ކުރިން ބޮޑު ފައިދާއެއް ހޯދަމުން އައި މޯލްޑިވްސް އެއަރޕޯރޓްސް އޮތޯރީޓީގެ އާމްދަނި މިދިޔަ މެއި މަހު 98 އިންސައްތައަށް ދަށްވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނިން މިކަން ހާމަކޮށްފައިވަނީ ޖުލައިމަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕަރައިސަސް (އެސްއޭއީ) ކޮމެޓީއަށް މަޢުލޫމާތު ދެއްވަމުންނެވެ.
އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ޞާލިޙް ވިދާޅުވީ އެކުންފުންޏަށް ލިބިފައިވާ އާމްދަނީ ޖެނުއަރީ މަހު ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން އިތުރު ވެފައި ކަމަށެވެ. ޖެނުއަރީމަހު ލިބުނު އާމްދަނީ ޑިސެމްބަރާ އަޅާ ބަލާއިރު އިތުރުކަން ވެސް ފާހަގަ ކުރެވިއެވެ. ފެބުރުއަރީގެ އާމްދަނީވެސް ފުދޭ މިންވަރެއްގައި ހުރިކަން ފާހަގަ ކުރެވިއެވެ. ނަމަވެސް މާޗް މަހުން ފެށިގެން ވަރަށް ބޮޑަށް އާމްދަނީ ދަށަށް ދާން ފެށިކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިދިޔަ މޭމަހުގެ އާމްދަނީ އަށް ބަލާއިރު އާމްދަނީ ގެ ނިސްބަތް 89 އަށް ދަށްވެފައިވާކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ލިބިފައި ވާ އާމްދަނީގެ ހިސާބުތަކެއް ހާމައެއް ނުކުރައްވައެވެ.
މިއަހަރުގެ ފެބުރުއަރީން ފެށިގެން ކުންފުނީގެ ޚަރަދު ތައް ކުޑަކުރަންފެށިކަމަށް ވެސް އެކްޓިން މެނޭޖިން ޑިރެކްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެއަރފޯރޓްގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ކެޕިޓަލްޚަރަދުތައް ފިޔަވައި ހުރިހާ ކެޕިޓަލް ޚަރަދުތައް ހުއްޓާލިކަމަށް ވިދާޅުވިއެވެ. ކުންފުނި ހިންގުމަށް ކުރަން ޖެހޭ ޚަރަދުތައްވެސް ވަރަށް ބޮޑުތަނުން ކުޑަކުރިކަމަށް ވިދާޅުވިއެވެ. އެގޮތުން ފެނާއި ކަރަންޓު ޚަރަދުވެސް 15 އިންސައްތަ ކުޑަކޮށްފައިވާކަމަށް ވިދާޅުވިއެވެ. ކުންފުނި ހިންގުމަށް ކުރަންޖެހޭ ޚަރަދު ތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ މުވައްޒަފުންގެ މުސާރައަށްކަމަށް މޫސާ ޞާލީޙް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާތަނަށް މުވައްޒަފުންގެ މުސާރަކުޑަކޮށް މުވައްޒަފުން މަދުކޮށްފައި ނުވާނެކަމަށް ވިދާޅުވިއެވެ.
އާމްދަނީ ދަށްވެ ކުންފުނި ހިންގުމަށް ވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ބީއެމްއެލްގެ ލޯނަކަށް އެދިފައިވާކަމަށް ވެސް އެމްއޭސީއެލް އިން ވިދާޅުވިއެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ލޯނެއް ކަމެއް އަދި ލޯނު ހަމަޖެހުނުކަމެއް ހާމައެއް ނުކުރައްވައެވެ.
އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ޞާލީހް ވިދާޅުވީ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނުކޮށްވެސް އަބަދަކު ނުތިބެވޭނެކަމަށެވެ. އެހެންކަމުން އެކަންކަން ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ލޯނަކަށް އެދުނީކަމަށެވެ. މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އެދިވަޑައިގެންފައި ވީނަމަވެސް އަދި މުވައްޒަފުންގެ މުސާރައިން އުނިކޮށްފައި ނުވާނެކަމަށް ވިދާޅުވިއެވެ.
އެއަރޕޯރޓް ހުޅުވާ ނުލައި އެމްއޭސީއެލްގެ އާމްދަނީ އިތުރުވާނެ ގޮތެއް ނެތިއްޖެނަމަ އެކުންފުނި ބަނގުރޫޓުވުމުން ސަލާމަތްކުރަން ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހިސާބަށް ހިނގައިދާނެކަމަށް ދާދި ފަހުން އިޤްތިޞާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވެސް ވަނީ ވިދާޅުވެފައެވެ.
އަންނަ މަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލަން ވާއިރަށް އެމްއޭސީ އެލްއިން ދަނީ ފުރިހަމަ އަށް ތައްޔާރުވަމުން ކަމަށް އެކުންފުނިމް މިއަދު ވިދާޅުވިއެވެ. އެގޮތުން ތޮއްޖެހުން ވީހާވެސް ކުޑަވާނެގޮތަކަށް ކަންކަން އިންތިޒާމުކުރުމަށާއި އެނޫންވެސް ބައިނަލް އަޤްވާމީ މިންގަނޑުތަކާއި އެޗްޕީއޭގެ މިންގަނޑުތަކަށް ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވިދާޅުވިއެވެ.