އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމެނިކް ރާބް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ގައުމަށް އެނބުރިވަޑައިގެން އުދުހޭ ބޯޓުން ފައިބައިވަޑައިގެންނެވިއިރު ޚާރިޖީ ވަޒީރުގެ ހަށިފާރަވެރިޔާއަށް ބޯޓުން ފޭބުނީ އޭނާގެ ފިސްތޯލަ އިށީދެ އިން ގޮނޑީގައި ބާއްވާފައެވެ. އެކަމާގުޅިގެން އޭނާ ވަނީ ވަޒީފާއިން އެކަހެރިކުރެވިފައެވެ. އޭނާ ވަޒީފާއިން އެކަހެރިކުރީ ޒިއްމާދާރު ވަޒީފާއެއް އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާތީއާއި މައްސަލަ ތަހުގީގުކުރަމުންދާތީ އެވެ.
ގޮޑީގައި އޮތް ފިސްތޯލަ ފެނުނީ ބޯޓުން މީހުން ފޭބިފަހުން ބޯޓު ފޮޅައި ސާފުކުރުމުގެ މަސައްކަތުގައި އުޅުނު މީހަކަށެވެ. އެމީހާއަށް ފިސްތޯލަ ފެނުމާއެކު ކަމާބެހޭ މީސްމީހުންނަށް އޭނާ އެކަން އެންގިއެވެ.
ފިސްތޯލައެއް ބޯޓުގައި އޮތްކަން އެނގުމާއެކު ފުލުހުން ބޯޓަށް އެރިއެވެ. އަދި އެއީ ކާކުގެ ފިސްތޯލައެއްކަން އެނގުމުން އެ ފިސްތޯލަ ޑޮމިނިކް ރާބްގެ ސަލާމަތީ ކަންތައްތަކުގައި އުޅުނު މީހަކާ ފުލުން ހަވާލު ކުރިއެވެ.
ސްކޮޓްލޭންޑް ޔާޑު ފުލުހުން ބުނިގޮތުގައި އެ ހާދިސާ ހިނގި ގޮތުގެ ތަހުގީގެއް އެމީހުން ދަނީ ކުރަމުންނެވެ.
މެޓްރޮޕޮލިޓަން ފުލުހުން ބުނިގޮތުގައި އެ ހާދިސާގެ ޚަބަރު ލިބުމާއެކު އެމީހުންދަނީ ވަރަށް ފަރުވާތެރިކަމާއެކު އެ މައްސަލަ ބަލަމުންނެވެ.
ޚާރިޖީ ވަޒީރު ދަތުރުކުރެއްވީ އެމެރިކާގެ ވޮޝިންޓަން ޑީސީން އިނގިރޭސިވިލާތުގެ ހީތުރޯ އެއާޕޯޓަށް ހުކުރުދުވަހު އައި ޔުނައިޓެޑް އެއާލައިންގެ އުދުހޭ ބޯޓެއްގައެވެ.
އިނގިރޭސި ބޮޑުވަޒީރުކަން ކުރީން ކުރެއްވި ޑޭވިޑް ކެމަރަންގެ ހަށިފާރަވެރިއަކު ވަނީ އޭނާގެ ފިސްތޯލަ ފާޚާނާ ތެރޭގައި ބާއްވާފައި ނިކުމެގެން ގޮސްފައެވެ. އެ ފިސްތޯލަ ފަސިންޖަރަކަށް ފެނުމުން އެމީހާ ވަނީ ބޯޓުގެ މީހަކާ ފިސްތޯލަ ހަވާކޮށްފައެވެ.
ޚާރިޖީ ވަޒީރު ޑޮމިނިކް ރާބް އެމެރިކާއަށް ވަޑައިގަތީ އެމެރިކާގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށެވެ. އޭނާ އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯއާ ބައްދަލު ކުރެއްވިއެވެ.