އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމުގައިވާ މޮރިޝަސްގެ ފަރަކަށް އަރާފައިވާ އާގުބޯޓު ބިންދައިގެން ގޮސް ދެބައިވެއްޖެއެވެ. ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ އެ ސަރަހައްދަށް ޖަޕާނުގެ އެ ބޯޓުން މިހާރު ވަނީ އެތައް ހާސް ޓަނެއްގެ ތެޔޮ ބޭރުވެފައެވެ.
މޮރިޝަސްގެ ފަރަކަށް 4000 ޓަނުގެ ތެލާއިގެން ދަތުރުކުރި އެ އާގުބޯޓު އެރީ ފާއިތުވި ޖުލައި މަހުގެ 25 ދުވަހުއެވެ. ބޯޓު ފުންނުކުރެވި އެތާހުރެ، ފަރަށް ޖަހާ ރާޅުގެ ސަބަބުން ބޯޓުގައި ރެނދުލައި ބިންދައިގެން ގޮސް ދެބައިވީއެވެ.
އޮގަސްޓު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ތެޔޮ ބޭރުވާން ފެށި އެ ބޯޓުން ނެގުނީ 1000 ޓަނުގެ ތެލެވެ. ބާކީހުރި 3000 ޓަނުގެ ތެޔޮ ވަނީ ގުދުރަތީ ރީތިކަން ލިބިފައިވާ އެ ސަރަހައްދަށް ބޭރުވެފައެވެ. މޮރިޝަސް އިން ތިމާވެށީގެ ކުއްލި ހާލަތު އިއުލާންކޮށް، ބޭރުވެފައިވާ ތެޔޮ ސާފުކުރުމުގައި ބޭރު ގައުމުތަކުގެ އެހީއަށް އެދުމުން ޖަޕާނާއި، ފްރާންސުން ވަނީ އެހީދޭން ނިންމާފައެވެ. ފަރަށް އެރި އާގުބޯޓަކީ ޖަޕާނުގެ ބޯޓަކަަށް ވާއިރު، މޮރިޝަސްގެ ކައިރީގައި އޮންނަ ރިޔުނިއަން ޖަޒީރާއަކީ ފްރާންސްގެ ދަށުގައި އޮންނަ ރަށެވެކެވެ.
ޖަޕާނުގެ ތިމާވެށްޓާ ބެހޭ ވަޒީރު ޝިންޖީރޯ ކޮއިޒުމީ ވިދާޅުވި ގޮތުގައި ޖަޕާނުން ވަނީ އެ މިނިސްޓްރީގެ އިސް އޮފިޝަލުންނާ ތަޖުރިބާކާރުންގެ ޓީމެއް ފޮނުވައި ތެޔޮ ބޭރުުވުގެ ސަބަބުން ލިބިފައިވާ ގެއްލުން ބެލުމަށެވެ. ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކޮއިޒުމީ ވިދާޅުވީ ތެޔޮ ބޭރުވުމުގެ ސަބަބުން އެ ސަރަހައްދުގެ ދިރޭ ތަކެތި ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމުގައެވެ.
އެމްވީ ވަކަޝިޔޯ ނަަމަކަށް ކިޔާ އާގުބޯޓު ފަރަށް އެރުމާއެކު އޭގައި ހުރި ތެޔޮ ހުސްކުރަން މަސައްކަތްކޮށްފައި ނުވާތީ މޮރިޝަސް ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ބޯޓުން ތެޔޮ ބޭރުވާން ފަށާފައި ވަނީ ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ. ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ބޮޑުވަޒީރު ޕްރަވިންދް ގަޖަނައުތު ވިދާޅުވީ ތެޔޮ ހުސްކުރުމުގެ މަސަައްކަތް ނުކުރެވުނީ އެ ސަރަހައްދުގެ މޫސުން ގޯސްކަމުން ކަމުގައެވެ.
އާގުބޯޓުގެ ވެރިފަރާތް، ނަގަޝިކީ ޝިޕިންގއިން ބުނީ ބޯޓު މިސުރާބުން ކައްސާލައިގެން ދިޔައީ ކީއްވެގެންކަން ބަލަމުންދާ ކަމުގައެވެ. ބޯޓު ދަތުރުކުރަން ހަމަޖެހިފައި އޮތީ އައްސޭރިފަށާ 16 ކިލޯމީޓަރު ދުރުންނެވެ. އެ ކުންފުނިން މިހާރު ވަނީ ކަނޑަށް އެޅިފައިވާ ތެޔޮތައް ސާފުކުރުމުގައި އެހީވުމަށް ތަޖުރިބާކާރުންގެ ޓީމެއް ފޮނުވާފައެވެ.
މޮރިޝަސްގެ އިގުތިސާދު ވަނީ ވަރަށް ބޮޑަށް ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައެވެ. މި ހާދިސާގެ ސަބަބުން 1.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މޮރިޝަސްގެ އިގުތިސާދަށް ކުރާނެ ނޭދެވޭ އަސަރު ކުޑައެއް ނުވާނެއެވެ. މޮރިޝަސްގެ ކަނޑުތައް ދިރާސާކުރާ ވެސެން ކައުއްޕައިމުތޫ ބުނި ފަދައިން "މޮރިޝަސް މީހުން މިހާރު ތިބީ ނޭވާ ހިފަހައްޓާލައިގެން"ނެވެ.