ޖަދުޢާން: ޅެންވެރިކަމުގެ ތެރެއިން މަޝްހޫރު ނޫސްވެރިއަކަށް

ރާއްޖޭގެ ޒުވާން ނޫސްވެރިންގެ ތެރެއިން އެންމެ އަވަހަށް ކުރިއަރައިގެން ދިޔަ އެއް ނޫސްވެރިޔަކީ އަޙުމަދު ޖަދުއާންއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.  އޭނާ ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ އާފަތިސް ނޫހުން ލިބުނު ފުރުޞަތެއްގައެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބުރަ މަސައްކަތާއި ހިތްވަރުން އާފަތިހުގެ އެންމެ މަޤްބޫލު އެއް ނޫސްވެރިޔާގެ މަޤާމު ހޯދިއެވެ. އާފަތިހުން ހޯދައިދިން ފުރުޞަތެއްގައި ޖަދުއާން ވަނީ ލަންކާގައި ނޫސްވެރިކަން ތަމްރީނުތަކެއް ފުރިހަމަ ކޮށްފައެވެ. އާފަތިސް ނޫހަށް ދިމާވި މާލީ ދަތިކަމާއެކުވެސް އެންމެ އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު އެނޫހުގައި މަސައްކަތް ކުރި މުވައްޒަފުންގެ ތެރޭގައި ޖަދުޢާން ހިމެނެއެވެ.

އާފަތިހުގެ ފަހުން ޖަދުޢާން މަސައްކަތް ކުރީ ވީޓީވީގައެވެ. ކުރިން ޕްރިންޓް މީޑިއާގައި މަސައްކަތްކުރި ނަމަވެސް އިލެކްޓޯނިކް މީޑިއާގައި މަސައްކަތް ކުރުމަކީ ޖަދުޢާނަށް މާބޮޑު ގޮންޖެހުމަކަށް ނުވިއެވެ. ސަބަބަކީ އޭނާ އާފަތިސް ނޫހުގައިއުޅެ ރާއްޖޭން ބޭރުން ހޯދި ނޫސްވެރިކަމުގެ ތަމްރީނުތަކުގައި ވީޑިއޯ ޖާރނަލިޒަމްގެ ތަމްރީނުވެސް ހޯދައިފައިވުމެވެ.

ހަފްތާއެއްގެ ތެރޭގައި ޖަދުޢާން ވަނީ މަސައްކަތަށް ރަނގަޅަށް ފިޓް ވެފައެވެ. ވީމީޑިއާގެ ލައިބްރަރީގައި އެންމެ އަގު ބޮޑުކޮށް ރައްކާކުރެވިފައިވާ ވީޑިއޯތަކުގެ ތެރޭގައި ޖަދުއާންގެ ފުރަތަމަ މަސައްކަތް ވެސް ހިމެނެއެވެ. އެއީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތް ނެކްސް ބިޒްއާ ޙަވާލުކުރި ރަސްމިއްޔާތުގެ ވީޑިއޯއެވެ.

"އެދުވަހު އެހެން ޖާރނަލިސްޓެއް އަވަގުތު އޮފީހުގައި ނެތީމަ އަމިއްލައަށް އިސްނަގައިގެން ދިޔައީ. އެ ވީޑިއޯ ކުރިއިރު އެއީ ކިހާ މުހިންމު ވީޑިއޯއަކަށް ވާނެކަމެއް ނޭނގެ. ވީމީޑިއާ އިން ނެކްސްބިޒާބެހޭ ވާހަކައެއް ގެންނަނަމަ ދައްކާނީ އެވީޑިއޯކޮޅު." ވީޑިއޯ ޖާރނަލިޒަމްގައި ޖަދުޢާންގެ ފުރަތަ ތަޖްރިބާ ޙިއްސާ ކުރަމުން ބުނެލިއެވެ.

ޖަދުއާންގެ ފުރަތަމަ ލައިވް އަކީ އެކްސިޑެންޓެއްގެ ގޮތުގައި ދިމާވި ކަމެކެވެ. "ފަސްމަންޒަރު" ގެ  ލައިވް ކުޑަތަން ވީއިރު ޕްރެޒެންޓަރ ބަލިވެ ނާދެވުމުގެ ސަބަބުން އެޕްރޮގާރަމަށް އަރާނެ އެއްވެސް ޕްރެޒެންޓަރެއް ނެތުމުން މާބޮޑު ފިކުރެއްނެތި ޖެއްސުމަކަށް ބުނެލީ އަރާނެ މީހަކު ނެތިއްޔާ ތިމަންނަ އާރާފާނަމޭއެވެ. އެއާއެކު ވެރިންގެ ފަރާތުން އައި ސުވާލަކީ ވާނެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބު އެރޭގެ "ފަސް މަންޒުން" ޖަދުޢާން ވަނީ އޭނާގެ ވެރިންނަށާއި ބެލުން ތެރިންނަށް ދީފައެވެ. އެޕްރޮގަރާމް ކަމުގޮސް "ފަސްމަންޒަރު" އުފައްދަމުގެ އިތުރުން ބައެއް ޕްރޮގްރާމް ޕްރެޒެންޓް ކުރަންވެސް އޭގެ ފަހުން ޖަދުޢާން އަރަން ޖެހުނެވެ. ވީޓީވީގައި ޖަދުޢާން ވަނީ ކުޅިވަރާ ބެހޭ ޚާއްޞަ ޕްރޮގަރާމެއްވެސް ލައިވްކޮށް ހުށަހެޅުމުގައި ބައިވެރި ވެފައެވެ.

ވީޓީވީ ޖަދުޢާން މަސައްކަތްކުރި ދުވަސް ކޮޅަކީ ސިޔާސީ ގޮތުންވެސް ހަލަބޮލި ދުވަސްކޮޅަކަށް ވުމުން ކަވަރޭޖް ތަކުގައި ވަނީ ޖިސްމާނީ ބޮޑެތި އަނިޔާތައް ވެސް ލިބިފައެވެ. ޢަބްދުﷲ ޤާޒީ ހައްޔަރު ކުރުމާ ގުޅިގެން 23 ރޭ ވަންދެން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާތައް ކަވަރ ކުރުމާއި އެމްޑީޕީގެ ވެރިކަން ވެއްޓުނު ދުވަހުގެ ކުރިން އާރޓިފިޝަލް ބީޗްގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގެ ވީޑިއޯތައް ގެނެސްދިނުގައި ޖަދުއާން ވަނީ މަސައްކަތް ކޮށްފައެވެ. ވީޓީވީގައި ރޯކޮށްލުމަށް މަސައްކަތް ކުރި އެކްޓިވިސްޓުންނަކީ ޖަދުޢާނާއެކު ވީމިޑިއާއިން އެސަރަޙައްދުގައި ހަރަކާތްތެރިވީ ނޫސްވެރިންގެ ފަހަތުން ހަމަލަދޭން އައި ބައެއްކަން ޖަދުޢާންގެ ވާހަކަ އިން އެނގިގެން ދިޔައެވެ. އެމްޑިޕީ ސަރުކާރު ވެއްޓުނު ދުވަހު ޖުމުހޫރީ މައިދާން ސަރަޙައްދުގައި ހިނގާ ދިޔަ ކަންކަން ވީޑިއޯކޮށް ގެނެސް ދިނުމުގައި ޖަދުޢާން ވަނި ޙަރަކާތްތެރި ވެފައެވެ.

"އެއީ ވަރަށް ބިރުވެރި ދުވަހެއް، އެއްއަތުގައި ސިފައިންގެ މީހަކު އަނެއް އަތުގައި ފުލުހުންގެ މީހަކު ހިފައި ދެކޮޅަށް ދެމީ. ސިފައިންގެ މީހާ ބޭނުންވީ ތަނުން އަހަރެމެން ބޭރުކުރަންز އެކަމަކު ފުލުހުންގެ މީހާ ބޭނުންވީ އަހަރެންމެން އެތެރެއަށް ވައްދައި އެމީހުންގެ އިޙްސާސްތައް ކިޔައިދޭން. އެތަނުގެ ވީޑިއޯ ކޮޅު ނަގައިގެން އެމްޑީޕީގެ އެކްޓިވިސްޓުންގެ އަތްދަށުން ސަލާމަތް ވެގެން އޮފީހަށް ވެދެވުނީ ހަމަ ކިރިޔާ. ވީޑިއޯކޮޅު ސަލާމަތުން ގެނެވުނީމާ ވަރަށް އުފާވި. އެދުވަހު ބަޑި ޖެހީ އަހަރެމެން އެތަނުގައި ތިބެފައި އެނބުރި އައިތަނުން." އެމްޑީޕީގެ ވެރިކަން ބަދަލުވި ދުވަހުގެ ބިރުވެރި ޙާދިސާގެ ކަވަރޭޖާ ބެހޭގޮތުން ޖަދުޢާން ބުންޏެވެ.

އެމްޑިޕީގެ ވެރިކަން ބަދަލުވެ ރައީސް ވަޙީދު ރިޔާސީ ބަޔާން އިއްވި ދުވަހަކީ މުޅި ޤައުމު ހަލަބޮލި ކޮށްލި ދުވަހެކެވެ. ރައީސް ވަޙީދާ ދެކޮޅަށް މަޖިލީސް ދޮށަށް އެއްވެ ނުރުހުން ފާޅުކުރަމުން ދިޔަ އެކްޓިވިސްޓުން އެތަނުން ދުރަށް ލުމުން އެމީހުންގެ އަމާޒަކަށްވީ ވީޓީވީއެވެ. ރާއްޖޭގެ ޓީވީ ސްޓޭޝަނަކަށް ފާޅުކަން ބޮޑު ގޮތެއްގައި ދިން "ޓެރެރިސްޓް" ހަމަލާގައި ވަނީ ވީޓީވީގެ ޢިމާރާތަށް ގާ އުކައި ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުން ތަކެއް ދީފައެވެ. އެމަންޒަރު ކަވަރ ކުރަން ތިބި މަދު ނޫސްވެރިންގެ ތެރޭގައި ޖަދުޢާން ވެސް ހުއްޓެވެ. ނަމަވެސް އެތަނުގައި ވީޓީވީގެ ނޫސްވެރިއަކު ހުރިކަން ހަމަލާ ދިން އެކްޓިވިސްޓުންނަށް  ނޭނގުމަކީ ޖަދުޢާންގެ ފުރާނަ ސަލާމަތްވި ސަބަބޭވެސް ދެންނެވިދާނެއެވެ. ޓީވީ ސްޓޭޝަން ތަޅާ ސުންނާފަތި ކުރި ހިތްދަތި މަންޒަރު އެހާލުގައި ހުރެ ޖަދުޢާންގެ ކެމެރާއަށް ދިޔައީ ރެކޯރޑް ކުރަމުންނެވެ. އެއީ ޖަދުޢާންގެ ނޫސްވެރިކަމުގައި ކުރިމަތިވި "ކަޅު" ދުވަހެކެވެ.

"އަހަރެމެން އެތާ ތިބިކަން އެމީހުންނަކަށް ނޭނގޭ. ވަރަށް ފުން އަސަރުތަކެއް ކުރި ދުވަހެއް އެއީ. އެތެރޭގައި ތިބެ މުވައްޒަފުން ބިރުން ރޯއަޑު އިވޭ. އެމީހުންނަށް އެހީތެރިވެދެން ދެވޭކަށް ނެތް. އެތަނުގައި ފޯރިއަށް ހުރި ފުލުހުންގެ މީހާއަށް ވެސް އަނިޔާވި. ފޮޓޯ ނަގަން ފެށީމާ. އެތަނުގައި ހަވީރުގެ ނޫސްވެރިއެއްގެ ކެމެރާގައި އޮތް މެމޮރީކާޑު ނެގުމަށް ފަހު ކެމެރާ ބިއްޗަށް ޖެހިޖެހީނުން ފުނޑުފުނޑު ކޮށްލީ. އެވަގުތު ވަރަށް ދެރަވި." ވީޓީވީ ތަޅާލި ދުވަހުގެ އިހްސާސްތައް ހާމަކުރަމުން ޖަދުޢާން ކިޔައިދިނެވެ.

މައްސަލަ ތަޙްޤީޤް ކުރި ފުލުހުންވެސް ވަނީ ޖަދުޢާން އެ ދުވަހު ކުރި ވިޑިއޯ ބޭނުންކޮށްފައެވެ. ނަތީޖާއަކަށްވީ އެމައްސަލައިގެ ޝަރިޢަތުގައި ހެކިބަސް ދޭން ޖެހުމެވެ. އެއީ ޝަރިޢަތެއްގެ ކަވަރޭޖް ހެދުން ފިޔައި ޖިނާޢީ ކޯޓަށް ޖަދުޢާން ދިޔަ ފުރަތަމަ ފަހަރެވެ. ހެކިބަސް ދިނުމާ ގުޅިގެން ޖަދުޢާނަށް ވަނީ މަރުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް ޖަދުޢާން އޭނާގެ ހެކިބަސް އަނބުރާ ނުގެނެއެވެ.

އޭގެ ފަހުންވެސް އެމްޑީޕީގެ އެކްޓިވިސްޓުން އުސްފަސްގަނޑުގައި ތިބި އިރު އެތަނަށް ކަވަރޭޖް ހަދަން ދާން ޖެހިލުމެއް ނެތި އިސްނެގި ފުރަތަމަ ނޫސްވެރުއަކީ ޖަދުޢާނެވެ. އެކަވަރޭޖަށް ޖަދުޢާނުމެން ދިއުމާއެކު އެތަނުގައި ތިބި އެކްޓިވިސްޓުން ވަނީ ޖަދުޢާންމެންގެ ގައިގައި ތަޅައިވެސްގެންފައެވެ. އެ މައްސަލަ ފުލުހުން ވަނީ ބަލައިފައެވެ.

ވީޓީވީއަށް ފަހު ދެން ޖަދުޢާންގެ މަސައްކަތް ކުރީ ދިޓީވީގައެވެ. ދިޓީވީއަށް ބަދަލުވާން ޖެހުނީ ވީޓީވީގައި ލިބެމުންދިޔަ މުސާރައިން ދެކޮޅު ނުޖެހުމުން ކަމަށް ޖަދުޢާން ކިޔައި ދިނެވެ. ވީޓީވީއާ ޚިލާފަށް ޖަދުއާން ދިޓީވީގައި މަސައްކަތް ކޮށްފައި ވަނީ އެޑިޓަރެއް އަދި ޕްރެޒެންޓަރެއްގެ ގޮތުގައެވެ. އެތަނުގެ އެންމެ މަޤްބޫލު އެއް ޕްރޮގްރާމް ކަމުގައިވާ "ޚަބަރު ތެރެއިން" ގެނެސްދިނުމަކީ ދިޓީވީ ޖަދުއާންގެ އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތެވެ. ދިޓީވީ ހުއްޓުމަކާ ހަމައަށް އަންނަންދެން އޭނާ އެތަނުގައި މަސައްކަތް ކުރިއެވެ.

ޕީއެސްއެމްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ޖަދުޢާންނަށް ލިބުނީ 2016 ގައެވެ.  އަމިއްލަ ތަންތަނުގައި އޮންނަ އުޞޫލާއި  ދައުލަތުގެ މީޑިއާގައި އޮންނަ އުޞޫލު ވަރަށް ތަފާތު ކަމަށް ޖަދުޢާން ކިޔައި ދިނެވެ. ލައިވް އަކަށް ވެސް އެރޭނީ ވަކި މުއްދަތެއް ފަހުން ކަމަށް އޮނަނީ ކަނޑައަޅައިފައެވެ. ނަމަވެސް ޕީއެސްއެމްގައި މަސައްކަތް ކުރަން ފެށިތާ ހަފަތާއެއްގެ ތެރޭގައި ޖަދުޢާނަށް ވަނީ ޓީވީއެމްގެ "ރާއްޖެ މިއަދު" ހުށަހެޅުމުގެ ފުރުޞަތު ލިބިފައެވެ. އޭގެ ފަހުން އެޕްރޮގްރާމް އުފައްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރުމުގެ ފުރުޞަތު ޖަދުޢާނަށް ލިބުނެވެ.

މިއަދު ޖަދުޢާނަކީ ޕީއެސްއެމްގެ ނިއުސް ޑިޕާޓްމަންޓްގައި އެންމެ އިސްކޮށް ހަރާކާތްތެރިވާ ނޫސްވެރިންގެ ތެރޭގައި ހިމެނޭ ހިންގުންތެރި ނޫސްވެރިއެކެވެ. ލޮކްޑައުންގައި ގެއަށް ނުގޮސް މަސައްކަތް ކުރަން ޖެހޭނެކަމަށް އޮފީހުން ކަނޑައެޅި ނޫސްވެރިންގެ ތެރޭގައި ހިމެނިގެން ޖަދުޢާން ލޮކްޑައުންގައި ހުންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީއެވެ. ލޯބިވާ އަނބިމީހާއާއި ދެ ދަރިންނާ ދުރުގައި ހުންނަން ޖެހުމަކީ ފަސޭހަ ކަމަކަށް އެއްވެސް މީހަކަށް ނުވާނެއެވެ. މިކަން ޖަދުޢާންގެ ފޭސްބުކް ޕޭޖް ބަލާލުމުންވެސް އެނގެއެވެ.

ލޮކްޑައުންގައި ހުރުމުން ލިބޭ ހުސްވަގުތުގައި ޖަދްޢާން ގެންދަނީ އޭނާގެ ޅެންވެރިކަމުގެ ހުނަރުގެ ބޭނުންވެސް ކުރަމުންނެވެ. ތަފާތު މައުޟޫއުތަކަށް އޭނާ ހަދާ ޅެންތައް ގެންދަނީ ފޭސްބުކުގައި ޝާއިޢުކުރަމުންނެވެ.

ނޫސްވެރިއަކަށް ވުމުގެ މާކުރިން ޖަދްޢާނަކީ ލިއުންތެރިކަމާއި ޅެންވެރިކަމަށް ޝައުޤުވެރިކަން ހުންނަ ޒުވާނެކެވެ. އަދި އޭނާގެ އެ ހުނަރުވެރިކަމުން ބައެއް ލިއުންތަކާއި ޅެންތައް ލިޔަމުން ދިޔަވެސް މެއެވެ. ޅެންވެރިކަމާއި ނޫސްވެރިކަން ވެސް އޭނާ ދަސްވީ ޢަރަބިއްޔާގައި އުޅުނު އިރުއެވެ. އޭރުގެ ދިވެހި މުދައްރިސް، ފަހުމީ އުސްތާޒު ނުވަތަ މުޙައްމަދު ފަހުމީ ދަރިވަރުން ދިވެހި ބަހަށް ޝަޢުޤުވެރިކުރުވަން ކުރެއްވި މަސައްކަތްތަކުގެ ތެރެއިންނެވެ. ދަރިވަރުން ލައްވާ ގަވާއިދުން ނޫސްތައް ކިޔުއްވުމާއި ފާރުނޫސް ނެރުން ފަދަ ކަންކަން ފަހުމީ ވަނީ ކުރުވައިފައެވެ.

ޢަރަބިއްޔާ އަށްފަހު ޖަދުޢާންގެ ޅެންވެރިކަމުގެ ހުނަރާއި ލިޔުންތެރިކަމުގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ފުރުޞަތު ލިބިގެން ދިޔައީ މައުހަދުންނެވެ. އޭރު ނޫސްވެރިކަމަށް ޖަދުޢާންގެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑު ކަމުން، ބައެއް މައްސަލަތައް ފާހަގަކޮށް "ވަގަށް" ނޫހެއް ނެރެން ފެށިއެވެ.  އެނޫސް ނެރެމުން އައީ ޖަދުޢާނާއި އެނޫންވެސް އެކަމަށް ޝަޢުޤުހުރި ކުދިންކޮޅެއް އެކުވެގެންނެވެ. އެކި ފަހަރު އެކި ނަންނަމުގައެވެ. އެންމެ ފަހުން އެމައްސަލައިގައި ކުށްވެރިވެ، މައްސަލަ ބަލާ ހިސާބަށް ދިޔައެވެ. ނަމަވެސް ޖަދުޢާނަށް ލިބުނު އުފާވެރިކަމަކީ އޭގެފަހުން ސްކޫލުން ނޫހެއް ނެރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައި ދިނުމެވެ. އެނޫހުގެ ނަމަކަށް ކީ "ފަސްދުވަސް" ކަމަށް ޖަދުޢާން ބުންޏެވެ. ބަހާއި ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ތެރެއިން ދުވަހަކުވެސް ނުނުކުމެވޭވަރަށް ޖަދުޢާން އޭގެތެރެއަށް ވެއްދެވުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވި މުދައްރިސުންގެތެރޭގައި، މަޝްހޫރު ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމާއި، ޙަސަން ޝާކިރު މުޙައްމަދުގެ ނަން އޭނާ ފާހަގަކުރެއެވެ.

ސްކޫލް ދައުރަށްފަހުވެސް ނޫސްވެރިކަމުގައި ކުރިއަށް ދާން ބޭނުންވާތީ ރާއްޖޭގައި އޭރު ނުކުންނަމުން ދިޔަ މަޝްހުރު ނޫހަކުން ކޮށްފައިވާ އިއުލާނަކާ ގުޅިގެން ނޫސްވެރިކަމަށް ޖަދުއާން ކުރިމަތި ލިއެވެ. އިންޓަވިއުއަށް ދިއުމުން އެތަނުގައި އިންޓަވިއު ކުރަން ހުންނެވި ތަނުގެ އިސްވެރިއެއްގެ ފަރާތުން ޖަދުއާނަށް ލިބުނު ޖަވާބަކީ "ޅެންވެރިއަކަށް ވިއަސް އަދި ނޫސްވެރިއަކަށް ނޫވެވޭނެ" ކަމަށެވެ. އޭނާ އެހެން ބުނި ސަބަބަކަށް ވީ ޖަދުއާން ހުށަހެޅި ލިޔުންތަކުގައި ގިނަ ޢަދަދަކަށް ޅެންވެރިކަމުގެ ސެޓްފިކެޓް ހުރުމެވެ. ނޫސްވެރިކަމަށް ފެންބޮވައިގެންފައިވާ ޅަ ޒުވާނަކަށް ވާތީ މިބަސްވީ ނޫސްވެރިކަމުގައި އިތުރަށް ކުރިއަށް ދިއުމަށް ޖަދުޢާނަށް ލިބުނު ހިތްވަރަކަށެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އާފަތިސް ނޫހުން ނޫސްވެރިކަމުގައި ކުރިއަށް ދިއުމުގެ ފުރުޞަތު ލިބުމުން ޖަދުޢާން ވަނީ ޅެންވެރިއަކަށް ވިއަސް ނޫސްވެރިޔަކަށްވެސް ވެވިދާނެކަން ސާބިތު ކޮށްދީފައެވެ. އަދި ފަހުން ޖަދުޢާންގެ ފުރަތަމަ ވަޒީފާގެ އިންޓަވިއު ކުރެއްވި މަޝްހޫރު ނޫސްވެރިޔާ އޭނާގެ ނޫހަށް ޖަދުޢާން ދިއުމަށް ދަޢުވަތު ދިންކަމީ މިކަމުގެ ހެއްކެއް ކަމަށް ޖަދުޢާން ޤަބޫލުކުރެއެވެ. އެހެންނަމަވެސް ފަސް އެނބުރި ބަލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

ޖަދުޢާންގެ ނޫސްވެރިކަމުގެ ބިންގާ  އެތަނަކުން އެޅިގެން ދިޔަ އާފަތިސް ނޫހަށް ޚާއްޞަ ލޯތްބެއް އޮތްކަން އޭނާގެ ވާހަކައިން އެނގިގެން ދިޔައެވެ. އެތަނުގެ އިސްވެރިން އޭނާއަށް ދެވި ހެޔޮނަޞޭހަތާއި އިރުޝާދަކީ އޭނާގެ ނޫސްވެރިކަމުގެ ޙަޔާތުގައި ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެވެ. ޖަދުޢާނަކީ މީޑިއާ ކައުސިލްގެ މެމްބަރެކެވެ. އޭނާ މީޑިއާކައުންސިލްގައި ހުރެމެ ބޭއްވި ފުރަތަމަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އާފަތިހުގައި އޭނާއާއެކު މަސައްކަތްކުރި ގިނަ ނޫސްވެރިތަކަކަށް ނޫސްވެރިކަމުގެ އިނާމު ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެރަސްމިއްޔާތުގައި އިނާމު ދެއްވުމަށް އާފަތިހުގެ ކުރީގެ މަސްއޫލުވެރިޔާ ވަޑައިގެންނެވުމާއި އެޖަލްސާ ހުށަހަޅައި ދިނުމުގެ ފުރުޞަތު އޭނާއަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ޖަދުޢާން ފާހަގަ ކުރެއެވެ.

މީޑިއާ ކައުންސިލުން ޢައްބާސްއަށް ދެއްވި ލައިފްޓައިމް އެޗީވްމަންޓް އެވާރޑް ޢައްބާސް އަށް، ރައީސްގެ އަތްޕުޅުން އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޖަދުޢާން ވަނީ އޭނާގެ ހިތުގައި އާފަތިހާއި ޢައްބާސް އިބްރާހީމަށް އޮތް އިޙްތިރާމުގެ ޝުޢޫރުތައް ޤައުމުގެ އެންމެ އިސްވެރިޔާގެ ކުރިފުޅުމަތީގައި ހާމަކުރައްވައިފައެވެ. ޖަދުޢާންގެ ނޫސްވެރިކަމުގެ ބިންގާ އަޅައިދިނީ ޢައްބާސް އިބްރާހީމްގެ އާފަތިސް ނޫހުންކަމަށާއި އިނާމު ހުށަހަޅައި ދިނުމަށް މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރެވުނީ އާފަތިހުން ހޯދައިދިން ނޫސްވެރިކަމުގެ ފުރުޞަތުން ކަމަށް އޭނާ ދެންނެވިއެވެ. އެކަމަށްޓަކައި ޢައްބާސްއަށާއި އާފަތިހަށް ހައްޤު ޝުކުރު އަދާކުރާ ކަމަށްވެސް ދެންނެވިއެވެ. ޖަދުޢާނު ދުށް ގޮތުގައި ޢައްބާސް އާއި އާފަތިހަށް ޙައްޤު ޝުކުރު ދެންނެވުމަށް، އެއީ ލިބިގެން ދިޔައަގުހުރި ފުރުޞަތެކެވެ. އެހެންކަމުން އެފުރުޞަތުގެ ބޭނުން އެންމެ މުހިންމު ވަގުތުގައި ހިފީއެވެ.

ޖަދުޢާންގެ ނޫސްވެރިކަމުގެ ކުރީ ދުވަސްކޮޅު މަސައްކަތް ކުރި ގޮތް އެންމެ ގާތުން ދެކެވަޑައިގެންނެވި ބޭފުޅަކު އާފަތިހާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޖަދުޢާނަކީ ނޫސްވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް ގިން ޝަރުތުތައް ފުރިހަމަވާ ކުއްޖެކެވެ. ކެރޭ ހީވާގި ކުއްޖެކެވެ. ބަސް އަހައެވެ. ޚަބަރަކީ ކޮބައިކަން ފާހަގަކޮށްގަންނާން ވަރަށް ރަނގަޅަށް ދަނެއެވެ. އެއްވެސް ކަމަކަށް ނޫނެކޭ ބުނި އަޑެއް އަޅުގަނޑު ދުވަހަކުވެސް ނާހަމެވެ. ތެދުވެރިއެކެވެ. އެއްވެސް ކަމަކަށް ނުވަތަ މީހަކަށް ރުޅިވެރިކަމާއެކު ރައްދު ދިނުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. އޭނާއަކީ ނޫސްވެރިކަމުގައި ހިފަހައްޓާން ޖެހޭ ހަރުދަނާ ރީތި އުސޫލުތަކެއް އޮންނަ ކަމަށް ގަބޫލު ކުރާ ދިވެހި މަދު ނޫސްވެރިންގެ ތެރެއިން އެކެކެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.