ބިންވެސް ވިއްކާނަން، ރާއްޖެ ތަރައްގީވެސް ކުރާނަން. – ރައީސް ޔާމީން

ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ބިން ވިއްކަވާނެ ކަމަށާއި، އިންވެސްޓްމެންޓްތައް ގެންނަވައިގެން ރާއްޖެ ތަރައްގީވެސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމަށް ސޮއި ކުރެއްވުމަށް، ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއިން ބިން ވިއްކުމަކީ އިދިކޮޅު މީހުން ނުރުހޭ ކަމަކަށް ވިޔަސް، އެއީ ގާނޫނާ ޚިލާފު ކަމެއް ނޫނެވެ. އަދި ރާއްޖެ ތަރައްގީ ކުރުމަކީވެސް އެމީހުން ނުރުހޭ ކަމަކަށް ވެދާނެއެވެ. އެކަމަކު އެއީވެސް ގާނޫނާ ޚިލާފު ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.  އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ތަރައްގީ ރައްޔިތުން ބަލައިނުގަނެ، އުނގުވިޔަފާރި ކޮށްކޮށް ތިބޭނީތޯ ނުވަތަ ނޫންތޯ ނިންމާނީ 2018 ވަނަ އަހަރުގެ ރިޔާސީ ވޯޓުގައެވެ.

ނޫސްވެރިން ކުރި ގިނަ ސުވާލު ތަކަކަށް ރައީސް ޔާމީނު ވަނީ ޖަވާބު ދެއްވައިފައެވެ. ނޫސްވެރިކަމުގެ ސުވާލުތަކުގެ ތެރޭގައި ޚިޔާނާތުގެ ފައިސާއާއި، ސިހުރާއި، ޕީޕީއެމްގެ މައްސަލަތަކާ ގުޅޭ އެތައް ސުވާލެއް ހިމެނެއެވެ.

ސްރީލަންކާގެ ސިހުރުވެރިއެއް ކަމަށް ބުނާ އަސޭލާއާ އެމަނިކުފާނާ ގުޅުމެއް އޮންނަތޯ ނޫސްވެރިއަކު ސުވާލު ކުރީމާ، އަސޭލާއާ ބައްދަލުވެ ވަޑައިގަތް ކަމަށާއި، އޭނާ އެމަނިކުފާނަށް ތައާރަފުކޮށް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ސިހުރު ގަބޫލު ކުރައްވާ ބޭފުޅަކު ނޫން ކަމަށާއި، އަސޭލާއާ މާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އަދީބު ބައްސަވަނީ އެމަނިކުފާނުގެ ފައިސާއޭ ވިދާޅުވިންތީ ނޫސްވެރިއަކު ސުވާލު ކުރީމާ، ޕީޕީއެމްގެ އެކި ކަންތައްތަކަށް އެހީވާން ރާއްޖޭގެ ވިޔަފާރިވެރިން ފައިސާ ދެއްވާ ކަމަށާއި، އެ ފައިސާ ބަލަހައްޓަވަނީ އޭރުގެ ނާއިބު ރައީސް އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންވީމާ އެމަނިކުފާނު ވިދާޅުވީމާ ފައިސާ ފޮނުއްވާ ކަމަށްވެސް ވިދާޅުވިއެވެ. "ފައިސާ އޭގެ ޒާތުގައި އެއްތަނުން އަނެއް ތަނަށް ދިއުމަކީ މައްސަލައެއް ނޫން." ފައިސާގެ މުއާމަލާތް މައްސަލައަކަށް ވާނީ ޖާއިޒު ނޫން ފައިސާ ކަމަށް ވީމާ ކަމަށާއި، އެމަނިކުފާނާ ހަމަޔަށް ފައިސާ ގެންނަ މީހަކު އެ ގެންނަނީ ނާޖާއިޒު ފައިސާ ކަމަށް ވާނަމަ، އެންމެ ފުރަތަމަ އެ މީހަކު ކުށްވެރި ވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަދީބު އަތްޕުޅުގައި ހުރި ފައިސާގެ ތެރޭގައި ސަރުކާރުން އޭނާ ންނަގަވައިފައިވާ ނާޖާއިޒު ފައިސާ ހުރި ކަމެއް އޭރަކު އެނގިވަޑައެއް ނުގަނެއެވެ.

ރައީސް ޔަމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ލައްވައި ގާނޫނާ ޚިލާފު ކަންތައްތައް ކުރުއްވަން ބައެއް ސިޔާސީ ލީޑަރުންނާއި، މަޖިލިސް މެންބަރުން އެދިވަޑައިގަތެވެ. އެކަމަކު އެއީ ދުވަހަކުވެސް ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ނާޖާއިޒުކޮށް މީސްމީހުން ސަރުކާރުން ނަގައިފައިވާ ފައިސާ ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، މީސްމީހުންނަށް ރަށްރަށާއި، ފަޅުފަޅު ބައްސަވައިގެން، އެ މީސްމީހުން ރުއްސައިގެން ތާއީދު ހޯއްދެވުމުގެ މަސައްކަތް ނުކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.