އުޖާލާ ޕްރީސްކޫލްގެ ޕްރިންސިޕަލް އަދި މަރަދޫފޭދޫ ސްކޫލްގެ ލީޑިންގް ޓީޗަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދަވާ ހައްވާ ޒާހިރާއަކީ މަރަދޫފޭދޫއަށް ތައުލީމީ ގޮތުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވާ ކުޅަދާނަ ބޭކަނބަލެކެވެ. މަރަދޫފޭދޫގެ ރައްޔިތުންގެ ލޯބި ހޯއްދަވައިފައިވާ “ހައްވަ މިސް" ނުވަތަ ހައްވާ ޒާހިރާ މި ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު 25 އަހަރު ވެއްޖެއެވެ. "ހައްވަ މިސް" އޭ ބުނުމުން އެއީ ކޮން ބޭފުޅެއްކަން ނުދަންނަ ކުޑަކުއްޖަކުވެސް މަރަދޫފޭދޫއަކު ހުންނާނެ ހެންނެއް ހިޔެއް ނުވެއެއެވެ. އުނގަންނައިދެއްވުމާއި މަގުދައްކަވައިދެއްވުމާއި ތަރުބިއްޔަތު ކުރެއްވުމުގެ ބުރަ މަސައްކަތުގެ އިތުރުން އޭނާ އަކީ އެހެން މީހުންގެ ކަންތައްތަކުގައި މީހުންނަށް އެހީތެރިވެދެއްވުމުގައި ނަމޫނާ ދަރުމަވެރިއެކެވެ. އެގޮތުން ބެލެނިވެރިންގެ ޝަކުވާތަކާއި އުދާސްތައް އަޑުއައްސަވައި އެކަންކަމުގެ ހައްލު ހޯއްދަވައި ދެއްވާން ގަދައަޅައި މަސައްކަތް ކުރައްވައެވެ.
ހައްވާ ޒާހިރާގެ މަންމަ އަކީ 1980ގެ އަހަރުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުދިންނަށް ޤުރުއާން އުނގަންނައި ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ބޭކަނބަލެކެވެ. ހައްވާ ޒާހިރާ ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދި މިދާއިރާއަށް ވެންނެވުނީވެސް އޭނާގެ މަންމައަށް މި މަސައްކަތުގައި އެހީތެރިވެ އުޅުއްވުމުގެ ތެރެއިންނެވެ. މިގޮތުން އޭނާ އެންމެ ފުރަތަމަ ކިޔަވައިދެއްވަން ފެއްޓެވީ އުނގެނުމުން މަޙްރޫމްވެފައި ތިބި އޭނާގެ އަވަށްޓެރި ކުދިންނަށެވެ. އެހެންކަމުން އެކުދިންނަށް އުނގެނުމުގެ ޙައްޤު ހޯދައި ދިނުމުގެ ފަހަތުގައި ވަނީ ހައްވަ މިސް އޭ ބުނެވިދާނެއެވެ. އޭނާ ވަނީ 1991 ވަނަ އަހަރު އޭރުގެ އިންސްޓިޓިއުޓް އޮފް ޓީޗިންގް (އައިޓީއީ) އިން އެޑްވާންސް ސާރޓިފިކެޓް އޮފް ޓީޗިން ޙާޞިލް ކުރައްވައިފައެވެ. ޓީޗިންގ ފުރިހަމަ ކުރެއްވުމަށްފަހު 1994 ވަނަ އަހަރު ހައްވާ ޒާހިރާ އިރުޝާދިއްޔާ ސްކޫލާއި ގުޅިވަޑައިގަތެވެ. ނަމަވެސް ފަހުން މަރަދޫފޭދޫ މީހުންގެ އެދުމުގެ މަތިން އޭނާ މަރަދޫފޭދޫ ސްކޫލަށް ބަދަލުވެވަޑައިގަތީއެވެ. މަރަދޫފޭދޫ ސްކޫލްގައި މަސައްކަތް ކުރެއްވިއިރު އެސްކޫލްގެ ސްޓާފް ޑެވެލޮޕްމެންޓް ޕްރޮގްރާމުގެ ތެރެއިން ހައްވާ ޒާހިރާ ވަނީ ބެޗްލާރ އޮފް އެޑިއުކޭޝަން ވިތް އޮނާރސް އަދި އެވިޑް ކޮލެޖުން މާސްޓާރސް އޮފް ޓީޗިންގް ޕްރައިމަރީ ފުރިހަމަ ކުރައްވައިފައެވެ.
މަރަދޫފޭދޫގެ ގިނަ ކުދިބައެއްގެ ތައުލީމީ ޙަޔާތުގެ ބިންގާ އެޅިގެންދިޔަ އުޖާލާ ޕްރީސްކޫލް އަކީ ވެސް ހައްވަ މިސް ހިންގަވަމުން ގެންދަވާ ސްކޫލެކެވެ. އެ ސްކޫލް އުފެދެން ދިމާވީ 2003 ވަނަ އަހަރު މަރަދޫފޭދޫ ސްކޫލް ސަރުކާރަށް ބަދަލުވުމާއެކު އެތަނުގައި ހިންގަމުންދިޔަ ޕްރީ ސްކޫލް ބައި ހުއްޓާލުމުންނެވެ. މިކަމާއި ގުޅިގެން ބެލެނިވެރިން ހައްވަ މިސް އަރިހު ކަންބޮޑުވުން ފާޅުކޮށް މިމައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދުމުންނެވެ. ވުމާއެކު އެންމެ ދެމަސް ދުވަހުގެ ތެރޭގައި ހައްވާ ޒާހިރާ، އޭނާގެ ފިރިކަލުންގެ އެހީތެރިކަމާއެކު އޭނާގެ ގޯތި ތެރޭގައި އޮފީހަކާއި 2 ކްލާސްރޫމް ހިމެނޭގޮތަށް އިމާރާތެއް ތައްޔާރުކުރެއްވިއެވެ. އެޔާއެކު އުޖާލާ ޕްރި ސްކޫލް ވުޖޫދަށް އައީއެވެ. ޕްރީ ސްކޫލެއް ހިންގަވަމުން ޕްރައިމަރީ ސްކޫލެއްގެ އިސް މަޤާމެއްގެ މަސް އޫލިއްޔަތު ވެސް އޭނާ ގެންދަވަނީ އަދާކުރައްވަމުންނެވެ. މާ ބޮޑު ދަތިކަމެއް ނެތި ދެކަންތައް ބެލެންސް ކުރެއްވުނީ ދެ މަސައްކަތަކީވެސް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެކަމަކަށް ވުމުން ކަމަށް ހައްވަ މިސް ވިދާޅުވެއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު ހިންގާ ޕްރީ ސްކޫލަކީ އަޅުނޑު ވަޒީފާ އަދާކުރާ ޕްރައިމަރީ ސްކޫލްގެ ފީޑާރ ސްކޫލެއް. އެހެންކަމުން އެއް މަސައްކަތެއް ދެ ލެވެލްއަކަށް ފޯކަސްކޮށްގެން އަޅުގަނޑު މިގެންދަނީ." ހައްވާ ޒާހިރާ ވިދާޅުވިއެވެ.
މިހެން ކުރިޔަށް ދާއިރުވެސް ދަތިތަކެއް ކުރިމަތިވާކަމަށާއި ނަމަވެސް ޕްރީ ސްކޫލްގައި ވެސް ވަކި މެނޭޖްމެންޓެއް އޮތުމުން ދެކަން މެނޭޖް ކުރެއްވޭ ކަމަށް ހައްވާ ޒާހިރާ ވިދާޅުވިއެވެ.
ހައްވަ މިސް އަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ އަދި ކާމިޔާބީއަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ ދަރިވަރުން ދިރިއުޅުމުގައި ހޯދަމުންދާ ކާމިޔާބީއެވެ. އޭނާ ކިޔަވައިދެއްވި ދަރިވަރުން މަސްވެރިކަމާއި ސިއްޙީ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާގެ އިތުރުން އެހެން ތަފާތު ދާއިރާތަކުގައި ވެސް ދަނީ ކުރި ހޯދަމުންނެވެ. ހައްވަ މިސްގެ ތަޢުލީމީ ޚިދުމަތް މަރަދޫާފޭދޫ ރައްޔިތުން ބަލައި ގަންނަނީ ލޯތްބާއި އިޙްތިރާމާއި ޝުކުރުވެރިކަމާއެކުއެވެ.
Maashaa allaah hawwa miss aky maradhoo feydhoo ah ufanvi fisaari anhen kanbaleh komme meehakaaves heyohithun emeehaku beynun varakah vaahaka dhakkai nimendhen adu anhai emeehegge ihusaas thakah ihuthiraamkoh v gaah kamaai eky emyhakah ekamakaai gulhey lafayaai hivvaru dheehadhaa thanks miss