ނީލަކޯރުގައި އިތިއޯޕިޔާއިން ބިނާކޮށްފައިވާ ބިޔަ ޑޭމް، އިތިއޯޕިޔާ ރިނައިސެންސް ޑޭމް އަށް ފެން ދޫކޮށް ފުރުން ލަސްކުރުމަށް ނީލަކޯރުގެ ފެން ހިއްސާކުރާ ތިން ގައުމު ކަމަށްވާ އިތިއޯޕިޔާ، މިސްރު އަދި ސޫދާނުން އެއްބަސްވެއްޖެއެވެ.
ޑޭމް ފުރާލުން ލަސްކުރުމަށް މިސްރާއި ސޫދާނުން ގޮވާލަމުން ދިޔަ ނަމަވެސް، ޑޭމް ފުރުމާއިގެން ކުރިއަށް ދިއުމަށް އިތިއޯޕިޔާއިން ނިންމިއެވެ. މައްސަލައިގައި އިތިއޯޕިޔާއާއި މިސްރުގެ ދެބަސްވުން ވަރުގަަަަދަ ކުރިމަތިލުމަކަށް ބަދަލުވެދާނެ ކަމުގެ ބިރާއެކު އެފްރިކަން ޔުނިއަން (އޭޔޫ) އިން ވަނީ މައްސަލަ ހައްލުކުރަން އެ ދެމެދަށް ވަދެފައެެވެ.
ތިން ގައުމުގެ އިސްވެރިންނާއެކު އޭޔޫގެ އެގްޒެކެޓިވް ކައުންސިލުން ބޭއްވި ވާޗުއަލް ބައްދަލުވުމަށް ފަހު ތިން ގައުމުން އެއްބަސްވެފައި ވަނީ ޑޭމުގެ ފެން ބޭނުންކުރާނެ ގޮތަކާމެދު ތިން ގައުމަށް އެއްބަސްވުމަކަށް އާދެވެންދެން ޑޭމް ފުރުން ލަސްކުރަން ތިން ގައުުމުން ވަނީ އެއްބަސްވެފައެވެ. މި ބައްދަލުވުމުގައި އިތިއޯޕިޔާގެ ބޮޑުވަޒީރު އަޙްމަދު އަބީއާއި، މިސްރުގެ ރައީސު ޢަބްދުލް ފައްތާޙު އައްސީސީއާއި، ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކްގެ އިތުރަށް ދެކުނު އެފްރިކާ، ކެންޔާ، ޑީއާރް ކޮންގޯ އަދި މާލީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ދަ ގްރޭންްޑް އިތިއޯޕިޔަން ރިނައިސެންސް ޑޭމް (ޖީއީއާރްޑީ) އަކީ ބްލޫ ނައިލް (ނީލަ ކޯރުގެ އެއްކަފި) ހުރަސްކޮށް، ސޫދާނުގެ ސަރަހައްދީ ރޮނގުގެ 25 ކިލޯމީޓަރު ދެކުނުގައި އިތިއޯޕިޔާއިން ބިނާ ކުރާ ބިޔަ ޑޭމެކެވެ. 5 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކާއެކު 2011 ވަނަ އަހަރު ފެށި މި މަޝްރޫއު މިހާރު ވަނީ ނިމުމަކާ ގާތްެވެފައެވެ.
މި މަޝްރޫއު ފެށުނީއްސުރެ ޑޭމުގެ މައްސަލައިގައި އިތިއޯޕިޔާއާއި މިސްރާއި އަންނަނީ އަރައިރުންވަމުންނެވެ. މިސްރުން ބުނާ ގޮތުގައި ނީލަކޯރު ހުރަހަށް ޑޭމެއް ބިނާކޮށް ފެންގަނޑު ހިފެހެއްޓުމުން އެ ކޯރުގެ ފެނުން މިސްރަށް ލިބޭ މިންވަރު މަދުވާނެއެވެ. އެހެންނަމަަވެސް، އިތިއޯޕިޔާއިން ބުނަނީ އެ ގައުމުގެ ތަރައްގީއަށާއި، ގައުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ޑޭމް ބިނާކުރުން މާ މުހިއްމު ކަމުގައެވެ.
އިތިއޯޕިޔާއިން ބޭނުންވަނީ އަންނަ ޖުލައި އަދި އޮގަސްޓުގެ ވިއްސާރަ މޫސުމުގައި އެ ޑޭމުގައި 4.9 ބިލިއަން ކޮޑިމީޓަރުގެ ފެން ހިފަހައްްޓާށެެވެ. އެގައުުމުން ދެކޭ ގޮތުގައި 2021 ވަނަ އަހަރުން ފެނުން ކަރަންޓު އުފައްދާ ދެ ޓާބައިން ޓެސްޓުކުރުމަށް އެ ފެން ފުދޭނެއެވެ.