މޮރިޝަސްގެ ފަރަކަށް އަރާފައިވާ ޖަޕާނުގެ ތެޔޮ ބޯޓަކުން ކަނޑަށް ތެޔޮ ބޭރުވާން ފެށުމާއެކު އިއްޔެ އެ ގައުމުގައި ތިމާވެށީގެ ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.
ބޯޓު ކައިރީ ފެންމަތީގައި ބޮޑު ތެޔޮގަނޑެއް ފެތުރެމުންދާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަ އިރު، ބޮޑުވަޒީރު ޕްރަވިންދް ގަޖަނައުތު ވިދާޅުވީ މައްސަލައަކި ވަރަށް ހައްސާސު މައްސަލައެެއް ކަމުގައެވެ.
އެފްރިކާގެ އިރުމަތީ ބިތާ ދިމާއަށް އިންޑިޔާ ކަނޑުގައި އޮންނަ މޮރިޝަސް އަކީ އެ ގަައުމުގެ އިގްތިސާދުގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގައުމެކެވެ. ދޮންވެލި ގޮނޑުދޮށްތަކާއި، ފަރުތައް ތަޣައްޔަރުވެ ހަލާކުވުމަކީ އެގައުމުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.
މޮރިޝަސްއިން ބުނި ގޮތުގައި ފާއިތުވި ޖުލައި މަހުގެ 25 ވަނަ ދުވަހު ފަރަށް އަރާފައިވާ އެމްވީ ވަކަޝިޔޯގައި 4000 ޓަނު ތެޔޮ އެބަހުއްޓެވެ. އަދި އެ ބޯޓުގައި ވަނީ ރެނދުލާން ފަށާފައެވެ. އަދި މީސްމީޑިޔާއި ހިއްސާކުރަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮނޑުދޮަށަށް ތެލުގެ އަސަރު ވަނީ ކުރަން ފަށާފައެެެވެެ.
"ފަރަށް އަރާފައިވާ އާގުބޯޓުތައް ފުންކުރުމުގެ ވަސީލަތާއި ތަޖުރިބާއެއް އަޅުގަނޑުމެންގެ ނެތް. އެހެންކަމުން، އަޅުގަނޑު ވަނީ ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން އަރިހުގައި އެހީއަށް އެދި ދަންނަވާފައި." ބޮޑުވަޒީރު ޖަގަނައުތު ވިދާޅުވިއެވެ.
އިންޑިޔާ ކަނޑުގައި އޮންނަ ފްރާންސުގެ ޖަޒީރާ ރިޔުނިއަންއަކީ މޮރިޝަންގެ އެންމެ ގާތް އަވަށްޓެރިޔާއެވެ. އަދި ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްރާންސަކީ މޮރިޝަސްގައި އެންމެ ބޮޑު އިންވެސްޓެއް ކޮށްފައިވާ ބޭރު ގައުމެވެ. އަދި އެ ގައުމުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ.
"ބްލޫބޭއާއި، ޕްއިންޓް ޑިއެސްނީއާއި، މާހެބޯގްގައިވާ އެތައްހާސް ވައްތަރެއްގެ ދިރުން ތަޣައްޔަރުވެފައިވާ ވެށްޓެއްގެ ތެރެއަށް ނެތިދިއުމުގެ ބިރު އެބައޮތް. މޮރިޝަސްގެ އިގުތިސާދަށާއި، ކާބޯތަކެތީގެ ރައްކާތެރިކަށާއި، ސިއްހަތަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑުވާނެ." ގްރީންޕީސް އެފްރިކާގެ ހެޕީ ކަމްބުލޭ ވިދާޅުވިއެވެ.