވެ. މި ދެންނެވުނު ވާހަކަތަކަށް ބަލާއިރު، ސުވާދީބު ސަރުކާރު ހިންގުމަށް ޓަކައި ރަނގަޅު އޮނިގަނޑެއް ރޭވިފައިވާ ކަން ފާހަގަކުރެވެއެވެ.

ދޮންކަނބުލޮ: މާފާ! މާފަ ތިޔަ ބުނަނީ، ސުވާދީބު ސަރުކާރުގެ މުޅި އޮނިގަނޑު އެކުލަވައިލައި ސަރުކާރު ހިންގުމުގެ ހުރިހާކަމެއް ރާވައިދިނީ އިނގިރޭސިންނޭތަ؟

މާފަ: (ހީނލާފައި) ދޮންކަނބުލޯ މިއީ މާފަ އަމިއްލައަށް ހަދައިގެން ނުވަތަ ޚިޔާލަށް ކިޔައިދޭ ވާހަކައެއް ނޫން... މިއީ ތާރީޚީ ފަތްފުށްތަކުން ފެންނަން ހުރި ވާހަކަ... ދޮންކަނބުލޮ ދެން ޖެހޭނީ މި ހުރިހާ ކަމަކާ ވިސްނާފައި އަމިއްލައަށް ކަންކަން ވަޒަންކުރަން. ނިކަން ވިސްނާލަބަލަ.. ހިތަދޫ ޢަބްދުﷲ ޞާދިޤު ލިޔުއްވާފައިވާ ފޮތެއްގައި އޮވޭ އެންމެ ކުޑަމިނުން ސިޓީ ލިޔާނެ ލެޓަރހެޑާއި ރަބަރު ސްޓޭމްޕް ވެސް ހުރީ އިނގިރޭސިވިލާތުން ތައްޔާރުކޮށްގެން ގެނެސްފައޭ... އެހެންވީމާ ދެން ކަނބުލޮ ވިސްނާލާ ސުވާދީބު ސަރުކާރުގެ ބަފަޔަކަށް ވާނީ އިނގިރޭސިންތޯ ނޫނީ ނޫންތޯ؟

ދޮންކަނބުލޮ: (ވަރަށް ހައިރާންކަމާ އެކު ވިސްނަން އިނދެފައި) މާފާ މިހާރު އޮޅިއްޖެ.... އިނގިރޭސިން ގަމަށް އައީ މާލޭގައި އޮތް ދިވެހި ސަރުކާރުން ހުއްދަދީގެންދޯ؟ ދެން ސުވާދީބު ސަރުކާރު އުފެއްދީމާ ދެން އެ ހުއްދައެއް ނޯންނާނެނުން.

މާފަ: (ވަރަށް އުފާވެފައި) އާނ އާނ! ދޮންކަނބުލޯ މިހާރު ތިޔަ ވިސްނަނީ މާފަ މި ބޭނުންވާ ގޮތަށް؟ އަސްލު އިނގިރޭސިން އަޑީގައި ތިބެގެން ސަރުކާރެއް އުފެއްދުމުގެ ބޭނުމަކަށް ވެސް ވެފައި އޮތީ، ތިޔަ ބުނި ކަންތައް... ހަނދާން އެބަހުރިތަ؟ މާފަ ބުނީމެއްނުން... އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި އިނގިރޭސިންނަށް 100 އަހަރަށް ގަން ދެއްވަން ނިންމި ނިންމުމަކީ ރަސްމީ ނިންމުމެއް ނޫނޭ.... އެކަމާއޭ ފާމުލަދޭރިކިލެގެފާނު އިސްތިޢުފާ ދެއްވަންޖެހިވަޑައިގަތީ ވެސް... މިކަން ރަސްމީ ނުވުން، އަސްލު ސުވާދީބު ސަރުކާރު އުފައްދަން އިނގިރޭސިން ނިންމި ސަބަބަކީ... މިއަށް ބަޣާވާތެކޭ މައްސަލައެކޭ ނުވަތަ ގަނޑުބަޑެކޭ ކިޔަސް މި ކަންތައްގަނޑުގެ އަސްލު ފެށުމަކީ މިއީ...

ދިރާސީ ނޯޓު: (1997) ވަނީ އައްޑޫ ބަޣާވަތުގެ ޙަޤީޤީ ފެށުމަކީ 100 އަހަރަށް ސ.ގަމާއި އަދި އައްޑޫގެ ވަކި ސަރަޙައްދެއް އިނގިރޭސިންނަށް ދެއްވުމަށް ދެއްވި ފަރާތަކުން ދެއްވި ޔަޤީންކަމާ ގުޅިގެން، މި މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ސިކުންތުން ފެށިގެން ކަމަށެވެ. މީގެއިތުރުން އޭނާ ސުވާލުކުރައްވަނީ މިކަމާ ދެކޮޅުހެދުން ސިފަކުރުމަށް، ވަޒަންދެކެ ލޯބިވުމޭ ނުވަތަ ޤައުމުދެކެ ލޯބިވުމޭ ނުވަތަ މިނިވަންކަމަށް ލޯބިކުރުމޭ ބުނުން ނޫން ގޮތަކަށް ޙަޤީޤަތް ސިފަކުރެވިދާނެތޯ މި ފަދައިންނެވެ. އަދި އެއަށްފަހު އޭނާ ވިދާޅުވަނީ "އައްޑޫ ބަޣާވަތުގެ ޙަޤީޤީ ފެށުމަކީ މި ދެންނެވި ދެކޮޅުހެދުމެވެ" (ޞ. 220). މި ހިސާބުން ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، ޢ މި ހާމަކުރައްވަނީ އިބްރާހިމް ފާމުލަދޭރިކިލެގެފާނު އިނގިރޭސިންނަށް ދެއްވި ޔަގީންކަމުގެ ވާހަކަކަމެވެ. ނުރަސްމީކޮށް ނަމަވެސް މިކަން އެ އޮތީ ހިނގާފައެވެ. އިނގިރޭސިން ގަމުގައި މަސައްކަތް ފަށައި ކުރިއަށް ގެންދިއައީއެވެ. ދެން އިނގިރޭސިންނަށް އެއްވެސް މަގެއް ނުދައްކަވައި، ގަމުގެ މަސައްކަތް ހުއްޓަވައިލެއްވުމަށް ދިވެހި ސަރުކާރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު މަސައްކަތްކުރެއްވީއެވެ. މި ދެ ބޮޑުވަޒީރުންގެ މި ދެ ނިންމެވުމުގެ ތެރޭގައި ތާށިވީ އައްޑޫ ރައްޔިތުންނެވެ. އޭގެ ނާޖާއިޒް ފައިދާ ނަގައި އިނގިރޭސިން އެމީހުން ބޭނުންވާ ކަންތައް ކުރިއެވެ. މި ދަންނަވަނީ ސުވާދީބު ސަރުކާރު އުފައްދައި އެ މީހުން ބޭނުންވާ މުއްދަތަކަށް ގަމުގައި ތިބެވޭނެ މަގު ފަހިކުރުވި ވާހަކައެވެ.

ދޮންކަނބުލޮ: މިހުރިހާ ކަމެއް ކުރީމާ އިނގިރޭސިންނަށް ލިބުނީ ކޮން ފައިދާއެއްތަ މާފާ؟

މާފަ: (ބޯޖަހައިލަމުން) .... ހޫމްމްމް... ފައިދާގެ ވާހަކަދޯ؟ އެ ފައިދާއަކީ، މާލޭގައި އޮތް ދިވެހި ސަރުކާރުން ނުކުރެވުނު ކަންތައް ސަރުކާރެއް އުފައްދައިގެން އެ ސަރުކާރުގެ ތެރެއިން ކުރުވުން

ދޮންކަނބުލޮ: (ވަރަށް އަވަސްއަވަހަށް) އަނެއްކާ އެއީ ކޮންކަމެއްތަ؟

މާފަ: އެއީ... އެއީ ސުވާދީބު ސަރުކާރުން ފުރަތަމަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައި އިނގިރޭސިން ހިމެނި މައްސަލަ...

ދޮންކަނބުލޮ: މާފާ އިނގިރޭސިންތަ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ އެކުލަވައިލަނީ ވެސް..

މާފަ: އެހެންޏާ...! އެހެން ދެން ކޮން ބައެއް އެކަން ކުރާނީ؟ ކަނބުލޯ އެހެން ނުބުނާންވީ އެއްވެސް ސަބަބެއް ނެތެއްނުން... މި ބުނާ ފުރަތަމަ ޖަލްސާގެ އެޖެންޑާގައި އޮތީ ވެސް އެންމެ މައްސަލައެއް. އެއީ އައްޑު އަތޮޅު ގަމާއި ހިތަދޫގެ މާންމެންދޫ ސަރަޙައްދުން 110 އޭކަރުގެ ބިން، އިނގިރޭސި ދައުލަތަށް  30 އަހަރުގެ މުއްދަތަށް ހިލޭ (އެއްވެސް ކުއްޔެއް ނެތި) ދިނުން.

ދޮންކަނބުލޮ: އަސްތާ މާފާ! 30 އަހަރަށް ހިލެޔޭ؟ މާފަ ހަނދާންނެތުނީކީ ނޫންތަ؟ ކާކުތަ ހިލޭ ބިމެއް ދޭނީ؟

މާފަ: (ކުޑަކޮށް ހީނލާފައި) އާނ! ކަނބުލޯ... ހަމަ މުޅިން ހިލޭ...

ދިރާސީ ނޯޓު: ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވަނީ ސުވާދީބު ސަރުކާރު އުފެދި، ސުވާދީބު ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ އެޖެންޑާގައި އޮތީ އެންމެ މައްސަލައެއް ކަމަށެވެ. އެއީ "އިނގިރޭސި ސަރުކާރުން އެދިފައިވާ ގޮތުގެ މަތިން އައްޑު އަތޮޅު ގަމާއި، ހިތަދޫ މާމެންދޫ ސަރަޙައްދުން 110 އޭކަރުގެ ބިން އިނގިރޭސި ސަރުކާރަށް (ކުއްޔަކާ ނުލައި) ދިނުމުގެ މައްސަލައެވެ" (ޞ. 56). އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި އިބްރާހީމް ފާމްލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި އެކިލެގެފާނު ހިތަދޫ މާމެންދޫން ދެއްވާފައި އޮތީ 80 އޭކަރުގެ ބިމެވެ. ނަމަވެސް މި ސަރަހައްދުގެ ހަނިކަމާއެކު 110 އޭކަރުގެ ބިން އިނގިރޭސިން ބޭނުންވީއެވެ. މި ގޮތަށް ބަޔާންކުރެއްވުމަށް ފަހު އޭނާ ލިޔުއްވާފައިވަނީ "މިކަމުން އެކަނި ވެސް އިނގިރޭސިން ސުވާދީބު ސަރުކާރު އުފެއްދި މަޤުޞަދު އޮޅުންފިލާފާނެ ކަމަށް ހީކުރަމެވެ" (ޞ 57). މިފަދައިންނެވެ.

ދޮންކަނބުލޮ: ދެން ކިހިނެއްތަވީ މާފާ؟ ހިލޭ ދިނީމާ... އައްޑޫ މީހުންނަށް އެއްވެސް ފައިދާއެއް ނުވާނެނުން.

މާފަ: ނޫނޭ.. ނޫނޭ... ކަނބުލޯ! ތިޔަ ގޮތަކަށް ނޫނޭ ކަންކަން ވީ؟ ހިލޭ ބިން ދިނީ... އެކަމު އިނގިރޭސިން ވަރަށް ގިނަ ކަންކަން އައްޑު އަތޮޅަށް ކޮށްދިން.... އިނގިރޭސިންގެ އެހީގައި އައްޑު އަތޮޅަށް ވަރަށް ބޮޑަށް ތަރައްޤީ ގެނައި.. މި ވާހަކަ އެހެން ދުވަހަކުން ކިޔައިދޭނަން އިނގޭ...

ދޮންކަނބުލޮ: މާފާ... ހާދައަވަހަކަށް ނިންމާލަނީ.... އަދި ކިޔައިދީބަލަ...

މާފަ: އަދި ނިމާލީއެއް ނޫނޭ... މި އުޅެނީ ސުވާދީބު ސަރުކާރު އުފެދުމާ ގުޅިގެން ދެން ސިޔާސީ ގޮތުން ހިނގަމުންދިޔަ ކަންކަން ދުނިޔޭގެ ސަމާލުކަމަށް އައި ގޮތް ކިޔައިދޭން

ދޮންކަނބުލޮ: އެހެންދޯ؟ (ވަރަށް ހަމަޖެހިލާފައި އިށީނުން) މި ރާއްޖޭގެ ވާހަކަ ދުނިޔޭގެ ސަމާލުކަން ވެސް ހޯދީއޭ؟ މާފާ ކިހިނެއް؟

މާފަ: ކޮންމެ ގޮތެއް ވިޔަސް މިހެން ވަކި ސަރުކާރެއް އުފެއްދުން އެއްވެސް ސަރުކާރުން ބަލައެއް ނުގަންނާނެނުން.. އެހެންވީމާ، ދިވެހި ސަރުކާރުން ބައިނަލް އަގުވާމީ ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަސައްކަތް ފެށްޓެވީ... ދެން ދުވަސްކޮޅެއް ނުވެ ބައިނަލް އަގުވާމީ ފާޑުކިޔުން އިނގިރޭސިންނަށް އަމާޒުވި... އެ ދަނޑިވަޅުގައި އިނގިރޭސިން ބުނަމުން ދިޔައީ ސުވާދީބު އުފެއްދީ ތިމަންމެނެއް ނޫނޭ... އޭރު ޔޫއެން ނުވަތަ އަލިފުދާލު ޖަމުޢިއްޔާ ވެސް އޮވޭ... ކޮމަންވެލްތް ވެސް އުފެދިފައި އޮތް... އެހެންވީމާ، ދުނިޔޭގެ އެންމެން ތަބާވާ ވަކި ހަމަތަކެއް އުސޫލުތަކެއް ގާއިމުވެފައިވޭ... މިގޮތަކަށް ވަކިވެގެން ވަކި ސަރުކާރެއް ނުއުފެއްދޭނެތާ ދޯ ކަނބުލޯ.. މިހާރު އެބަ ވިސްނޭތަ މި ވާގޮތް...

ދޮންކަނބުލޮ: (ވިސްނަންއިނދެފައި) އެހެންވީމާ، އިނގިރޭސިން ދޮގުހެދީތަ؟ ދުނިޔެއަށް ދެއްކީ އެހެން މަންޒަރެއްދޯ؟

މާފަ: އާނ! ދިވެހި ސަރުކާރުން ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސި ދައުލަތާއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ފެށީ... މި މަޝްވަރާތައް ގިނައިން ހިނގަމުންދިޔައީ ސްރީލަންކާގައި... އެންމެ ފަހުން މަޝްހޫރު އޯލްޕޯޓް އެގްރީމަންޓުގައި ދެ ސަރުކާރުން ސޮއިކުރެއްވީ... މި ކިޔައިދެވުނީ މި ވާހަކަތައް ވަރަށް ކުރުކުރުކޮށް... އަދި އެހެން ދުވަހެއްގައި ތަފުސީލުކޮށް ކިޔައިދޭނަން..

ދިރާސީ ނޯޓު: "ދެން ޖަހައިފިއްޔާ ހޭއަރުވާލާނަމޭ ވިދާޅުވެ ނާޞިރު ދެއްވި ރައްދު" (ޞ.74-75) މި ސުރުޚީގެ ދަށުގައި ޢަލީ ހުސައިން (2014) ބަޔާންކުރައްވާފައިވާ ގޮތުގައި އިނގިރޭސިން އަޑީގައި ތިބެގެން އައްޑޫ އަތޮޅުގައި ވަކި ވެރިކަމެއް އިޢުލާނު ކުރުވިއިރު، ދެ ދައުލަތުގެ ދެމެދުގައި، މައްސަލަ ހައްލުކުރުމާމެދު އަވަށްޓެރި ސިލޯނުގައި ދިޔައީ ވާހަކަދެކެވެމުންނެވެ. އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ބޮޑުވަޒީރު ދެކެވަޑައިގަތީ ހިހޫ ދަގަނޑުގައި ތަޅައިގެން ނަތީޖާއެއް ނުނުކުންނާނެ ކަމަށާއި، ގޮތެއް ހަދަން ބޭނުންނަމަ ދަގަނޑު ދޮންކުރަންޖެހޭނެކަމަށެވެ. ވީމާ، "ދަގަނޑު ކެނޑޭނީ ހަމަ ދަގަނޑުންނެވެ" (ޞ.75). މި ބީދައިން ދިވެހި ސަރުކާރުން މަސައްކަތްކުރައްވައި އެންމެ ފަހުން "އޯލްޕޯޓް އެގްރީމަންޓް"އާ ހަމައަށް އާދެވުނު ކަން ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. ކޮންމެއަކަސް ޢަލީ ހުސައިން ބޭނުންކުރައްވާފައިވާ ސުރުޚީއަށް އެކަނި ބެއްލެވިޔަސް، ދިވެހި ސަރުކާރުން މި މައްސަލައިގައި އެއްވެސް ދުލެއް ނުދެއްވައި ކުރައްވަމުން ގެންދެވި މަސައްކަތްތައް ފާހަގަކުރެވެއެވެ.

ދޮންކަނބުލޮ: މާފަ ކޮން އެގްރީމަންޓެކޭ؟ އޯލްޕޯޓޭ؟ އެއީ ކީކޭތަ؟ ކީއްވެ އޯލްޕޯޓް އެގްރީމަންޓް ކިޔަނީ؟

މާފަ: މި އެގްރީމަންޓަކީ އިނގިރޭސި ސަފީރު އޯލްޕޯޓް އަދި ދިވެހި ސަރުކާރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު ސޮއިކުރެއްވި އެގްރީމަންޓް. އެހެންވީމާ މި އެގްރީމަންޓަށް "އޯލްޕޯޓް-ނާސިރު" އެގްރީމަންޓު ވެސް ކިޔާ...

ދޮންކަނބުލޮ: ކީކޭތަ އެގްރީމަންޓުގައި އޮތީ؟

މާފަ: އެ އެގްރީމަންޓުގައި ޖުމުލަ 8 މާއްދާ ހިމެނޭ... އެހެންވީމާ ވަރަށް ގިނަ ވާހަކަތައް ހިމެނޭނެތާ... މީގެ ތެރެއިން މާފައަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ 3 ވަނަ މާއްދާ... އޭގައި މިވަނީ، ސުވާދީބު ސަރުކާރާ އެކު ވެސް އިނގިރޭސިން އެއްބަސްވި އެއްބަސްވުން...

ދޮންކަނބުލޮ: މާފާ ކީކޭ؟ ތިބުނީ 30 އަހަރަށް ހިލޭ އިނގިރޭސިންނަށް ގަން ދޭ ވާހަކަދޯ؟

މާފަ: އާނ! އެ ވާހަކަ.... އެހެންވީމާ، އިނގިރޭސިންގެ ބޭނުން އެއޮތީ ރަސްމީކޮށް ދިވެހި ސަރުކާރާއެކުގައި އެއްބަސްވެ ސޮއިކުރެވިފައިތާ... އަދި މި އެގްރީމަންޓަށް ފަހު ވަރަށް ގިނަ ހިލޭ އެހީތައް އިނގިރޭސީން ދިވެހި ސަރުކާރަށް ދިން... އެހެންވީމާ ދިވެހި ސަރުކާރުގެ ވެސް ބޭނުން ފުދުނީދޯ ދޮންކަބުލޯ...

ދޮންކަނބުލޮ: އެހެންތަވީ މާފާ..؟

ދިރާސީ ނޯޓު: އޯލްޕޯޓް އެގްރީމަންޓުގެ 3 ވަނަ މާއްދާ: "15 ޑިސެންބަރު 1956މ. މި ތާރީޚުން ފެށިގެން 30 އަހަރު ވަންދެން ގަމުގެ މުޅި ސަރަޙައްދާއި ހިތަދޫ (މާމެންދޫ) ފާހަގަކުރެވިފައިވާ 110 އޭކަރުގެ ބޭނުންކުރުން ހުރަހެއް ނެތި ޚާއްޞަ ގޮތުގައި "ޔޫކޭ ސަރުކާރަށް ހަވާލުކޮށް ދެއެވެ. އަދި އައްޑު އަތޮޅު ތެރޭގެ ކަނޑާއި އެއާ ގުޅޭ ސަރަޙައްދީ ކަނޑުގެ ބޭނުންކުރުން ވެސް ހަމަ މި މުއްދަތަށް ލިބިގެންވެއެވެ. މިކަންކަމީ ދިވެހި ސަރުކާރުން ދެއްވާ ހިލޭ ހަދިޔާއެކެވެ. ގަމާއި ހިތަދޫގެ (މާމެންދޫއިން) ރޭޑިއޯ ސްޓޭޝަންގެ ސަރަޙައްދާއި އައްޑު އަތޮޅު ތެރޭގެ ކަނޑާއި އަދި އެއާ ގުޅޭ ސަރަހައްދީ ކަނޑަށް މީގެފަހަށް ނިސްބަތްކުރެވިފައިވާނީ "އެއްބަސްވެވުނު ސަރަޙައްދުތައް" ކަމަށެވެ. މި އެގްރީމަންޓުގައި ބުނެފައިވާ އެއްވެސް އެއްޗަކުން އެ ސަރަޙައްދުތަކަކީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަދުންގެ ރަސްކަން ފެތުރިފައިވާ ސަރަޙައްދުކަން ކަމެއް، ކުޑައެއް ނުކުރެވޭނެއެވެ. މަތީގައި ބުނެފައިވާ 30 އަހަރުގެ މުއްދަތު އެއް ހަމައެއްގެ މަތިން ދެ ސަރުކާރު އެއްބަސްވެއްޖެ ހިނދެއްގައި ދިގުކުރެވިދާނެއެވެ. (އިބްރާހީމް ޝިހާބު، 1990، ޞ. 98). އެގްރީމަންޓުގެ މި މާއްދާއަށް ބަލާއިރު، ސުވާދީބަކީ ދިވެހިރާއްޖޭގެ ރަދުންގެ އަމުރު ނުހިގާ ތަނެއްކަމަށް އިނގިރޭސިންނަކަށް ބަލައެއް ނުގަނެވޭނެއެވެ.

މި އެގްރީމަންޓުގެ ވާހަކަދައްކަވަމުން ޢަލީ ހުސައިން (2014) ވިދާޅުވަނީ އިނގިރޭސި ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ޖެހުނު މައްސަލަ ނިމުމަކަށް އައީ 1960 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ސޮއިކުރެވުނު އޯލްޕޯޓް އެގްރީމަންޓުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބުން 100 އަހަރަށް ދީފައި އޮތް އައްޑުއަތޮޅު ގަމާއި ހިތަދޫގެ ބިން ކުއްޔަކާ ނުލައި 30 އަހަރަށް ދޭ ގޮތަށް ނިންމިކަމަށް ވެސް އޭނާ ބަޔާންކުރައްވައެވެ. މީގެއިތުރުން ވިދާޅުވަނީ، ހިލޭ 30 އަހަރަށް ގަމާއި ހިތަދޫގެ ބިން ދިނުމުން "އިނގިރޭސިންގެ ފަރާތުން ކުރިން ނުލިބޭ އެހީ ނަގުދުފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބުނެވެ" (ޞ. 75). މިފަދައިންނެވެ. އެގޮތުން ހޮސްޕިޓަލަކާއި ހޮސްޕިޓަލް ލޯންޗެއް (ގޯލްޑަންރޭ) ލިބުނުކަން ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. މި އެގްރީމަންޓުގައި މާލޭގައި ހިނގާ ދިވެހި ސަރުކާރު ފިޔަވައި އެހެން ސަރުކާރެއް އިނގިރޭސި ދައުލަތުން ގަބޫލުނުކުރާނެ ވާހަކަ ލިޔެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

މި ހިލޭ އެހީގެ ވާހަކަ ދައްކަވަމުން އިޔާޒް ނަސީމް (2015) ވިދާޅުވަނީ އޯލްޕޯޓް އެގްރީމަންޓަށް ފަހު، އަށްލައްކަ ފަންސާސް ހާސް ޕައުންޑުގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ދޭން ވެސް އިނގިރޭސީން ނިންމިކަމަށާއި މީގެ ތެރެއިން އެއް ލައްކަ ޕައުންޑު ނަގުދު ފައިސާގެ ގޮތުގައި އަދި ހަތް ލައްކަ ފަންސާސް ހާސް ޕައުންޑުން ދިވެހީންގެ މަސްވެރިކަމަށާއި ކޮމިއުނިކޭޝަނަށާއި ސިއްހަތަށް އެހީވުމަށް ޓަކައި ޚަރަދުކުރާ ގޮތަށް ހަމަޖެހުނުކަމަށެވެ.

މާފަ: މި އެގްރީމަންޓާ ގުޅިގެން ދެ ސަރުކާރުގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުމާއި މައްސަލަތައް ހައްލުވީ ކަމަށް ތާރީޚު ލިޔުއްވާ ބައެއް ބޭފުޅުން ލިޔުއްވާ... ޚާއްޞަކޮށް، ބޮޑުވަޒީ އިބްރާހީމް ނާސިރުގެ ވަރަށް އަރިހުގައި މަސައްކަތްކުރެއްވި ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާތީ، މާފަ ހިތަށް އަރަނީ.... 1960 ވަނަ އަހަރު އިނގިރޭސިންނާ ދިވެހި ސަރުކާރާ އޮތް މައްސަލަ ހައްލުވެފައި އޮއްވާ ދެން އޭގެ ފަހުން ދެކުނުގެ އަތޮޅުތަކުގައި ހިނގި ހަމަނުޖެހުންތައް ހިނގީ ކީއްވެގެންބާއޭ؟ މި ސުވާލުގެ ޖަވާބު ހޯދަން މާފަ ވަރަށް މަސައްކަތް ކުރިން...އެހެންވީމާ، އެ ވާހަކަތައް ވެސް ފަހުން ކިޔައިދޭނަން އިނގޭ.. މިއަދު ދެން މިހިސާބުން ނިންމާލަމާދޯ؟

ދޮންކަނބުލޮ: ވަރަށް އަޑުއަހާ ހިތްވޭ މާފާ... ހާދަހާ ގިނަ ކަންކަމޭ އިނގިރޭސީންނަށް ގަން ދިނުމާ ގުޅިގެން ހިނގާފައިވަނީދޯ؟ މާފަ ގާތުން ހުރިހާ ވާހަކައެއް އޮޅުންފިލުވަން ބޭނުން...

މިއަދުގެ ކޮލަމުގައި މި ހުށަހަޅައިދެވުނީ، އިނގިރޭސިން، ސުވާދީބު ސަރުކާރަށާއި ދިވެހި ސަރުކާރަށް ދައްކަމުން ދިޔަ ދެފުށްދެގޮތް މަންޒަރުތަކުގެ ވާހަކައެވެ. މާލޭގައި ހިނގަމުން ދިޔަ ދިވެހިސަރުކާރާއެކުގައި ވެސް އެއްބަސްވެ އައްޑު އަތޮޅު ގަމާއި މާމެންދޫއިން ބައެއް 30 އަހަރަށް ހިލޭ ލިބުނު ކަމުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އިނގިރޭސީން އަޑީގައި ތިބެގެން ސުވާދީބު ސަރުކާރު އުފައްދައި، އެ ސަރުކާރުގެ ރައްޔިތުންގެ މަޖިލިސް (ދަ ޕީޕަލްސް ކައުންސިލް އޮފް އައްޑޫ އެޓޮލް) އިން ވެސް އެ ނިންމުން އިނގިރޭސިން ރާވައިގެން އޮތީ ފާސްކުރުވާފައެވެ. އަދި ދެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް އެތައް އެހީއެއް ވަމުން ދިޔަކަން ވެސް ތާރީޚުން އެނގެން އެބަ އޮތެވެ. ވީމާ، އިނގިރޭސިންގެ އާރާއި ބާރާއި ނުފޫޒު އަދި މުއްސަނދިކަން ބޭނުންކޮށްގެން، އިނގިރޭސިން ބޭނުންވާ ކަންކަން ބޭނުންވާ ގޮތަކަށް ނިންމަމުން ދިޔަކަން، މިއަދުގެ ކޮލަމުން ހާމަވެއްޖެއެވެ. ވީމާ، އަންނަ ހަފުތާގެ ކޮލަމުގައި ވެސް ސުވަދުންމަތީގެ މުޅިން އާ ސަފުހާއެއް ގެނެސްދިނުމުގެ އުންމީދުގައި މިއަދުގެ ކޮލަމު ނިންމާލީއެވެ. އަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާށެވެ.


ހަވާލާ ދެވިފައިވާ ލިޔުންތައް

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް

އިޔާޒް ނަސީމް. (2019). ރައީސް ނާސިރުގެ ގޮތް ދޫނުކުރެއްވުމުން ހޯއްދެވި މިނިވަންކަން. ނެގީ: (4 ސެޕްޓެންބަރު 2020) https://sun.mv/122254

އިބްރާހީމް ޝިހާބު. (1990). ގަމާއި ހިތަދޫން ފާހަގަކުރެވިފައިވާ ބިމާއި އައްޑު އަތޮޅު ތެރޭގެ ކަނޑާއި އަދި އެއާ ގުޅިގެންވާ ސަރަޙައްދީ ކަނޑުގެ ބޭނުން ކުރުމާބެހޭ އެގްރީމަންޓް. އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން. (ޞ. 97-101). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ޢ. (1997). ދެކުނުގެ ބަޣާވަތް. ޢަބްދުލް ޙަކީމް ޙުސައިން މަނިކު (އެޑިޓަރ) އިއްޔެ. ޞ220-236. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑް.

ޢަލީ ހުސައިން. (2014). ފުރިހަމަ މިނިވަންކަމާ ދިމާއަށް ދިވެހިން ކުރި ދަތުރުގެ ނިމުން. ދިވެހި ޑައިޖެސްޓް (މިނިވަން ނަންބަރު). މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް.

ޢަބްދުﷲ ޞާދިޤު. (2016). ސުވާދީބާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.