މިހާރުގެ ޙާލަތުން ރާއްޖެ އަރައިގަތުމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން އެމެރިކާއާއި އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާ ކުރައްވައިފި އެވެ.
މިކަން ހާމަކުރައިވައި ވަނީ ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސް ޞާލިހާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ ކަންކަމުގެ އެސިސްޓަންޓް ރޮބަރޓް ކޯބްރައިންއާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކޮވިޑާއި ދެކޮޅަށް، ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ދެޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މިމަޝްވަރާތަކާބެހޭގޮތުން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ސާރވިސްއިން ވެސް ވަނީ ޓްވީޓެއްކުރައްވައިފައެވެ. ހާލަތުން އަރައިގަނެ، އިޤްތިޞާދު އާރާސްތުކުރުމާ ގުޅޭގޮތުން ރައީސް ޞާލިޙާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް އެޓްވީޓްގައި ވެސް ބުނެފައިވެއެވެ. މިހާލަތާ ގުޅިގެން ބޭނުންވާނެ ކްރިޓިކަލް ކެއަރގެ އެހީތެރިކަން ދިވެހިންނަށް ފޯރުކޮށްދޭނެކަމަށް ވެސް ބުނެފައި ވެއެވެ. ދުނިޔޭގެ އިގްތިސާދު އަލުން ފަށައިގަންނައިރު ދަރަނިން ސަލާމަތްވުމަށް ރާއްޖެއާއި އެހެންޤައުމުތަކަށް އެހީތެރިކަން ދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް އެންއެސްސީގެ ޓްވީޓްގައި ބުނެފައިވެއެވެ.