މުޞްޙަފް - 54

(30 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ނިދާވެސް މީހަކާ އިންނަން ތައްޔާރުވެއްޖެ. އެންގޭޖުމެންޓުގެ ކަންތައް މިހާރު ނިމިއްޖެ." ފިޒާ ވެސް ވާހަކަ ދައްކާން ފަށައިފިއެވެ. "ފިރިހެން ކުއްޖާއަކީ ޑަކްޓަރެއް. ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޢާއިލާގެ ޑަކްޓަރުންގެ ތެރޭގައި ހިމެނޭ ކުއްޖެއް. ސާމިޔާގެ ކާވެނީގެ ވާހަކަވެސް މި ދަނީ ދައްކަމުން."

"އާރްޒޫދައްތަޔޯ؟" އެއްވެސް އިޚްތިޔާރަކާ ނުލައި މެހެމަލަށް އަހައިލެވިއްޖެއެވެ. ސުވާލު އަމާޒުވީ ވަކިން ތަންކޮޅެއް ދުރުގައި އިން ނާޢިމާއަށެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރި ނުރުހުމުގެ ކުލަވަރު އިތުރަށް ފައުޅުވެގެން ދިޔައެވެ.

"އަހަރެންގެ ދަރިފުޅާ އިންނަން އަންނަ މީހުންގެ ދިގު ކިޔޫއެއް އެބައޮތް. ކޮންމެ ދެދުވަހަކުން އެއްދުވަހަކު ކަހަލަ ގޮތަކަށް އިއްޒަތްތެރި އެތައް ބަޔަކު ގުޅާ." ނާޢިމާ ދެއަތް ފުޅާކޮށްލިއެވެ.

"އެކަމަކު އޭނާ އެއްބަސްވެގެންނެއްނު..."ފިޒާ ވައިއަޑުން ބުނެލިއެވެ. އެކަމަކު އެ އަޑު ނާޢިމާއަށް އިވިއްޖެއެވެ. ފިޒާ ވާހަކަ ދެއްކީ މެހެމަލާއެވެ. ނާޢިމާ ސިހުނީމާ ފިޒާ ބާވަތެއްގެ ގޮތަކަށް ހިނިތުންވެލިއެވެ.

"އާރްޒޫދައްތަ ކޮބާ؟ ނުވެސް ފެނޭ." އޭނާގެ ދެވަނަ ސުވާލާއެކު ނާޢިމާ ތުން އަނބުރައިލާފައި ތެދުވެގެން ހިނގައްޖެއެވެ.

"ކިހިނެއްވީ؟" މެހެމަލް ހައިރާންވެފައި މެހެތާބާ ދިމާއަށް ބަލައިލިއެވެ.

މެހެތާބް ހިނިތުންވެލައިފައި ބޯ ހޫރައިލިއެވެ. "އޭނާގެ ދަރިފުޅު ކޮންމެވެސް މީހަކު ދެކެ ލޯބިވެއްޖެ. އެމީހަކު އަޅައެއް ނުލާ. އެހެންވީމާ ފިކުރު ބޮޑުވާނެއެއްނު؟"

"އެހެންތަ؟" އޭނާ ހައިރާންވިއެވެ.

އެވަގުތު ސިޑިން މީހަކު ފައިބާ އަޑު އިވިގެން މެހެމަލް އެނބުރި ބަލައިލިއެވެ. އަދި ދޯޕައްޓާ ރަނގަޅުކޮށްލިއެވެ.

ޙަސަން ހުއްޓިއްޖެއެވެ. އަތުކުރީ ގޮށް އަޅުވައަޅުވައި ހުރެފައި އެކަންވެސް ހުއްޓައިލިއެވެ.

"އައްސަލާމް ޢަލައިކުމް ޙަސަންބޭ." މެހެމަލް މޫނުމަތީން އުފާވެރި ހިނިތުންވުމެއް ފެނުނީމާ ޙަސަން އެންމެ ތިރީ ހަރުފަތަށް ފައިބައިފިއެވެ.

"ވަޢަލައިކުމުއްސަލާމް. މެހެމަލް... ކިހިނެއް؟" އޭނާ މަޑުމަޑުން މެހެމަލްގެ ގޮނޑިއާ ކައިރިއަށް ޖެހިލިއެވެ. "މިއީ މެހެމަލްގެ... ފިރިހެންތަ؟ އަންހެންތަ؟"

"ފިރިހެން... ތައިމޫރް."

ޙަސަން ގުދުވެފައި ތައިމޫރުގެ ކޮލުގައި ބޮސްދިނެވެ. "އެކަނިތަ އައީ؟"

"ނޫނޭ. މެހެމަލާ އެކު ހުމާޔޫންވެސް އައި. ޙަސަންގެ އާޣާ ޖާނާ ވާހަކަ ދައްކަން ބޮޑުކޮޓަރީގައި އެބައިން."

މެހެތާބް މިހެން ބުނީމާ ޙަސަން ބޯ ޖަހައިލައިފައި ބޮޑުކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

"ޙަސަންބެ އަދިވެސް މީހަކާ ނީނދޭތަ؟" މެހެމަލް ފިޒާއާ ސުވާލުކޮށްލިއެވެ.

"ނޫނޭ. ޙަސަންވެސް މީހަކާ އިނދެފި. އަހަރެންގެ ބޮޑުދައިތަދަރި ޠަލްޢަތު ދަންނަމެއްނު؟ އޭނާޔާ... ޠަލްޢަތު މިހާރުވީ އޭނާގެ މަންމަގެ ގެއަށް ގޮސް. ސާމިޔާ... ސާމިޔާ" ފިޒާ އޭނާގެ އަންހެން ދަރިއަށް ގޮވައިލިއެވެ. "ދޭބަލަ... ކަލޭގެ ޙަސަންބެގެ ކާވެނީގެ ފޮޓޯ އަލްބަމް ހިފައިގެން އާދެބަލަ."

މެހެމަލަށް ހަގީގަތުގައިވެސް ކުޑަކުޑަ ސިހުމެއް އައެވެ. ޙަސަނަކީ ވަކި ކަމަކާ ގުޅިގެން ހިތާމަ ފާޅުކޮށް ދުނިޔޭގެ އެދުންތައް ދޫކޮށްލާ ކަހަލަ މީހެއް ނޫނެވެ. ބަލިކަށި ފިރިހެނުންނަކީ މީހަކު ވެއްޓުނަ ނުދީ ހިފަހައްޓާ މުޑިއަކަށް ވެވޭވަރުގެ ބައެއް ނޫނެވެ. އެކަމަކު ޙަސަންގެ އެހީތެރިކަމަކީ ދުވަހަކުވެސް އޭނާ އުއްމީދުކުރި އެހީތެރިކަމެއް ނޫނެވެ. ޙަސަނާ ގުޅިގެން އޭނާގެ ހިތުގައި އެއްވެސް ކަހަލަ ޖަޒުބާތެއްވެސް ނުއުފެދެއެވެ. އެހެންވީމާ އޭނާގެ ކާވެނީގެ ވާހަކަ އިވުނީމާ ދެރައެއްވެސް ނުވެއެވެ.

ދެން ހޭދަވީ ވަގުތުކޮޅަކީ ޙަސަނާއި ސިދްރާގެ ކާވެނީގެ ފޮޓޯ ބެލުމުގެ ވަގުތުކޮޅެވެ. ފޮޓޯތަކުން ފެނުނީ މުއްސަނދިކަމެވެ. އަގުބޮޑު ހެދުމާއި ޖަވާހިރުގެ ރަން ގަހަނާއެވެ. ކާވެނީގެ ކަންތައްތަކަށް ފައިސާ އޮއްސާފައި ހުރިވަރު ފޮޓޯތަކުން ފާހަގަ ވާން ހުއްޓެވެ. ހިލޭ ލިބޭ ފައިސާ ޚަރަދުކުރުމަކީވެސް އުނދަގޫ ކަމަކަށް ނުވާނެއެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތު ވެގެން ދިޔައީ އުފާވެރި ވަގުތުކޮޅަކަށެވެ. އާޣާ ކަރީމާއި ހުމާޔޫނާ ދެމީހުން ހީވަނީ ޒަމާންވީ ދެ އެކުވެރިން ހެންނެވެ. އާޣާ ކަރީމަކީ މީގެ ކުރީން ހުމާޔޫންގެ ނަން ކިޔައިލިޔަސް ރުޅި އައިސް ރަތްވާ މީހެކޭ މީހަކު ހިތަކަށްވެސް މިހާރަކު ނާރާނެއެވެ.

އޭނާގެ އެންމެ ސޮޔަކާއެކު މުޅި ދުނިޔެ ބަދަލު ވެއްޖެއެވެ. އެކަމަކުވެސް އޭނާ މިހާރު އެހެރީ އުފަލުންނެވެ. އޭނާގެ އާއިލާގެ ރުހުމާއި ގަދަރު ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. ގޮތް ދެއްކުމާއި މުނާފިގުކަމުގެ ތެރެއިން ނަމަވެސް ގަދަރު ކޮށްފިތާއެވެ.

އޭނާ ތައިމޫރްގެ ދަބަސް ބަލައި ކާރާ ހަމައަށް އައިސްފައި އެނބުރި ގެއަށް ވަންނާން ހިނގައިގަތް ވަގުތު ބޭރުގައި ހުރި ގޮނޑިއެއްގައި އާރްޒޫ އިށީނދެގެން އިންދާ ފެނިއްޖެއެވެ. އާރްޒޫއަށް އޭނާ ފެނުނީމާ ތެދުވެގެން ކައިރިއަށް އަތުވެއްޖެއެވެ.

"މިސިޒް ހުމާޔޫން... ވަރަށް އުފަލުގައި ދޯ؟" އާރްޒޫ ހަށަން ބަނދެގެން ހުރެ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އައި ރުޅީގައި އެއްޗެކޭ ނުބުނެ މެހެމަލަށް ހުރެވުނީ ކިރިޔާއެވެ.

"އާރްޒޫ ދައްތާ. ހުރިހައި ކަމަކީ ﷲގެ ރަޙްމަތް. އެހެން ނޫން ނަމަ އަހަރެން މިއީ މިފަދަ ކަމަކަށް ގާބިލު މީހަކީމެއް ނޫން."

"މިހާރުވެސް ކަލެއަކީ ގާބިލު މީހެއް ނޫން. ޗާލާކުކަމަކީ ކޮންމެފަދަ ކަމެއްވެސް ހާސިލުކޮށްގަނެވިދާނޭ ކަމެއް."

"ޗާލާކުވުމަކީ އަހަރެން ދަންނަ ކަމެއްނަމަ މީހަކާ އިނދެގެން މިގެއިން ނުކުމެގެން ދިޔައީހީ ސިދްރާދައްތަ ދިޔަ ގޮތަށް."

"މާ މައުސޫމު މީހަކަށް ހެދިގަނެގެން ނޫޅޭ." އާރްޒޫ މޫނުކުނި ކޮށްލިއެވެ. "ހުމާޔޫނަކީ އަހަރެންގެ މީހެއްކަން ކަލެއަށް ރަނގަޅަށް އެނގޭނެ. އެކަމަކުވެސް އޭނާޔާ އިނީއެއްނު؟ އަހަރެން އެހާ ފަސޭހައިން ދޫކޮށްލާނެއޭ ކަލެއަށް ހީވީތަ؟"

"ހުމާޔޫން އާރްޒޫދައްތަގެ މީހަކަށް ވީ ކިހިނެއް؟ އާރްޒޫދައްތައަކަށް އޭނާގެ ނަމެއްވެސް ނޭނގޭ. އަހަރެން ގާތު އަހައިގެން އޮޅުން ފިލުވީ. ހުމާޔޫނަކަށް އަދިވެސް އާރްޒޫދައްތަގެ ނަމެއް ނޭނގޭނެ."

"ކަލޭގެ ގޮބޮޅިއެއް ވަރުގެ ކުޑަ ސިކުނޑިއަށް މާ ބާރު ބޮޑު ނުކުރޭ... މެހެމަލް ކޮއިފުޅާ." އާރްޒޫ މެހެމަލްގެ ކޮލުގައި އިނގިލި ޖައްސައިލިއެވެ. "ހަނދާންކުރާތި. އާރްޒޫ މީހަކު ދެކެ ލޯބިވެއްޖެއްޔާ އެމީހަކު ހާސިލުނުކޮށެއް ދުލެއް ނުކުރާނެ."

"އެހެންތަ؟ އާރްޒޫ ދައްތައަކީ ކަލާނގެތަ؟" މެހެމަލްގެ ރުޅިގަނޑު ހިލިގެންފިއެވެ. އާރްޒޫގެ އަތް ފޮޅުވައިލިއެވެ.

"ބަލަން ހުރޭ. ކަލާނގެއަކީ ކާކުކަމާއި ކަލާނގެ ނޫނީ ކާކުކަން ވަރަށް އަވަހަށް އެނގިދާނެ." އާރްޒޫ ދިގު ފިޔަވަޅުތަކެއް އަޅަމުން ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"އަޖައިބެއް ކަހަލަ މީހެއް. މީހެއްގެ ފިރިއެއްގެ ވާހަކަ އެމީހާ ގާތު ދައްކާކަށް ލަދެއްވެސް ނުގަނޭ." މެހެމަލް ރުޅިއާއި ހިތާމަޔާއެކު ގޭތެރެއަށް ވަދެއްޖެއެވެ.

* * *

"މެހެމަލްގެ އާރްޒޫދައްތަ... އޭނާގެ ސިކުނޑީގެ އުނިކަމެއް ހުރޭތަ؟" ގެއަށް ދިޔަ މަގުމަތީގައި ހުމާޔޫން އަހައިލިއެވެ. މެހެމަލް ދިޔައީ ސިއްސައިގެންނެވެ.

"ކިހިނެއްވީ؟ އޭނާ ވާހަކައެއް ދެއްކީތަ؟" މެހެމަލްގެ އަޑުގައި ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރު ހުއްޓެވެ.

"އާނ.. އަޖައިބެއް ކަހަލަ ވާހަކަތަކެއް ދެއްކީ."

"ހުމާޔޫނާ ދިމާވީ ކޮންތާކުން؟ އޭނާ ބޭރަކަށް ނުނުކުމެއެއްނު؟"

"އަހަރެމެން ފިރިހެނުން ވާހަކަ ދައްކާން ތިއްބާ އެތަނަށް އައިސް އިށީނދެއްޖެ. ދެން ފެށީ އަހަންނާ އެކި ކަހަލަ ސުވާލު ކުރަން. އަހަރެން ހުރީ ހައިރާންވެފައި. އެކަމަކު ހިތަށް އެރީ އަހަންނަށް ކީއްހޭ އޭނާ ކޮންމެ ގޮތަކަށް އުޅުނަސް."

"ދެން؟" އިތުރަށް އޮޅުންފިލުވައިލާން މެހެމަލް ބޭނުންވިއެވެ.

"ދެން... ޙަސަނަށް ކަމު ނުގޮސްގެން ކޮޓަރިއަށް ދާށޭ ބުނީ. އޭނާ ކަހާތަން ހިރުވައިވެސް ނުލި. ކަލޭ ބުނާހައި ގޮތަކަށް ހަދާކަށް ނުޖެހޭނެއޭ ބުނާ ކަހަލަ ގޮތަކަށް ހުރީ. މުޅި މާހައުލަށް އަޖައިބެއް ކަހަލަ ނުތަނަވަސްކަމެއް ވެރިވީމާ އަހަރެން ފޯނެއް ކޮށްލަން އެބަޖެހެއޭ ކިޔާފައި ނުކުތީ. އިރުކޮޅަކުން އެނބުރި ވަން އިރަކު އޭނާއެއް ނެތް. އޭނާގެ ސިކުނޑީގެ މައްސަލައެއް ހުންނަނީތަ؟"

"ނޭނގެ." މެހެމަލް ތުންފަތް ހަފައިލިއެވެ.

"މެހެމަލް. ވާހަކައެއް ބުނަންތަ؟"

"ބުނޭ."

"އަހަރެން މިއީ ދަހި މީހެކޭ ހީނުކުރާތި. އެކަމަކު ހައްގު ވާނީ ހައްގަށް. މެހެމަލްގެ މުދަލާއި ފައިސާގެ މަތީގައި ތިބެގެން އެމީހުން އުފާކުރާތަން ދުށީމެއްނު؟ އަހަންނަށް ފެންނަ ގޮތުގައި މުދަލުގެ ހިއްސާ ހޯދަން އުޅުމަކީ މެހެމަލް ކުރަން އެންމެ ރަނގަޅު ކަމެއް."

"އަޅާނުލާ. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން." މެހެމަލް ދޮރުން ބޭރު ބަލާން ފަށައިފިއެވެ.

ހުމާޔޫން ކޮނޑު އަރުވައިލުމަށް ފަހު އެ ވާހަކަ ހުއްޓާލައިފިއެވެ.

ހައްގުތައް މީގެ އެއް އަހަރު ކުރީން ދޫކޮށްލައިފީމޭ އޭނާ ހުމާޔޫން ގާތު ބުނާނީ ކިހިނެއް ހެއްޔެވެ؟ ފަރިޝްތޭ އެވާހަކަ ސިއްރު ކޮށްފައި އޮތީ ކޮންމެވެސް މުހިއްމު ސަބަބެއް އޮވެގެންކަން ޔަގީނެވެ.

އޭނާގެ ހިތުގައި ބާވަތެއްގެ އުދާހެއް އުފެދިއްޖެއެވެ. އެހެންވީމާ ދަބަހުން އޭނާގެ ޖީބުޤުރްއާން ނަގައިފިއެވެ. އެ ފޮތުގެ ބޭރުގަނޑުގައި އަރަބި އަކުރުން "م" މިހެން ޖަހައިފައި އޮތެވެ.

ބޭރުގަނޑުގައި އޭނާ މީމު ޖަހައިފައި އޮތީ ކީއްވެގެންބާވައެވެ؟ އޭނާ އެ ފޮތް ނަގާ ކޮންމެ ފަހަރަކު އެއީ ކީއްވެގެން ކުރިކަމެއްކަން ހަނދާންވޭތޯ މަސައްކަތް ކުރެއެވެ. އެކަމަކު ހަނދާނަކަށް ނާދެއެވެ. އޭނާ ފޮތް ހުޅުވައިލިއެވެ. އެއީ އޭނާ ކިޔަވާތަން ފާހަގަ ކުރާން ލާފައި އޮތް ފާހަގަ އޮތް ހިސާބެވެ.

"އަދި އެކަލާނގެ ހަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ." (އިބްރާހީމް ސޫރަތުގެ 34 ވަނަ އާޔަތް)

މެހެމަލަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.

"ކޮންކަމަކާ ހިނިތުންވަނީ؟" ހުމާޔޫން ހައިރާންވެފައި އަހައިލިއެވެ.

"ކަމެއް ނުވޭ." އޭނާ ޤުރްއާން ދަބަހަށް ލައިފިއެވެ. އޭނާ ބޭނުންވާ ކޮންމެ މައްސަލައެއްގެ ހައްލު މި ފޮތުން އެބަލިބެއެވެ.

"ބުނެބަލަ. ކިހިނެއްވީ؟"

"އަހަންނަށްޓަކައި ﷲ ތަޢާލާ ވަރަށް ރީތި އާޔަތެއް ބާވައިލައްވައިފައި އޮތްކަން ފާހަގަ ކުރެވުނީމާ ޤުރްއާން ދެކެ ލޯބިވެވުނީ."

ހުމާޔޫން ހީނގަތެވެ.

"ކީއްވެ ހެނީ؟"

"ތިޔައީ ހައްތަހައިވެސް މެހެމަލްގެ ސިކުނޑިއަށް ފެންން ގޮތް."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.