(20 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާރަށް ރޮއިގަންނާން އޭނާ ބޭނުންވެއެވެ. ފާރުގައި ބޯ ތަޅަން ބޭނުންވެއެވެ. ބޮލުގައި ހުރި އިސްތަށިތައް އުފުރާން ބޭނުންވެއެވެ. އުޑުތައް ރޫރުއަޅާ ވަރަށް ބާރަށް ރޯން ބޭނުންވެއެވެ. އެކަމަކު...
"ބާރަށް ރޮއި ހަޅޭއްލަވާ މީހާ ތައުބާ ވުމުގެ ކުރީން މަރުވެއްޖެނަމަ ހޫނު ކަތުރާނުގެ ހެދުމެއް ލެއްވޭ ހުއްޓެވެ. އަދި ބޮލުގައި ކަސްއަޅައިފައިވާ ހާލުގައި އެމީހަކު ވާހުއްޓެވެ." (ޞަޙީޙް ބުޚާރީ)
"ހެދުން ވީދައި މޫނުމަތީގައި ތަޅައި ބާރަށް ރޮއި ހަދާ މީހާއަކީ އަހަރެންގެ އުއްމަތުގެ މީހެއް ނޫނެވެ." (ޞަޙީޙް ބުޚާރީ)
މިއީ ގިޔާމަތާ ހަމައަށް ދެމިގެންވާ ހިދާޔަތެކެވެ.
އޭނާގެ އަތް އުފުލައެއް ނުލެވުނެވެ. ލޮލުން ކަރުނަ ފައިބަނީއެވެ. އެކަމަކު އޭނާ ހުރީ ހިމޭނުންނެވެ. އަޑެއް ނުނެރެއެވެ.
"އޭނާ ރޮއްވާ. ބާރަށް ރޯށޭ ބުނޭ. އެހެންނޫނީ އޭނާ މޮޔަވެދާނެ."
"އޭނާ ގާތު ބުނޭ ރުއީމާ ހިތަށް ލުއިކަން ލިބޭނެއޭ."
ކައިރީގައި ތިބި އަންހެނުން އެކި ކަހަލަ ނަސޭހަތް ދެނީއެވެ.
"އަހަރެންގެ ދަރިފުޅާ." މެހެތާބް ރޮއިގެންފައި އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. އޭނާ ޖެހި ބުދެއްހެން އެއްވެސް ހަރަކާތެއް ނުކޮށް ހުރީއެވެ. ލޮލުން ފައިބާ ކަރުނައިން ފޯވަނީއެވެ. އެކަމަކުވެސް ތުންފަތް ހަލުވައެއް ނުލައެވެ.
"މުސްރަތު ހުރީ ނުލާހިކު ރަނގަޅަށް. އެއްވެސް ކަމެއް އޭނާއަކަށް ނުވޭ. މިއީ ކިހިނެއް..."
"ހެނދުނު ބުނީ މޭގައި ރިއްސަނީއޭ. އަހަރެމެން ވަގުތުން އޭނާ ހަސްފަތާލަށް ގެންދިޔައިން. އެކަމަކު..."
ވަށައިގެން ތިބި މީހުންގެ ވާހަކައިން އޭނާއަށް ރަނގަޅަށް އަޑު އިވެނީ އެއްބައެވެ. އޭނާއަށް ނޭވާލާން އުނދަގޫވާން ފަށައިފިއެވެ. މޫނުމައްޗަށް އަނދިރިވާން ފަށައިފިއެވެ.
އޭނާ ކުއްލިއަކަށް ތެދުވެއްޖެއެވެ. މީހުންގެގަނޑުގެ ތެރެއިން ލާފައި ކޮޓަރިއާ ދިމާއަށް ދުއްވައިގެންފިއެވެ.
* * *
ކޮންމެވެސް މީހަކު ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ. އެއް ފަހަރުއެވެ. ދެފަހަރުއެވެ. ތިންފަހަރުއެވެ. މެހެމަލް މަޑުމަޑުން އިސް އުފުލައިލިއެވެ. އެމީހަކު ޓަކިޖެހުން ހުއްޓައެއް ނުލައެވެ. އޭނާ ތެދުވެގެން ގޮސް ދޮރުހުޅުވައިފިއެވެ. ދޮރުމަތީގައި ހުރީ ފިޒާއެވެ.
"މެހެމަލް... ދަރިފުޅާ. އާޣާޖާން ދަރިފުޅަށް އެބަގޮވާ."
"މި ދަނީ." އޭނާ ބުނެލިއެވެ.
ފިޒާ އެނބުރި ހިނގައްޖެއެވެ. މެހެމަލް އިރުކޮޅަކު އެހެން ހުރުމަށް ފަހު ކޮޓަރިން ނުކުމެއްޖެއެވެ.
ސިޑި ކައިރީގައި ހުރި ލޯގަނޑުން އެއްފަހަރު އަމިއްލަ ސޫރައަށް ބަލައިލިއެވެ. އޭނާގެ ސޫރަވެސް ހުއްޓި ހުރެގެން އޭނާޔާ ދިމާއަށް ބަލަނީއެވެ.
އޭނާ ލައިގެން ހުރީ ނޫކުލައިގެ ޕާކިސްތާނު ހެދުމެކެވެ. މިހާރު ފެންނަނީ އިހަށްވުރެ ބަލިކަށި މެހެމަލެކެވެ. ނުވަތަ ހުދުކުލައިގެ ދޯޕައްޓާގެ ސަބަބުން އޭނާގެ މޫނު މިލައިފައި ހުރިހެން ހީވަނީ ބާވައެވެ؟
އޭނާ ކުރިއަށް ހިނގައިގެންފިއެވެ.
އާޣާ ކަރީމް ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އެހެން ބޮޑުންވެސް ގޮނޑިގޮނޑީގައި އިށީނދެގެން ތިއްބެވެ. ވަސީމް އެއްފަރާތުގައި ކޮޅަށް އެބަހުއްޓެވެ.
"މެހެމަލް... އާދޭ." އޭނާ އަންނަތަން ފެނުނީމާ އާޣާ ކަރީމް ސޯފާއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
މަންމަ މަރުވީތާ މިއަދަށް މިއީ ހަތަރުވަނަ ދުވަހެވެ. ގޭގެ މީހުންގެ ރަވައްޔާ މިހާރު ފެންނަނީ ކުރިއަށްވުރެ މަޑުމައިތިރިކޮށެވެ.
އޭނާ މަޑުމަޑުން ގޮސް ސޯފާގައި އިށީނދެއްޖެއެވެ.
"އެ ދުވަހު... މުސްރަތު ނިޔާވީ ދުވަހު ހެނދުނު... މޭގައި ރިއްސާން ފެށީމާ މެހެމަލަށްޓަކައި ބައެއް ވަސިއްޔަތް ކުރި. އެއީ ދެން ތިމަން ދިރި ނުހުންނާނޭކަން އެނގުނީމާ ކުރި ކަމެއް ކަމަށްވެސް ވެދާނެ... އަދި ބައެއް އެއްޗެހި ހަވާލުވެސް ކުރި. އެހެންވީމާ އަހަރެންގެ ހިތަށް އެރީ އެތަކެތި މެހެމަލާ ހަވާލު ކޮށްލާނީއޭ." އާޣާ ކަރީމް އެއް ފަރާތުގައި ހުރި ކުޑަ ފޮށްޓެއް ނަގައިފިއެވެ. މެހެމަލް އިސް އުފުލައި ބަލައިލިއެވެ. އެއީ އޭނާގެ މަންމަގެ ގަހަނާ ފޮށްޓެވެ. މަންމަ އަބަދުވެސް އެ ފޮށި ގެންގުޅެނީ ތަޅުލައިގެންނެވެ. ބަހައްޓައިފައި ހުންނަނީ އަލަމާރީގެ އެންމެ ފުލުގައެވެ.
"މި ފޮށީގެ ތަޅުދަނޑިވެސް އެބައޮތް. އަމިއްލައަށް ހުޅުވައިގެން ބަލައިލާ. އަދި އޭނާ އެއްކޮށްފައި އޮތް ފައިސާކޮޅެއްވެސް ދިން. އަހަރެން ގާތު ބުނީ މެހެމަލްގެ އެކައުންޓަށް ލައިދޭށޭ. އެކަމަކު އަހަރެންގެ ހިތަށް އެރީ މެހެމަލް ބޭނުން ގޮތެއް ހަދަން ނަގުދު ހަވާލުކޮށްލާނީއޭ."
އާޣާ ކަރީމް ފޮށީގެ މަތީގައި ސިޓީއުރައެއް ބާއްވައިލިއެވެ.
މެހެމަލް ސިޓީ އުރަ ހުޅުވައިގެން ބަލައިލިއެވެ. އޭގައި ހުރީ އެއްހާހުގެ ނޫޓުތަކެކެވެ. އެއީ އޭނާގެ ކާވެންޏަށް މަންމަ ރައްކާކޮށްފައި ހުރި ފައިސާކަމުގައި ވެދާނެއެވެ. ސިޓީއުރަ އެއްފަރާތުގައި ބާއްވައިފައި އޭނާ ފޮށި ހުޅުވައިލިއެވެ. އޭގައި ހުރީ މަންމަގެ ރަނުގެ ގަހަނާއެވެ. ބައެއް ގަހަނާ ހުރީ އެއްގޮތަކަށްވެސް ބޭނުން ނުކޮށްކަން އެނގެއެވެ. އެއީވެސް ކާވެންޏަށް ހައްދައިފައި ހުރި ގަހަނާކަން ނޭނގެއެވެ.
"ވަސިއްޔަތުގެ ވަގުތު ވަސީމާއި އަހަރެމެން އެންމެން އެތާގައި ތިބިން. ބޭނުމިއްޔާ އެންމެން ގާތު އަހާ. އަހަރެން މެހެމަލްގެ ހައްގު އަދާކޮށް ދީފީމެއްނު؟"
އޭނާ ކަރުނައިން ތެމިފައިވާ ލޮލަކުން އެތާގައި ތިބި މީހުންނާ ދިމާއަށް ބަލައިލިއެވެ. އެމީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އުފަލުންނެވެ.
"އާޣާޖާން. އެއްޗެހި ދެއްވައިފީމު. ދެން ވަސިއްޔަތުގެ ވާހަކަވެސް ދައްކަވަންވީ ނޫންތޯ؟" ފިޒާ ބުނެލިއެވެ.
"ފިޒާ. މުސްރަތު ނިޔާވިތާ އަދި ހަފުތާއެއްވެސް ނުވޭ." މެހެތާބް ހިތްހަމަ ނުޖެހުނު ކަމަށް ހެދިލިއެވެ.
"އެކަމަކު ވީހައިވެސް އަވަހެއް ކުރަން މުސްރަތު އޮތީ..."
"އެވާހަކަ ބާއްވާ. އެކަން އަހަރެމެން ދޫކޮށްލާނީ މެހެމަލަށް. އޭނާގެ ނުރުހުމުގައި އަހަރެމެން އެއްވެސް ކަމެއް ނުކުރާނަން."
"ތިޔައީ ރަނގަޅު ކަމެއް ނޫނެކޭ އަހަރެން ނުބުނަން. އެކަމަކު އެންމެ ކުޑަމިނުން އޭނާ ގާތު ބުނެލަން ވާނެއެއްނު؟"
"އޭނާގެ ހިތާމަ ލުއިވެލަންދެން ބަހައްޓާ. ފަހުން އެ ވާހަކަ..."
އެމީހުން ނުދައްކައި އެ ހިފަހައްޓާން އުޅެނީ ކޮން ވާހަކައެއް ބާވައެވެ؟
"ކުޑައަންމާ. ކިހިނެއްވީ؟ މަންމަ އެހެން ވާހަކައެއްވެސް ބުނިތަ؟"
އެކަކު އަނެކަކުގެ މޫނަށް ބަލާން ފަށައިފިއެވެ.
"މެހެމަލް. އަދި ދުވަސްކޮޅެއް ފަހުން ބުނާނަން. މިހާރު އެވާހަކަ ބާއްވާ."
"ނޫނޭ... ކުޑައަންމާ. ބުނޭ."
"ދަރިފުޅުގެ ހިތާމަތައް އަދި..."
"އަހަރެން މުޅީން ރަނގަޅު. އެއްވެސް މައްސަލައެއް ނެތް. މަންމަ ދެއްކި ވާހަކައެއް ބުނެދީ."
މެހެތާބް އެކި މީހުންގެ މޫނަށް ވަކިވަކިން ބަލައިލުމަށް ފަހު ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ބުންޏެވެ. "މުސްރަތު ނިޔާވުމުގެ ކުރީން ކައިރިއަށް ވަސީމް ގެންގޮސްގެން އޭނާގެ ހާޒިރުގައި މެހެމަލްގެ އާޣާޖާނާ ވާހަކަ ދެއްކި. ބުނީ ތިމަން ދުނިޔޭގައި ނުހުންނާނެކަން އެނގެއޭ... ތިމަންގެ ދަރިފުޅު އެކަނިކޮށް ދޫކޮށްނުލައްޗޭ. ވަސީމާ ދެވައިގެން ރަނގަޅު ދިރިއުޅުމެއް ހޯދައިދޭށޭ. އާޣާ އޮތީ މުސްރަތުގެ ވަސިއްޔަތް ފުރިހަމަ ކޮށްދޭން ވަޢުދުވެފައި."
މެހެމަލްގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ބޮލަށް އުޑު ވެއްޓުނުހެން ހީވިއެވެ.
"މަންމަ އެހެން ބުނިތަ؟"
"އާނ... މިތާގައި މިތިބަ އެންމެން އެ ވަގުތު އެތާގައި ތިބި. އަޅެ އަހާބަލަ."
އޭނާ އަނގަޔަކުން ނުބުނެއެވެ. މުޅީން ހިމޭން ވެއްޖެއެވެ. ހައިރާން ވެއްޖެއެވެ. އޭނާއަކަށް ހަމަ އެއްގޮތަކަށްވެސް އެވާހަކައެއް ގަބޫލެއް ނުކުރެވެއެވެ.
"އެކަމަކު... މެހެމަލް. އަހަރެމެން ވަކި ގޮތެއް ނުނިންމާނަން. ހުރިހައި ކަމެއް މެހެމަލްގެ އަތްމައްޗަށް ދޫކޮށްލާނީ. ވަސީމާ އިންނާން ބޭނުމިއްޔާ ކާވެނީގެ ކަންތައް ކުރިއަށް ގެންދާނީ. އިންނާން ބޭނުން ނޫނިއްޔާ އެ ވާހަކަ ހަނދާން ނައްތައިލާނީ. އަހަރެމެން ބޭނުންވީ ހަމައެކަނި މުސްރަތުގެ ވަސިއްޔަތް މެހެމަލަށް ފޯރުކޮށްދޭން. އެއީ މެހެމަލްގެ މަންމަގެ އެންމެ ފަހުގެ ވަސިއްޔަތް. އެޔަށް އަމަލު ކުރާނީތޯ ނޫންތޯ އަމިއްލައަށް ކަނޑައަޅާ. އަހަރެމެން އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން."
އޭނާ އިސްޖަހައިލައިގެން އިނީއެވެ. ސިކުނޑި މަސައްކަތް ކުރުން ހުއްޓާލައިފި ކަހަލައެވެ. އެކަމަކު އޭނާގެ ކުރިމަތީގައި އެހެރަ ފޮށްޓާއި ސިޓީއުރައަކީ މަންމަ އެވާހަކަ ދެއްކި ކަމުގެ ހެއްކެކެވެ.
"މެހެމަލް ރުހޭ ކަމަށް ވަންޏާ އަންނަ ހުކުރު ދުވަހަށް އަހަރެމެން ކާވެނީގެ ކަންތައް ތައްޔާރު ކުރާނަން. މުސްރަތު އެދިފައި އޮތީ ވީހައިވެސް އަވަހަކަށް ދެކުދިން ދެވަން. މެހެމަލް އިންކާރު ކުރަންޏާ އަޅާނުލާ. އަހަރެމެންގެ އެއްވެސް މައްސަލައެއް ނެތް." މެހެތާބް ވާހަކަ ހުއްޓައިލިއެވެ.
މެހެމަލް އިސް އުފުލައިލިއެވެ. ލޯ އަދިވެސް ހުރީ ތެމިފައެވެ. އެތާގައި ތިބި އެންމެންގެ ކަޅި ހުއްޓިފައި ހުރީ އޭނާޔާ ދިމާއަށެވެ.
"މަންމަގެ އަގު އަހަރެން ހިފަހައްޓާނަން. މަންމަގެ ވަސިއްޔަތަށް އިހުތިރާމް ކުރާނަން. ކުޑައަންމަ ބުނި ދުވަހަކު ވަސީމާ އިންނަން އަހަރެން ތައްޔާރު."
އޭނާ ސިޓީއުރައާއި ފޮށި ހިފައިގެން ހިނގައިގެންފިއެވެ.
* * *
މެހެމަލް އިނީ ބަދިގެ ތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. އަތުގައި އޮތީ ދުޢާ ފޮތެކެވެ.
"އަޅަމެން ހެޔޮ މަގުގައި ދަމަހައްޓަވާނދޭވެ. އިސްލާމްދީނުގެ މަތީގައި ލަހައްޓަވާނދޭވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި ދީނުގެ މަތީގައި ސާބިތު ކުރައްވައިފާނދޭވެ. އިބްރާހީމް ޢަލައިހިއްސަލާމްގެ މިއްލަތުގައި ދަމަހައްޓަވާނދޭވެ. އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު ކާފިރުވާ ބަޔަކު ކަމުގައި ނުލައްވާނދޭވެ."
"މެހެމަލް."
ކޮންމެވެސް މީހަކު ބަދިގޭގެ ދޮރު ހުޅުވައިލިއެވެ. އޭނާ ސިހިފައި ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ސާމިޔާއެވެ.
"މެހެމަލާ ބައްދަލު ކުރަން މީހަކު އަތުވެއްޖެ. ބޮޑުކޮޓަރީގައި އެބަހުރި."
"ކާކު؟"
"އެއްކަލަ ފުލުސްމީހާ." މިހެން ބުނެފައި ސާމިޔާ ހިނގައްޖެއެވެ.
(ނުނިމޭ)
Varah reethi