ޤާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި، ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 2 ޖޫން 2020 ވީ އަންގާރަ ދުވަހުގެ މެންދަމު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި އިޞްލާޙު ހުށަހަޅާފައި ވަނީ ޤާނޫނު ނަންބަރު 22/2019 ގެ 3 ވަނަ މާއްދާއަށެވެ. އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އަދި (ކ)ގެ ގޮތުގައި ދެ އަކުރެއް އިތުރުކުރުމަށް އިޞްލާޙުގައި ވެއެވެ. އެގޮތުން މި އިޞްލާޙުގައި ވަނީ 3 ޖޫން 2017ގައި އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ ޢުމުރު ހަމަވާއިރު، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބުނުކުރެވިއްޖެހިނދެއްގައި، އެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާ ޙަވާލުވަންދެން، މިހާރު އިންތިޚާބުކޮށްފައިވާ، އަދި މަޤާމުގައި ދެމިތިބި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން، އެ މީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ. އަދި މި އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމިތިބޭއިރު، އެ މެންބަރުން ޢަމަލުކުރާނެ އިންތިޤާލީ އުޞޫލުތައް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެކަމުގައިވެސް މި އިޞްލާޙުގައި ވެއެވެ.

ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

ޚަބަރާއި ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.