(6 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ނަމެއް އެޑުރެހެއް ވިދާޅެއް ނުވޭ." ނަރުސްކުއްޖާ ފައިލު ބަލަން ފަށައިފިއެވެ.
މެހެމަލް މާޔޫސް ވެއްޖެއެވެ. އެއީ ކާކުބާވައެވެ؟ އަންނަނީ ކީއްވެގެން ބާވައެވެ؟
ރޭގަނޑު ފަރިޝްތޭ އައީމާ އޭނާ ސުވާލުކޮށްލިއެވެ.
"ދައްތާ. މިތަނަށް އަހަންނަށް ގޮވައިލާން އަންނަނީ ކޮން ބައެއް؟"
"އަހަރެމެން އެންމެން." ފަރިޝްތޭ އޭނާގެ ބޯ އޮމާންކޮށް ދެނީއެވެ.
"އާޣާޖާން ނާދޭތަ؟ އެގެއިން މީހަކު ނާދޭތަ؟"
"ނޭނގޭ." ފަރިޝްތޭ އޭނާގެ ބޮލުގައި ހުޅިއެއް ޖަހަމުން ބުނެލިއެވެ.
"ކޮންމެވެސް މީހަކު ނާންނަ ކަމެއް ނޭނގެއެއްނު؟"
"މެހެމަލް. އެމީހުންނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އެހެންވީމާ އަހަރެންގެ ހިތުގައި ޖައްސަން ނޫޅޭ." ފަރިޝްތޭގެ އަޑުގައި ހުރީ އާދޭހުގެ ރާގެކެވެ. އެހެންވީމާ މެހެމަލް އިތުރު ސުވާލެއް ނުކުރިއެވެ.
"ބަލާބަލަ." ބޯ އޮމާންކޮށް ނިންމައިލުމަށް ފަހު ފަރިޝްތޭ އަތްމަތީ މޫނުބަލާ ލޯގަނޑަކުން މެހެމަލަށް ދައްކައިލިއެވެ.
މެހެމަލަކަށް ޚުދު އޭނާ ވަކި ކުރަންވެސް އުނދަގޫވިއެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ކޯ ހުރީ ކުޑަކޮށް ވަޅުވަދެފައެވެ. މޫނުގެ ކުލަ ރީނދޫވެފައެވެ. އެފަދަ ސޫރައެއްގައި ހުރެފައި މާ ރީތިކޮށް ބޯ އޮމާން ކުރުން އޭނާއަށްވީ ހެއްވާ ކަމަކަށެވެ.
"ބަހައްޓާ. ބޯ ރީތި ކުރާކަށް އަހަރެން ބޭނުމެއް ނޫން." އޭނާ ފަރިޝްތޭ ޖަހައިފައި ހުރި ހުޅި ރޫޅައިލިއެވެ.
"ކިހިނެއްވީ؟" ފަރިޝްތޭ ހައިރާން ވެފައި އަހައިލިއެވެ.
"ބޯ އޮމާން ކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ހިތުގައި ޖައްސަން ނޫޅޭ." ބޭނުން ނުވީ ނަމަވެސް އޭނާ ފަރިޝްތޭގެ އިބާރާތް ތަކުރާރު ކޮށްލިއެވެ. ފަރިޝްތޭ ހިމޭން ވެއްޖެއެވެ. އެހެން އިރުކޮޅަކު ހުރެފައި ކޮޓަރިން ނުކުމެއްޖެއެވެ. މި ވަގުތު މެހެމަލް އެކަނި ހުންނާން ދޫކޮށްލުން ބުއްދިވެރި ކަމަށް އޭނާއަށް ފެނުނީއެވެ.
ސަތާރަ
ހުމާޔޫންގެ ގެ... މެހެމަލްގެ ގެ... ހުމާޔޫނާއި މެހެމަލްގެ ގެ...
ގެ ހުރީ ހަމަ އިހަށްވެސް ހުރި ގޮތަށެވެ. އެކްސިޑެންޓުވީ ދުވަހު ނުކުމެގެން ދިޔައިރު ހުރި ގޮތަށެވެ. ރީތިކޮށް އާރާސްތުކޮށްފައެވެ. ވިދާލަވިދާލައެވެ. ބޮކީގެ އަލިކަމާއި ރީތި ދޮރު ފޮތިތަކާ މިއެއްޗިއްސަކީ ހަމަ ކުރީންވެސް ހުރި ތަކެއްޗެވެ. މިހާރުވެސް އެބަހުއްޓެވެ. އެކަމަކު ކުލަ ބަދަލު ވެއްޖެއެވެ. ފެންޑާގައި ހުރި ސޯފާއާއި ގޮނޑިތައްވެސް ބަދަލު ވެއްޖެއެވެ. ހުރިހައި އެއްޗެއް ހުރީ ވަކި ތަރުތީބަކުން އަތުރައިފައެވެ. އެކަމަކު ކުލައަކީ ކުރިން ހުރި ކުލައެއް ނޫނެވެ. ހުމާޔޫން ފަދައިންނެވެ. އޭނާވެސް ހަމަ އިހަށް ހުރި ގޮތަށް އެބަހުއްޓެވެ. އެކަމަކު ބަދަލު ވެއްޖެއެވެ.
"ގެއަށް އާދެވުނީމާ އުފާވޭތަ؟" މެހެމަލްގެ ފުރޮޅުލީ ގޮނޑި ކޮއްޕަމުން ފަރިޝްތޭ ވާހަކަ ދައްކަމުން ދިޔައެވެ.
އޭނާ ހިމޭނުން އިނދެގެން އެކި ދިމަދިމާއަށް ނަޒަރު ހިންގަނީއެވެ. ހަތް އަހަރު ކުރީން މިއީ އޭނާގެ ގެއެވެ. މިހާރު މިއީ ހުމާޔޫންގެ ގެއެވެ.
ޑަކްޓަރުން އޭނާ ގެއަށް ފޮނުވައިލީ ހަސްފަތާލުގައި ބާއްވައިގެން ކުރާނޭ އިތުރު ކަމެއް ނެތީމައެވެ. އޭނާގެ ބައްޔަކީ މިހާރުވެސް ކުރީގެ ބައްޔެވެ. ކަނާތް ރަނގަޅެވެ. ވައަތުގެ ބާރު ދެރައެވެ. ދެފައި ހަރަކާތެއް ނުކުރެއެވެ. ޑަކްޓަރުން ބުނާ ގޮތުގައި ކުއްލިއަކަށް ރަނގަޅު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި މުޅި އުމުރު ދުވަސް އެ ގޮތުގައި ހޭދަ ކުރާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދެން އޮތީ ދުޢާ ކުރުމެވެ. އޭނާ ދުޢާ ނުކުރަނީއޭ މިބައިމީހުން ހީކުރަނީ ހެއްޔެވެ؟
ފަރިޝްތޭ އޭނާ ގޮވައިގެން ދިޔައީ ތިރީގައި ފެންޑާއިން ވަދެވޭން ހުރި ކޮޓަރިއަކަށެވެ. އެ ކޮޓަރި ހުރީ އޭނާއަށްޓަކައި ތައެްޔާރުކޮށްފައެވެ.
"ދައްތާ. އަހަރެންގެ ކޮޓަރި ހުންނަނީ މަތީގައެއްނު؟"
"މެހެމަލް. ފުރޮޅުލީ ގޮނޑީގައި ސިޑިން އަރާނީ..." ފަރިޝްތޭ ވާހަކަ މުޅީން ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.
މެހެމަލް ބޯ ޖަހައިލިއެވެ.
"ހުމާޔޫންގެ ސާމާނު..." އޭނާ ކުޑައިރުކޮޅަކު ކޮޓަރީގައި ހުރި ތަކެއްޗަށް ބަލަހައްޓައިގެން އިނދެފައި އަހައިލިއެވެ. "ހުމާޔޫންގެ ސާމާނު ކޮބާ؟"
"ހުމާޔޫން... އަހަރެން އޭނާ ގާތު ބުނިން... އެކަމަކު އޭނާއަށް ރަނގަޅީ އޭނާގެ ކޮޓަރި."
"އޭނާ މިތަނަކަށް ނާންނާނެތަ؟" މެހެމަލްގެ ހިތުގައި ޖެހުނެވެ.
"މެހެމަލް. އެއީ މާބޮޑު ކަމަކަށް ނުބަލާ. ތިޔަ އުޅެނީ އެއް ގެއެއްގައެއްނު؟ އައިސްގޮސް ހެދޭނެ." ފަރިޝްތޭ މަޑުމަޑުން ބުނެލިއެވެ.
"ދައްތާ. އޭނާ ގާތު ބުނޭ އަހަރެން އެކަނި ދޫކޮށް ނުލާށޭ."
"މެހެމަލް. ތިޔަ ދެމީހުންނަކީވެސް އަހަރެންގެ މީހުން. އެއީ އަހަންނާ ދެބައިންގެ ދެދަރި މީހެއް. ތިޔައީ އަހަރެންގެ އެއްބަފާ ކޮއްކޮ. އެހެންވީމާ ދެމީހުންކުރެ މީހަކަށް ދެރައެއް ވާކަށް، ހިތުގައި ޖެހޭކަށް އަހަރެން ނޭދެން. ދެމަފިރިންގެ ކަންތައްތަކުގެ ތެރެއަށް ވަނުމަކީ އަހަންނަކަށް އެހައި ރަނގަޅު ކަމަކަށް ނުފެނޭ. އެއީ އަހަންނަކަށް އޮތް ހައްގެއްވެސް ނޫން." ފަރިޝްތޭ މަޑުމައިތިރިކަމާއެކު އޭނާއަށް ވިސްނައިދިނެވެ. ފަރިޝްތޭ އިނީ ބިންމަތީގައި ކަކޫ ޖަހައިގެން މެހެމަލްގެ އަތުގައި ހިފަހައްޓައިގެންނެވެ.
"ތައިމޫރް؟ ތައިމޫރްގެ ކޮޓަރި ކޮބާ؟" އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ ދަރިފުޅެވެ.
"ފެންޑާގެ އަނެއް ފަރާތުގައި އެހެރީ ތައިމޫރްގެ ކޮޓަރި."
"ހުމާޔޫނާއެކު ތައިމޫރް އެ ކޮޓަރީގައި ނޯންނަނީ ކީއްވެގެން؟ އެއީ ކުޑަ ކުއްޖެއް. އެކަނި ކިހިނެއް އޮންނާނީ؟" މެހެމަލް ވަރަށް ދެރަ ވެފައި ބުނެލިއެވެ.
"ތުއްތުއިރު މަންމަޔާއި ބައްޕަގެ ލޯބިން މަހުރޫމުވާ ކުދިން ތިބޭނީ އެކަނި އުޅެން އާދަވެފައި. ތައިމޫރަށް އަހަރެން ކަމުދާނަމަ އަހަރެން ގާތު ނިންދެވީމުސް. އެކަމަކު އޭނާ އަހަރެން ދެކެވެސް ރުޅި އާދޭ."
"އެއީ ކީއްވެގެން؟"
ފަރިޝްތޭ ހިނިތުންވެލިއެވެ. "އޭނާ މެހެމަލް ދެކެވެސް ރުޅިއާދޭ. އެކަމުގައި މެހެމަލްގެ ކުށެއް އެބައޮތްތަ؟"
މެހެމަލް ބޯ ހޫރައިލިއެވެ.
"އަހަރެންގެވެސް ކުށެއް ނެތް. މަޑުކޮށްލާ... އަހަރެން ކާއެއްޗެއް ހިފައިގެން އެބަ އަންނަން. މިހާރު އާދައިގެ ކާނާ ކާން ޑަކްޓަރު ހުއްދަވެސް ދީފި. އަހަރެން ޑަކްޓަރާ ވާހަކަ ދެއްކިން. ބުނީ ކޮންމެ އެއްޗެއް ކެޔަސް މައްސަލައެއް ނެތޭ."
ފަރިޝްތޭ ދާން ވެގެން ތެދުވީމާ މެހެމަލް ބުންޏެވެ.
"ދައްތަ ވަރަށް ރަނގަޅު. ވަރަށް ހެޔޮ. ތިޔަ ހެޔޮ ކަމުގެ ބަދަލު އަހަންނަކަށް ދުވަހަކުވެސް އަދައެއް ނުކުރެވޭނެ."
"ބަދަލަކަށް އެދެނީ ކާކު؟" އޭނާ ހިނިތުންވެލާފައި މެހެމަލްގެ ކޮލުގައި ޖަހައިލިއެވެ.
* * *
ދުވަސްތައް ފާއިތުވަމުން ދެއެވެ.
މެހެމަލް ރެޔާއިދުވާ ހޭދަކުރަނީ ކޮޓަރީގައެވެ. ބައެއް ފަހަރު ފަރިޝްތޭ މަޖުބޫރު ކުރަން ފެށީމާ އޭނާޔާއެކު ބަގީޗާ ތެރެއަށް ނުކުންނާން އެއްބަސްވެއެވެ. އެކަމަކު އެތާގައިވެސް ހިމޭނުން އިންނަނީއެވެ. ކޮންމެވެސް ވާހަކައެއް ދައްކައިގެން އޭނާގެ ހިތްހަމަ ޖައްސައިދެވޭތޯ ފަރިޝްތޭ މަސައްކަތް ކުރެއެވެ. އެކަމަކު އެހެން ދައްކާ ގިނަ ވާހަކަ ދައްކަނީ ކޮންމެވެސް އެހެން މީހަކާއެވެ. ޑަރޯގާއާ ނުވަތަ އެހެންވެސް ނޯކަރަކާއެވެ. ގޮނޑި ކޮއްޕަމުން އަންނައިރު އެމީހުންނާ ދިމާއަށް ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. އިހަށް ދައްކާހައި ގިނައިން މިހާރަކު ވާހަކައެއް ނުދައްކައެވެ. މިހާރު ހުންނަނީވެސް ކުޑަކޮށް ސީރިއަސް ގޮތަކަށެވެ. އެއީ ވަގުތުގެ އަސަރެވެ. ވަގުތާއެކު ކޮންމެ މީހަކަށްވެސް ކުދިކުދި ބަދަލު އާދެއެވެ.
ގޭގެ ކަންތައްތައް ފަރިޝްތޭ ވަރަށް ރަނގަޅަށް ބަލަހައްޓައެވެ. މަސައްކަތް ކުރާނޭ ނޯކަރުން އެގެޔަކު މަދެއް ނޫނެވެ. ހުރިހައި ކަމެއް ހުންނަނީ ފުރިހަމަ ވެފައެވެ. ހުރިހައި ކަމެއް ކުރުވަން އުޅެނީ ފަރިޝްތޭ ކަމުގައި ވިޔަސް ދުވަހަކުވެސް އެއްވެސް މީހަކަށް ގަދަ އަމުރެއް ނުކުރެއެވެ. އެމީހުންގެ މަސައްކަތަކަށް ހުރަހެއް ނާޅައެވެ. ތައިމޫރާއި ހުމާޔޫންގެ ކޮޓަރިއަކަށް އެއްގޮތަކަށްވެސް ނުވަދެއެވެ. ބޭރުގައި ހުރެގެން ނޯކަރުން ގާތު ކަންތައް ކުރަންވާ ގޮތް ބައެއް ފަހަރު ކިޔައިދެއެވެ. ނޯކަރުންނަށް މުސާރަ ދެނީ ހުމާޔޫނެވެ.
ފަރިޝްތޭ ބައެއް ފަހަރަށް މެހުމާނުންނަށް ޚާއްސަކޮށްފައި ހުންނަ ކޮޓަރީގައި ނިދައެވެ. އެއީވެސް ކޮންމެހެން ބޭނުންވެއްޖަ ދަނޑިވަޅެއްގައެވެ. ތައިމޫރާ ކިރިޔާވެސް ވާހަކައެއް ދައްކައިލާން މަސައްކަތް ކޮށްފިއްޔާ ތައިމޫރް ވަރަށް ކަންތައްގަނޑު ބޮޑު ކޮށްލައެވެ. މެހެމަލަށް ފާހަގަ ކުރެވުނު ގޮތުގައި ކުޑައިރުކޮޅަކު ބޮޑާހޭކުމަށް ފަހު ތައިމޫރް ބާރަށް ހަޅޭއެްލަވަން ފަށައެވެ. ހަޅޭއްލަވާތީ މީހަކު އެއްޗެކޭ ބުނެފިއްޔާ އަތު ޖެހުނު އެއްޗެއް ހަލާކު ކުރަން ފަށައެވެ.
ފަރިޝްތޭ އެގޭގައި އުޅެނީ ވަރަށް ފަރުވާތެރިވެގެންނެވެ. މިއަދު ނޫނީ މާދަމާ ގެއިން ނުކުމެގެން ދާން ޖެހިދާނެކަމަށް ގަބޫލުކުރާ މީހަކު އުޅޭ ކަހަލަ ގޮތަކަށެވެ. ބިލްގީސް ބުނި ގޮތުގައި ގެއަށް ބޭނުންވާ ކާޑާއި ކާއެއްޗެހި ގަންނަނީ ފަރިޝްތޭގެ އަމިއްލަ ފައިސާއިންނެވެ. ޚާއްސަކޮށް ކުކުޅާއި ބަކަރިމަސް ގަންނަނީ އޭނާއެވެ. ހުމާޔޫނަށް އެކަން އެނގިގެން ހުއްޓުވާން އުޅުނީމާ، އެކަން މަނާކޮށްފިއްޔާ އެނބުރި ސްކޮޓްލަންޑަށް ހިނގައިދާނަމޭ ބުނި ކަމަށް ބިލްގީސް ބުންޏެވެ. އޭގެ ފަހުން ހުމާޔޫން އެވާހަކައެއް ނުދައްކައެވެ. އެއިން އެނގޭ ކަމަކީ އެއްވެސް މީހެއްގެ މައްޗަށް ބުރައަކަށްވާން ފަރިޝްތޭ ނޭދޭ ކަމެވެ. ނުވަތަ ހިލޭ ކައިގެން އުޅޭ މީހެކޭ ކޮންމެވެސް މީހަކު ބުނެފާނެތީ ޖެހިލުންވަނީ ކަމުގައިވެސް ވެދާނެއެވެ. އަމިއްލަ ނަފުސުގެ އަގު ހިފަހައްޓާން އަބަދުވެސް މަސައްކަތް ކުރާ ކަމުގައި މެހެމަލަށް ފާހަގަ ކުރެވުނެވެ.
ހުމާޔޫނާއި މެހެމަލާ ބައްދަލުވަނީ ހާލަކުން ދުވަހަކުއެވެ. ބައެއް ދުވަސްދުވަހު މެންދުރު ހުމާޔޫން ގެއަށް އާދެއެވެ. އަންނަ ގޮތަށް ވަންނަނީ ކޮޓަރިއަށެވެ. ކަނީވެސް ކޮޓަރީގައެވެ. ގިނަ ދުވަސްދުވަހު ގެއަށް އަންނަނީ އިރުއޮއްސި އަނދިރިވާ ފަހުންނެވެ. ބައެއް ރޭރޭ މެހެމަލް ބަގީޗާތެރޭގައި އޭނާގެ ފުރޮޅުލީ ގޮނޑީގައި އިންތިޒާރުގައި އިނދެއެވެ. ހުމާޔޫން ގެއަށް ވަދެގެން ދަމުން ބަލައިލާފައި ހާލުއަހުވާލު އަހައިލުމަށް ފަހު ވަދެގެން ހިނގައިދެއެވެ. މެހެމަލް ކަރުނައިން ފުރިފައިވާ ލޮލަކުން އޭނާ ވަދެގެންދާތަން ބަލަން އިންނަނީއެވެ.
ތައިމޫރް އިސްކޫލުން ނިމިގެން ގެއަށް އަންނަނީ މެންދުރުފަހުއެވެ. ކަނީ އެކަނިމާއެކަނި ކާކޮޓަރީގައި އިނދެގެންނެވެ. މެހެމަލް ކާކޮޓަރީގައި އިންދާ ފެނިއްޖެނަމަ ނުކައި ހިނގައިދެއެވެ. ދެން ބިލްގީސަށް ޖެހެނީ ކޮޓަރިއަށް ކާއެއްޗެހި ގެންގޮސް ދޭށެވެ. ގިނައިން ކަނީ ޒަމާނީ، ތައްޔާރީ ކާނާއެވެ. ބާގަރާއި ތެލުލި އަލުވި ކަހަލަ އެއްޗިއްސެވެ. ކާކަށް މާބޮޑު ފޯރިއެއް ހުންނަ ކުއްޖެއް ނޫނެވެ. ގިނަ ފަހަރަށް ފެންނަނީ ޗިޕްސް ދަޅެއް ކަހަލަ އެއްޗެއް ކާން އިންދައެވެ. ހަވީރު ފެންޑާގައި އިނދެގެން ޓީވީ ބަލައެވެ. މެހެމަލް އަތުވެއްޖެއްޔާ އެތަނުންވެސް ތެދުވެގެން ހިނގައިދެއެވެ.
އޭނާ ދެކެ ތައިމޫރް އެހައި ބޮޑު ރުޅިއެއް އަންނަނީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އޭނާ ކޮން ކަމެއް ކޮށްގެން ބާވައެވެ؟
(ނުނިމޭ)
?
ނަޢީމަށާއި އާފަތިހުގެ ހުރިހާ ލިޔުންތެރިންނަށް ލިޔުންތެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަމެވެ❤.