ނަފްސާނީ ހިތްހަމަޖެހުން އޮތީ ޙާލިޤްވަންތަ ﷲ އަށް ދުއާ ދެންނެވުމުގައި ދެމިތިބުމުންކަމަށް މިއަދުގެ ހުކުރު ޚުޠުބާ ގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުތުބާ ޚާއްޞަ ކުރައްވައިފައި ވަނީ ނަފްސާނީ އިޖްތިމާޢީ ދުޅަހެޔޮކަމުގެ މައްޗަށެވެ.
މިއަދު މިދުނިޔޭގައި ދިރިއުޅޭ ހުރިހާ އިންސާނުން ތަޙައްމަލު ކުރަމުންދާ ހިތްދަތިކަމާއި ތަދުމަޑުކަމާއި ނުތަނަވަސް ކަމުގެ ޙާލަތަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭފަދަ ތަދުމަޑުކަމަކާއި ނުތަނަވަސް ކަމުގެ ޙާލަތެއްކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. ދުނިޔޭގައި ފެތުރެމުންދާ ކޮވިޑްގެ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށްޓަކައި ދީލަތިވަންތަ އިލާހުގެ ޙަޟްރަތުން ޢާފިޔަތާއި ރައްކާތެރިކަމަށް އެދޭ ޙާލު، އަޅުކަންކުރުމާއި، ބޭނުންޖެހިފައިވާ މީސްތަކުންނަށް ހެޔޮ ނަޞޭޙަތާއި އެހީ ފޯރުވުމުގައި ދެމި ތިބުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
އެމީހަކު ހުރި ތަނަކު ދިގުމުއްދަތަކަށް ބަންދުވެ ތިބެންޖެހުމުގެ ސަބަބުން، އިޤްތިޞާދީ ޙަރަކާތްތައް ހުއްޓި، ފިކުރު ބޮޑުވުމާއި ހާސްވުންފަދަ ނަފްސާނީ، ބަލިމަޑުކަމާއި ކުރިމަތިވުމަކީ ނުވެ ނުދާނެކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ. އާމްދަނީގެ މަގުތައް ހަނިވުމުންނާއި، އިހު އުޅުނު ގޮތަށް މިނިވަންކަމާއެކު ހެލިފެލިވެ އުޅެވޭން ނެތުމުގެ ސަބަބުން ހަށްޓަށް ވެރިވާ ބުރަހެލިކަމާއި، ހިތަށްވެރިވާ ހިތްދަތިކަމުން މިންޖުވުމަށްޓަކައި ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރިކަން ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށް އެދި ދެންނެވުން ކަން ފާހަގަ ކުރެއްވިއެވެ. ﷲ، އެކަލާނގެ ތަނަވަސްވެގެންވާ ރަހްމަތުން އިންސާނާ މަޙްރޫމު ކުރައްވާނީ، ޚުދު އެ އެއިންސާނާ އެކަލާނގެ ރަޙްމަތުން މާޔޫސްވުމުންކަމަށް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ވަބާގެ ސަބަބުން އިންސާނާގެ ނަފްސާނީ، ޖިސްމާނީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ކުރަމުންދާ ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ﷲ ދުނިޔޭގައި ލައްވައިފައިވާ ސަބަބުތަކުގައި ހިފައި، އެކަލާނގެ ރަޙްމަތްފުޅާ ލައިގެންކަމަށް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ.
މާޒީގެ ތާރީޚުގައި އާދައިގެ އިންސާނުންނަށް ވުރެ މާ މަތިވެރި އިންސާނުންކަމުގައިވި ނަބިއްޔުންނާއި ރަސޫލުންނަށް، މިފަދަ އެތަކެއް ހިތްދަތި ޙާދިޘާތަކާ ކުރިމަތިވިކަން ޚުތުބާގައި ހަނދާންކޮށް ދެއްވިއެވެ. ނަމަވެސް އެޙާލަތްތަކުގައި އެބޭކަލުން ކާއިނާތުވެ ވެރި ﷲގެ ޙަޟްރަތުން ރަޙްމަތާއި އޯގާވެރިކަމުގެ އުއްމީދުން މާޔޫސް ވުމެއް ނެތި، ދުޢާ ދެންނެވުމުގައި ސާބިތުވެ ތިއްބެވިކަން ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. ޚުތުބާގައި ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތަހައްމަލުކުރެއްވި ތަފާތު ނުތަވަސް ޙާލަތްތައް ވެސް ފާހަގަ ކުރައްވާ އެދަނޑިވަޅުތަކުގައި އެކަލޭގެ ފާނު ޢަމަލުފުޅު ކުރެއްވި ގޮތުން މިސާލު ދައްކަވައިފައެވެ.
ދުނިޔޭގެ ޙަޔާތުގައި އަންނަ ކޮންމެ ހިތްދަތިކަމަކަށް ފަހު އެތައް ފަސޭހަތަކެއް އަންނާނެކަމަށް ﷲ ވަޢުދުވެ ވޮޑިގެންފައިވާކަންވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޖިސްމާނީ ޞިއްޙަތަށް ދުޅަހެޔޮކަން ލިބުން ބިނާވެފައި ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަންވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށްޓަކައި، ނަފުސަށް އަޅައިލުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ޚުތުބާގައި ވަނީ އަލި އަޅުވާލައްވައިފައެވެ. އެއްތަނެއްގައި ބަންދުވެގެން ތިބެން ޖެހުނަސް ނަފްސަށް ބޭނުންވާ ރޫޙާނީ ޣިޒާ ކަމުގައިވާ އަޅުކަމާއި، ޖިސްމަށް ބޭނުންވާ ކަސްރަތާއި، ޞިއްޙަތަށް ފައިދާހުރި ކާނާއާއި ޞިއްޙީ މިންގަނޑުތަކަށް ފެތޭ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ލިބިގެންދާނެ ކަންކަންކަމަށް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ދުވަހުގެ ތާވަލު ރާވާލާއިރު ތިމާގެ ވަގުތު ބޭނުންތެރި ގޮތެއްގައި ހޭދެކުރުމަށް ޚުތުބާގައި ނަޞޭހަތްތެރިވެވަޑައިގެނެނެވިއެވެ.
އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރު އަޅައިފައިވާ އެއްކަމަކީ، އިންސާނީ ނަފްސަށް އަޅައިލުންކަމަށްވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ނަފްސާނީ ދުޅަހެޔޮ ޙަޔާތެއް ހޭދަކުރުމުގެ ނަޞީބުވެރިންނަކީ، އެބައެއްގެ ނަފްސުތަކަށް ހިތްހަމަޖެހުން ލިބިގެންވާ މީހުންކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.
"ނަފްސާނީ ހިތްހަމަޖެހުން އޮތީ ޚާލިޤްވަންތަ ﷲގެ ރަޙްމަތަށް އެދި ދުޢާ ދެންނެވުމުގައި ސާބިތުވެ ތިބުމުގައެވެ. އެކަލާނގެ ރަޙްމަތްފުޅާމެދު އެއްގޮތަކަށްވެސް މާޔޫސް ނުވެ، ވޭނާއި ތަދާއި އުދާސްތަކަށް ކެތްތެރިވުމުގައެވެ. މި ދުނިޔެއަކީ ދާއިމީ ތަނެއްކަމުގައި ނުވާ ފަދައިން އަޅުގަނޑުމެންނާ ކުރިމަތިވާ ހިތާމަތަކާއި، ތަދުމަޑުކަމާއި، ބަލިމަޑުކަމަކީވެސް ދާއިމީ ޙާލަތެއް ނޫނެވެ. ޙަޔާތުގެ ކޮންމެ ވޭނަކީ ދަރުސެކެވެ. އަދި މިފަދަ ކޮންމެ ދަރުސަކުން ޢިބްރަތް ލިބިގަނެ އަޅުގަނޑުމެންގެ ނަފްސު މަތިވެރި ދަރަޖައަކަށް ގެންދެވޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ." ޚުތުބާގައި ވިދާޅުވިއެވެ.
އިންސާނާއަށް ކުރިމަތިވާ ހިތާމައިގެ ވަގުތުގައި އިޖްތިމާޢީ ގޮތުން ކުރުން އެންމެ ބޭނުންތެރިކަމަކީ އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އެހީތެރިވުންކަމަށް ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. މީސްތަކުންގެ އަތްމަތި ދަތިވެ އެކަހެރި ދިރިއުޅުމެއް އުޅެންޖެހިފައިވާ މި ނާޒުކު ދަނޑިވަޅުގައި މުޅި އިންސާނިއްޔަތު އެދި ގޮވަމުންދަނީ އެއްބަޔަކު އަނެއްބަޔަކާ އަޅާލައި އެހީތެރިވުމަށް ކަމަށް ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. މިނުރައްކާތެރި ހިތްދަތި ވަގުތުގައި އިންސާނީ ޚިދުމަތުގައި ރެއެއް ދުވާލެއް ނެތި އިސް ސަފުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިފައިންނާއި، ފުލުހުންނާއި، ސަރުކާރާއި އާއްމު ރައްޔިތުންގެ އެތައް ބަޔަކު ދެމުންދާ ޚިދުމަތްތައް ޚުތުބާގައި ފާހަގަކޮށް އެފާރަތްތަކަށް ހެޔޮޖަޒާ ދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.