ހޯމަދުވަހުގެ ވާހަކަ: އުފާވެރިކަމުގެ ހަނދު ނޭރި އީދު!

މިއަދުގެ ހޯމަ މިއައީ އީދުގެ ދުވަސްވަރުއެވެ. އެހެންވެ އަނެއްކާވެސް ލަވައަކާއި އެ ލަވައިގެ ތަރުޖަމާ ހުށަހަޅާލަމެވެ. އީދާއި ގުޅޭ ލަވައެކެވެ! ނަމަވެސް މިފަހަރު ހުށަހަޅާ މިލެވެނީ ހިތާމަވެރި ލަވައެކެވެ. އީދާ ގުޅޭ ހިތާމަވެރި ލަވައެކެވެ.

އަޅުގަނޑުމެން މިހާރު ވޭތުކުރަމުންދާ މި ދުވަސްކޮޅަކީ އީދުގެ އުފާ އެންމެ އެދެވޭ ގޮތުގައި ފާޅުކުރެވެން އޮތް ދުވަސްވަރެއް ނޫނެވެ. ކޯވިޑް 19ގެ އާލަމީ ވަބާގެ ސަބަބުންނެވެ. އީދުގެ އެންމެ ޚާއްސަ ޝިއާރު ކަމުގައިވާ އީދު ނަމާދުވެސް އެންމެ އެދެވޭ ގޮތެއްގައި ޖަމާއަތުގައި، ހުރިހާ ތަނެއްގައި، ކުރެވެން ވެސް ނެތް ދުވަސް ވަރެކެވެ. އަދި އީދުގެ އިޖުތިމާއީ ފައިދާތަކުގެ ތެރޭގައި ހިމެނެ އެކަކު އަނެކަކާ ބައްދަލުކޮށް ސަލާންކޮށް ތިމާގެ ކަމާއި ގާތްކަމުގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ލިބިފައިއޮތީ ވަރަށް ވެސް ހަނިކޮށެވެ. ފޯނު ނޫނީ އެނޫންވެސް މުވާސަލާތީ ކޮންމެވެސް ވަސީލަތެއް މެދުވެރިކޮށެވެ.

މީގެ އިތުރުން، ހުރިހާ ކަމެއް އާދައިގެ ގޮތުގައި އޮންނައިރު ވެސް، އީދުގެ އުފާ ފާޅުކުރަމުންދާއިރު އެކި ސަބަބުތަކަކާއި ހުރެ، އީދުގެ އުފަލުގައި ބައިވެރިނުވެވޭ މީހުން ވެސް ތިބެއެވެ. ގާތް މީހަކު މަރުވެ، ނެތި ދިޔުމުމުގެ ސަބަބުންނެވެ. ނުވަތަ ގާތް މީހަކު ކައިރީގައި ނެތުމުގެ ސަބަބުންނެވެ. އަދި މިނޫންވެސް އެހެން ސަބަބުތަކަށްޓަކައި ވެސް މެއެވެ.

މި ލަވައިގެ ކިޔައިދެވެނީ، ތިމާ އެންމެ އެދޭ މީހާ ތިމާ ގާތުގައި ނެތުމުން އީދުގެ އުފަލުގައި ބައިވެރި ނުވެވުނު މީހެއްގެ ވާހަކައެވެ. އާދެ، އީދުގެ އުފާ ފާޅުކުރެވެމުންދާ އިރު، އޭނާ ގާތުގައި އޭނާގެ ލޯބިވެރިޔާ ނެތުމުން، އުފާވެރިކަމުގެ ހަނދު އީދުގައި ނޭރި މީހެއްގެ ވާހަކައެވެ.

މި ލަވައަކީ 1958ގައި ނިކުތް ސޯހނީ މަހިވާލް ގެ ލަވައެކެވެ. އީދު ކޭ ދިން ތެރޭ ބިން ހައި ޕީހކާ، (ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ،) މި ލަވައެވެ. މި ލަވައިގެ މާނަ ދެނެގަތުން ފަސޭހވެދިޔުމަށްޓަކައި ފިލްމުގެ ވާހަކައިގެ މައްޗަށް އަލިއަޅުވާލުން ބޭނުންކަމަށް ދެކެމެވެ.

ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ސޯހނީ އާއި މަހިވާލުގެ ލޯބީގެ އަފުސާނާގެ މައްޗަށެވެ. މިވާހަކައަކީ ޝީރީން ފަރުހާދު، ހީރު ރާންޖްހ، ރޯމިޔޯ ޖޫލިއެޓް މިފަދަ ލޯބީގެ މައުސާވީ (ޓްރެޖަޑީގެ) ވާހަކައެކެވެ. ދެ މީހަކަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، އެ ލޯބި ހާސިލުވެ، ކައިވެންޏާ ހަމައަށް ނުދެވެނީސް ދެމީހުން ނިމިދިޔަ ވާހަކައެކެވެ.

މި ވާހަކައި ބަތަލާއަކީ ސޯހނީއެވެ. ސޯހނީ، މި ނަމުގެ މާނަ – ރީތި އަންހެނާ – ދޭހަކޮށްދޭ ފަދައިން، ވަރަށް ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ބައްޕައަކީ މުށިވާރެކެވެ. މުށިން، ގެކަންވާރު، އެބަހީ، ގޭގައި  ބޭނުންކުރާ، މުށީގެ ޖާޑި، ރުނބާ، ދޯރު ފަދަ ތަކެތި، ހަދާ މީހެކެވެ. ސޯހނީ، އޭނާގެ ބައްޕަގެ މަސައްކަތުގައި، އެހީވެދީ ހަދައެވެ. ސޯހނީގެ މަސައްކަތަކީ ބައްޕަ ހަދާ ކަންވާރުތަކުގައި ކުރެހުން އަޅައި ޖަރީކުރުމުވެ.

އެއްދުވަހަކު މެދު އޭސިޔާގެ ދަތުރުވެރިންގެ ބަޔަކު ސޯހނީމެންގެ އަވަށަށް އައެވެ. އަދި އޭގެ ތެރެއިން ވިޔަފާރި ވެރިޔަކު ސޯހނީގެ ބައްޕަގެ ގެއަށް ޒިޔާރަތްކުރިއެވެ. މުށީގެ ކަންވާރެއް ގަތުމުގެ ބޭނުމުގައެވެ. އަދި ރުނބައެއް ޖަރީކުރަން އިން ސޯހނީއާ ދިމާއަށް، އޭނާގެ ކަޅި ހުއްޓުނެވެ. ދެން، އެ ރުނބާ އޭނާ ގަތެވެ. އަދި ކޮންމެ ދުވަހަކުވެސް، ކޮންމެވެސް ބަހަނާއެއް ދައްކާފައި، ސޯހނީމެންގެ ގެއަށް މި ވިޔަފާރިވެރިޔާ ޒިޔާރަތްކުރެއެވެ. ސޯހނީ ދެކިލާހިތުންނެވެ. މިކަން ސޯނީއަށް ވެސް ފާހަގަވިއެވެ. އަދި ސޯހނީވެސް އޭނާއާ ގަޔާވެވި، އޭނާ އައުމުގެ ވަގުތަށް އިންތިޒާރުކުރެވެން ފެށުނެވެ. އަދި ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. އެންމެ ފަހުން، ވިޔަފާރި ޖަމާއަތް ފުރާ ވަގުތު ޖެހުމުން، އެ ބައިމީހުން ފޮނުވާލަފައި ސޯހނީގެ އަވަށުގައި މަޑުކުރަން، ވިޔަފާރިވެރިޔާ ނިންމިއެވެ. އަދި މީނާގެ އަތްމަތި ނުތަނަވަސް ވުމުން ސޯނީގެ ބައްޕަ މީނާއަށް 'މަހިވާލުކަން' – ބެހެންސު (ބަފަލޯ) ގެންގުޅޭ މީހެއްގެ ވަޒީފާ - ދިނެވެ.

ސޯހނީގެ ބައްޕައަށް މަހިވާލު އާއި ސޯހނީގެ ލޯބީގެ ގުޅުން އެނގުމުން އެ ދެމީހުން ދުރުކުރުވަން ނިންމިއެވެ. އެގޮތުން ސޯހނީ އެހެން މީހަކާ ދެވިއެވެ. މި ކަމުގެ ހިތާމައިގައި މަހިވާލު ނިންމީ ސޯހނީ އުޅޭ ސޯހނީ ފިރިމީހާގެ ގޭގެ ކައިރީގައި އޮންނަ ކޯރެއްގެ އަނެއް ފަރާތުގައި، ޖިފުޓިގަނޑެއް އަޅައިގެން، އެތާނގައި އުޅުމަށެވެ. އަދި ސިއްރު ގޮތެއްގައި، ސޯހނީ، އޭނާގެ ލޯބިވެރިޔާ މަހިވާލާއި، ބައްދަލުކުރަމުން ދިޔައެވެ. މުށީގެ ރުނބައެއް ބޮޔަކަށް ހަދައިގެން، އޭގެ އެހީގައި ކޯރު ހުރަސްކޮށް ގޮހެވެ. މަހިވާލުގެ އަތްމަތި ދަތިވެ، ސޯހނީ އައުމުން، މެހެމާނުދާރީ އަދާކުރުމުގެ ގޮތުން ސޯހނީއަށް އެއްޗެއް ދިއްކޮށް ނުލެވޭނޭ ހިސާބަށް، މަހިވާލުގެ ފަގީރުކަން ދިޔައެވެ. ދެން، އޭނާގެ ފައިން މަސްކަފައި ފިހެފައި، މަހިވާލު ސޯހނީއަށް ކާންދިނެވެ. ރޭނގަޑުގެ އަނދިރީގައި ފަނޑު ބައްތިއެއްގެ އަލީގައެވެ. އެހެންވެ، އެކަމެއް ސޯހނީއަކަށް ނޭނގެއެވެ.

އެންމެފަހުން، ސޯހނީ، އޭނާގެ ލޯބިވެރިޔާއާއި ސިއްރުގޮތެއްގައި ބައްދަލުކުރާކަން، ސޯހނީގެ ފަހަރިއަށް އެނގުނެވެ. އަދި ސޯހނީ ބޮޔެއްގެ ގޮތުގައި ބޭނުންކުރާ ރުނބާ ފޮރުވާފައި އޮއްވާ ފެނިގެން، އޭގެ ބަދަލުގައި، އަލިފާންލައި ހޫނުކޮށް، ރަނގަޅަށް ނުފިހެވި އޮތް ރުނބައެއް ބޭއްވިއެވެ. ދެން، ސޯހިނީއަށް އޭގެ ހަގީގަތް ނޭނގި، ފަހަރި ބޭއްވި ރުނބާ ހިފައިގެން ކޯރު ހުރަސް ކުރަން އުޅުނެވެ. އަދި ކޯރުގެ މެދުތެރެއިން ރުނބާ ހަލާކުވެ ސޯހނީ ގެނބެން ދިމާވިއެވެ. އަދި، އެހީއަށް އެދި، ކޯރުގެ އަނެއް ފަރާތުގައި ހުރި މަހިވާލަށް ގޮވިއެވެ. މަހިވާލު ކޮރު ޖަހަމުން ސޯހނީ ސަލާމަތް ކުރުމަށްޓަކައި ކޯރަށް އެރި ފަތައިގަތެވެ. ނަމަވެސް ސޯހނީއާއި ހަމައަށް ދެވުނުއިރު، އޭނާގެ ފައިގެ ޒަޚަމުގެ ސަބަބުން، އޭނާވަނީ ވަރަށް ބޮޑަށް ވަރުބަލިވެ، ގައިގެ ވަރު ދެރަވެފައެވެ. އަދި އެންމެ ފަހުން ސޯހނީއާއި މަހިވާލު، އެކަކު އަނެކަކުގެ އުރުގައި ތިބެ ދެމީހުން އެކުގައި، ކޯރުތެރަށް ގެނބި، މަރުވެ ދިޔައީއެވެ.

އާދެ، ކުރިން ބުނެވި ދިޔަ ފަދައިން ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މިވާހަކައިގެ މައްޗަށެވެ. ފިލްމުގައި ވާހަކައަށް ބަދަލުގެނެވިފައި ވަނީ ކިހާ ވަރަކަށްކަން އޮޅުން ފިލުވޭނޭ ގޮތެއް އަޅުގަނޑަކަށް ނުވިއެވެ. އެހެން ވީމާ އެއާ ދޭތެރޭ އެއްޗެއް ބުނެވޭކަށް ނެތެވެ. އެނގޭ ހާ ވެސް އެއްޗަކީ، މި ލަވަ، އާދެ، އީދު ކޭ ދިން ތެރޭ ބިން ހައި ޕީހކާ ކިޔެނީ ސޯހނީއާއި މަހިވާލުގެ ގުޅުމަށް ހުރަސް އެޅިފައިވަނިކޮށް ކަމެވެ. އަދި، މިދުވަސް ވަރު، އީދު އަންނަކަމާއި މަހިވާލަކީ މުސްލިމެއް ކަމުން، އީދު ފާހަގަ ކުރެވެމުން ދާއިރު، އީދުގެ އެއްވެސް އުފަލެއް މަހީވާލަށް ނުލިބޭ ކަމެވެ. އެއީ އޭނާގެ ލޯބިވެރިޔާއާ ވަކިވާން ޖެހިފައި ވުމުންނެވެ. އީދު ދުވަހު، ގާތް ތިމާގެ މީހުންނާއި އަދި ރައްޓެހިންނާއި ބައްދަލުކޮށް ސަލާންކޮށް ހަދާއިރު އެ ދެމީހުންނަށް ވެސް އޮތީ ގޭގެ އެކި ތަންތަނުގައި ތިބެ އެކަކު އަނެކަކު މަތިން ހަނދާންކޮށް ރުއިމެވެ. އެހެނީ، އެކަކު އަނެކަކާއި ބައްދަލުވެ، އެކަކު އަނެކަކު ދުށުމުން މަހުރޫމުވެފައި ވުމުން، އެ މީހުންގެ އުފާވެރިކަމުގެ އިރެއް އީދު ދުވަހަކު ނާރައެވެ. އެ ދެ މީހުންގެ ހިތުގެ ހިތާމަތައް ފިލައި، އީދުގެ އުފާލިބެން އަންނަނީ އެކަކު އަނެކަކާއި ބައްދަލުވެވި ގެންނެވެ. އެހެންވެ، ލަވައިގައި މަހިވާލު ސޯހނީއަށް ގޮވާލައި ބުނަނީ އޭނާ ކައިރިއަށް އަވަހަށް އައުމަށެވެ. އީދުގެ އުފާ ލިބިގަތުމަށްޓަކައެވެ.

އާދެ، މިލަވައިން ފޯރުކޮށްދެވޭ މެސެޖާއި މެދު ސުއާލުކޮށްލަން ޖެހެއެވެ. އީދުގެ އުފާ ފާޅުކުރަމުން ދާއިރު، ހިތާމަކުރާ ބަޔަކުވެސް އުޅެފާނެކަމެވެ. ކުރިންވެސް ލިޔެވުނުފަދައިން، އެކިއެކި ސަބަބުތަކަކާ ހުރެއެވެ. އެމީހުންގެ މާލީ ހާލަތުގެ ސަބަބުންނެވެ. އީދުގެ ކެއުމެއް ކައްކާލާނެ މިންވަރުވެސް ނެތުމުންނެވެ. އަދި، އެމީހުންގެ ކުދިންނަށް، އީދުގެ ހެދުމެއްވެސް ހޯދައިދެވޭނޭ ގޮތެއް ނެތިފައިވާ މީހުންނެވެ. އަދި، އެމީހުންގެ ގާތް މީހަކާއި އަބަދުގެ އަބަދަށް ވަކިވާންޖެހި، ހިތާމަކުރަން ޖެހިފައިވާ މީހުންނެވެ. މިލަވައިން ލިބޭ އެއް މެސެޖަކީ އީދުގެ އުފާ ފާޅު ކުރަމުން ދާއިރު މިފަދަ ހިތާމަވެރި ހާލަތްތަކުގައި އުޅެންޖެހިފައިވާ މީހުން މަތިން، އީދު ދުވަހު ހަނދާންކުރުމެވެ. އަދި އެމީހުންގެ ހިތާމައިގައި ބައިވެރިވެ އެމީހަކަށް ވެވުނު ވަރަކުން، ވެވުނު ގޮތަކުން، މިފަދަ މީސްމީހުންގެ ހިތާމަތަކަށް ތަސައްލީދީ އެކަން ލުއިކޮށްލަދެވޭތޯ މަސައްކަތްކުރުމެވެ. ރިވެތި ގޮތުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަ ދީގެންނެވެ. ހިތްވަރުދެނިވި ހެޔޮބަހެއް ބުނެލައިގެންނެވެ. އެމީހުންގެ ހިތުގެ ބަރުކަން މި އީދުގައި ލުއިވެދިޔުމަށްޓަކައެވެ.

އާދެ، ދެން މި ލަވަ، އޭގެ ދިވެހި ތަރުޖަމާއަކާއި އެކު ހުށަހަޅާލަމެވެ.

(ފ)

އީދު ކޭ ދިން ސަބް މިލޭނގޭ

އަޕުނެ އަޕުނެ ޔާރު ސޭ

އީދު ދުވަހު އެންމެނާވެސް ބައްދަލުވާނެއެވެ.

ގާތް އަމިއްލަ ރައްޓެހި މީސްމީހުންނާއެވެ.

(އ)

ހަމް ގަލޭ މިލް މިލް ކެ ރޯޔޭނގޭ ދަރޯދީވާރު ސޭ

އަހަރުމެން (ގާތް މީހުންނާއި ބައްދަލުކޮށް) ކަރާކަރު ޖައްސައި ސަލާންކޮށްކޮށްފައި އުޅޭއިރު (ކަލާ މަތިން ހަނދާންކޮށް) ގޭގެ އެކިތަންތަނުގައި އިނދެ ރޯނަމެވެ.

(ފ)

އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ އާޖާ އާޖާ ކެ ދިން ހައި ޚުޝީކާ

ހަމް އަކޭލޭ އައުރު ޔެ މޭލޭ އީދު ހައި އައުރު ތެރީ ޔާދު ހައި

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ. އަވަހަށް އަންނާށެވެ! އުފާކުރުމުގެ މިދުވަހުއެވެ.

(އެހެނީ އީދުގެ އުފާ ފާޅުކުރުމުގެ) މި އެއްވުމުގައި އަހަރެން މިވަނީ ހަމަ އެކަންޏެވެ.

އީދު އަތުވެއްޖެއެވެ. (ނަމަވެސް) އަހަރެން މިވަނީ (ހަމަ އެކަނިމާއެކަނި،) ކަލާގެ ހަނދާންތަކާއި އެކުގައެވެ.

(އ)

ޗާނދު ނިކުލާ ނަ މޭރީ ޚުޝީކާ އީދު ކައިސީ ޖޯ ޣަމް ހޯ ކިސީކާ

މައި ޤަފަސު މޭ ޣަމް ކެ ބަސް މޭ ޒިންދަގީ މޭރީ ބަރުބާދު ހައި

(މި އީދުގައި) އަހަންނަކަށް އުފާވެރިކަމުގެ ހަނދެއް ނާރައެވެ. މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

އަހަރެން މިވަނީ ކޮށްޓެއްގެ ތެރޭގައި (ބަންދުވެފަ)އެވެ. ހިތާމައިގެ (ކޮށްޓެއްގެ ތެރޭގަ)އެވެ. (ކަލާ ނެތުމުން) އަހަރެންގެ ހަޔާތް މިވަނީ މުޅިން ބަރުބާދުވެފައެވެ.

(ފ)

އީދު މިލްޖާ ކެ ދިލް ކާ މިޓޭ ޣަމް ޖާނެ އަގުލޭ ބަރަސް ހޯ ނަހޯ ހަމް

ކުޗްހ ބަހރޯސާ ނެހީ ޒިންދަގީ ކާ އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ ...

 

(ކަލާ އައިސް) އަހަންނަށް އީދު(ގެ އުފާ) ލިބި އަހަރެންގެ ހިތުގެ ހިތާމަތައް ފިލައިދިޔަދޭށެވެ. އެހެނީ، އަންނަ އަހަރު (އީދު އަންނައިރު) އަހަންނަށް (ދިރި)ހުރެވޭނޭ ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ. ހަޔާތުގައި އެމީހެއްގެ މައްޗަށް ބަރޯސާކުރާނޭ އެކަކުވެސް މިހާރަކު އަހަރެންގެ ނެތެވެ.

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ ...

(އ)

އީދު ހައި އައުރު މަޖުބޫރިޔާނ ހައި ކިޔާ ކަރޫން ޔާރު ސޭ ދޫރިޔާނ ހައި

އާޖު ދިން ހައި ބަޅީ ބޭކަސީ ކާ އީދު ކައިސީ ޖޯ ޣަމް ހޯ ކިސީކާ

ޗާނދު ނިކުލާ ނަ މޭރީ ޚުޝީކާ މައި ޤަފަސު މޭ ޣަމް ކެ ބަސް މޭ ޒިންދަގީ މޭރީ ބަރުބާދު ހައި

 

އީދު އައީ ހަދާނެގޮތް ހުސްވެ (އަހަރެން ނިކަމެތި)ވެފައި ވަނިކޮށެވެ. ދެން އަހަންނަށް ކުރެވެން އޮތީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން މިވަނީ (އަހަރެންގެ ލޯބިވެރި) ރަހުމަތްތެރިޔާއާއި މާ ދުރުގައެވެ

މިއަދު އަހަރެން މިވަނީ އެހީތެރި ކަމެއް ފޯރުކޮށްލަދޭނޭ މީހަކުނެތި ވަރަށްވެސް ނިކަމެތިވެފައެވެ. މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

(މި އީދުގައި) އަހަންނަކަށް އުފާވެރިކަމުގެ ހަނދެއް ނާރައެވެ. މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

އަހަރެން މިވަނީ ކޮށްޓެއްގެ ތެރޭގައި (ބަންދުވެފަ)އެވެ. ހިތާމައިގެ (ކޮށްޓެއްގެ ތެރޭގަ)އެވެ. (ކަލާ ނެތުމުން) އަހަރެންގެ ހަޔާތް މިވަނީ މުޅިން ބަރުބާދުވެފައެވެ.

(އ/ފ)

އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ އާޖާ އާޖާ ކެ ދިން ހައި ޚުޝީކާ

ހަމް އަކޭލޭ އައުރު ޔެ މޭލޭ އީދު ހައި އައުރު ތެރީ ޔާދު ހައި

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ. އަވަހަށް އަންނާށެވެ! އުފާކުރުމުގެ މިދުވަހުއެވެ. (އެހެނީ އީދުގެ އުފާ ފާޅުކުރުމުގެ) މި އެއްވުމުގައި އަހަރެން މިވަނީ ހަމަ އެކަންޏެވެ.

އީދު އަތުވެއްޖެއެވެ. (ނަމަވެސް) އަހަރެން މިވަނީ (އެކަނި، ހަމަ) ކަލާގެ ހަނދާންތަކާއި އެކުގައެވެ.

ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މަވްޟޫޢުތަކަށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ދަރިކަލެކެވެ. މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ ދިރި އުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.