އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވޭ ގޮތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީޑިއާއަކުން ރުޅިވެރިކަމާއި ޙަޞަދައާއި ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ ބަލައިގެނެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެފަދަ މީޑިއާތައް އަޑު ނޭއްސެވުމަށާއި ޤަބޫލު ނުކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ރައީސް ނަޝީދު މިމޭރުމުން ޓްވީޓެއް ކުރައްވައިފައި މިވަނީ ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި ލައިވް ޕްރޮގްރާމެއްގައި ފޯނުން ވާހަކަ ދެއްކި ކޮޅުމަޑުލު މީހަކު ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ގޮވާލުމާ ގުޅިގެން ގިނަ ބަޔަކު އެކަން ކުށްވެރިކޮށް އެ ޗެނަލް ބަންދު ކުރުމަށް ވެސް ބައެއް މީހުން ގޮވާލަމުން ދަނިކޮށެވެ. ކޮޅުމަޑުލު މީހާ ބުނެފައި ވަނީ އޭނާއަށް ފެންނަ ގޮތުގައި ދެން ކުރަންވީ ކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖެހުން ކަމަށެވެ. މި މައްސަލަ ފުލުހުންނާއި މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ވެސް މިހާރު ދަނީ ބަލަމުންނެވެ.
ޗެނަލް 13 އިން ބުނެފައިވާ ގޮތުގައި ޕްރޮގްރާމްގައި ވާހަކަދެއްކި މީހާ ފާޅުކުރީ އޭނާގެ އަމިއްލަ ޚިޔާލެކެވެ. އެ ވާހަކަ ވަގުތުން ފޮނުވުނީތީ މައާފަށް އެދޭ ކަމަށް ވެސް އެޗެނަލުން ވަނީ ބުނެފައެވެ.