(21 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހަތެއް
ހެނދުނުގެ ވަގުތެވެ. އާޣާ އިބްރާހީމްގެ ގަނޑުވަރެއް ކަހަލަ ގޭގެ ބަގީޗާ ތެރެއަށް ގޭގެ އެންމެން ނުކުމެ ތިއްބެވެ.
އާޣާ ކަރީމްގެ މޫނު ހީވަނީ ރަތް އަނގުރުގަނޑެއް ހެންނެވެ. ރުޅި އައިސް ރަތް ވެފައި ގޮނޑީގައި އިށީނދެގެން އިން ގޮތުން ހީވަނީ ގައުމެއްގެ ރަސްކަލެއް ހެންނެވެ. މެހެތާބާއި ފިޒާއާއި ނާޢިމާއާ ތިން މީހުންވެސް ތުން ގުޅައިލައިގެން އޮލަ ވާހަކައެއްގެ ތެރެއަށް ގެއްލިފައި ތިއްބެވެ. އަސަދާއި ޣަފްރާންގެ މޫނުމަތީންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ.
ބޭރަށް ނުކުންނާން ހުރި ދޮރުމަތީ ހަރުފަތް މަތީގައި އިށީނދެގެން އާރްޒޫ އިނެވެ. ދެކަކޫމަތީގައި ތަށްޓެއް ބަހައްޓައިގެން ޕާން ފޮއްޗެއްގައި ޖޭމު އުނގުޅަމުން ގެންދަނީއެވެ.
ޙަސަން ވިނަގަނޑުމަތީގައި ކުރުކާލި ކަނޑައިލަކަނޑައިލާ އެބަހުއްޓެވެ. އިރުއިރުކޮޅާ މޯބައިލް ފޯނުން ކޮންމެވެސް ނަންބަރަކަށް ގުޅޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.
ވަސީމް އޮތީ އޭނާގެ ކޮޓަރީގައެވެ.
ފަވާދް އިނީ އާޣާ ކަރީމާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެގެން ނޫސް ކިޔާށެވެ. އިރުއިރުކޮޅާ އިސް އުފުލައި އެހެން މީސްމީހުންގެ މޫނަށް ބަލައިލައެވެ. މޫނުމަތީން ކަންބޮޑުވުމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.
މުސްރަތު ބަދިގޭގެ ގޮނޑިއެއްގައި އިށީނދެގެން އިނދެ ކަރުނަ ބައިލަނީއެވެ. އޭނާގެ މުޅި އުމުރުދުވަހުގެ މަސައްކަތް ބޭކާރު ވެގެން ދިޔައީއެވެ. އެކެޑަމީއަށް ދަނީއޭ ކިޔައިފައި މެހެމަލް މެންދުރު ނުކުތް ގޮތަކަށް ގެއަކަށް ނާދެއެވެ. އިރުއޮއްސުނީމާ އޭނާ ކަން ބޮޑުވާން ފަށައިފިއެވެ. ހެޔޮ ހާލުގައި ދަރިފުޅު ގެއަށް އާދޭތޯ ދުޢާ ކުރެވޭން ފަށައިފިއެވެ.
އެއީ ސިއްރު ކުރެވޭނޭ ކަމެއް ނޫނެވެ. އިސާހިތަކުން ގޭ އެންމެންނަށް އެނގިއްޖެއެވެ. އާޣާ ކަރީމް ރުޅި އައިސް ފުފިއްޖެއެވެ. ފުލުސް އޮފީހަށް ދާ ވާހަކަ ބުނުމާއެކު ފަވާދް ދެކޮޅު ހަދައިފިއެވެ. ގޭގެ އަބުރު ނަގައިލާން އުޅުމުގެ ބަދަލުގައި އިރުކޮޅަކު އިންތިޒާރު ކުރަމާހޭ ބުނީ ފަވާދެވެ.
ޙަސަނާއި އަސަދާ ދެމީހުން ރޭގަނޑު ހަތަރުދަން ހޭދަކުރީ ހަސްފަތާލުތަކާއި ގަބުރު ބަހައްޓާ ތަންތަން ބެލުމުގައެވެ. ދެމީހުން ނާކާމިޔާބީއާއެކު އެނބުރި ގެއަށް އައީ މެންދަމުން އަލިވެ ތިނެއް ޖެހި ފަހުންނެވެ. އެޔާއެކު ގެއަށް ބޮޑު ޠޫފާނެއް އައި ކަހަލައެވެ.
އަންހެނުންގެ މާނައިން ފުރިފައިވާ ކަޅިއެޅުމާއި ފިރިހެނުންގެ މަލާމާތުގެ ބަސްތައް ރައްދުވާން ފެށީ މުސްރަތު ފަކީރަށެވެ. އެ ވަގުތުން ފެށިގެން މުސްރަތު ރުއިން ހުއްޓައެއް ނުލައެވެ. ދިފާއީ ވާހަކައެއް ނުދައްކައެވެ. އުޒުރެއް ނުދައްކައެވެ. މެހެމަލްގެ ގަބުރު ކޮންމެވެސް ހަސްފަތާލަކުން ނުވަތަ ކޯރެއްގެ ތެރެއިން ނުވަތަ މަގެއްގެ މަތީން ފެންނަ ގޮތް މެދުވެރި ކުރައްވާތޯ ދުޢާ ކުރަނީއެވެ. އޭނާގެ ދަރިފުޅު، އޭނާގެ ހުރިހައި ގުރުބާނީއެއް ބޭކާރު ކޮށްލީއެވެ.
"ކޮންމެވެސް ފިރިހެނަކާ އެކު ފިލީ. އެކަހަލަ ކަމެއް ކުރާނެއޭ އަހަރެން ކުރިންވެސް ބުނީމެއްނު؟" އިރުއެރުމާއެކު މެހެތާބްގެ އަޑު ބަދިގެ ތެރޭގައި ގުގުމައިލިއެވެ.
"އަހަންނަށްވެސް ޝައްކު ވަނީ ހަމަ ތިޔަ ކަހަލަ ކަމެއް ކުރީ ކަމަށް." ނާޢިމާ ބައިވެރިވެލިއެވެ. މައިންބަފައިން އެރޭ ތިބީ ހޭލައެވެ. ޙަސަން ނޫން އެހެން ކުދިން ތިބީ ގަދަޔަށް ނިދައިފައެވެ.
"ހަޅޭއް ނުލަވާ." އާޣާ ކަރީމް ހަރު އަޑުން ބުނެލިއެވެ.
މުސްރަތު ރޮއިރޮއި ހުރެފައި އިސް އުފުލައި ބަލައިލިއެވެ. އާޣާ ކަރީމް ފެނުނީމާ އެންމެންގެ އަޑު މަޑު ވެއްޖެއެވެ.
"ދިރި ހުރެގެން އެނބުރި އޭނާ ގެއަށް އަތުވެއްޖެއްޔާ މި ގޯތި ތެރޭގައި ދިރިހުއްޓާ ވަޅުލާނަން. ކަލޭމެންނަށް އަޑު އިވިއްޖެތަ؟"
"އެކަހަލަ ދަރިން އުފަން ވުމާއެކު ޖެހެނީ ކަރުގައި ހިފައި މަރައިލާން. އިބްރާހީމް މަރުވީ އިރު އޭނާޔާ އެކު މަރުވީ ނަމަ ކިހައި ރަނގަޅު. އެކަމަކު އެހެންނެއް ނުވި. އަހަރެމެންގެ އަބުރު ވެއްޔާ މޮޑެލާން އޭނާ ބަހައްޓައިފައި މަރު ވެގެން ދިޔައީ. ބޮޑު ނުފޮރުއްޕާނެއް."
"ކޮންމެވެސް މީހަކާ މޮޔަ ވެގެން އުޅޭކަން ކަށަވަރު. އަދި ޚަތިމު ހިފައިގެން ޓެރަހަށް އަރައެއްނު؟ ކާކު މޮޔަ ހައްދާން ކުރާ ކަމެއް؟ އެއީ އަހަރެމެންނަށް ޝައްކު ވެދާނެތީ ކުރި ކަމެއް. އެ ރޭވެސް އަހަރެން އެހެން ބުނިން. އެކަމަކު އެކަކުވެސް އަހަރެންގެ ވާހަކައެއް ނޭހި."
މުސްރަތުގެ ހިތް ހުއްޓެނީ ކަހަލައެވެ.
"މެހެމަލް... އެނބުރި ނާންނާތި. މަރުވާނެ ނަމަ ކޮންފަދަ. އެނބުރި ގެއަށް ނާންނާތި." އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
"މިއަދުން ފެށިގެން މި ގޭގައި އޭނާގެ ނަންވެސް ގަނެގެން ނުވާނެ. އެހެން ނޫނީ..." އާޣާ ކަރީމްގެ ވާހަކަ ފުރިހަމައެއް ނުވިއެވެ.
މީހަކު ވަރަށް ބާރަށް ދޮރާށީގައި ތަޅައިގެންފިއެވެ.
އެންމެން ސިހިފައި ދޮރާށްޓާ ދިމާއަށް ބަލައިލިއެވެ. ހަރުފަތް މަތީގައި އިށީނދެގެން އިން އާރްޒޫވެސް ދޮރާށްޓާ ދިމާއަށް ބަލައިލިއެވެ.
މުސްރަތު ތެޅިތެޅި އޮތް ހިތަކާއިގެން އައިސް ކުޑަދޮރުން ބޭރު ބަލާން ފަށައިފިއެވެ. މިހާރު ހެނދުނު ހަތެއް ޖެހީއެވެ. މީގެ ކުރިން ދުވަހަކުވެސް މިހައި ހެނދުނު އެ ގެއަކަށް މީހަކު ނާދެއެވެ.
"ޙަސަން. ދޮރާށި ހުޅުވާ." އަސަދް މިހެން ބުނީމާ ޙަސަން ގޮސް ދޮރާށީގެ މެދުގައި ވަންނާން ހުންނަ ދޮރު ހުޅުވައިލާފައި ފަހަތަށް ޖެހިލިއެވެ.
ދޮރު ހުޅުވިއްޖެއެވެ. ފުރަތަމަ ފެނުނީ ދޮން އަތެކެވެ. އޭގެ ފަހުން ފެނުނީ ފައިތިލައެކެވެ. ފައިވާނެއް ނެތެވެ.
އާޣާ ކަރީމް ކޮޅަށް ތެދުވެއްޖެއެވެ. އެޔާއެކު އެހެން މީހުންވެސް ތެދުވެއްޖެއެވެ. އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ ހުޅުވުނު ދޮރަށެވެ. އެ ދޮރުން އެތެރެއަށް ވަންނަ މީހަކާ ދިމާއަށެވެ.
ފައިތިލަޔާ ހަމައަށް އަންނަ ދިގު ޢަބާޔާއެއް ލައިގެން ބުރުގާއެއް އަޅައިގެން ހުސްފަޔާ ހުރެ އެ ދޮރުން އެތެރެއަށް އެ ވަނީ މެހެމަލް އިބްރާހީމެވެ.
"ޙަސަން. އޭނާ ގާތު ބުނޭ... ރައްކާވާށޭ. މިތަނުން ފެއްސިގެން ދާށޭ. އެހެން ނޫނީ އަހަރެން އޭނާ ގަތުލު ކޮށްލާނަން." އާޣާ ކަރީމް ރުޅިވެރިކަމާއެކު ގުގުރައިގަތެވެ. "ހަޔާތްކުޑަ އަންހެން ކުއްޖާ. ހަމަ މިހާރު މި ގެއިން ނުކުމެގެން ދޭ. އެހެން ނޫނީ..."
"ނުކުމެގެން ދަހަރޭ؟ މިއީ ކަލޭގެ ބަފާގެ ގެއެއްތަ؟"
އިސް ޖަހައިލައިގެން ގޭތެރެއަށް ވަން މެހެމަލް ކުއްލިއަކަށް ފުފިގެންފިއެވެ. އެއްވެސް ބިރެއް ނެތި ހަޅޭއް ލަވައިގެންފިއެވެ. އެކަކަށްވެސް ބުނާނޭ އެއްޗެއް ނޭނގުނެވެ. މެހެތާބަށް، ތަންމިނަށް ހުޅުވުނު އަނގަމަތީގައި އަތް އެޅުނެވެ.
ޙަސަން ހައިރާން ވެފައި މެހެމަލާ ދިމާއަށް ބަލައިލިއެވެ. ފަވާދް...
ފަވާދް ހުރިތަނަށް ގަނޑުވީ ކަހަލައެވެ.
މެހެމަލް އެނބުރި މައި ދޮރާށި ހުޅުވައިލިއެވެ.
އެޔާއެކު އެތެރެއަށް ވެދެގެން އަންނަތަން ފެނުނީ ފުލުސް ކާރެކެވެ. ކާރު ހުއްޓުމާއެކު ފުލުހުންގެ ބަޔަކު ފައިބައި އެކި ދިމަދިމާގައި ހުއްޓި ތިބެއްޖެއެވެ.
"މުޅި ގެ ރަނގަޅަށް ބަލައި ފާސްކުރޭ." ކާރު ދުއްވަން އިން މީހަކު ހަރުކަށި ކަމާއެކު އަމުރު ހިންގައިލިއެވެ. ދޮރު ހުޅުވައިލައިފައި އެ ފޭބީ ޔުނިފޯމު އަޅައިގެން ހުރި ފުލުސް އޮފްސަރެކެވެ. ހުމާޔޫން ދާވޫދެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ފަތަހައިގެ ހިނިތުންވުމެކެވެ.
ކުއްލިއަކަށް މި ހިނގައި ދިޔަކަންތައްތައް ވިސްނައިގަންނާކަށް އެކަކަށްވެސް ފަސޭހައެއް ނުވިއެވެ. އެންމެން ގާވެފައި ތިބީއެވެ. ފުރަތަމަ ހޭވަރިކަމެއްވީ ފަވާދަށެވެ. އޭރު އޭނާގެ އަތުގައި ބިޑި އަޅުވަނީއެވެ.
"މިއީ ކޮން ސަކަރާތެއް؟" އޭނާ ދެކޮޅު ހަދާން މަސައްކަތް ކުރިއެވެ.
"މި ސަކަރާތުގައި ލިޔެފައި އޮތީ ކަލޭގެ ކަފާލާތުވެސް ގަބޫލެއް ނުކުރެވޭނެއޭ. ކޯޓުން އަމުރުކޮށްފައި އޮތީ ހައްޔަރު ކޮށްގެން ވަގުތުން ކޯޓަށް ގެންނާން." ހުމާޔޫން އޭނާއަށް ކަރުދާސްގަނޑެއް ދައްކައިލިއެވެ.
"މައްސަލައަކީ ކޮބައިތޯ؟ އަޅުގަނޑުގެ ދަރިފުޅު ކީއްކުރީތޯ؟"
"އާޣާ ސާހިބް. މަނިކުފާނުގެ އިއްޒަތްތެރި ދަރިފުޅު ކުރި ކަމަކީ އޭނާޔާ ދެބެއިންގެ ދެދަރި ކޮއްކޮ..." ހުމާޔޫން މެހެމަލާ ދިމާއަށް ބަލައިލިއެވެ. އޭނާ އެވަގުތު ހުރީ ދޮރާށި ކައިރީގައި ހަށަން ބަނދެގެން ރުޅިވެރިކަމާއެކު އެ މީހުންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހުމާޔޫން ވާހަކަ ކުރިއަށް ގެންދިޔައެވެ. "މެހެމަލް އިބްރާހީމް އެއް ރެއަށް ވިއްކައިލީ. އެއީ އޮފީހެއްގައި ތާށި ވެފައި އޮތް ފައިލެއް ފަސޭހައިން ނެރޭނެ ގޮތް ހަދާން ވެގެން އޭނާ ކުރި ގޮތްކުޑަ ކަމެއް. މިއަދު ހެނދުނު އޭނާ ސައިބޯން އެހެރީ އެ ފައިލު އޭނާގެ އަތަށް އަރާނޭ ވަގުތެއްގެ އިންތިޒާރުގައި."
"ނޫން. މަނިކުފާނަށް އޮޅުމެއް އެރީ ކަމަށް ވާނީ. އަޅުގަނޑުގެ ދަރިފުޅު..."
"މިއީ އިރުމަތީ އަވަށްއަވަށުން ފަގީރު އަންހެން ކުދިން ވަގަށް ނަގައިގެން ގެނެސް ވިއްކާ މީހެއް. މި ކަމުގައި އުޅޭތާ އެތައް ދުވަހެއް ވެއްޖެ. އެކަން އާޣާއަށްވެސް އެނގިލައްވާނެ. އަޅުގަނޑުމެންވެސް ދެނަހުރިން. މިފަހަރު ކުރި ކަމަކީ އޭނާގެ ކޮއްކު ހައްލައިލައިގެން މަކަރުވެރިކަމާއެކު ބައެއްގެ ގާތަށް ފޮނުވައި ވިއްކައިލާން ރޭވީ. މެހެމަލް ރޭ ހުރީ ފުލުހުންގެ ރައްކާތެރިކަމުގައި. މި ހުރިހައި ކަމެއް ހިނގައި ދިޔައީ ފުލުހުންގެ ރޭވުމެއްގެ މަތީން. އާޣާ ފުވާދްގެ ގޭންގު ބޭޒާރު ކޮށްލާން ފުލުހުން ރޭވި ރޭވުމަކާއެކީ. މީނާ ރާވައިފައި އޮތީ ވަރަށް މޮޅަށް ކަންތައް ގެންދާން. އެކަމަކު ހުރިހައި ފަހަރަކު ކާމިޔާބެއް ނުވާނެ."
"މެހެމަލް އުޅެނީ މި އެސްޕީއާ ހިތާވެގެން." ފަވާދް އެއްވެސް ކަހަލަ ފިކުރަކާ ނުލައި ބުނެލިއެވެ. "މި ދެމީހުންގެ ކުޅިގަނޑު އަހަރެން ހިފީ. އެހެންވީމާ އަމިއްލަ ނަޖިސް ހަރަކާތްތައް ފޮރުވާން ވެގެން އަހަރެން ބައްދަ..."
"ހަޅޭއް ނުލަވާ." މެހެމަލް ވަރަށް ބާރަށް ބުނެލިއެވެ. "އަހަންނޭ ކިޔައިގެން އެންމެ ލަފުޒެއް ދުލުން ބޭރު ކޮށްލިޔަސް ދަތްކޮޅު ދުއްވައިލާނަން. އަހަންނާ މެދު ކަންތައް ކުރި ގޮތް މިހައި އަވަހަށް ހަނދާން ނެތުނީތަ؟"
"ހަޅޭއް ނުލަވާންވީ ކީއްވެގެން؟ އަޅުގަނޑު ދަންނަވަންތޯ؟" މެހެތާބަށް ހޭވަރިކަން ވީ އަދި ކިރިޔާއެވެ. މޭގައި އަތް އަޅައިގެން ކުރިއަށް ޖެހިލިއެވެ. "ހުރިހައި ފަސާދައެއްގެ އަސްލަކީ މި އަންހެން ކުއްޖާ. މި މަންޖެ އަޅުގަނޑުގެ ދަރިފުޅު މަޅީގައި ޖައްސާން މަސައްކަތް ކުރާތާ ލައްކަ ދުވަސް ވެއްޖެ... އާޣާ ސާހިބް." އޭނާ ތާއީދު ހޯދުމުގެ ގޮތުން އެކި މީސްމީހުންނާ ދިމާއަށް ބަލާން ފަށައިފިއެވެ. އެކަކުވެސް އަނގަޔަކުން ނުބުންޏެވެ.
"އަންހެން ކުއްޖާގެ ނަމަކީ މެހެމަލް އިބްރާހީމް." ހުމާޔޫން އަތުގައި އޮތް ވޯކީޓޯކީގެ ގޮބަކަށް ފިތައިލިއެވެ. އޭގެ އިސްޕީކަރުން އަޑު އިވޭން ފަށައިފިއެވެ. އެއީ ފަވާދްގެ އަޑުކަން ވަރަށް ސާފުކޮށް އެނގެއެވެ. "ތިނެއް ވާ އާދީއްތަ ދުވަހު ހަވީރު އޭނާ މަނިކުފާނުގެ އަރިހަށް ދާނެ. މައުސޫމް ކުއްޖެއް. މީހަކު އިނގިލި ކުރިވެސް ޖައްސައިނުލާ ހުރި ޒުވާން ކުއްޖެއް. މަނިކުފާނުގެ އެދިވަޑައިގަތް ކަހަލަ ކުއްޖެއް."
މެހެމަލްގެ މޫނުމަތީގައި ކޮކާ ބުރަން ފެށިހެން ހީވިއެވެ.
ކުޑަ އިރުކޮޅެއްގެ ހުއްޓުމަކަށް ފަހު އަނެއްކާވެސް އަޑު އިވުނެވެ.
"ހަލޯ... ފަވާދްބޭބޭ... މި މީހުން ހީކޮށްގެން މި އުޅެނީ އަހަރެން މިއީ ވިޔާނުދާ ކުއްޖެއް ކަމަށް. ވާހަކަ ދައްކަ..."
"އަނގަ ގަދަ ނުކޮށް އަހަރެންގެ ވާހަކަ އަޑު އަހާ. އަހަރެން ދޭން އުޅުނު ޖަވާހިރު ޖެހި އަނގޮޓި ބޭނުމެއްނު؟ ބޭނުމެއްނު ދޯ؟ ބޭނުމިއްޔާ އެސްޕީ ސާހިބް ވިދާޅުވާ ގޮތަކަށް ހަދާ."
"ފަވާދްބޭބޭ. މި މީހުން އުޅެނީ އަހަރެން ލައްވައި ރަނގަޅު ކަމެއް ކުރުވާކަށް ނޫން... އަވަހަށް..."
"އޭނާ ބުނާ ކަމެއް ކުރޭ. އެންމެ ރެއެއްގެ ކަމެއްނު؟ މާ އަނގަ ގަދަ ނުކުރޭ. ޑުރައިވަރު ހެނދުނު މެހެމަލް ބަލައި އަންނާނެ."
ހުމާޔޫން ގޮބަކަށް ފިތައިލުމާއެކު އަޑު ކެނޑިއްޖެއެވެ.
ފަވާދް އިސްޖަހައިލިއެވެ. "އެސްޕީ ސާހިބް. އޯޑިއޯ އަކީ ޝަރުޢީ ކޯޓުގައި ގަބޫލު ކުރާނޭ އެއްޗެއް ނޫން."
"ގޭގެ ކޯޓުގައި ކުރާނެއެއްނު؟"
ހުމާޔޫން އެ ބުނީ ތެދު ވާހަކައެކެވެ. އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ޖެހި ބުދުތަކެއްހެން ތިބީއެވެ.
"ކަލޭމެން އެންމެންނަށް ކުޅި ދައްކައިލާނަން." ފަވާދް ރުޅިވެރިކަމާއެކު ބުނެލިއެވެ.
"އާނ. ދައްކައިލާތި. އެކަމަކު މި ވަގުތު އަހަރެން ކަލެއަށް ޖަލު ގޮޅީގެ ހަތަރު ފާރު ދައްކައިލާނަން. ބަލައިލާން ހިނގާ."
(ނުނިމޭ)
....varah reethi???....