ވިއަރެއާލް 2-1 ލަނޑުން ބަލިކޮށް ރެއަލް މެޑްރިޑުން ލަލީގާގެ ޗެމްޕިއަންކަން ހުކުރުވިލޭރޭ ހޯދުމުން އެންމެ ބޮޑު ޝަރަފެއް ލިބުނީ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާންއަށެވެ.
ޒިދާނާ ނުލައި ރެއަލް މެޑްރިޑަށް ދިމާވަމުން ދިޔަ ނާކާމިޔާބީ ޒިދާން އެނބުރިއައިސް ފެނުނީ ފޮނިކާމިޔާބީއަކަށް ބަދަލުކޮށްދިން ތަނެވެ.
ރެއަލް މެޑްރިޑަށް 34 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިދިން މެޗުގެ ދެ ލަނޑުވެސް ޖެހީ ކަރީމް ބެންޒަމާއެވެ. ރޭ ބެންޒަމާ ދެލަނޑު ޖެހުމުން އޭނާ ލީގުގައި މިފަހަރު ޖެހި ލަނޑުގެ އަދަދު ވަނީ 21 އަށް އަރާފައެވެ.
މެޑްރިޑުން ދެ ލަނޑު ޖަހާފައިވަނިކޮށް މެޗުގެ 83 ވަނަ މިނިޓްގައި ވިސެންޓޭ އިބޯރާ ވިޔަރެއާލަށް ލަނޑެއް ޖަހައިދީ ޓީމަށް އުއްމީދެއް ގެނެސްދިނެވެ. ނަމަވެސް އިތުރު ލަނޑެއް ޖެހޭ ގޮތެއްނުވިއެވެ.
ލީގުގައި އެއްމެޗު ކުޅެން ބާކީ އޮތްވާ ހަތް ޕޮއިންޓުގެ ތަފާތަކުން ކުރި ހޯދައިގެން ރެއަލް މެޑްރިޑަށް ޗެމްޕިއަންކަން ލިބުނީ ވާދަވެރި ބާސެލޯނާ އަމިއްލަ ދަނޑުގައި ރޭ އޮސަސޫނާ އަތުން 2-1 ލަނޑުން ބަލިވުމުންނެވެ.
ކޮރޯނާ ވައިރަހާހެދި ލީގު މެދު ކަނޑާލިއިރު ބާސެލޯނާ ލީގުގައި ކުރި ހޯދާފައި ވިޔަސް އަލުން ލީގު ފެށިފަހުން ޒަނުއްދީން ޒިދާންގެ ކޯޗުކަމުގައި މެޑްރިޑުގެ ކުޅުންތެރިން ދައްކާފައި ވަނީ މާ ހިތްވަރުގަދަ މޮޅު ކުޅުމެކެވެ. ބަލިނުވެ 10 މެޗު ކުޅެފައިވެއެވެ.
ވިދިވިދިގެން ތިން އަހަރު ޗެމްޕިއަންސް ލީގު މެޑްރިޑަށް ހޯދައިދިނުމަށްފަހު ކޯޗުކަމުން ޒިދާން ވަކިވުމުން މެޑްރިޑް ފެންނަމުން ދިޔައީ ރޫޅެމުން ފެތެމުން ދިޔަތަނެވެ. ނާކާމިޔާބު ދެކޯޗުން ވަކިކޮށް އަލުން ޒިދާނާ ޓީމު ހަވާލު ކުރުމުން ބައެއް އައު ކުޅުންތެރިން ހޯދައި ޒިދާން ރޭ ދެއްކީ އޭނާއަކީ މެޑްރިޑުގެ އުއްމީދުކަމެވެ. އޭނާއަށް މެޑްރިޑްގެ ކުޅުންތެރިންނާއި މެނޭޖްމަންޓާއި ތަރުހީބުދޭ މީހުން އިތުބާރުކުރަންޖެހޭ ކަމެވެ. ޗެލްސީން ބޮޑުއަގުގައި ޒިދާން ގެންދިޔަ ހަޒާޑަށް އަނިޔާގެ ސަބަބުން މޮޅުކުޅުމެއް ނުދެއްކުމަކީ އަދި މުޅިން އެހެން ވާހަކައެކެވެ.
ހޯމަދުވަހުގެ ރޭ މެޑްރިޑުން ވަނީ ހަމަ 2-1 ލަނޑުން ގްރަނާޑާ ބަލިކޮށްފައެވެ. އެރޭ މޮޅުވުމުން ޗެމްޕިއަންކަން ހޯދުމަށް އެމީހުންނަށް ބޭނުންވެފައިއޮތީ އެންމެ ދެޕޮއިންޓެވެ. ކުޅެން ދެމެޗު ބާކީ އޮތެވެ.
ފާއިތުވި ދެއަހަރު ރެއަލް މެޑްރިޑް ހޭދަކުރީ ވަރަށް ވޭނުގައެވެ. ޒިދާން ވަކިވެވެ ދިޔަފަހުން ޓީމުއޮތީ ބޮޑު ހިތާމައެއްގެތެރެއަށް ގެނބި އަރައިނުގަނެވިފައެވެ.
ޒިދާން އަލުން މެޑްރިޑާ ގުޅުނީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އޭރު ޓީމު އޮތީ ބޮއްސުންލާފައެވެ.
ޒިދާން ޓީމާ ހަވާލުވުމުން ޓީމު ވަރުދަގަކުރަން މެނޭޖްމަންޓުން 300 މިލިއަން ޕައުންޑް ޚަރަދު ކުރަން ނިންމިއެވެ. ބޮޑުބައެއް ހޭދަކުރީ ޗެލްސީން އެޑްން ހަޒާޑު ލުހެލުމަށެވެ.
ހަޒާޑު ސީޒަންގެ ބޮޑު ބައެއްގައި އަނިޔާގައިި އުޅުމާއި ފަލަވުމާއި ޓީމާ ނުގުޅޭތީ އޭނާގެ މޮޅު ކުޅުން ދެއްކޭގޮތެއް އަދި ނުވެއެވެ. އެކަމަކު ޒިދާން އޭނާއާމެދު އުއްމީދު ކަނޑައެއްނުލައެވެ.
ކްރިސްޓިއަން ރޮނާލްޑޯ ދިއުމާއި ޒިދާންގެ ވަކިވުމުން ރެއަލްއަށް ލިބުނު ހިތާމައާއި ގެއްލުން ރޭ ތަށި ލިބުމުން މިހާރު ހަމައަކަށް އެޅުނީ ކަމަށް ގަބޫލުކުރެއެވެ.
ޒިދާން އެނބުރިއައިފަހުން ޓީމުގެ ކުޅުމާއި ގުޅުން ރަނގަޅުވެއްޖެއެވެ. ދިފާއަށް ކުޅޭ ރާމޯސްއާއި ސެންޓަރ ފޯވާޑަށް ކުޅޭ ބެންޒާމާ ވަނީ ތަފާތު މޮޅުކުޅުމެއް ދައްކަން ފަށާފައެވެ. އަދި މި ސީޒަންގައި މެޑްރިޑްގެ 21 ކުޅުންތެރިން ލަނޑު ޖަހާފައިވާކަން ހައިރާންކަމާއެކު ފާހަގަކުރަންޖެހެއެވެ.
ޒިދާންގެ ކޯޗުކަމުގައި ރެއަލް މެޑްރިޑުން ވަނީ 12-2011 ގެ ލަލީގާ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
އުމުރުން ދުވަސްވެ ބުންވަރުގެއްލި ހަލުއިކަން ދަށްވަމުންދާ މެސީގެ ޚިދުމަތް ބަސަލޯނާއަށް ކުރިއަށް އޮތް ސީޒަނުގައި ލިބުނަސް ޓީމު އޮތީ ވަރަށް ބޮޑަށް އޯވަހޯލް ކުރަން ޖެހިފައެވެ. ހަމައެގޮތަށް ޓީމު ވަރުގަދަކުރަން އިތުރު ކުޅުންތެރިން ވިއްކައި އައުކުޅުންތެރިން ހޯދުމަށް މެޑްރިޑުންވެސް ދަނީ ވިސްނަމުންނެވެ.
ރެއަލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ސިފަކުރި ގޮތުގައި ކޯޗު ޒިދާނަކީ ލާމަސީލު މިސާލެކެވެ.
އަނެއްބަޔަކު ބުނާ ގޮތުގައި ޒިދާނަކީ ނަސީބުގަދަ ކޯޗެކެވެ.
މަސައްކަތާއި ވޭނާއި ނުލައި އެއްވެސް އެއްޗެއް ހާސިލެއް ނުވާނެކަމަށް ޒިދާންވަނީ މިދިޔަ ހަފުތާގައި ބުނެފައެވެ.
ތެދެކެވެ. މިދިޔަ ސީޒަންގައި ރެއަލް މެޑްރިޑަށް ވޭނެވެ. މި ސީޒަންގައި ކާމިޔާބެވެ.